އީރާނުގެ ނިއުކުލިޔާ މަރުކަޒުތަކުގެ ކެމަރާތައް އަލުން ގުޅައި، ބަލައިފާސްކުރުން އަވަސްކުރާނެ: އައިއޭއީއޭ

އީރާނުގައި ނިއުކުލިޔާ ހަކަތައިގެ މަސައްކަތްކުރާ ތަންތަނުގައި ކެމެރާތައް އަލުން ގުޅައި، އަވަސްއަވަހަށް އެތަންތަން ބަލައިފާސްކުރުމުގެ ފުރުސަތުދޭން އެގައުމުން އެއްބަސްވެފައިކާ ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ މިހާރު އީރާނަށް ރަސްމީ ދަތުރުފުޅެއްކުރައްވަމުން ގެންދަވާ އެ އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް ރަފާއެލް ގްރޮސީއެވެ. އޭނާ ވަނީ އިއްޔެ ތެހެރާނުގައި އީރާނުގެ ރައީސު އިބްރާހީމް ރައީސީއާއި، އިސް ބައެއް މަސްއޫލުވެރިންނާ ބައްދަލުކުރައްވާފައެވެ.

އޭނާ އީރާނަށް ވަޑައިގަތުމުގެ ކުރިން، އީރާނުގެ ބިމުއަޑީގައި ހުންނަ ނިއުކުލިޔާ މަރުކަޒަކުން ވަނީ ހަތިޔާރު އުފައްދަން ބޭނުންކުރެވޭ ދަރަޖައަށް ފައްކާކޮށްފައިވާ ޔުރޭނިއަމްގެ އަސަރު ފެނިފައެވެ. އަދި އޭނާ އީރާނަށް ވަޑައިގެންފައި މިވަނީ އައިއޭއީއޭގެ ގަވަރުނަރުންގެ ބޯޑު ބައްދަލުވުމުގެ ފަށަށް ދެ ދުވަހަށް ވެފައިވަނިކޮށެވެ.

"ފާއިތުވި މަސްތަކުގައި ބަލައިފާސްކުރުން އޮތީ މަދުވެފައި. އެދި އެތަންތަނުގައ ބަހައްޓާފައި ހުރި ކެމެރާތަކާއި އެހެން އާލާތްތައް މަސައްކަތްނުކުރޭ." އީރާނަށް ކުރެއްވި ދަތުރުފުޅަށްފަހު ވިއެނާއަށް އެނބުރިވަޑަގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ގްރޮސީ ވިދާޅުވިއެވެ. އައިއޭއީއޭގެ މައިއޮފީސް ހުންނަނީ އޮސްޓްރިޔާގެ ވެރިރަށް ވިއެނާގައެވެ.

"އަހަރުމެން ވަނީ އެ އާލާތްތައް އަލުން މަސައްކަތްކުރާ ގޮތް ހެދުމަށް އެއްބަސްވެފައި." ގްރޮސީ ވިދާޅުވިއެވެ. އެހެންނަމަވެސް، އެއީ ކޮން އާލާތްތަކެއް ކަމެއް އަދި އެކަންކުރާ ކޮން ދުވަހެއްގައި ކަމެއް އޭނާ ހާމަނުކުރައްވައެވެ. އައިއޭއީއޭއާ ދެބަސްވުންއުފެދި، އީރާނުން ވަނީ ނިއުކުލިޔާ މަރުކަޒުތުކަގައި ބަހައްޓާފައި ހުރި ސީސީޓީވީ ކެމެރާތައް 2022 ވަނަ އަހަރުގެ ޖޫންމަހު ކަނޑާލާފައެވެ.

"މިއީ ހަމައެކަނި ބުނެލާ ބަސްތަކެއް ނޫން. މިއީ ހަރުދަނާ ވާހަކަތަކެއް." އީރާނާއެކު ވެފައިވާ އެއްބަސްވުމާމެދު ޔަގީންކަންދެއްވަމުން ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

ރަފާއެލް ގްރޯސީ އީރާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އީރާނާއި، އައިއޭއީއޭއިން ވަނީ ގުޅިފައިވާ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ވާގޮތުން އީރާނުން ވަނީ އެގައުމުގެ ނިއުކުލިޔާ ބަލައިފާސްކުރުމުގައި އެ އެޖެންސީއަށް ފަސޭހަވާނެ ގޮތަށް ކަންކަންކުރުމަށް އެއްބަސްވެފައެވެ.

އީރާނުން ނިއުކުލިޔާ ހަތިޔާރު އުފެއްދުމުގެ މަސައްކަތްކުރާކަމަށް ހުޅަނގެގައުމުތަކާއި، އިސްރާއީލުން ތުހުމަތުކުރި ނަމަވެސް އީރާނުން އެކަން ދޮގުކުރެއެވެ. އެގައުމުން ބުނެފައި ވަނީ އެކަމަށް މަސައްކަތްނުކުރާ ކަމަށާއި، 60 އިންސައްތައަށްވުރެ މަތީ ދަރަޖައަކަށް ޔުރޭނިއަމް ފައްކާނުކާ ކަމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.