ދެ ރައީސުން ގަންހިންގާ މަންޒަރު ފެންނަ ކުރެހުން ހައިލަމް ވައިބާ ގުރޫޕަށްލީ ފައިސާގެ ލާލަޗުގައި: އެމްޑީޕީ

ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ހައިލަމް: ފޮޓޯ ދަޕްރެސް

‎ދެ ރައީސުން ގަންހިންގާ މަންޒަރު ފެންނަރ ކުރެހުން ހައިލަމް ވައިބާ ގުރޫޕަށްލީ ފައިސާގެ ލާލަޗުގައި: އެމްޑީޕީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކަރުގައި ޗޭނުޖަހާ ގަންހިންގާ މަންޒަރު ދައްކުވައިދޭ ކުރެހުމެއް  ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވައިބާ ގުރޫޕަށްލީ ކޮރަޕްޝަނާއި ފައިސާގެ "ލާލަޗު"ގައި ކަމަށް އެމްޑީޕީން ތުހުމަތު ކޮށްފިއެވެ.

ހައިލަމް އެ ކުރެހުންލައިފައިވަނީ ކުރިމިނަލް ކޯޓުގެ ރީކްރިއޭޝަން ކްލަބުގެ ވައިބަރ ގްރޫޕް (ސީ.ސީ.އާ.ރް.ސީ އެކުވެރިންގެ ދަރުބާރު) އަށެވެ. ހައިލަމް އެ ގުރޫޕަށް އެ ކުރެހުން ނުވަތަ ފޮޓޯލައިފައިވަނީ އިއްޔެ ފާހަގަކުރި ނަސްރުގެ ދުވަހުގެ ތަހުނިޔާގެ މެސެޖާއެކުގައެވެ.

"އަލްއުސްތާޒު އަޙުމަދު ހައިލަމް އެ ޢަމަލު ހިންގާފައިވަނީ ކޮރަޕްޝަނާއި، ފަސާދައިގެ ލާލަޗުގައިކަމަށް މި ޕާޓީއަށް ޤަބޫލުކުރެވޭ" ކަމަށް އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައެވެ. އަދި އެ ތުހުމަތަކީ އާންމުންގެ މެދުގައި ވެސް ކުރެވެމުންދާ ތުހުމަތަކަށްވުމުން ހައިލަމްގެ މައްޗަށް ޖިނާއީ ތަޙްގީގެއް ހިންގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގޮވާލާ ކަމަށްވެސް އެޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

‎"ޢަދުލް އިންސާފު ޤާއިމުކުރުމުގެ ދާއިރާގެ މިނިވަންކަމަށް ރައްކާތެރިވެ ތިބޭ ޙާލު، އެ ނިޒާމުގެ ހައިބަތާއި، ޤަދަރު ޙިމާޔަތްކުރުމަށާއި، ކޯޓުތަކުގެ މައްޗަށް އާންމުންގެ މެދުގައި އިތުބާރާއި ޔަޤީންކަން އުފައްދައި ދެމެހެއްޓޭނެ މަގުން އަޚްލާގާއި، ސުލޫކީ މިންގަނޑު ބެހެއްޓުމަށް ފަނޑިޔާރުންގެ މައްޗަށް ދުސްތޫރީ އަދި ޤާނޫނީގޮތުން ލާޒިމެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ. ފަނޑިޔާރުންނަކީ އެއްވެސް ކަހަލަ ޒާތީ ތަޢައްސުބެއް ނެތި، ވަކި ފަރާތަކަށް ނުޖެހި، ޢަމަލާއި ބަހާއި، އުޅުމާއި ގުޅުން ވެސް ބަހައްޓަން ޖެހޭ ބައެއް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އެހެންނަމަވެސް ހައިލަމް އެކުރެއްވި ޢަމަލަކީ  ޒާތީ ތަޢައްސަބު ކުރިއަށް ނެރެ، ވަކި ފަރާތަކަށް ނުޖެހުމުގެ ސިފަ ނަފީވާ މަގުން ކޮށްފައިވާ ކަމެއް ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.

ހައިލަމް އެ ޢަމަލަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، ފަނޑިޔާރުންގެ ޤާނޫނާއި، ސުލޫކީ މިންގަނޑާ ވެސް ޚިލާފަށް ކޮށްފައިވާ ކަމަކަމަށްވާތީ ޖޭއެސްސީން ވަނީ އެމައްސަލަ ބަލަން ނިންމައިފައެވެ.

ހައިލަމް ގެ މައްސަލަ ތަހުގީގު ކުރިމަށް އެމްޑީޕީން ގޮވާލީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނީލޯންޑަރިންގެ ދަޢުވާގެ ޝަރީޢަތް ނިންމައި މާދަމާ ޙުކުމް ކުރަން ތައްޔާރުވެފައި ވަނިކޮށްނެވެ. އެމައްސަލަ ބައްލަވަމުން ގެންދެވީ ހައިލަމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.