އދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަމުގެ ދައުރު ޢަބްދުﷲ ޝާހިދު ނިންމާލައިފިއެވެ.
އެމަނިކުފާނު އެ މަގާމާއި ހަވާލުވެވަޑައިގެންނެވީ ފައިބެއަހަރުގެ ސެޕްޓެމްބަރުމަހުގައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާ ޢަބްދުﷲ ޝާހިދު ވަނީ ފާއިތުވެދިޔަ ހަފްތާގައި ކޮންމެ މަހަކު ވެސް ޔޫއެން ސެކެރެޓަރީ ޖެނެރަލްއާއެކު ބާއްވަންޖެހޭ ކޯޑިނޭޝަން ބައްދަލުވުމުގެ އެންމެ ފަހު ބައްދަލުވުން ބާއްވާފައެވެ.
އެއަށްފަހު ފާއިތިވެދިޔަ ހަފްތާގެ ބުރާސްފަތު ދުވަހު، ޔޫއެންޖީއޭގެ ރައީސްގެ ހައިސިއްޔަތުން ބޭއްވެވި އެންމެފަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ޔޫއެން ޖެނެރަލް އެސެމްބްލީގެ 79 ވަނަ ސެޝަންގައި ހިގައިދިޔަ އެންމެހާ ކަންކަން ވަރަށް ފުރިހަމަޔަށް ކަވަރު ކޮށްދެއްވާފައިވާތީ އެންމެހާ ނޫސްވެރިންނަށް ޝުކުރު އަދާ ކުރައްވާފައެވެ.
ޝާހިދު ވަނީ ރިޔާސަތަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕެއިންގައި ވައުވެވަޑައިގަތް 5 ވައުދުގެ މައްޗަށް ވެސް ބައްލަވާލައްވާފައެވެ.
ޝާހިދު ވިދާޅުވީ ރިޔާސަތުގައި ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރަޝިއާއިން ޔޫކުރެއިންގައި ހިންގަމުންދާ އުދުވާން ކަމަށެވެ.
މިމަހުގެ ނިޔަލަށް ޝާހިދު، ޔޫއެންޖީއޭގެ ރައީސްގެ ހައިސިއްޔަތުން އަދާ ކުރައްވަމުން ގެންދަވާ ހުރިހާ ރަސްމީ މަސްއޫލިޔައްތުތަކުން ދުރަށް ވަޑައިގަންނަވާނެއެވެ.
ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ 76 ވަނަ ދައުރުގެ ރިޔާސަތު ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޝާހިދު ކާމިޔާބު ކުރެއްވީ ފާއިތުވެދިޔަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. އެއީ 193 ގައުމު އެކުލެވޭ އާންމު މަޖިލިހުގެ 143 ގައުމުގެ ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ.
މި އިންތިޚާބުގައި ޝާހިދުއާއި ވާދަ ކުރެއްވީ އަފްޣާނިސްތާން ކުރީގެ ފޮރިންގ މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލުއެވެ. އޭނާއަށް ލިބިގެން ދިޔައީ، 48 ވޯޓެވެ.