މާލެއާއި ވިލިމާލެއާއި، ހުޅުމާލޭގައި ކޮންމެދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓައިލުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ.
އޭގެ އިތުރުން އެގަޑުތަކުގައި ޕަބްލިކް ޓްރާންސްޕޯޓު ބަހާއި ފެރީގެ ޚިދުމަތް ހުއްޓާލުމަށް ވެސް އޭނާ ވަނީ އަންގަވައިފިއެވެ. މާލެއާއި ވިލިމާލެއާއި، ހުޅުމާލޭގައި ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ދެމެދު ފިޔަވައި އެހެން ވަގުތުތަކުގައި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ ނޫޅުމަށް ވެސް ޑިރެކްޓަރ ޖެނެރަލް ވަނީ އަންގަވައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް އެޅުއްވި މި ފިޔަވަޅުތަކުން ބައެއް ފަރާތްތައް ވަނީ އިސްތިސްނާ ވެސް ކުރައްވައިފައެވެ. އެއީ ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރުގެ އިތުރުން ސިއްހީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެމީހުން ދުއްވާ އުޅަނދުފަހަރެވެ. އަދި ވޭސްޓްމެނޭކުމެންޓް ކޯޕަރޭޝަންގެ ޔުނީފޯމުއެޅި ޑިއުޓީ މުވައްޒަފުންނާއި، އެ މީހުން ދުއްވާ އުޅަނދުފަހަރާއި އުރީދޫ، ދިރާގު، ބޭންކުތައް، އެސްޓީއީ، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީގެ ޔުނީފޯމުއެޅި ޑިއުޓީ މުވައްޒަފުންނާއި އެމީހުން ދުއްވާ އުޅަނދުފަހަރު ވެސް ވަނީ އިސްތިސްނާ ކުރައްވައިފައެވެ.
އޭގެ އިތުރުން ދައުލަތުގެ (ޖީ ބޯޑު) ހަރުކޮށްފައިވާ އުޅަނދުފަހަރާއި، ޑިޕްލޮމެޓިކް އުޅަނދުފަހަރާއި، އެމްބިޔުލާންސާއި، ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ފާސް ލިބިފައިވާ މީހުންނާއި، ފާމަސީތަކުގެ މުވައްޒަފުންނާއި، އެމީހުން ދުއްވާ އުޅަނދުފަހަރާއި ހެލްތު ޕްރޮޓެކްޝަންއެޖެންސީން ދޫކޮށްފައިވާ ޚާއްސަ ސްޓިކަރ ޖަހައިފައިވާ އުޅަނދުފަހަރުވެސް ވަނީ ޑީޖީގެ އެންގެވުމުން އިސްތިސްނާ ކުރައްވައިފައެވެ. އޭގެ އިތުރުން ވެސް ޑީޖީ ކަނޑައަޅުއްވާ ޚާއްސަ ޙާލަތްތަކުގައި އޭނާ އަންގަވާ ގޮތެއްގެ މަތީން ޢަމަލު ކުރެވޭނެ ކަމަށް ޑީޖީގެ އެންގެވުމުގައި ވިދާޅުވެފައިވެއެވެ.
ޑީޖީ މިފަދަ ފިޔަވަޅުތަކެއް އަޅުއްވަން މި ނިންމެވީ މިހާރު މުޅިދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ގެ ވަބާއިން ރާއްޖޭގައި އުޅޭ އެންމެހައި ރައްޔިތުން ސަލާމަތް ކުރުމަށެވެ. މިވަގުތަކީ ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރައްވާފައިވާ ވަގުތެކެވެ. މިވަގުތަކީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޚާއްސަ ބާރުތަކެއް ޤާނޫނުން ލިބިދީފައިވާ ވަގުތެކެވެ.
ޑީޖީ ވަނީ މިކަން މިގޮތަށް ނިންމަވައި މި އެންގުން ތަންފީޒުކޮށް އެއަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް ޑީޖީ ވަނީ އަންގަވައިފައެވެ. މިއެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުރުމަށް ޑީޖީ މައިމޫނާ ވަނީ އެންމެހައި ފަރާތްތަކަށް އަންގަވައިފިއެވެ.