މުގާބިލާ - 6

(5 ޑިސެމްބަރ  2019 ގައި ޝާއިއުކުރިބަޔާ ގުޅޭ)

"ނޫނޭ އަހަރެން ތިޔަ ކަމުގައި ބައިވެރިއެއް ނުވާނަން. ފަސް އަހަރު ދުވަހަކީ ވަރަށް ދިގު މުއްދަތެއް. ކޮންމެ ފަދަ ގޮތެއްވެސް ވެދާނެ." އާފާޤް ބުނެލިއެވެ.

"ތިޔަ ހީކުރައްވަނީ ރަނގަޅަކަށް ނޫން." ސުލައިމާނަކީ މީހުން ވާވައްދާން ވަރަށް ކުޅަދާނަ މީހެކެވެ. "އަޅުގަނޑު މި ހަރާދުކިޔަނީއަކީ ފަސްއަހަރު ފުރިހަމަ ކުރާނެތޯ ނުވަތަ ނޫންތޯއެއް ނޫން. އަޅުގަނޑު މި ނަންނަގަންނަނީ މި ސަރުކާރަށް މަހެއްހައި ދުވަސްވެސް ނުވާނެއޭ."

"ކިހައިވަރެއް ތިޔަ ކިޔަނީ؟" މި ފަހަރު އާފާޤްގެ އަޑަށް ޝައިގުވެރިކަމުގެ އަސަރު ފާއްދައިލިއެވެ.

"ސަތޭކަ ރުފިޔާ."

"އެންމެ ރަނގަޅު. މި ސަރުކާރު އަންނަ މަހުގެ މި ދުވަހު ނޫނީ އޭގެ ކުރީން ވެއްޓިއްޖެއްޔާ އަހަރެން ދުއިސައްތަ ރުފިޔާ ދޭނަން."

ސުލައިމާން އިސް ދަށަށް ޖަހައިގެން ހުރެ ވިސްނާން ފެށިއެވެ. އެއްވެސް ޖަވާބެއް ނުދެއެވެ.

"ކިހިނެއްވީ؟ ޖޯޝް ހުލިވީތަ؟" އާފާޤް ކާާމިޔާބީގެ ރާގަކަށް އަހައިލިއެވެ.

"ނޫނޭ. އަޅުގަނޑަކީ ތިޔަ ހީކުރައްވާހެން މާ އަވަހަށް ބަލިވާ މީހެއް ނޫން." ސުލައިމާން އިސް އުފުލައިލިއެވެ. "އަޅުގަނޑު މި ވިސްނަނީ އެހެން ކަމަކާ." އޭނާ އިރުކޮޅަކު ވިސްނައިލުމަށް ފަހު ބުންޏެވެ. "ސަރ. މި ސަރުކާރު ދެން އޮންނާނީ ގިނަ ވެގެން ހަފުތާއެއްހައި ދުވަހުއޭ އަޅުގަނޑު ނަންގަތިއްޔާ..؟"

"ވަކި ކޮން ތަފާތެއް ވާނީ؟ ފުރަތަމަވެސް ސަތޭކަ ރުފިޔާ ގެއްލުން ވާނެ. ހަފްތާއެކޭ ބުންޏަސް ހަމަ އެވަރަށް ގެއްލުން ވާނެ." އާފާޤް އިރުކޮޅަކު ހިމޭނުން ހުރުމަށް ފަހު ބުންޏެވެ. "ތިޔަ ބުނާ ގޮތަށް ވެއްޖެއްޔާ އަހަރެން ސަތޭކަ ރުފިޔާގެ ބަދަލުގައި އެއްހާސް ރުފިޔާ ދޭނަން."

ސުލައިމާން ތެދުވެގެން އާފާޤްގެ މޭޒު ދޮށަށް ހިނގައްޖެއެވެ. "އެންމެ ރަނގަޅު. ސަލާން ކުރައްވާ."

ހަރާދުގެ ޝަރުޠު ކަނޑައެޅުނު ގޮތަކީ އެއީއެވެ. އާފާޤް ކޮންމެ ދުވަހަކު އެއް ފަހަރު ސަލްމާނަށް ހަނދާންކޮށް ދެއެވެ. ސަތޭކަ ރުފިޔާ ތައްޔާރަށް ބާއްވާށޭ ބުނެ މަލާމާތް ކުރެއެވެ. ސުލައިމާން ހިނިގަނޑަކުން ނިންމައިލަނީއެވެ. މިއަދަކީ ހަރާދުގެ އެންމެ ފަހު ދުވަހެވެ. ހަނދުނު އޮފީސްތައް ހުޅުވުމާއެކު ލިބުނު ޚަބަރަކީ ރައްޔިތުންގެ މަޖިލިސް އުވައިލީ ޚަބަރެވެ. ސުލައިމާންގެ އުފަލުގެ ކޮޅެއް ނެތެވެ. އޮފީހުގެ އެހެން މީހުން އޭނާއަށް ތަހުނިޔާ ކިޔަނީއެވެ. އެގާރަ ޖެހި އިރުވެސް އާފާޤް އޮފީހަކަށް ނާދެއެވެ.

"ކޮއިފުޅާ. ކަލޭ ތިޔަ އުފާ ކުރަނީ އެއްވެސް ކަމަކާ ނުލައި. އާފާޤް މިއަދަކު އޮފީހަކަށް ނުދުރުވާނެ." ޢަދްނާން ސުލައިމާނާ ދިމާކޮށްލިއެވެ.

"ނޫނޭ..."

އެ ވަގުތު އާފާޤް އައިސް އޮފީހަށް ވަދެއްޖެއެވެ. ވަން ގޮތަށް އެންމެ ފުރަތަމަވެސް ސުލައިމާނަށް އެއްހާސް ރުފިޔާގެ ނޫޓެއް ދީފިއެވެ. "އަން. މި އޮތީ އެއްހާސް ރުފިޔާ. އަހަންނަށް މިއަދު ލަހުން އާދެވުނީ ބެންކަށް ވަދެފައި އަންނާން ޖެހުނީމާ."

"ދެން ބުނެބަލަ. ކަލެއަށް އެ ކަހަލަ ކަންތައްތައް އެހައި ރަނގަޅަށް އެނގެނީ ކިހިނެއް؟" އާފާޤް އަހައިލިއެވެ.

"ސަރ. މީނާޔާ ހަރާދުކިޔުމަކީ ކުރާން ހެޔޮވާ ވަރުގެ ކަމެއް ނޫން. އޭނާޔާ ޖެހި މޮޅުވެގަންނާކަށް އެކަކަށްވެސް ލާހިކެއް ނޫން." ޢަދްނާން ބުނެލިއެވެ.

"އެކަމަކުވެސް ކޮންމެވެސް ސިއްރެއް އޮންނާނެތާ."

"ސަރ. މާ ބޮޑު ސިއްރެއް ނެތް." ސުލައިމާން މޭ ފުއްޕައިލިއެވެ. "އޮތީ ކުޑަކުޑަ ސިއްރެއް. އަޅުގަނޑަކީ ވަރަށް ވިޔާނުދާ މީހަކީން. އެހެންވީމާ ޝައިޠާނާ އަޅުގަނޑަށް ވަރަށް ހެޔޮ ވާނެ. އަޅުގަނޑުގެ ކަންފަތްދޮށުގައި އެކި ކަހަލަ ވާހަކަ ދައްކާނެ. އަޅުގަނޑުގެ ހިތުގައި އަޖައިބެއް ކަހަލަ ނާމުމްކިން ޚިޔާލުތައް އެނބުރޭ. ހިތުގައި ފެހި ބައްތިއެއް ދިއްލުނީމާ އެ ދިއްލުނު ކަމަކާ ގުޅުވައިގެން އަޅުގަނޑު ހަރާދުކިޔަނީ."

އެޔާއެކު އެންމެން ހީނގެންފިއެވެ.

އެ ދުވަހަކީ ސުލައިމާނަށް އޮތް މަޖަލުގެ ދުވަހެކެވެ. ބަސް ހުއްޓާ ތަނަށް ދިޔައިރު ބަހެއް އަދި ނާދެއެވެ. އަންހެން ކުއްޖަކު ބަސްހުއްޓާ ތާނގައި ހުއްޓާ ފެނިއްޖެއެވެ. ސުލައިމާން އިރުކޮޅަކު އެ ކުއްޖާޔާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ފެންނަ ފެނުމުގައި އޭނާގެ މައްޗަކަށް އަންހެންކުއްޖާގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. އެކަމަކު ހިތުގައި ކޮންމެވެސް ޝުއޫރެއް އެބަ ހިނގައޭ ސުލައިމާންގެ ހިތަށް އެރިއެވެ. އޭނާ ރިޟްވާނާ ދިމާއަށް ބުންޏެވެ. "މަވްލާނާ. އެ ކުއްޖާ ރުމާ ބިން މައްޗަށް ވައްޓައިލާނެ. ބަލަން ހުންނާތި."

"ކިހައި ބޮޑު މުސީބާތެއް. ކަލެއަކަށް ތިޔަ ނޫން އެހެން ޚިޔާލެއް ނުކުރެވޭތަ؟ ކަލޭ ބޭނުންހައި ގޮތަކަށް ހުރިހައި ކަމެއް ވާނެއޭ ހީވަނީތަ؟"

"ހަރާދުކިޔަމާ ހިނގާ."

"އަހަންނަށް މައާފު ކުރޭ." ރިޟްވާން ހީނގަތެވެ.

"އޭނާ ރުމާ ވައްޓައިލާނެ. އަހަރެން އެ ރުމާ ނަގައި ދިނީމާ ޝުކުރިއްޔާވެސް ބުނާނެ. އަހަރެން ސުވާލު ކުރީމާ އުޅޭ ތަނެއްވެސް ބުނާނެ. ޓެކްސީއެއްގައި އޭނާ ގެއަށް ގެންގޮސްދީފާނަމޭ ބުނީމާ ދެކޮޅެއްވެސް ނުހަދާނެ. ވަގުތުން އެއްބަސް ވާނެ."

"އެއްކަލަ ޚިޔާލީ ފޮލާ... ދެން ހެޔޮ. ހުއްޓައިލާ..." ރިޟްވާން ދެއަތް ޖޯޑުކޮށްލިއެވެ.

އެ ވަގުތު އަންހެން ކުއްޖާގެ އަތުން ރުމާ ވެއްޓިއްޖެއެވެ. ވެއްޓުނު ކަމެއް އެ ކުއްޖާއަކަށް ނުވެސް އެނގެއެވެ. ސުލައިމާން އެ ކުއްޖާގެ ގާތަށް އައިސް ބިންމަތީން ރުމާ ނަގައި ދިއްކޮށްލިއެވެ. "މި އޮތީ ރުމާ ވެއްޓިފައި..."

އަންހެން ކުއްޖާ ސިހިފައި ބަލައިލިއެވެ. އަދި ރުމާ އަތުލުމަށް ފަހު ޝުކުރު އަދާކުރިއެވެ.

"ކޮންތަނަކަށް ދަނީ؟"

"ފިރްދަވްސް ކޮލޮނީއަށް."

"ހިނގާ ޓެކްސީގައި ގެންގޮސް ދީފާނަން. އަހަރެމެންވެސް މި ދަނީ އެ ދިމާއަށް."

އަންހެންކުއްޖާ ކުޑަކޮށް ކަން ބޮޑުވެފައި އަހައިލިއެވެ. "އަހަރެމެންނޭ؟"

"އަހަރެންގެ އެކުވެރިންވެސް އެބަތިބި. އެތާނގައި އެހެރީއެއްނު މަވްލާނާއެއް..." އޭނާ ރިޟްވާނާ ދިމާއަށް އިޝާރާތް ކޮށްލިއެވެ.

އަންހެންކުއްޖާ ރިޟްވާނާއި ޢަދްނާނާ ދިމާއަށް ބަލައިލިއެވެ. އަދި ދެކޮޅު ހެދުމުގެ ގޮތުން ބޯ ހޫރައިލިއެވެ. "ޝުކުރިއްޔާ. ތިޔައީ ރަނގަޅު ގޮތަކަށް ނުވާނެ."

"އަހަރެމެންނާ މެދު ތިޔަ ވިސްނަނީއަކީ ރަނގަޅަކަށް ނޫން." ސުލައިމާން ދެރަ ވެފަައި ބުނެލިއެވެ. "އަހަންނަކީ ނުބައި މީހަކީން. އެކަމަކު އަހަރެމެންގެ އެކުވެރިންނަކީ ރަނގަޅު ބައެއް."

އަންހެންކުއްޖާ ކުޑަކޮށް ފަސްޖެހިފައިމެ މަޑުމަޑުން ބުނެލިއެވެ. "އެންމެ ރަނގަޅު. ހިނގާ..."

ސުލައިމާން އެހެން ލާފައި ދިޔަ ޓެކްސީއެއް ހުއްޓުވައިފިއެވެ. ރިޟްވާން އަވަސްއަވަހަށް ގޮސް ކުރީ ގޮނޑިއަށް އަރައިފިއެވެ. ޢަދްނާން ފަހަތަށް އަރައިފިއެވެ. ދެން އެރީ ސުލައިމާނެވެ. އެންމެ ފަހުން އެރީ އަންހެން ކުއްޖާއެވެ.

ޓެކްސީ ދުއްވާލައިފިއެވެ. "އަހަރެންގެ ނަމަކީ ސުލައިމާން."

"އަހަރެންގެ ނަމަކީ ފަރްޒާނާ."

ސުލައިމާން އޭނާގެ އަމިއްލަ ވާހަކަތައް ފަށައިފިއެވެ. އަންހެންކުއްޖާގެ ނަން އެހުން ފިޔަވައި އިތުރު ސުވާލެއް ނުކުރެއެވެ.

ފިރްދަވްސް ކޮލޮނީއާ ހަމަޔަށް ދެވުނީމާ އަންހެންކުއްޖާ ބުންޏެވެ. "މިތަނަށް މަޑުކޮށްލާ."

"ނޫނޭ. ގެޔާ ހަމައަށް ގެންގޮސް ދޭނަން. މަގު ކިޔައިދީ."

އަންހެންކުއްޖާ ހިނިތުންވެލިއެވެ. ދެތިން ހަނި ގޯޅިއެއް އެޅުމަށް ފަހު އެ ކުއްޖާގެ ގެޔާ ހަމައަށް އާދެވިއްޖެއެވެ. އެ ކުއްޖާ ކާރުން ފޭބީމާ ސުލައިމާންވެސް ފޭބިއެވެ. "މިހާރު ގެ އެނގިއްޖެނު؟ ވަގުތު ވެއްޖެއްޔާ އިރާކޮޅު ޖައްސާލާތި." އެ ކުއްޖާ ސިއްރުސިއްރުން ބުނެލިއެވެ.

"އަހަރެން އަންހެންކުދިން ދެކެ ބިރެއް ނުގަނޭ. އެކަމަކު އެ ކުދިންގެ މައިންބަފައިން ދެކެ ބިރުގަނޭ."

"އަހަރެންގެ ހުންނަނީ މަންމަޔަކު އެކަނި. މަންމައަކީ ނަރުހެއް. ޑިއުޓީ އޮންނަނީ ރޭގަނޑު." އެ ކުއްޖާ ސުލައިމާނަށް ކަރުދާސްކޮޅެއް ދިނެވެ. "މިއީ އަހަރެންގެ އޮފީހުގެ ފޯނު ނަންބަރު. އައުމުގެ ކުރީން ގުޅާލާތި."

މިއިން އެއްވެސް ވާހަކައެއް ރިޟްވާނަކަށްވެސް އަދި ޢަދްނާނަކަށްވެސް ނީވެއެވެ.

އެރޭ ތިން މީހުން ރިޟްވާންގެ ގޭގައި ތިބެގެން ވާހަކަ ދައްކަމުން ދިޔައެވެ. މައިގަނޑު މަވްޟޫއަކީ އެ އަންހެންކުއްޖާއެވެ.

"އެއީ ރަނގަޅު ކުއްޖެއް ނޫން." ރިޟްވާން ބުންޏެވެ.

"ކަލޭ ވާހަކަ ނުދައްކާ ހުރޭ." ސުލައިމާން ބުންޏެވެ. "އަންހެން ކުދިންނާ ބެހޭ ގޮތުން ކަލެއަށް އެކައްޗެއްވެސް ނޭނގޭނެ."

"އަހަރެންވެސް ރިޟްވާނާ އެއްބަސްވަން." ޢަދްނާން އަވަސްއަވަހަށް ބުނެލިއެވެ. "ވިސްނައިލަބަލަ. ރަނގަޅު ކުއްޖެއް ނަމަ ނުވެސް ދަންނަ ބީރައްޓެހި ބަޔަކާއެކު ކާރަށް އަރާނެތަ؟"

"އަދި އެވެސް ޒުވާނުންގެ ބަޔަކާ އެކީ... އޭނާ ބިރެއްވެސް ނުގަނޭތަ؟" ރިޟްވާން ބުންޏެވެ.

"އެއީ ރަނގަޅު ކުއްޖެއްކަން އަހަންނަށް ޔަގީން... މުޖައްރިބު." ސުލައިމާން ބުނެލިއެވެ.

"އަހަރެން ގަބޫލެއް ނުކުރާނަން."

"އަހަރެންވެސް ގަބޫލެއް ނުކުރާނަން." ޢަދްނާން އެއްބަސްވިއެވެ.

"ސަތޭކަ ރުފިޔާއަށް ހަރާދުކިޔާ."

ރިޟްވާނާއި ޢަދްނާންގެ ބަސް ހުއްޓިއްޖެއެވެ. ރިޟަވާން އޭނާގެ އާއްމުކޮށް ބުނާ ވާހަކަ ބުނެލިއެވެ. "ހަރާދުކިޔުމަކީ ހަރާންކަމެއް."

"އަހަރެން މި ހުންނަނީ ކަލެޔާއެކު ތިޔަ ކަހަަލަ އެއްވެސް ކަމަކާ ބައިވެރި ނުވާން ހުވައި ކޮށްގެން." ޢަދްނާން ބުންޏެވެ.

"އެހެން ވެއްޖެއްޔާ ފަރްޒާނާގެ ނަން އިހުތިރާމާއެކު ކިޔާތި..." ސުލައިމާން ހީނގަތެވެ.

"އަހަރެން އެބަ އަންނަން ޢިޝާ ނަމާދު ކޮށްގެން." ރިޟްވާން ތެދުވެއްޖެއެވެ.

"އޭތް... މިހާރު ކަލޭ ތިޔަ ނަމާދު ކުރަނީ ގޭގައި. މިސްކިތަށް ނުދަނީ ކީއްވެގެން؟" ސުލައިމާން އަހައިލިއެވެ.

ރިޟްވާންގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެގެން ދިޔައެވެ. އެކަމަކު ދެތިން ސިކުންތެއްގެ ތެރޭގައި ހަމަޖެހިގެންފިއެވެ. "އިންސާނެއްގެ ސިފައިގައި ހުރި ޝައިޠާނަކާ ޖެހުނީމާ ޖަމާއަތް ކަޓަނީނު؟ އެކަމެއް ނޭނގޭތަ؟"

"ދޮގު ނުހަދާ. އެ ޝައިޠާނާ ކަލެޔާއެކު އުޅޭތާ އެތައް އަހަރެއް ވެއްޖެ. މީގެ ކުރިއަކުން ތިޔަހެންނެއް ނުވޭ. ގޭގައި ކަލޭ ޢިޝާ ނަމާދު ކުރާތާ މިހާރު ދިހަ ވަރަކަށް ދުވަސް ވެއްޖެ."

"އެހެންވެސް ވާނެ. މުއުމިނާގެ އީމާންކަމަކީ ހަނދާ އެއްފަދަ އެއްޗެއް. ކުޑަ ވެފައި ބޮޑުވެފައި ވާނެ."ޢަދްނާން ރިޟްވާނަށް އެހީތެރިވެދިނެވެ. އޭނާ ވުޟޫ ކުރާން ހިނގައްޖެއެވެ.

ސުލައިމާން ޢަދްނާނާ މުޚާތަބްކޮށް ބުނެލިއެވެ. "މިރޭ ފިލްމު ބަލަމާ ހިނގާ. ވީސީއާރާ ފިލްމާ ކުއްޔަށް ގެންނާނީ."

"ގެންނާނެ ކަމެއް ނެތް." ރިޟްވާން ފާޚާނާ ތެރެއިން ގޮވައިލިއެވެ. "އަހަރެން ނިދާން ބޭނުން."

(ނުނިމޭ)

4 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.