ވެރިކަމުގެ ނިޒާމް ގަޑުބަޑު ނުކުރާނެ މީހުން މަޖިލީހަށް ހޮވަންޖެހޭ: ރައީސް

ރައްޔިތުންގެ މަހިލީހަށް މެމްބަރުން އިންތިޚާބު ކުރާއިރު ވެރިކަމުގެ ނިޒާމް ގަޑުބަޑު ނުކުރާނެ މީހުން މަޖިލީހަށް އިންތިޚާބު ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ އެމްޑީޕީގެ ކެމްޕޭން ނިންމުގެ ޖަލްސާގައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ މީހުން މަޖިލީހަށް އިންތިޚާބުކުރެވޭނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިގެން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެޕްރީލް 6 ދުވަހު ވޯޓުލުމަށް ލިގެންދާ ފުރުސަތަކީ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. އެހެން ކަމުން ރައްޔިތުން އެދޭފަދަ ބަދަލްތައް ގެނައުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތަކަށް ހެޔޮހިތުން ތާއިދުކުރާ އަދި އެކަންކަން ބަލައިގަންނަ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން މަޖިލީހަށް އިންތިޚާބު ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ފައިސާއާ ނުފޫޒަށް ނުގުޑާނެ ނަޒާޙަތްތެރި މެމްބަރުން އެބަ އިންތިޚާބު ކުރަންޖެހޭ. މަދު ބައެއްގެ މަސްލަހަތު އިސްކޮށް ވެރިކަމުގެ ނިޒާމް ގަޑުބަޑު ކުރުމަށް ފުރުސަތު ނުދޭނެ މެމްބަރުން އިންތިޚާބު ކުރަން އެބަޖެހޭ. ލޮބުވެތި އެންމެހާ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް ބޮޑުތަނުން މެޖޯރިޓީ ދިނުން،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ކެމްޕޭނަށް ކުރެއްވި ދަތުރުފުޅުތަކުންނާއި ބައްދަލުވުންތަކުން އެނގިވަޑައިގެންނެވި ގޮތުގައި ރައްޔިތުން ތިބީ ސަރުކާރަށް މެޖޯރިޓީ ދިނުމަށް ތައްޔާރަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިމަށް ވަޑައިގެންނެވީ ރައްޔިތުންނަށްޓަކައި ކަންކަން ކޮށްދެއްވުމަށް ކަމަށެވެ. "ރައްޔިތުންގެ ޙައްގުގައި ކުރަންހުރި ހުރިހަ ކަމެއް އަޅުގަނޑު ކުރާނަން. މި ސަރުކާރުން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ނުވާނެކަން މިއަންނަނީ ސާބިތުކޮށްދެއްވަމުން. ދައުލަތުގެ މާލީ ތަފްސީލްތައް ފިނޭންސް މިނިސްޓްރީން އެދަނީ ކޮންމެ ހަފްތާއަކު އެއްފަހަރު ހާމަކުރަމުން. ދެފުށް ފެންނަ އުސޫލުން ކަންކަން ކުރަން ފެށުމުގެ ހެޔޮ ނަތީޖާ މިވީ ކުރު މުއްދަތުގާވެސް ފެންނަނަށް ފަށައިފި. ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް މީގެ ކުރީ ސަރުކާރުން 70 މިލިއަން ރުފިޔާ ޚަރަދުކުރިއިރު ހަމަ މިސައްކަތް ކުރުމަށްދަނީ 27 މިލިއަން ރުފީޔާ ކަން މިއަދު އަޅުގަނޑުމެންނަށް އެބައެނގޭ،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުނހުރިހާ ކަމެއްވެސް ކުރައްވާފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ.

ރައްޔިތުން އެންމެ ބޭނުންވެފައިވާ އެއްކަން ކަމަށްވާ  ބޯހިޔާވަހިކަމަށް އެދި ރައްޔިތުން އާދޭސް ކޮށްކޮށް ތިއްބާ ވަރަށް ނާޖާއިޒު ގޮތެއްގައި އަދި ޙައްޤުނޫން އެތައްބަޔަކަށް ޔާމީން ސަރުކާރުން ވަނީ ފުލެޓުތައް ބަހައިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެ މައްސަލަތައް ބަލައި އިންސާފު ހޯދައިދިނުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. "އިރާދަ ކުރެއްވިއްޔާ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން މިސަރުކާރުގެ ފަސްއަހަރުތެރޭގައި ލިބިގެންދާނެ. އަޅުގަނޑުމެން އެކަންކުރާނީ އިންސާފުން. ދެފުށް ފެންނަ އުސޫލުން،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.