ޖޫންމަހުގެ ކުރިން މާލެ ސަރަހައްދުގެ ކަނެކްޓިވިޓީ މަޝްރޫޢު ފެށޭނެ: ރައީސް

މިއަހަރުގެ ޖޫންމަހުގެ ކުރީން މާލެއާއި ގުޅިފަޅާއި ތިލަފުށި ގުޅައިލުމުގެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް، ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށްހެދުމުގެ މަސައްކަތް އިފްތތާހު ކޮށްދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

އެ މަސައްކަތާއެކު މާލޭގެ ބަނދަރު، ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫޢު ވެސް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މާލޭގެ ޕޯޓް، ގުޅިފަޅަށް ބަދަލުކުރުމަކީ މާލެއަށް ކޮށްދޭންޖެހޭ ކަންކަމުގެ ތެރެއިން ވަރަށްމުހިންމު މަސައްކަތެއް ކަމަށެވެ. ޕޯޓު ބަދަލު ކުރުމުން މުޅި މާލޭގެ މަލަމައްޗަށް ބޮޑު ބަދަލުތަކެއް އަންނަ ތަން ފެނިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ މަގުތަކުގެ ބިމުގެ އަޑީން ވެސް އަސާސީ ޚިދުމަތްތަކެއް ލިބެމުންދާ ކަމަށެވެ.  "ފެނާއި ނަރުދަމާއާއި، ފޯނާއި، ކަރަންޓާއި، ކޭބަލް ޓީ.ވީ.ގެ ނަރުތައް ދެމިފައި އޮތީ ބިމުގެ އަޑީގައި. އެއްވެސް އިންތިޒާމެއް، ހަމައެއްނެތި. މި މަޝްރޫޢު (މާލޭގެ މަގު ހެދުމުގެ މަޝްރޫޢު) ކުރިއަށްދާއިރުގައި، މިކަންތައްތަކަށް ރަނގަޅު ޙައްލެއް އިރާދަކުރެއްވިއްޔާ އަންނާނެ،" ރައީސް ވިދާޅުވިއެވެ. އެކަން ކަމުގެ ދާއިމީ ޙައްލަކަށް ވެގެންދާނީ، މާލޭ މަގުތަކުގައި ތާރު އެޅިގެންދިޔުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.