ނަފްސާނީ އެހީތެރިކަމާ ބެހޭ ޕްރޮގްރާމެއް ށ. އަތޮޅު ހޮސްޕިޓަލުން ފަށައިފި

ކޮރޯނާ ވަބާ ފެތުރިއްޖެނަމަ ގޭގައި ނުވަތަ އެހެންތަނެއްގައި އެކަހެރިކުރެވޭ މީހުންނާއި އެމީހުންގެ އާއިލާ އަދި މުޅި މުޖްތަމަޢަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ށ. އަތޮޅު ހޮސްޕިޓަލުން އިއްޔެ ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ އެ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުން އިސްނަގައިގެން ފެށި ޕްރޮގްރާމެކެވެ.

މި އީ އެ ހޮސްޕިޓަލްގެ އޯޕީޑީ މުޢައްޒަފުންނާއި ނަރުހުން އަދި އެހެނިހެން މުއަށްޒަފުންނަށް ހުޅުވާލައިގެންބޭއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި އިންޓަނެޓް މެދުވެރިކޮށް ވީޑިއޯ ސެޝަންވެސް ހުރިހާ ރަށްރަށުގެ ޞިއްޙީ ދާއިރާގެ މުއައްޒަފުންނަށް ވަނީ ބާއްވައިފިއެވެ.

އެ ހޮސްޕިޓަލުން ވިދާޅުވީ މި ޕްރޮގްރާމް ފެށީ ބަހުރުވައާއިނުލާ ކުރާ މުޢާމަލާތުގެ މުހިއްމުކަމާއި ނަފްސާނީ ފުރަތަމަ އެހީ ދިނުމުގައި އެ ހުނަރަކީ އެންމެ މުހިއްމު ހުނަރަށްވާތީ އެކަން އަށަގެންނެވުމާ ބެހޭގޮތުން ކަމަށެވެ. މީގެ އިތުރުން ކާރިސާގެ ވައްތަރުތަކާއި ސްޓްރެސްގެ ލެވެލްތަކާއި ސްޓްރެސް ވުމުން ފެންނާނެ އަލާމާތްތަކާއި،ނަފްސާނީ ފުރަތަމަ އެހީ ދޭނެ ގޮތާއި ނަފްސާނި ގޮތުން އަމިއްލައަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ނަފްސަށް އަޅާލާނެގޮތާއި ނަފްސަށްއަޅާލުމަށްޓަކައި ކުރެވީދާނެ ބައެއް ކަންތައްތަކުގެ މަޢުލޫމާތު ވަނީ ދީފައެވެ.

އިންޓަރނެޓަށް ދިމާވާ މައްސަލަޔާ އަދި ޓެކްނިކަން އެހެނިހެން މައްސަލަތަކާހެދި ރަށްރަށަށް ސެޝަންގެ އަޑު ލިބުމާއި އެހެނިހެން ބައެއް މައްސަލަތަކާހުރެ އެހާ ފުރިހަމަ ނޫން ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދިނެވެ. އެހެން ކަމުން ރަށްރަށަށް ވަކިން ޚާއްސަ ޕްރޮގްރާމެއް ހިންގޭތޯ ބަލަމުންދާ ކަމަށް އެހޮސްޕިޓަލުން ވިދާޅުވިއެވެ.

ނަފްސާނީ ގޮތުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ރޭވިފައިވާ ހަރަކާތްތަކުގެ ތެރެއިން ''އިމޯޝަނަލް ސަޕޯޓް ޓީމް" އެކުލަވާލުމަށްޓަކައި ބޭނުންވާ ވޮލަންޓިއަރުން ހޯދުމަށް މިހާރު އިޢުލާންކޮށްފައިވާ ކަމަށްވެސް ހޮސްޕިޓަލުން މަޢުލޫމާތު ދިނެވެ. މީގެ އިތުރުން މި ސެޝަން ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ކުރިއަށް ގެންދިއުމުގެ ޤާބިލުކަން ހޮސްޕިޓަލުގައި އެބަހުރި ކަމަށް އެތަނުން ވިދާޅުވިއެވެ.

ކާރިސާއެއް ހިނގާ ކޮންމެ ފަހަރަކުވެސް އެންމެ ބޮޑަށް އަޅާނުލެވި ތިބޭ ބަޔަކީ ނަފްސާނީ ގޮތުން ގެއްލުން ލިބޭ މީހުންކަމަށާއި، އެފަދަ ގެއްލުން ލިބޭނީ ހަމައެކަނި އެ ކާރިސާއަކުން ގެއްލުންވާ މީހުންނަށް އެކަނި ނޫންކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. އެ ކާރިސާ ފެންނަ މީހުންނާއި ކާރިސާގައި ގެއްލުންވާ ފަރާތްތަކަށް އެހީތެރިވާ މީހުންނަށްވެސް ނަފްސާނީ ފުރަތަމަ އެހީ ބޭނުންވާ ކަމަށް ވެސް އެތަނުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.