ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ކަނޑައަޅެމަށް ޖިނާއި އިޖްރާޖުގެ ޤާނޫނަށް އިޞްލާޙު ގެންނައުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ. އިއްޔެ ވަނީ މަޖިލީހުގައި މި ބިލްގެ އިބްތިދާއީ ބަހުސް ކޮށް ބިލު ބައިލައިގަތުމަށް ފާސް ކޮށްފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ކަނޑައަޅެމަށް ޖިނާއި އިޖްރާޖުގެ ޤާނޫނަށް އިޞްލާޙު ގެންނައުމަށް ބިލް މަޖިލީހަށް ހުށަހެޅުއްވީ ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ މުޤައްރަރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދެވެ. ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން އިސްނަންގަވައިގެން ދާދިފަހުން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާ ގުޅޭ ޕާލިމެންޓްރީ އެންކުއަރީއެއް ހިންގައި ނިޒާމުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށް އެކަންކަން އިޞްލާޙުކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް އަންގަވައިފައެވެ.
މިބިލްގެ ބަހުސްގައި މެމްބަރުން ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަށްވުރެ ވަކި ބޮޑު ކުށެއް ނޯންނާނެކަމަށެވެ. އެކުށަކީ މިހާރުވެސް ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނިގެން ޕެރޯލާއި އެނޫންވެސް ކުށްވެރިނަށް ހުރި ބައެއް ކަހަލަ އަދަބުގެ ލުއިކުރުމުގެ ތެރޭގައި ނުހިމެނޭ ކުށެއްކަން ބައެއް މެމްބަރުން ފާހަގަ ކުރެއްވިއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށަކީ ޓެރެރިޒަމާއި މަނީލޯންޑްރިންފަދަ ބޮޑެތި ކުށްތަކާ އެއްވަރުގެ ކުށެއްގެ ގޮތުގައި ބަލަން ޖެހޭކަމަށް މެމްބަރުން ފާހަގަ ކުރެއްވިއެވެ. ޖިނާއީ އިޖުރާތުގެ ޤާނޫނަށް އަކުރެއް އިތުރު ކުރުމުގެ ކުޑަކުޑަ އިސްލާހެއްގެ ގޮތުގައި މި އިސްލާޙު ފެނުނުކަމުގައި ވިއަސް މިކަމުގެ ނަތީޖާ އަކީ ވަރަށް މުހިންމު ބޮޑު ކަމެއްގެ ގޮތުގައި މެމްބަރުން ފާހަގަ ކުރެއްވިއެވެ.