މަސް ހިފަން ފޭބި ސިފައިންގެ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

އެނބޫދޫ ފަރަށް މަސްޖަހަން ފޭބި ސިފައިންގެ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ މިހާދިސާގައި މަރުވެފައިވަނީ ސްޓާފް ސާޖެންޓް ޔައުގޫބު އަހުމަދު ކަމަށެވެ.

އޭނާ ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ކޯސްޓްގާޑުގެ ޑައިވަރުންނަށެވެ. އޭނާ ހަށިގަނޑު ފެނިފައިވަނީ ކަނޑު އަޑިންނެވެ. ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ޢާޒިމް ވިދާޅުވިއެވެ. އޭނާ މަސްހިފަން ފޭބީ ދަގަނޑެއް ހިފައިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ޢާޒިމް ވިދާޅުވިއެވެ.

ޢާޒިމް ވިދާޅުވީ އެމްއެންޑީއެފަށް މި މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:55 އެހައިކަންހާއިރުއެވެ. އޭނާއަކީ ގދ. ހޯޑެއްދޫ ބަގީޗާގޭ، މީހެކެވެ. އޭނާގެ އުމުރަކީ 33 އަހަރެވެ. އޭނާ ފީނަން ދިޔައީ މިއަދަކީ އޭނާގެ އޮފް ދުވަހަށް ވުމުންނެވެ. ޢާޒިމް ވިދާޅުވީ އޭނާގެ ހަށިގަނޑު ޑައިވިންޓީމުން ނަގައިފައިވަނީ 20 މީޓަރު އަޑިންނެވެ.  އޭނާއާއެކު އިތުރުބަޔަކުވެސް ފީނިކަމަށް ވެއެވެ. އެހެންނަމަވެސް އެކަމާ ބެހޭ މައުލޫމާތު އަދި ނުލިބިއެވެ.

ޔައުގޫބަކީ ނެޝަނަލް ޖެވެލިން ޗެމްޕިއަންއެވެ. އަދި އޭނާއަކީ ދިގުދުވުން ތެރިއެއް ވެސް މެއެވެ.  އޭނާ ވަނީ ދިގު ދުވުންތަކުގައި ބައިވެރިވެ އެކިވަނަތައް ވެސް ހޯދައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.