މުގާބިލާ - 23

(24 ފެބްރުއަރީ 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

"ކޮންެ ސަބަބެއް އޮވެގެން ކަމުގައި ވިޔަސް އަހަންނަށް ފައިދާ އެބަކުރޭ. އަދި ތިންވަނަ އެދުން އޮތީ." ސުލައިމާން ބުނެލިއެވެ. "ދެން ނިކަން ބުނެބަލަ. އަހަރެންގެ އެންމެ ބޮޑު ދުޝްމިނަކީ ކާކު؟"

"އެޔެއް ނުއެއް ބުނާނަން. އެކަމަކު އެއީ ކާކުކަން ވަރަށް އަވަހަށް އެނގިދާނެ. ގެއަށް ދޭ. އަހަންނަކަށް ވަގުތެއް ނެތް." ޝައިޠާނާ ބުންޏެވެ.

"ކަލޭގެ މަސައްކަތް ހުންނާނޭ ވަރު އަހަންނަށް އެނގޭ. ދުނިޔެ މިހާރު މި އޮތީ ޝައިޠާނީ ޖަންގައްޔަކަށް ވެފައި. އެއީ ކަލޭގެ މަސައްކަތެއްނު؟ މިހާރަކު ކަލޭ ކުރާނޭ އިތުރު މަސައްކަތެއް ނެތް. ބޭނުން ވަރަކަށް ހުސް ވަގުތު އޮންނާނެ. ކަލޭ ކަހަލަ މީހުން ކުރާ ކަމަކީ ވަގުތު ބޭކާރު ކުރުން."

"މުޅިއަކުން ތިޔަހެންނެއްވެސް ނޫން." ޝައިޠާނާ ފިނި އާހެއް ލިއެވެ. "މިހާރުވެސް އަހަރެމެންނަކަށް އަރާާމުކޮށްލާނޭ ވަގުތެއް ނުލިބޭ. މީހަކު ހެޔޮ ކަމެއް ކުރާނީ ކޮން ވަގުތަކު ކިހިނެއް ކަމެއް ނޭނގޭ."

* * *

ރިޟްވާންގެ ދެވަނަ އެދުން ފުރިހަމަ ވެއްޖެއެވެ. އެއްހާސް ގަޒުގެ ބޮޑު ގެއެއްގެ ތަޅުދަނޑިއާއި ލިޔުންތައް އޭނާގެ އަތަށް ލިބިއްޖެއެވެ. އޭނާ ނިންމައިފައި އޮތީ ހެނދުނު ގޮސް ގެ ބަލައިލާށެވެ.

އަނެއް ދުވަހު ހެނދުނު އޭނާ ގެއަށް ދާން ނުކުމެއްޖެއެވެ. އެކަމަކު އެ ސަރަހައްދުން އޭނާގެ ގެ ހޯދުމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. ގޭގެ ނަންބަރު ޖަހައިފައި ހުރީ ވަކި ތަރުތީބަކުންނެއް ނޫނެވެ. ހަދާނޭ ގޮތް ބޮޑުވެއްޖެއެވެ. އަމިއްލަ ގޭގެ އެޑްރެސް އޮޅުން ފިލުވާން ސުވާލު ކުރުމަކީ ހެއްވާ ކަމަކަށް ވާނެއެވެ. އަދި ސުވާލު ކުރާން ބޭނުން ވިޔަސް އެ ހިސާބަކުން މީހަކާ ދިމައެއް ނުވެއެވެ.

އޭނާ ހުރީ ވަރަށް އުފަލުންނެވެ. އެއްވެސް ކަމެއް ނުކޮށް ގޭގައި އިންދާ އޭނާގެ ހުރިހައި އެދުމެއް ފުރިހަމަވެ ނިމެނީއެވެ. އެކަމަކު އޭނާގެ އެ އުފާވެރިކަން މާ ގިނަ އިރަކަށް ދެމި އޮންނަ ގޮތެއް ނުވިއެވެ. ހިތުގައި ހަސަދަވެރިކަމުގެ އަލިފާން ރޯވެ އަނދައިގެންފިއެވެ.

ހިނގަމުން ދަނިކޮށް އޭނާ ހޯދަމުން ދިޔަ މަގު ފެނިއްޖެއެވެ. ދެން އޮތީ އޭނާ ނުފެނިގެން އުޅޭ ގެ ހޯދުމެވެ. ގޭގެ ނަންބަރު އޭނާއަށް އެނގެއެވެ. ތަޅުދަނޑި އޭނާގެ އަތުގައި އެބައޮތެވެ. ހިނގަމުން ދަނިކޮށް ކުއްލިއަކަށް ބޮޑު ސިންގާ ގެއެއްގެ ދޮރުމަތީގައި ހުއްޓައި އޭނާއަށް ފެނުނީ އިރުކޮޅަކަށް ނަމަވެސް އޭނާގެ ހަނދާނުން ފޮހެވިފައިވާ މީހާއެވެ. އެކަމަކު އެއީ ހަނދާނުން ފޮހެލައިގެން ވާނޭ މީހެއް ނޫނެވެ. އޭނާ މިތާނގައި ހުއްޓާ ފެނުނީމާ ދެކޭ ކޮންމެ މީހަކު ހައިރާންވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު ރިޟްވާން ހައިރާނެއް ނުވެއެވެ. ސަބަބަކީ އެމީހާ މިތަނަށް އައުމުގައި މެދުވެރިވީ މީހަކީ ޚުދު އޭނާއެވެ.

އެއީ ސުލައިމާނެވެ. ޢަދްނާންވެސް އެތާނގައި ހުއްޓެވެ. ރިޟްވާން އުޅުނީ އެނބުރި ދާށެވެ. އެކަމަކު އެ ވަގުތު ސުލައިމާނަށް އޭނާ ފެނިއްޖެއެވެ. "ކަލޭ އައިކަން ރަނގަޅު. އަހަރެމެން މި ނުކުތީ ކަލޭ ބަލައި ދާން."

ރިޟްވާން ވަރަށް އުނދަގުލުން ހިނިތުންވެލިއެވެ. ބުނާނީ ކީކޭ ކަމެއް އޭނާއަކަށް ނޭނގުނެވެ.

"އެކަމަކު... ކަލޭ މިތަނަށް އައީ ކީއްކުރަން؟"

ރިޟްވާން ވިސްނާން ފަށައިފިއެވެ. ދޮގެއް ހެދިދާނެއެވެ. އެކަމަކު އޭނާވެސް އުޅޭނީ މި ތަންގަނޑުގައި ކަމަށް ވާތީ މާ ގިނަ ދުވަހެއް ނުވެ ބޭޒާރު ވެދާނޭކަން އެނގެއެވެ. ބޮޑު ދޮގެއް ހަދައިފިއްޔާ އަލަށް ލިބުނު ގޭގައި އުޅެވޭ ގޮތެއް ނުވާނެއެވެ. އެކަމަކު ސުލައިމާން ބުނެކިޔައިގެން އޭނާގެ ގެއަށް ގެންދާނޭކަން އެއީ ކަށަވަރު ކަމެކެވެ. އެއީ އޭނާއަށް މީހަކު ކުރާނޭ އެންމެ ބޮޑު ތައުހީނެވެ. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ތެދަށް ބުނުމެވެ. އެކަމަކު ދެބައިކުޅަ އެއްބައި ތެދަކުން ފުއްދައިލެވިދާނެއެވެ. "އަހަރެންގެ ކުންފުނިން އަހަރެން އުޅޭނޭ ގެއެއް ދިނީ މި ތަންގަނޑުން. މި އުޅެނީ އެގެ ނުފެނިގެން."

ސުލައިމާން އާދަޔާ ޚިލާފު ގޮތަކަށް އޭނާޔާ ދިމާއަށް ބަލައިލިއެވެ.

ރިޟްވާން އިސް ދަށަށް ޖަހައިލިއެވެ. އަދި ސުލައިމާނާ ދިމާއަށް ނުބަލާން ވެގެން މަގުގެ އަނެއް ފަޅީގައި ހުރި ގެޔާ ދިމާއަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ލަގޮނޑި ފުންމައިގެން ބޭރަށް އައި ކަހަލައެވެ. އެއީ އޭނާގެ ގެއެވެ. އޭނާގެ ގެ އެހެރީ ސުލައިމާންގެ ގެޔާ ދިމާ ކުރިމަތީގައެވެ. އޭނާ އަނެއްކާވެސް ސުލައިމާންގެ ގެޔާ ދިމާއަށް ބަލައިލިއެވެ. ސުލައިމާންގެ ގެޔާ އަޅައި ބަލާއިރު އޭނާގެ ގެ ފެންނަނީ ކުޑަކުޑަ ކޮތަރުކޮށްޓެއް ހެންނެވެ.

އެވަގުތު އޭނާގެ ހިތުގައި ޝައިޠާނާގެ މައްޗަށާއި ސުލައިމާންގެ މައްޗަށާއި ޢަދްނާންގެ މައްޗަށް ވަރުގަދަ ރުޅިވެރިކަމެއް އުފެދުނެވެ. އޭނާއަށް މި ލިބުނު އިނާމަކީ އޭނާއަށް ލިބުނު ބޮޑު އަދަބެކެވެ. އޭނާގެ އެއް ބުރީގެ ގެއަކީ ސުލައިމާންގެ ދެ ބުރީގެ ގެއަށްވުރެ ދެގުނަ ކުޑަ ގެއެކެވެ. ރީތި ކަމަށް ބަލާއިރުވެސް ސުލައިމާންގެ ގެ ދެ ގުނައަށް ރީއްޗެވެ. މިއީ ކިހައި ބޮޑު ނާއިންސާފެއް ހެއްޔެވެ؟ މިއީ އޭނާ އަމިއްލައަށް އެދިގެން ލިބުނު ގެއެކެވެ. އޭނާގެ ގެއަށް ވުރެ ބޮޑު ގެއެއް ސުލައިމާނަށް ލިބުނީ އެދުނު އެދުމަކާ ނުލައެވެ. ހަމައެކަނި ރިޟްވާންގެ އެންމެ ބޮޑު ދުޝްމިނަށް ވާތީއެވެ.

"އެހެންތަ؟ އެކަމަކު އެންމެ ފުރަތަމަ ހިނގާ އަހަރެމެންގެ ގެ ބަލައިލާން." ސުލައިމާންގެ އަޑު އިވުނީމާ އޭނާ ދިޔައީ ސިއްސައިގެންނެވެ. "އޭގެ ފަހުން ކަލޭގެ ގެ ބަލައިލާން ދާނީ."

ހިތާ ދެކޮޅަށް ރިޟްވާން އެ މީހުންނާ އެކީ ހިނގައިގެންފިއެވެ. އެއީވެސް އޭނާއަށް ލިބުނު އިތުރު ވޭނެކެވެ. ސުލައިމާންގެ ގެ ހަމަ ހަގީގަތުގައިވެސް ވަރަށް ރީއްޗެވެ. ބޭނުންވާ ހުރިހައި ސާމާނެއް ހަމައަށް އެބަހުއްޓެވެ. އަގު ބޮޑު ސާމާނެވެ. މި ގެޔާ އަޅާއި ބަލާއިރު އޭނާގެ ގެ ވާނީ ޖިފުޓިއަކަށްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ނަފުރަތުގެ ހުޅުގަނޑު ވަރުގެ ކޮޅަށް އަނދައިގެންފިއެވެ.

"ގެ ލިބުނީމާ އަހަރެންގެ ހިތަށް އެރީ ކަލޭމެން ދެމީހުންނާ ނުލައި މި ގެޔަކު ނޫޅޭނަމޭ." ސުލައިމާން ބުންޏެވެ. "އަހަރެމެން ތިން މީހުންނަށް މި ގޭގައި އުޅެވިދާނެ. އެކަމަކު ކަލެއަށް ގެއެއް ލިބުނީތީ އަހަރެން ވަރަށް ބޮޑަށް އުފާ ކުރަން. ނަސީބުވެސް ހަމަ ރަނގަޅީތާ."

"ނަސީބެއް ނޫން. ޝައިޠާނާ." ރިޟްވާން ހިތާހިތާ ކިޔައިލިއެވެ. "ޝައިޠާނާ އެ މަސައްކަތް ކުރަނީ އަހަރެންގެ ދުވަސް ދުއްވައިލާން އަހަރެން ކޮނޑަށް ކަލޭ ސަވާރު ކުރަން."

"އެއީވެސް ދެރަ ގޮތެއް ނޫން." ސުލައިމާން ވާހަކަ ކުރިއަށް ގެންދިޔައެވެ. "އެކަމަކު ޢަދްނާން އުޅޭނީ މި ގޭގައި."

"ނޫނޭ..." ޢަދްނާން ދެކޮޅު ހެދިއެވެ.

"މިއީ ބަހުސް ކުރާކަށް ބުނި ވާހަކައެއް ނޫން. ކަލޭ މި ގޭގައި އުޅެން ގަބޫލު ނުވިއްޔާ އަހަރެން މި ގެ ދޫކޮށްލާފައި ގޮސް އުޅޭނީ ކަލޭގެ ފުލެޓުގައި." ސުލައިމާން ބުނެލިއެވެ. "ވިޔަފާރިއެއް ފަށަންވެސް އަހަރެން އެބަ ވިސްނަން. އެކަމަކު އަހަރެން ކަލޭ ވަޒީފާ އަދާކުރިޔަކަ ނުދޭނަން."

ކުޑަކޮށް ބަހުސު ކުރުމަށް ފަހު ޢަދްނާން ހަތިޔާރު ބެހެއްޓިއެވެ.

* * *

ރިޟްވާން ރުޅި އައިސްގެން އަނދަނީއެވެ. ބުއްދީގެ ބޭނުން ކޮށްފިނަމަ ސުލައިމާން ބޮނޑިއެއް ދޭނޭ ގޮތެއް ހޯދިދާނެއެވެ.

އޭނާ ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ. ސިކުނޑި ހަމަޔަކަށް އެޅުވުމުގެ ގޮތުން ކޮންމެހެން ކުރާން ޖެހޭ ދެތިން ކަމެއް ކޮށް ނިންމައިލިއެވެ. އެންމެ ފުރަތަމަ ކަމަކަށް ގެއަށް ބޭނުންވާ ނޯކަރުން ހޯދަން ނޫހުގައި އިއުލާނެއް ޖެއްސީއެވެ. ބަގީޗާ ހައްދާނޭ މީހަކާއި ކައްކާނޭ މީހަކާއި ގޭގެ އެހެން ކަންތައްތައް އިންތިޒާމުކޮށް ބަލަހައްޓާނޭ މީހެކެވެ. އަދި ކާރު ދުއްވާނޭ މީހަކުވެސް ހޯދައިފިއެވެ. އެއީ ކުރީއްސުރެ އޭނާ ދެނެފަރިތަ މީހެކެވެ.

ދެ ދުވަހެއްގެ ތެރޭގައި ހުރިހައި ކަމެއް ނިމިއްޖެއެވެ. ގޭގެ ކަންތައްތައް ވަކި އިންތިޒާމެއްގެ ދަށުން ހިނގާން ފަށައިފިއެވެ. މަސައްކަތުގައި އުޅުމުގެ ސަބަބުން ހަސަދަވެރިކަމުގެ އަލިފާންގަނޑު ތަންކޮޅެއް ފިނި ވެއްޖެއެވެ. އެކަމަކު ސުލައިމާންގެ ގެޔާ ދިމާއަށް ބަލައިލެވޭ ކޮންމެ ފަހަރަކު އަނެއްކާވެސް ވަރުގެ ކޮޅަށް އަނދައިގަނެއެވެ.

މިހާރު އޭނާ ވިސްނަމުން ގެންދަނީ ސުލައިމާނަށް ދެވިދާނޭ ބޮނޑިއަކާ މެދުގައެވެ. ވިސްނާން ފެށުމާއެކު އެއީ ވަރަށް ފަސޭހަ ކަމެއްކަން އެނގިއްޖެއެވެ. މިސާލަކަށް އޭނާގެ ހަތަރެސްފައި ބިންދާލަން ނުވަތަ ލޯ ކޮނެލާން ނުވަތަ ގުރުދާ ހަލާކު ކޮށްލާން އެދުމަކީ ކުރެވިދާނޭ ކަމެކެވެ. ތިން ވަނަ އެދުން ބާކީ އެބަ އޮތެވެ. އެކަމަކު ފުންކޮށް ވިސްނައިލީމާ އެއީ އެހައި ފަސޭހަ ކަމެއް ނޫންކަން އެނގިއްޖެއެވެ. ސުލައިމާނަށް ވާ އުނދަގުލެއްގެ ދެގުނަ އުނދަގޫ އޭނާއަށް ވާނެއެވެ. އުނދަގުލާއެކުވެސް އުޅެވިދާނެއެވެ. އެކަމަކު ބައެއް ފަހަަރަށް ކުދި ބަލިބަލީގައި މީހުން މަރުވެއެވެ. ބޮޑެތި ބަލީގައި އުޅެފައި މީހުން ގަދަވެއެވެ. އެހެންވީމާ އުނދަގުލެއް އުފުލާން ރުހުނަސް ދެމީހުންކުރެ ސަލާމަތް ވާނީ ކާކު ކަމެއް ނޭނގެއެވެ.

ރިޟްވާންގެ ހިތަށް އެރިއެވެ. ސިކުނޑީގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ވިސްނުމެވެ. އާދައިގެ ކަމަކާ ވިސްނުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނޭ ކަމެކެވެ. މޮޅު މީހަކީ އާދަޔާ ޚިލާފު ތަދުބީރު ކުރާ މީހާއެވެ. އެހެންވީމާ ވިސްނަމުން ގެންދާން ވީއެވެ. މޮޅު ތަދުބީރެއް ކުރެވޭނޭކަން ގައިމެވެ.

މިހާރު އޭނާ އެ އުޅެނީ ތަހުޒީބު ވެފައިވާާ ހިސާބެއްގައެވެ. އަތުގައި ފައިސާ އެބަހުއްޓެވެ. ސަގީލާ އޭނާއަށް ކެހި ދީފައި ހިނގައްޖެއެވެ. އެކަމަކުވެސް ރޭގަނޑު އެކަނި އޮންނާން އުނދަގޫވާން ފަށައިފިއެވެ.

އެ ތަންގަނޑު ގޭގޭގައި ރޭގަނޑު ޕާޓީ ބާއްވައެވެ. މިއުޒިކް ޖަހައެވެ. އަވަށްޓެރިން އޭނާއަށް ދައުވަތު ދެއެވެ. އެކަމަކު އޭނާ އިންކާރު ކުރަނީއެވެ. މުއްސަނދި މީހުންގެ ތެރޭގައި އުޅުނު ނަމަވެސް ތިމާގެ ނިކަމެތިކަން ހިތަށް އަރާވަރުން އުނދަގޫވެއެވެ.

އެރެއަކީ އޭނާއަށް އެހެން ރޭރެއަށްވުރެ ބޮޑަށް ތުރާވަމުންދާ ރެއެކެވެ. ތިން ހަަތަރު ދުވަސް ފާއިތު ވެގެން ދިޔައިރުވެސް ސުލައިމާނަށް ބޮނޑިއެއް ދޭނޭ ގޮތެއް ނުވިސްނުނެވެ. އަދި ސައްބީސް ދުވަހުގެ މުހުލަތު އޮތް ކަމުގައި ވިޔަސް ކަންބޮޑު ވަނީއެވެ.

ކުއްލިއަކަށް ފޯނުގެ ރަނގަބީލު ވާން ފަށައިފިއެވެ. އޭނާ ހައިރާންވިއެވެ. ގޭގައި ފޯނެއް އެބަހުއްޓެވެ. އެކަމަކު މީގެ ކުރިއަކުން ދުވަހަކުވެސް ފޯނެއް ނާދެއެވެ. އޭނާގެ ނަންބަރު ދަންނަ އެއްވެސް މީހަކު ނޫޅޭނެއެވެ.

އޭނާ އަޅައެއް ނުލިއެވެ. މީހަކަށް އޮޅިގެން ނުބައި ނަންނަބަރަކަށް ގުޅުނީ ކަމަށް ނިންމައިލީއެވެ. އެކަމަކު އެއް ފަހަރު ކެނޑުނީމާ އަނެއް ފަހަރުވެސް އެ މީހަކު ގުޅާން ފަށައިފިއެވެ. އެންމެ ފަހުން އޭނާ ފޯނު ނަގައިފިއެވެ.

"ހަލޯ."

"ކިހިނެއްތޯ؟" އަނެއް ކޮޅުން އިވުނީ ވަރަށް ލޫޅާފަތި އަންހެން އަޑެކެވެ.

(ނުނިމޭ)

3 ޚިޔާލު

  1. ދެން ސުލައިމާނު ކުރަންވީ ކަމަކީ ފަރުޒާނާ ހުރިތަނަކުން ހޯދައިގެން އަމިއްލަ މީހަކަށް ހަދައިގެން ގެއަށް ގެނެސް ރީތި ދިރިއުޅުމެއް ފަށަންވީ.ތިންވަނަ އެދުމަކަށް ނުގޮސް ރިޟުވާނަކަށް ނުހުރެވޭނެ .އެއާއެކު ވާނީ ކިހިނެއްތޯ ބަލަން ވަރަށް ބޭނުންވެފަ.

  2. އިބިލީސް ގެ މަސައަކަތް ވާ ކާމިޔާބު.ރިޟްވާނަށް އެންމެ ހެޔޮއެދޭ މިތުރަށްޓަކާ އޭނާގެ ހިތުގައި ރުޅިއާއި ހަސަދައިގެ ވަރުގަދަ އަލިފާންގަނޑެއް ރޯކުރުވައިފި.އެއީ ރިޟްވާނުގެ އެންމެ ބޮޑު ދުޝްމަނު ކަމަށް ވިސްނަދީފި.ރިޟްވާނު.ގެއްލި ހަލާކުވެ ނިމެނީ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.