ފިތުނަވެރި ވާހަކަތަކުން ފުރާނައަށް ނުރައްކާވާ ދަރަޖައަށް ކަންކަން ހިނގައްޖެ: އެމްޑީޕީ

އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުން: ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި، ރައީސް ނަޝީދު

ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކައި މުޖްތަމަޢު ފިތުނަ ކުރުމަކީ ޤަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން، ރައްޔިތުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުހަނު ބޮޑެތި ގެއްލުންވެ، ފުރާނައަށް ނުރައްކާވާ ދަރަޖައަށް ކަންކަން ހިނގައްޖެ ކަމަށް އެމްޑީޕީން ވދާޅުވެއްޖެއެވެ.

އެމްޑީޕީން ވިދާޅުވެފައިވަނީ މުޖުތަމަޢުގެ އެއްބައެއް އަނެއްބަޔަކާމެދު ރުޅިވެރިކަމާއި ނަފްރަތު އުފައްދައި މުޖްތަމައުގައި ފިތުނަވެރިކަން އުފައްދައި ރައްޔިތުން ބައިބައި ކުރުމަށް ބައެއް ފަރާތްތަކުން މިފަހަކަށް އައިސް ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. އެކަން ހާސިލް ކުރުމަށް ދީނީ ގޮތުން ޚިޔާލުތަފާތުވާ ވަގުތުތަކުގައި އެފަރާތްތަކާ ޚިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެފަރާތްތަކާމެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ވާހަކަ ދައްކަވަމުން ގެންދާ ކަމަށް އެޕާޓީން ވަނީ ވިދާޅުވެފައެވެ. އެފަދަ ކަންކަން ކުރުމުގައި އެއްވެސް ވަރެއްގެ ޙަޤީޤަތެއްނެތް ބޮޑެތި ބުހުތާން ހަދަމުންދާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަރކްޝޮޕެއް ބޭއްވުމަށް ރާއްޖެ އައި ބޭރުގެ ފައުންޑޭޝަނެއްގެ މީހަކު ހދ. ހަނިމާދޫގައި ދެއްކި ވާހަކައާ ގުޅުވައިގެން ފަތުރަމުން ދިޔައީ ވެސް ޙަޤީޤަތާ ޚިލާފު ދޮގުވާހަކަތަކެއް ކަމަށް އެޕާޓީން ވަނީ ވިދާޅުވެފައެވެ .

މުޖުތަމަޢުގައި ރުޅިވެރިކަން އުފެއްދުމަށްޓަކައި މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނާ ދެމެދު ރުޅިވެރިކަމާއި، ނަފްރަތު އުފެދޭ ގޮތަށް ވެސް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމަށް ވެސް އެމްޑީޕީން ވިދާޅުވެފައިވެއެވެ. "މިފަދަ ވާހަކަތަކަށް ދައުލަތުން އަޅާނުލެވިއްޖެނަމަ ޤައުމުގައި ބައިބައިވުން އިތުރުވެ، ޤައުމުގެ އަމަންއަމާންކަމާއި، ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާވާ ދަރަޖައަށް ކަންކަން ދިޔުމުގެ ފުރުޞަތު އިންތިހާއަށް ބޮޑެވެ. ވީމާ، ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމަޢުގެ އަމަންއަމާންކަން ނަގާލާ މޭރުމުން ވާހަކަދައްކާ ފަރުދުންނާއި، ސޯޝަލް މީޑިޔާގައި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ސީރިއަސް އަދި އަވަސް މައްސަލަތަކެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބެލުމަށް އިލްތިމާސް ކުރަމެވެ." އެމްޑީޕީން ވިދާޅުވެފައިވެއެވެ.

ދިވެހި ޖުމްހޫރީއްޔާގެ ޤާނޫނު އަސާސީން ހޯދައިދީފައިވާ ޙައްގުތަކުގެ ބޭނުން ޒިންމާދާރު ކަމާއެކު ބޭނުންކުރުމަށް ވެސް އެޕާޓީން ވަނީ ގޮވާލައިފައެވެ. އެ ޙައްޤުތަކަކީ އެޕާޓީން ވަރަށްބުރަ މަސައްކަތުން ހޯދައިދީފައިވާ ޙައްޤުތަކެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. ގައުމަށް ވެސް، ވެރިކަންކުރާ ފަރާތަށްވެސް، އެހެންގައުމުތަކުން އަތުވެދާނެ ނުރައްކަލެއްގެ އަންނާނީވެސް، ހަސަދަވެރިކަން އުފެދެނީ ވެސް، ޕާޓީތަކުގެ މެދުގައި ހަމަނުޖެހުން އުފެދެނީ ވެސް ނަޝީދު ގެ ސަބަބުން. މި އީ ސުވާލު އުފައްދަން ނުޖެހޭ ހަގީގަތެއް.

  2. ވޯރކްޝޮޕެއް ބާއްވަން ރާއްޖެ އައި ބޭރުގެ ފައުންޑޭޝަން އެކޭ ލިއުމުގައިވަނީ ކުށަކުންނެވެ. ރަނގަޅު ގޮތަކީ ދީނީ މިނިވަންކަން ދިނުމުގެ ހޭލުންތެރި ކުރުވުމުގެ ނަމުގައި ދީނުގެ ޢަދުއްވުންގެ ބަޔަކު ބޭރުން ގެނައި ފައުންޑޭޝަނެއް، ކަމަށް ލިޔުއްވުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.