ފޮރިން މިނިސްޓަރ ޝާހިދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި

ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވާ ސިޓީ ހިއްޕަވައިގެން ކުރައްވާ ދަތުރުފުޅެކެވެ.

ސައުދީގެ ފޮރިން މިނިސްޓަރު އަމީރު ފައިސަލް ބިން ފަރުހާންގެ ދައުވަތަކަށް ޝާހިދު ކުރައްވާ މި ދަތުރުފޅަކީ ރަސްމީ ދަތުރުފުޅެކެވެ. ޝާހިދުގެ މި ދަތުރުފުޅުގައި ސައުދީގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައި، ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ފަރާތްޕުޅުން ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށް ފޮނުއްވާ ސިޓީއެއް އަރުއްވާނެއެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ސައުދީ ސަރުކާރުގެ އެހީގައި ހިންގާ މަޝްރޫއުތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލާއި، މިނިސްޓްރީގެ ޑެސްކް އޮފިސަރު އަލީ ޒާހިރު ބައިވެރިވެވަޑައިގަންނަވައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެލާނާ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ސައުދީ ސަރުކާރުގެ އެހީތެރިކަމާއެކު ހިންގާފައިވާއިރު، މާލޭގައި އަޅާފައިވާ ކިންގް ސަލްމާން މިސްކިތަކީ ވެސް ސައުދީ ސަރުކާރުގެ އެހީގައި އަޅާފައިވާ މިސްކިތެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.