އެމްޑީޕީގެ ޖަގަހަތަކަށް ގެއްލުންދޭ މައްސަލަ ދަނީ ބަލަމުން: އަފްޝަން

10:21:28މިމަހު 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންގެ ކެމްޕޭން ޖަގަހަތަކާއި ހަރުގެ ތަކަށް ފަހަކަށް އައިސް ދަނީ ގެއްލުން ދެމުންނެވެ. އެމައްސަލަތައް ފުލުހުންނަށް ހުށަހަޅައި ފުލުހުން އެކަންކަން ބައްލަވަމުން ގެންދަވާ ކަމގެ މަޢުލޫމާތު ލިބިފައިވާ ކަމަށް އެމްޑީޕީން ވިދާޅުވެއްޖެއެވެ.

އެޕާޓީގެ ޑެޕިޔުޓީ ސެކްރެޓަރީޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ އެ މައްސަލަތައް ފުލުހުން ބައްލަވުމުން ގެންދަވާ ކަމުގެ މަޢުލޫމާތު ލިބިފައިވިޔަސް އޭގެ ތަފްސީލް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

އެންމެފަހުން މިފަދަ ގެއްލުމެއްދީފައިވަނީ އެމްޑީޕީގެ ޓިކެޓުގައި މައްޗަންގޮޅި ދެކުނު ދާއިރާއަށް ވާދަކުރައްވާ އަޙުމަދު ހައިތަމްގެ ކެމްޕޭން ޖަގަހައަށެވެ. އެތަނަށް މީހަކު ވަދެ ވަނީ ހައިތަމާއި އޭނާގެ އަންހެނުންނަށް ޙަމަލާ ދޭން އުޅެފައެވެ. އޭނާއަށް ހައިތަމްގެ ދެމަފިރިންނަށް ހަމަލާ ނުދެވުނީ މީހަކު އައިސް އޭނާ ހިފެހެއްޓުމުންނެވެ. އެމީހާ ވަނީ އެތަނުގެ ބައެއް ތަކެއްޗަށް ގެއްލުންދޭން ވެސް މަސައްކަތް ކޮށްފައިވެއެވެ.

މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ވަކިވަކި ޖަގަހަތަކުން ފިޔަވަޅު އަޅަމުންދާ ކަމަށާއި އަދި ޕެޓްރޯލް ކުރުމަށް ނުކުމެ އުޅޭ ފުލުހުންގެ އެހީތެރިކަން ވެސް ލިބެމުންދާ ކަމަށް އަފްޝަން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.