އީރާނުން ޔުރޭނިއަމް މުއްސަނދިކޮށްފައިވާ މިންވަރު ނިއުކުލިޔާ އެެއްބަސްވުމަށްވުރެ ފަސް ގުނަ އިތުރުވެއްޖެ: އައިއޭއީއޭ

އީރާނުގެ ރައީސު ޙަސަން ރޫޙާނީ އެގައުމުގެ ނިއުކުލިޔާ މަރުކަޒެއް ބައްލަވާލައްވަނީ

އިރާނުން މުއްސަނދިކޮށް، ގުދަންކޮށްފައިވާ ޔުރޭނިއަމްގެ މިންވަރު ދުނިޔޭގެ ބޮޑެތި ބާރުތަކާ އީރާނާއެކު 2015 ވެވުނު ނިއުކުލިޔާ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ ފަސް ގުނަ އިތުރުވެފައިވާ ކަމުގައި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނެފިއެެވެ.

މިއަދު އައިއޭއީއޭއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، 19 ފެބުރުވަރީ 2020 އާ ހަމައަށް އީރާނުން ވަނީ މުއްސަނދިކުރެވިފައިވާ ޔުރޭނިއަމްގެ 1510 ކިލޯގްރާމް ގުދަންކޮށްފައެވެ. މިއީ ނިއުކުލިޔާ އެއްބަސްވުމުގައި ކަނޑައަޅާފައިވާ 300 ކިލޯގްރާމަށްވުރެ 5 ގުނަ އިތުރު މިންވަރެކެވެ. ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި މިއީ ނިއުކުލިޔާ ހަތިޔާރެއް އުފެއްދުމަށް ފުދޭ މިންވަރެކެވެ.

އައިއޭއީއޭގެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވި ޖަނަވަރީ މަހު އީރާނުގެ ނިއުކުލިޔާ ދެ މަރުކަޒެއް ބަލައި އެ އެޖެންސީން އެދުމުން އީރާނުން ވަނީ އެކަމަށް ހުއްދަދިނުމަށް ދެކޮޅު ހަދާފައެވެ. އެހެންކަމުން، އެ އެޖެންސީއަށް އެ ތަންތަނުގެ ފުރިހަމަ ހަގީގަތެއް ނޭނގެއެވެ.

އިނގިރޭސވިލާތާއި، ޖަރުމަނާއި، ފްރާންސާއި، ޗައިނާއާއި، އެމެރިކާ 2015 ވަނަ އަަހަރު އީރާނާއެކު ސޮއިކުރި ނިއުކުލިޔާ ހަަކަތައިގެ މަސައްކަތް ކޮންޓުރޯލު ކުރުމުގެ އެއްބަސްވުމުން 2018 ވަނަ އަހަރު މޭ މަހު ވަކިވުމާއެކު އީރާނުން ވަނީ އެ އެއްބަސުވަށް އަމަލުކުރުން ލާޒިމު ނޫންކަމަށް ބުނެ ނިއުކުލިޔާ ހަކަތައިގެ މަަސައްކަތް އެތައް ގުނައަކަށް އިތުރުކޮށްފައެވެ.

އީޔޫގެ ގައުމުތަކުން އީރާނާ ދެކޮޅަށް އަޅާފައިވާ އިގުތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ޔޫރަޕުން އީރާނަށް އިގްތިސާދީގޮތުން އެހީތެރިވެއްޖެނަމަ، އެއްބަސްވުމުގައިވާ މިންގަނޑުތަކަށް އީރާނުން އެނބުރި އަންނާނެކަމުގައި އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.