ޓީއެމްއޭއިން ވެސް އަދި އެހެން ބަޔަކުވެސް ރައީސް ނަޝީދަށް ފައިސާ ނުދެއްވާ ކަމަށާއި އެފަދަ ކަމެއް ކުރަން ނުވެސް ކެރޭނެ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވުމުން، ރާއްޖޭގެ ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު އެމަނިކުފާނަށް ރައްދު ދެއްވައިފިއެވެ.
ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ ރިޝްވަތުގެ ގޮތުގައި އެމަނިކުފާނަށް ޓީއެމްއޭއިން ތޭރަ މިލިއަންޑޮލަރު ދީފައިވާ ކަމުގެ ތުހުމަތު، ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ކުރެއްވުމުން އެއަށް ރައްދު ދެއްވަމުންނެވެ.
އެ ތުހުމަތުން ބަރިއްޔަވެ ވަޑައިގަންނަވަމުން ރާއީސް ނަޝީދު ވާހަކަފުޅު ދެއްކެވުމުން ޑރ. ޖަމީލް ވިދާޅުވީ ކަމެއްގައި ބަލަންވާނީ ތުހުމަތު ކުރެވޭ މީހާގެ ޖަވާބަކަށް ނޫންކަމަށެވެ. އެކަމެއް ނިންމަވާނީ ކަމާ ގުޅޭ ފަރާތްތަކުން ހިންގަވާ ތަހުގީގަކުން ކަމަށް ވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ. އެހެން ނޫންނަމަ ފަނޑިޔާރުން ތިއްބަވާނީ މަޤާމުތަކުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ތުހުމަތު ރައްދުވާ ފަރާތުގެ ޖަވާބެއްނޫން ބަލަންވީ. އެހެންނަމަ ފަނޑިޔާރުން ވެސް ތިއްބަވާނީ މަގާމުގައި. ޖިނާއީ ކުށެއް ނުކުރާކަން ގާއިމުވާނީ ކަމާ ގުޅޭ އިދާރާގެ ތަހުގީގަކުން. ގާނޫނު ކުރިމަތީ އެންމެން ވެސް ހަމަހަމަ ވާންޖެހޭ،" ޑރ. ޖަމީލް ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ މައްޗަށް ކުރެއްވި ތުހުމަތުތަކަށް އިންކާރު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރިޝްވަތު ދިނުމުގެ އިތުރުން ދޭން އުޅުމަކީ ވެސް މަނާކަމެއް ކަމަށެވެ. އެހެންކަމުން ނާޖާއިޒު ގޮތުގައި އެއްވެސް ކަމެއް ކުރެއްވުމަށް އެއްވެސް މީހަކު އެމަނިކުފާނާ ގުޅުން ނުބޭއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.