ޚާރިޖީ ވަޒީރު ޝާހިދު ޖެނީވާއަށް ވަޑައިގެންފިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ޖެނީވާއަށް ވަޑައިގެންފިއެވެ. މިއީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 43ވަނަ ސެޝަންގެ ހައި ލެވެލް ސެގްމެންޓްގައި ބައިވެރިވެވަޑައިގަތުމަށް އެމަނުކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށް ޚާރިޖިއްޔާއިން ވިދާޅުވެފައިވެފައިވެއެވެ.
މި ބައްދަލުވުމުގައި ކައުންސިލްގެ 80 މެމްބަރ ގައުމާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާޢަތްތަކުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ އިންސާނީ ހައްގުތަކުގެ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރާނެ ކަމަށް ވެސް ޚާރީޖިއްޔާއިން ވިދާޅުވެފައިވެއެވެ.
މި ބައްދަލުވުމުގައި ޢަބްދުﷲ ޝާހިދު ތަގުރީރު ކުރައްވާނީ މާދަމާއެވެ. މި ތަގުރީރުގައި، އިންސާނީ ހައްގުތައް ރައްޔިތުންނަށް ހޯދައިދިނުމުގައި ދިވެހި ސަރުކާރުން ހާސިލުކޮށްފައިވާ ކުރިއެރުންތަކާއި، ބައިނަލްއަގްވާމީ ބައެއް މައްސަލަތަކާ ބެހޭގޮތުން ވަޒީރު ވާހަކަދައްކަވާނެ ކަމަށްވެސް ދިވެހި ޚާރިޖިއްޔާއިން ވަނީ ވިދާޅުވެފައެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި އދ.ގެ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް މިސް މިޝެލް ބެޝެލޭއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބައެއް ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައެއް ޖަމްއިއްޔާތަކުގެ ވެރިންނާއިކު މަޝްވަރާތައް ކުރިއަށްގެންދަވާނެއެވެ. މި މަޝްވަރާތަކުގެ ސަބަބުން މިހާރުވެސް ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިރާއްޖެ ގާއިމްކޮށްފައިވާ ގުޅުންތައް އިތުރަށް ބަދަހިވެ، އެ ފަރާތްތަކާ ގުޅިގެން މުސްތަގްބަލުގައި އިންސާނީ ހައްގުތަކުގެ ރޮނގުން އިތުރު މަސައްކަތްކުރެވޭނެ ކަމަށްވެސް ޚާރިޖިއްޔާއިން ވިދާޅުވެފައިވައިވެއެވެ.
ހިއުމަން ރައިޓްސް ކައުންސިލް ބައްދަލުވުމުގެ ހަވާސާގައި އިތުރު 3 ހަރަކާތެއްގައި ވަޒީރު ޝާހިދު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއީ ކޮމަންވެލްތު އޮފް ނޭޝަންސްއާއި، އެލަޔަންސް ފޯ މަލްޓި ލެޓަރަލިޒަމް އަދި ކޮންޓެކްޓް ގްރޫޕް އޮން ކައުންސިލް މެމްބަރޝިޕްގެ ފަރާތުން ބާއްވާ ހަރަކާތްތަކެއް ކަމަށް ޚާރިޖިއްޔާއިން ވިދާޅުވެފައިވެއެވެ.