އިންތިޚާބު ނުބޭއްވޭނޭ މާހައުލެއް އުފެދިފައިވާ ކަމަށް އަންގާފައެއް ނެތް: އީސީ

އަންނަ އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ނުބޭއްވޭނެ ފަދަ މާހައުލެއް އުފެދިފައިވާ ކަމަށް ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން އަންގާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުގެ ޓުވިޓަރއެކައުންޓު މެދުވެރިކޮށް މިހެން ވިދާޅުވެފައިވަނީ ރާއްޖެއަށް ކޮރޯނާ ވައިރަސް އަތުވެދާނެ ކަމުގެ ބިރު އުފެދިފައިވާ ވަގުތެއްގައި އިލެކްޝަންސްފަދަ މީހުން އެއްވާންޖެހޭ ކަންކަން ނުބޭއްވުމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީއެވެ.

އީސީން އެގޮތަށް ވިދާޅުވުމުން ބައެއް މީހުން ވަނީ އެކޮމިޝަނަށް ފާޑުކިޔައިފައެވެ. އެއީ އަމިއްލަ ބާރު ހިނގާ މިނިވަން ކޮމިޝަނެއް ކަމަށާއި އެ ކޮމިޝަނަށް އެކަމާމެދު އަމިއްލައަށް ގޮތް ނިންމެންޖެހޭނެ ކަމަށް ބައެއް މީހުންވަނީ ބުނެފައެވެ. އަދި އެކޮމިޝަނަކީ ވެސް މުއައްސަސާއެއް ކަމަށާއި އެހެންތަންތަނުން ކޮވިޑާ ބެހޭ މަޢުލޫމާތު އެއްކުރުމަށްފަހު އަމިއްލައަށް ގޮތްނިންމެންވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެކަށީގެންވާ ފިޔަވަޅު އަޅާނީ ބަޔަކު މީހުން ހަލާކުވުމުންތޯ ވެސް ބައެއް މީހުން ވަނީ ސުވާލުކޮށްފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެފައިވަނީ އިންތިޚާބު ފަސް ކުރަން ޖެހިއްޖެނަމަ އެކަން ކުރައްވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.