ސްޕާޝަލް ޕްލޭން އެކުލަވާލުމަށް މަޝްވަރާ ބައްދަލުވުމެއް ފަށައިފި

ސްޕާޝަލް ޕްލޭން އެކުލަވާލުމަށް މަޝްވަރާ ބައްދަލުވުމެއް ފިޝަރީޒް މިނިސްޓްރީން މިއަދު ފަށައިފި އެވެ.

މިއީ ކަނޑުގެ މާހައުލުތައް ރައްކާތެރިކުރުމާއިއެކު، ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ އިޤްތިޞާދީ ފައިދާ އިތުރުކުރުމުގެ މަޤްޞަދުގައި ފެށި ބައްދަލުވުމެކެވެ. މި ބައްދަލުވުން ކުރިއަށްދަނީ މެރިން ސްޕޭޝަލް ޕްލޭންތައް ފަރުމާކުރުމުގެ މަސައްކަތްތައް ކުރަމުންދާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެއްކަމަށްވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާއި ދިވެހި ސަރުކާރު ގުޅިގެންގެންނެވެ.

"ރާއްޖޭގެ ތަފްސީލީ މެރިން ސްޕޭޝަލް ޕްލޭނެއް އެކުލަވާލުމަށް ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ދެމެދު، 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި އދ ގެ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި އެއްބަސްވުމެއްގައި ވަނީ ސޮއި ކުރެވިފައެވެ." މި ބައްދަލުވުމާ ބެހޭ ގޮތުން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

 މިމަސައްކަތުގައި ދިވެހިސަރުކާރުގެ ފަރާތުން ފޯކަލްޕޮއިންޓެއްގެ ގޮތުގައި ޙަރަކާތްތެރިވާނީ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓެވެ. މިއަދު ފެށި ބައްދަލުވުން މިމަހުގެ 17 ވަނަދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. ސްޓޭކް ހޯލްޑާސްގެ މިބައްދަލުވުންތަކުގައި ކަމާގުޅުންހުރި އިދާރާތަކާއި، ތިމާވެށީގެ ރޮނގުން މަސައްކަތް ކުރާ ޖަމުޢިއްޔާ ޖަމާޢަތްތަކާ މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާ ބައްދަލުވުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ސައިންޓިފިކް މައުލޫމާތު ނެގުމުގައި ރާއްޖެއަށް ބޭނުންތެރިގޮތަކަށް މި ޕްރޮގްރާމްގެ ދަށުން ހިނގާ ސައިންޓިފިކް މަސައްކަތްތައް ފަރުމާކުރުން ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ސައިންޓިފިކް މައުލޫމާތުގެ އަލީގައި އެކުލަވާލެވޭ މެރިން ސްޕޭޝަލް ޕްލޭން ވެގެން ދާނީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ބޭނުންކުރެވޭ މުހިންމު ޕްލޭނަކަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި މި ސްޕޭޝަލް ޕްލޭންގެ އަލީގައި ރާއްޖޭގައި އެކުލެވޭ މުހިންމު މާހައުލުތަކާގުޅޭ މައުލޫމާތު ލިބިގެން ދާނެއެވެ. އަދި ހިމާޔަތް ކުރުމަށް ޚާއްސަ ސަރަހައްދުތައް ދެނެގަނެވިގެން ދާނެއެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ހިންގޭ ސައިންސް ޕްރޮގްރާމްގެ ތެރޭގައި، މުޅި ރާއްޖެ ތަމްސީލުވާގޮތަށް ރާއްޖޭގެ ފަރުތައް ސާރވޭ ކުރުމަށް 2020 ޖަނަވަރީ – ފެބްރުއަރީގައި މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2020 މާރިޗު މަހުގެ ތެރޭގައި، ރާއްޖޭގައި ކުރެވޭ ފުރަތަމަ ފުން ކަނޑުތަކުގެ ދިރުންތަކާގުޅޭ ސާރވޭ ދަނީ ރޭވެމުންނެވެ.

މި ކޯލިޝަންގެ ސަބަބުން ރާއްޖޭގައި މެރިން ސްޕޭޝަލް ޕްލޭނެއް އެކުލަވާލުމުގެ އިތުރުން، ރާއްޖޭގައި މެރިން ސައިންޓިފިކް ރިސާރޗްގެ ދާއިރާ ފުޅާވެ، މެރިން ސައިންސްގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުވެގެން ދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.