މިދަނޑިވަޅުގައި ރާއްޖެ ބޮއްސުންލައިގެން ނުދާވަރަށް ވަނީ ތައްޔާރުވެފައި: މިނިސްޓަރ ޢަލީ ވަހީދު

ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް 19 ރާއްޖެއާ ހަމައަށް އައިސްފައިވީނަމަވެސް ރާއްޖޭގެ ކަންކަން ބޮއްސުންލައިގެން ނުދާނެ ކަމަށް ތައްޔާރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާގު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ސަރުކާރުންވަނީ މިބައްޔާ ބެހޭ މަޢުލޫމާތު ދުރާލާ ރައްޔިތުންނަށް ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކޮށްފައި ކަމަށެވެ. އެކަމުގެ ނަތީޖާ މިއަދު ރަނގަޅު ގޮތުގައި ފެންނަމުންދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރުވެސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބައި މިލިއަން މާސްކު އެބަހުރި ކަމަށެވެ. އޭގެ އެއްވެސް އެއްޗެއް މިނިސްޓްރީގެ މުވައްޒަފުން ބޭނުމެއް ނުކުރައްވާނެ ކަމަށާއި ދޭނީ އެންމެ ބޭނުން ޖެހޭ މީހުންނަށް ކަމަށް ވެސް ވިދާޅުވިއެވެ. އެއީ މިހާލަތު ރާއްޖެއަށް އަތުވެދާނެތީ ކުރިން ތައްޔާރުވުމުގެ ތެރެއިން ހޯދައިފައިވާ އެއްޗެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިދިޔައަހަރުގެ އޮޑިޓް ރިޕޯޓަށް ބައްލަވާއިރު ރާއްޖެގޭ ޓޫރިޒަމް އިންޑަސްޓްރީގައި ތިބީ 37،136 މުވައްޒަފުން ކަމަށެވެ. އޭގެ ތެރެއިން 17،609 މީހުންނަކީ ދިވެހިން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ އިންޑަސްޓްރީގެ މުވައްޒަފުން ރައްކާތެރިވެ ތިބުމަށް ބޭނުންވާ ސާމާނުވެސް ލިބޭނެ ކަމަށެވެ.

ދުނިޔޭގައި ކޮވިޑް 19 ވައިރަސް ފެތުރެން ފެށި ފަށުން ރާއްޖެ އަންނަން އޮތް 125،827 ބުކިން ކެންސަލްކޮށްފައިވާ ކަމަށެވެ. ނަމަވެސް އަލަށް 307،223 ބުކިން ލިބިފައިވާ ކަމަށް  ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އަތުވެދާނެ ލޮޅުންތައް ދެނެގަނެ އެކަންކަމަށް ފިޔަވަޅު އަޅުއްވައި ޓޫރިޒަމް އިންޑަސްޓްރީ ހީނަރުވިޔަ ނުދީ ހިފަހައްޓާލުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް 19 ފެނިފައިވާ މިދަނޑިވަޅުގައި އެއްވެސް ރިސޯޓަކުން މަޢުލޫމާތު ނުހިފަހައްޓައި ހާމަކުރަމުން ގެންދިއުމަށް ވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. އަދި ރިސޯޓުތަކުގެ މެނޭޖުމަންޓުން އަންގާ ގޮތަކަށް ހުރިހާ މުވައްޒަފުން ވެސް ޢަމަލުކުރަމުން ގެންދިޔުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ. މިއީ މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ކަމެއް ކަމަށާއި އެންމެން ގުޅިގެން މަސައްކަތް ކުރެއްވުމަށް ވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. އެންމެން ގުޅިގެން މަސައްކަތްކޮށް ރާއްޖޭގެ އިގްތިސާދު ހީނަރުވިޔަ ނުދިނުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް ވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ 70 ޕަސެންޓަކީ ޓޫރިޒަމް ކަމަށެވެ. އެހެންކަމުން ބައެއް ގައުމުތަކުން އަމަލުކުރި ގޮތަށް ރާއްޖެއަށް ފަތުރުވެރިންނަށް ނާދެވޭ ގޮތަށް އެއްކޮށް ބަންދު ނުކުރައްވާނެ ކަމަށެވެ. އެއިން ވާނެ އެއްވެސް ފައިދާއެއްވެސް ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.