އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ކައުންސިލްތަކަށް އެއްމިލިއަން ރުފިޔާ ދިނުމަށް ކަނޑައަޅައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް މިއަހަރުން ފެށިގެން ކައުސިލްތަކަށް އެއްމިލިއަން ރުފިޔާ ދިނުމަށް ކަނޑައަޅައިފިއެވެ. މިކަން ކަނޑައަޅައިފައި ވަނީ "ކަރަންޓު އަގުހެޔޮކުރުމާބެހޭ ޤަރާރު" ގައެވެ. މިޤަރާރު، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކުރައްވައި ނިންމިގޮތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލާސާއަށް ވަނީ ހުށަހަޅައިފައެވެ. މިޤަރާރު މަޖިލީހުން ފާސްކުރެއްވުމުގައި މިއަދުގެ ޖަލްސާގައި ގޮތެއް ނިންމަވާނެއެވެ.

ކޮމެޓީން ޤަރާރު ދިރާސާކޮށް ނިންމަވައިފައިވާ ނިންމުންތަކުގެތެރޭގައި އިއާދަކުރުވަނިވި ހަކަތަ ކުރިއެރުވުމަށް ކައުންސިލްތަކަށް އެއްމިލިއަން ރުފިޔާ ދިނުމަށް ކަނޑައަޅައިފައި ވަނީ، އިއާދަކުރުވަނިވި ހަކަތަ ކުރިއެރުވުމަށް ކަނޑައަޅައިފައިވާ ފައިސާއިންނެވެ. މިއަހަރުން ފެށިގެން ކޮންމެ އަހަރަކު މި ޢަދަދަށް ކައުންސިލްތަކަށް ފައިސާ ދޭންޖެހޭނެކަމަށް ޤަރާރުގައި ވަނީ ކަނޑައަޅުއްވައިފައެވެ. މިފައިސާ ކައުންސިލްތަކަށް ދިނުމަށް ކަނޑައަޅައިފައި ވަނީ ރަށްރަށުގައި ސޯލާޕެނަލް ހަރުކުރަން ބޭނުންވާ މީހުންނަށް ލޯނު ނަގަން އެހީތެރިވެދިނުމުގެ ގޮތުންނެވެ.

ރައްޔިތުންގެ ތެރެއިން ސޯލާ ޕެނަލް ހަރުކުރަން ބޭނުންވާ ފަރާތްތަކަށް ލުއިކޮށް ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން އެކަމަށް ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓް ފަސް އިންސައްތަ އަށް ދަށްކުރުމަށް ވެސް ޤަރާރުގައި ވަނީ ކަނޑައަޅައިފައެވެ. ބީއެމްއެލްގެ ގްރީން ލޯންގެ އިންޓަރެސްޓް ރޭޓް މިހާރު އުޅެނީ 11 ޕަސަންޓްގައި ކަމަށް ވާތީ އެކަމަށް މާބޮޑު ތަރުހީބެއް ނުލިބޭކަން ޤަރާރާ ބެހޭގޮތުން ވާހަކަ ދައްކަވަމުން، ޤަރާރު ހުށަހެޅުއްވި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުޤައްރިރު ، ހޯރަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމް ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓް ބިލް އަގުހެޔޮކުރުމަށްޓަކައި ގޭގޭގެ ފުރާޅުގައި ސޯލަރ ޕެނަލް ހަރުކުރުމުގެ ޕްރޮގަރާމެއް ރާވާ ކުރިއަށް ކުރިއަށް ގެންދިޔުމަށްޓަކައި ކައުންސިލްތަކާއި ބޭންކްތަކާއި ތިމާވެށްޓާބެހޭ ވުޒާރާއާ ގުޅިގެނ ޕްރޮގަރާމެއް ތަޢާރަފްކުރުމަށް ވެސް ޤަރާރުގައި ވަނީ ކަނޑައަޅައިފައެވެ.

ސޯލަރޕެނަލް ހަރުކުރުމާއި، އިއާދަކުރުވަނިވި ހަކަތަ އުފައްދައި ވިއްކުމުގައި ޤާނޫނީ ގޮތުން ހުރި ހުރަސްތައް ނައްތާލުމަށްޓަކައި، ޤާނޫނުތަކާއި ޤަވާޢިދުތައް މުރާޖާކޮށް، އެފަދަ ހުރަސްތަކާ ގުޅޭ ގޮތުން، ތިމާވެށްޓާ ބެހޭ ވުޒާރާއިން ރިޕޯރޓެއް އެކުލަވާލައި، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ތިން ހަފްތާގެ ތެރޭގައި ހުށަހަޅަންޖެހޭނެކަމަށް ވެސް ޤަރާރުގައި ވަނީ ކަނޑައަޅުއްވައިފައެވެ.

ތެލަށް ބަރޯސާވެގެން ކަރަންޓް އުފެއްދުމަކީ ރާއްޖެއަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ކޮމެޓީން ވަނީ ފާހަގަ ކުރައްވައިފައެވެ. ޑީސަލްގަތުމަށް ޖީޑިޕީގެ 10 އިންސައްތައާ ގާތްކުރާ ޢަދަދަކަށް ފައިސާ ހޭދަކުރަންޖެހޭކަން ވެސް ވަނީ ކޮމެޓީން ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި އަގުހެޔޮކޮށް ކަރަންޓް ފޯރުކޮށްދިނުމަށް ސަބްސިޑައިޒްކޮށްގެން އަހަރަކު ބިލިޔަނެއްހާ ރުފިޔާ ޚަރަދުކުރަންޖެހޭކަމަށް ވެސް ކޮމެޓީން ވަނީ ފާހަގަ ކުރެވިފައެވެ. ގްރީން ފަންޑުން އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ކުރާ ހޭދަ ނިސްބަތުން ކުޑަކަމަށް ވެސް ކޮމެޓީން ވަނީ ފާހަގަ ކުރައްވައިފައެވެ.

ޤަރާރުގައި ފާހަގަކޮށްފައިވާ  ކަންތައްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓްގެ އަގު ހެޔޮކޮށް ދިނުމަށް މިހާރުން މިހާރަށް ވެސް ތަންފީޒުކުރުން  މުހިންމު ކަންތައްތަކެއް ކަމަށް ވެސް ކޮމެޓީން ވަނީ ނިނަމައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.