ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާބެހޭ ގަވާއިދު ތަންފީޒްކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއި ކުރައްވައިފި

ބެލެހެއްޓުމެއްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާބެހޭ ގަވާއިދު ތަންފީޒްކުރުމާ ގުޅޭ އެއްބަސްވުމެއްގައި މިނިސްޓްރީ އޮޕް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއި ކުރައްވައިފިއެވެ. ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ ފިޝަރީޒް މިނިސްޓްރީންގައެވެ.

މި އެބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޑރ. އާމިނަތު ޝާފިއާއެވެ. ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފެވެ.

ސޮއިކުރެއްވުމަށް އެ ދެ މުއައްސަސާ ގުޅިގެން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާބެހޭ ޤަވާއިދު ގައި ކަނޑައަޅާފައިވާ ކަންތައްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ތަންފީޒުކުރުމަށް ދެ އިދާރާ ގުޅިގެން މަސައްކަތްކުރެއްވުން ކަމަށެވެ.

މި ޤަވާޢިދުގެ ދަށުން މަސްގަތުމަށް ނުވަތަ މަސް ބަރުކުރުމަށް ނުވަތަ އެހެނިހެން ބޭނުމަކަށްވެސް ރާއްޖޭގައި ބަނދަރުކުރުމަށް އަންނަ ބޭރު ގައުމުތަކުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި، މަސްއުފުލާ ކުރިއަރު ނުވަތަ [ރީފަރ ވެސަލް] ފަދަ އުޅަނދުފަހަރަށް އިންވަރޑް އަދި އައުޓުވަރޑް ކްލިއަރެންސް ދިނުމާއި، އެފަދަ އުޅަނދުފަހަރު އިންސްޕެކްޓްކުރުމުގެ ކަންކަން ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. މި ގަވާއިދުގެ ދަށުން އަޅާފިޔަވަޅުތަކުގެ ސަބަބުން،  ޤާނޫނާއި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުފަހަރުގެ ހަރަކާތްތައް ހުއްޓުވައި، އެފަދަ އުޅަނދުފަހަރުން ތަފާތު ބޭނުންތަކަށް ދިވެހިރާއްޖޭގެ ބަނދަރުތައް ބޭނުންކުރުން ހުއްޓުވިގެން ދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މިއެއްބަސްވުގެ ދަށުން ދެ ފަރާތުން އެއްބަސްވެފައިވާ މައިގަނޑު ކަންތައްތަކަކީ، ގަވާއިދުގެ ދަށުން ރާއްޖޭގައި ބަނދަރުކުރާ ބޭރުގެ މަސްވެރި އުޅަނދުފަހަރާއި މަސްއުފުލާ ކެރިއަރު ފަދަ އުޅަނދުފަހަރު އިންސްޕެކްޓްކުރުމެވެ. އަދި  މަސްބަރުކުރާ ބޭރުގެ ކެރިއަރުތަކަށް މަސްބަރުކުރުމަށް ރާއްޖޭގެ ޕޯޓްތަކުގައި ކުރިއަށް ގެންދާ އޮޕަރޭޝަންތައް މޮނިޓަރކުރުމާއި، އިންސްޕެކްޝަން އޮފިސަރުންންނަށް ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމެވެ. އޭގެ އިތުރުން ކަމާގުޅޭ މަޢުލޫމާތު ބަދަލުކުރުމުގައި ދެއިދާރާއިން ގުޅިގެން މަސައްކަތްކުރުން ވެސް ހިމެނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.