ފުސްބިއްލޫރި - 39

(12 ފެބްރުއަރީގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ބައްޕަ ދުވަހަކުވެސް މީހަކަށް ދޮގެއް ނަހަދަންތަ؟ އެއްވެސް ކަމެއް ސިއްރެއް ނުކުރަންތަ؟ މީހަކަށް އޮޅުވައެއް ނުލަންތަ؟ ބައްޕަ އުފަންވީ މުސްލިމެއްގެ ގޮތުގައި ކަމަށް ވިޔަސް ބައްޕަ ހުންނާނީ ދިރިއުޅުުމުގެ އެކި މަރުހަލާ ތަކުގައި މި ހުރިހާ ކަމެއްވެސް ކޮށްފައި. އެހެން ކަންކަން ވެސް... އަހަންނަށް ޔަގީން. ބައްޕަގެ ނޭއްގާނީ ކަމެއްގެ ސަބަބުން ހިތުގައި ޖެހުނު ކޮންމެ މީހަކަށް ބައްޕައަށް އަދަބު ދިނުމުގެ ހައްގު ލިބިދޭތަ؟ އެއިން ކޮންމެ މީހަކީ ބައްޕަގެ އަބުރާއި އިއްޒަތުގެ ދަރަޖައަކީ ކޮބައިކަން ކަނޑައެޅުމުގައި ހުކުން ކުރުމުގެ ހައްގު ލިބިފައިވާ މީހެއްތަ؟"

"އޮޅުވާލައިގެން އުޅުނު މީހެއްގެ މޫނަށް ކުޅު ޖެހުމަކީ މައްސަލައެއް ނޫން!" މަޒްހަރް ބުންޏެވެ.

އެކަހަލަ ފިރިހެނަކަށް އޮތް އަދަބަކީ ކޮބާ؟ އޭނާއަށް މާފުކުރަންވީތަ؟ ޤުރްއާނުގައި އަންހެނުންނަށްވަކި އަދަބެއް ފިރިހެނުންނަށް ވަކި އަދަބެއް ކަނޑައަޅާފައެއް ނެތް."

"ކަލޭގެ މަންމައަކީ ރަންޑިއެއް." ޒަނީނާ ދިމާއަށް އިނގިލި ދިއްކޮށްފައި މަޒްހަރް ހަޅޭއްލަވައިގަތެވެ.

"އިސްލާމް ދީނަށް ވަން ފަހުން މަންމަ ހަށިވިއްކިތަ؟ ބައްޕައާއި ކާވެނިކުރިފަހުން ބައްޕައަށް އޮޅުވައިލިތަ؟ ބައްޕަޔާ އިންނަން އެހީ މަންމަތަ؟ މަންމައާ އިންނަން ނިންމީ ބައްޕަ އަމިއްލައަށް، ބައްޕަގެ ސަގާފަތާއި އާދަކާދައާއި ދެކޮޅަށް. އެ ހިސާބު އަންހެނުންގެ އުޅުން ހުންނަނީ ބައްޕަގެ ގައުމުގެ އަންހެނުންގެ އުޅުން ހުންނަ ގޮތަށް ނޫންކަމެއް އޭރަކު ނޭނގޭތަ؟ މަންމައަކީ ބިކުރުވެރިއެއް ނޫންކަން ބައްޕަ ގާތު ކާވެނީގެ ކުރިން މަންމަ ބުނި. އޭރު ބައްޕައަށް އެކަން މައްސަލައަކަށް ނުވި. ފަހުން މައްސަލައަކަށްވީ ކީއްވެ؟"

"މަންމައަށް ބައްޕަ ދެއްކީ ކޮން އިސްލާމް ދީނެއް؟ ބައްޕަ އިސްލާމްދީނުގެ އެއްވެސް ރުކުނެއް އަދާކުރި ތަނެއް އަހަރެން ދުވަހަކުވެސް ނުދެކެން. ނަމާދުކުރި ތަނެއް ނުދެކެން، ރޯދައެއް ނުހިފާ. މަންމައަށް މަޖުބޫރުކޮށްގެން އެޅުވި މޫނު ބުރުގާ އަހަރެމެންގެ އާއިލާގައި މިހާރު އިންނަ އަންހެން މީހާއަށް މަޖުބޫރު ނުކުރީ ކީއްވެ؟ މުސްލިމެއްގެ ގޮތުގައި އުފަންވީ ބައްޕަ. އެކަމަކު ދުވަހަކު އިސްލާމްދީނުގެ އުސޫލާ އެއްގޮތަށް ބައްޕައެއް ނޫޅޭ. މަންމައަށް އިސްލާމް ދީން އެނގުނީ ބައްޕަ އުނގަންނައިދިން މިންވަރަކަށް، އަދި ފަހުން އިން މީހާގެ ފަރާތުން. އެކަމަކު މަންމަ އުޅުނީ މުސްލިމުން އުޅެންވާ ގޮތަަށް. މަންމަގެ ތަގުވާވެރިކަމާއި އަޅުވެރިކަން ހުރީ އާއްމު އެހެން މީހުންނަށްވުރެ މާ މަތީ ދަރަޖައެއްގައި."

"ބައްޕަ ކަހަލަ ވަރަށް ގިނަ މީހުން މި ދުނިޔޭގައި އުޅޭ. ދީނުގެ ޑަނޑޫރާ ޖަހަމުން ހިނގާ މީހުން މަދެއް ނޫން. އެއީ އެހެން މީހުންނަށް ތިމާގެ ރަނގަޅުކަން ދައްކަން ކުރާ ކަމެއް. އެކަމަކު އެއިން މީހަކު ދީނުގެ އަސްލު މަފުހޫމަކަށް އަމަލެއް ނުކުރޭ. އޯގާތެރިކަމާއި ހިތްތިރިކަމާއި ސަދަގާތުގެ ކަންކަމަކީ އެއިން މީހަކު ދަންނަ ކަމަކަށް ނުވޭ. ބައްޕަ ކަހަލަ ދީނުގެ ވާހަކަ ދައްކަމުން ހިނގާ މީސްމީހުން ދެކެނީ އެ މީހުން ދުނިޔެއަށް ފޮނުއްވީ އަންހެނުންނަށް އިއްފަތްތެރިކަން ދަސްކޮށްދޭން ކަމުގައި. ބައްޕަ ކަހަލަ މީހުންނަކީ ކުށަކާ ނުލައި އަނބިމީހާ ވަރިކޮށް އެއްލައިލުމަށް ފަހު އެ އަންހެންމީހާ އަތުން އޭނާގެ ދަރިފުޅުވެސް ފޭރިގަންނަ މީހުން. ބައްޕަ ކަހަލަ މީހުންނަށް ދީނަކީ ހަމައެކަނި ރަސްމެއް. ބައްޕައަކީ ކޮންފަދަ ބޮޑު މުނާފިގެއް. ދެފުށްކެހެރިއެއް."

"ކޮބާތަ ބައްޕަގެ އަބުރުވެރި އެކުވެރިޔާ؟ ޒުވާން އިރު ހަށިވިއްކާ އަންހެނުންނާއެކު ރޭކުރި ވާހަކަ އޭނާގެ އާއިލާ މީހުންނާއި އަނބިމީހާ ގާތު ބުނެފިތަ؟ އޭނާގެ ހެޔޮ އަމަލުގެ ވާހަކަ އާއިލާއަށް އަންގާކަށް ބައްޕަ ގަސްތެއް ނުކުރަންތަ؟"

ކޮޓަރިތެރެއަށް ހިމޭންކަން ވެރިވިއެވެ. މަޒްހަރު ބުނާނެ އިތުރު އެއްޗެއް ނެތެވެ.

"އެ އަންހެން މީހާ މުޅި އުމުރު ހޭދަކުރީ އޭނާގެ އަމިއްލަ ދަރިފުޅު ވީނުވީ ތަނެއް ނޭނގި. މިވީ ތިރީސް އަހަރުތެރޭ އެ އަންހެން މީހާއާ ދޭތެރޭ އެންމެ ފަހަރަކުވެސް ވިސްނާލީމުތަ؟ ގިޔާމަތް ދުވަހުން ޚަދީޖާ ނޫރް އާ ކުރިމަތިލާން ޖެހޭނެކަމާ މެދު ވިސްނާލީންތަ؟ ޒަނީނާ ކުރިމަތި ލާންޖެހޭނެ ކަން އެނގޭތަ؟ އެކަމާ ވިސްނާލީންތަ؟"

"އިންސާނުން އެއްބަޔަކު އަނެއްބަޔަކު ގަބީލާތަކަށް ބައިކުރާ، އެކެއް އަނެކަކާއި ވަކިކުރާ، އަދި އިންސާނުންގެ ހިތް އިންސާނިއްޔަތުކަމުން މަހްރޫމުކުރާ އާދަކާދަޔާ ސަގާފަތް މަތިން ހަނދާން ނައްތައިލާ."

"ޚަދީޖާ ނޫރްގެ ދަރިއަކަށްވީތީ އަހަރެން ފަޚުރުވެރިވަން. ގިޔާމަތް ދުވަހު އަހަރެން ފާހަގަ ކުރެވޭނީ ޚަދީޖާ ނޫރްގެ ދަރިއެއްގެ ގޮތުގައި. އެ ދުވަހަކުން ﷲ ގެ ދަރުބާރުގައި އަހަރެން ބައްޕައަކަށް މާފެއް ނުކުރާނަން. މަންމައާއި އަހަންނަށް ދިން ގެއްލުމުގެ ބަދަލަށް އެދޭނަން."

ޒަނީން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

މަޒްހަރް އެތައް އިރެއް ވާންދެން އެތާނގައި އިށިނދެގެން އިނެވެ. "އެއީ ތެދެއް ހެއްޔެވެ؟ އަހަންނަކީ ހިތެއް ފިތެއް ނެތް ޚަސީލަތް ނުބައި މީހެއް ހެއްޔެވެ؟ އަހަރެން ނަމާދު ކުރަނީ މީހުންނަށް ދައްކަން ހެއްޔެވެ؟ ޚަދީޖާ ނޫރާއި ޒަނީނާ މެދު އަހަރެން ކަންތައް ކުރީ އިންސާފުން ބޭރުން ހެއްޔެވެ؟ އަހަރެންގެ އަމިއްލަ ނަފުސާ މެދު ކަންތައް ކުރީ ނާއިންސާފުން ހެއްޔެވެ؟ ފާފައަކީ ކޮބައިކަން އަހަންނަށް އެނގޭ ހެއްޔެވެ؟ އަހަރެން ބަލަނީ އެހެން މީހުންގެ އަމަލުތަކުގެ މައްޗަށް ހެއްޔެވެ؟ އަހަރެން ބަލަނީ އެހެން މީހަކު ފާފައެއް ކުރޭތޯ ހެއްޔެވެ؟ ގާނޫނީ ދާއިރާއިން ކިޔެވުނީމާ އެހެން މީހުންނަށް ހުުން ކުރުމާއި އެހެން މީހުންގެ އަމަލުތައް މިނެކިރުމުގެ ބާރާއި އިޚްތިޔާރު ލިބުނީ ކަމަށް އަހަންނަށް ގަބޫލު ކުރެވެނީ ހެއްޔެވެ؟ މުސްލިމެއްގެ ގޮތުގައި އުފަންވީތީ އެކަމަށްޓަކައި ބޮޑާވެ، ސުވަރުގެއަކީ އަހަރެންގެ ހައްގެއް ކަމަށް އަމިއްލައަށް ކަނޑައެޅީ ހެއްޔެވެ؟ އަހަންނަކީ އަމިއްލައަށް ނަފުސަށް އޮޅުވައިލައިގެން އުޅޭ މީހުންގެ ތެރޭގައި ހިމެނޭ މީހެއް ހެއްޔެވެ؟"

މިއީ ފާއިތުވީ ތިރީސް އަހަރުގެ ތެރޭގައި މަޒްހަރް އޭނާގެ އަމިއްލަ ނަފުސާ ސުވާލުތަކެއް ކުރިމަތި ކުރުވި ފުރަތަމަ ފަހަރެވެ. އެކަމަކު ބައެއް ސުވާލުތަކަކީ ޖަވާބެއް ދޭން ޖެހޭ ސުވާލުތަކެއް ނޫނެވެ. އެ ސުވާލުތަކުގެ ޖަވާބު ސާފުކޮށް ފެންނާން ހުރެއެވެ. ޖަވާބަކީ ދިމާއަށް ފެންނާން އޮންނަ ހަގީގަތެވެ. ހަގީގަތާ ކުރިމަތިލާން ޖެހުނީމާ ކޮންމެ މީހަކުވެސް ބަލިވެދެއެވެ. ހެޔޮ މަގު ހޯދަން ހިނގާ މީހާ ބައެއް ފަހަރަށް ޚިޔާރުކުރާ މަގަކީ ރަނގަޅު މަގަކަށް ނުވެ ހިނގައިދެއެވެ. އެކަން އޭނާއަށް އިހްސާސް ކުރެވެނީ މާ ފަހުންނެވެ. އެ މަގަކީ އޭނާ އަމިއްލައަށް ޚިޔާރުކުރާ އަމިއްލަ އެދުމުގެ މަގެއްކަން އެނގޭއިރު އޮންނަނީ މާ ލަސްވެފައެވެ.

***

އެރޭ އޭނާއަށް ހޭލެވުނެވެ. ގަޑިން ވީ އިރެއް ނޭނގެއެވެ. އެސްފިޔަ ހުރީ ބަރުވެފައެވެ. ނިދާ ބޮކިން ކޮޓަރިތެރެއަށް ފެހި އައްޔެއް ވެރިވެފައި އޮތެވެ. އިރުކޮޅަކަށް އޭނަގެ ހިތަށް ފިނިކަން ވެރިވިއެވެ. ފަންގިފިލައަށް ބަލަަހައްޓައިގެން އުއްޑުން އޭނާ އޮތެވެ. އެހެން އޮއްވައި ވިދުވަރެއްހައި ހަލުވިކޮށް މިދިޔަ ދުވަސްތަކުގެ ބައެއް ކަންކަން ހަނދާނަށް އައެވެ. ރުޅި އައިސްގެން އަޑު އުފުލި ހަނދާނެވެ. މީހުންގެ ބޮލުގައި އެކި ތުހުމަތު އެޅުވި ހަނދާނެވެ. އޭނާ އުޅުނު ގޮތެވެ. ހިތަށް ވެރިވި ފިނިކަން ހިތާމައަށް ބަދަލުވިއެވެ. ދިރިއުޅުމުގެ ބިރުވެރި ހުވަފެން ހިތަށް އެރިއެވެ. މިއަދު އޭނާއަށް އެހީވާން މަންމައެއް ނެތެވެ. އޭނާ ނުތަނަވަސްކަމާއެކު ފުރޮޅިލިއެވެ. އޭނާ ބަަލިކަށި ވެފައިވާ މިންވަރު އިހްސާސް ކުރެވުނީއެ ވަގުތުއެވެ. ކަރުތެރެ ވަނީ ހިކިފައެވެ. އެއް ފަރާތަކަށް ބަލައިލީ ވަގުތު އޭނާއަށް ޒަނީން ފެނިއްޖެއެވެ.

ކޮޓަރީގެ ފަހަތު ކަނުގައި ހުދު ހެދުމުގައި ޒަނީން ސަޖިދައިގައި އޮތެވެ. މަރިޔަމް މަންމަގެ މަތިން ހަނދާންވިއެވެ. ދަންވަރު ހޭލެވުމުން މަންމަ ދަމު ނަމާދުކުރާ ތަން ބަލަން ކިތައްރޭ އޭނާ އޮތް ހެއްޔެވެ. ނަމާދުކުރާތަން ބަލަން އޮންނަ އިރު ހިތަށް އަރައެވެ. "ދަމު ނަމާދުން މަންމައަށް ލިބުނީ ކޯޗެއްހެއްޔެވެ؟ ކޮންމެ ދުވަހަކު ކުރާ ފަސް ނަމާދުން ނުފުދެނީ ހެއްޔެވެ؟ ކޮންމެރެއަކި ދަންވަރު އަޅުކަމަށް ތެދުވީމާ ގޭގެ އެންމެންނަށް އެ އުނދަގޫ ޖެހެއެވެ. އެހެން އޮވެފައި ފުރަގަހަށް އެނބުރި އަނެއްކާވެސް ނިދައެވެ. މަރިޔަމަށް ހޭލެވިދާނެތީ މަންމަ ކިތަންމެ ބަލައިގެން އުޅުނަސް މަރިޔަމް ހޭލައެވެ. ހޫނު މޫސުމުގައި މަންމަ ނަމާދު ކުރަނީ ގޯތި ތެރޭގައެވެ. ނަމަވެސް ފިނި މޫސުމުގައި ވުޟޫކޮށްގެން ކޮޓަރިއަށް ވަދެއެވެ.

މަންމަ މަތިން ހަނދާން ކުރަމުން އޭނާ ޒަނީނަށް ބަލަން އޮތެވެ. މީގެ ފަހުން ދުވަހަކުވެސް މަންމަ ނުފެންނާާނެއޭ ހިތަށް އެރީމާ ވަރަށް ދެރަވިއެވެ.

ޒަނީން ނަމާދުކޮށް ނިމިގެން މުސައްލަ ފައްޖަހަމުން މަރިޔަމަށް ބަލައިލިއެވެ. މަރިޔަމް އޮތީ އޭނާއަށް ބަލާށެވެ. މުސައްލަ ބާއްވާފައި މަރިޔަމް ކައިރިއަށް އައެވެ. މަރިޔަމް ގާތު އިށީނދެފައި އެނދުއަރިމަތީ ބޮކި ދިއްލައިލިއެވެ. ކޮޓަރިތެރެ އަލިވިއެވެ. "ކިހިނެއް؟ ރަނގަޅުތަ؟" ހުން ހުރިތޯ ބަލަން މަރިޔަމްގެ ނިތްކުރީގައި އަތް ޖައްސާލަމުން ޒަނީން އެހިއެވެ.

އެސުވާލަށް މަރިޔަމް ޖަވާބެއް ނުދިނެވެ. ޒަނީން މަރިޔަމްގެ ކަނާތް އޭނާގެ އަތު ތެރެއަށް ލިއެވެ. އަދި ގުދުވެފައި މަރިޔަމްގެ އަތުގައި ބޮސް ދިނެވެ.

މަރިޔަމަށް ހީވީ އޭނާގެ ގަޔަށް ހޮނެއް އެޅިހެންނެވެ. އެނދުގައި އިށީނީ މަންމަހެން ހީވިއެވެ. އެއީ ކޮންމެ ރެއަކު ނަމާދުކޮށް ނިމިގެން އައިސް މަންމަ ކަންކުރާ ގޮތެވެ. ކޮންމެ ދުވަހަކުހެން މަންމަ އޭނާ ހޭލައްވަނީ ވެސް އެގޮތަށެވެ. ޒަނީން ދެންމެ ބޮސްދިންހެން ކަނާތުގައި ބޮސްދީގެންނެވެ. އޭނާގެ ހަށިގަނޑު ތެރޭގައި ކުށެއް ކުރެވުމުގެ އިހްސާސް ހިލިގަތެވެ. މަންމަ ދިން ގަދަރާއި އިހްތިރާމް އޭނާއަށް ހައްގު ހެއްޔެވެ؟ ނުވަތަ ފިރިމީހާ އެ ދޭ އިއްޒަތް އޭނާއަށް ހައްގު ހެއްޔެވެ؟

"މިހާރު ވަރަށް ހުން ގަދަ. އިރުކޮޅަކު އަރާމުކޮށްލާ. ރަނގަޅުވާނެ." ޒަނީން ބުންޏެވެ. "އެއްޗެއް ބޭނުންތަ؟"

އެ ސުވާލަށް މަރިޔަމް ޖަވާބެއް ނުދެއެވެ. މަރިޔަމް ބޭނުންވީ އޭނާ އަމިއްލައަށް އުފެއްދި ނަރަކައަށް އޭނާ އެކަނި ދޫކޮށްފައި ޒަނީން އެތަނުން ދުރަށް ދާށެވެ. ޒަނީނާ ހަތަރުކަޅި ހަމަކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.

"ފެން ތަށްޓެއް ބޭނުންތަ؟" ޒަނީން އެހިއެވެ.

"އަހަރެންގެ ހަށިގަނޑުގެ ތެރޭގައ އަނދަމުންދާ އަލިފާން ފެނުން ނިއްވައިލެވޭނެތަ؟" މަރިޔަމްގެ ހިތަށް އެރިއެވެ. މަރިޔަމް އަނގަޔަކުން ނުބުނެއެވެ. އެކަމަކު އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

އެނދުއަރިމަތީ މޭޒުގައި ހުރި ޖަގުން ޒަނީން ތަށްޓަކަށް ފެން އެޅިއެވެ. އެނދުގައި އިށީންނަށް މަރިޔަމަށް ޒަނީން އެހީވިއެވެ. އަދި އޭނާގެ ތުންފަތުގައި ފެންތަށި ޖެއްސިއެވެ. ފެން ބޮއިގެން އޭނާ އަނެއްކާވެސް އޮށޯތެވެ. އޭނާ އޮތީ ވަރުބަލިވެފައެވެ.

"އަދި ބޭނުންތަ؟" ޒަނީން އެހިއެވެ.

ނޫނެކޭ ބުނުމުގެ ގޮތުން މަރިޔަމް ބޯ ހޫރައިލިއެވެ. މަރިޔަމް ވާހަކަ ދައްކަން ބޭނުންނުވާކަން އެނގުމުން ޒަނީން އެނދުން ތެދުވިއެވެ. "ބޮކި ނިއްވާލަންތަ؟" އޭނާ އެހިއެވެ.

"ނޫން." ޒަނީން އޭނާއާއި ދުރަށް ދާތީވެ ކޮޓަރިތެރެ އަލިކޮށް އޮތަސް އެއީ މައްސަލައެއް ނޫނެވެ. ޒަނީން ތެދުވެގެން ގޮސް އެނދުގެ އަނެއް ފަރާތުގައި އޮށޯތެވެ. އެކަމަކު ލޯ މަރައެއްނުލިއެވެ. މަރިޔަމަށް ބަލަން އޮތީއެވެ. މަރިޔަމް އޮތީ ފަންގިފިލައަށް ބަލަހައްޓައިގެންނެވެ. އޭނާގެ ގައިން ހުން ނުފިލައި ހުންނަތާ މިހާރު ތިން މަސްވީއެވެ. ބައެއްފަހަރު އޭނާ މޮޔަވެދާނެހެން ވެސް ހީވެއެވެ.

މަރިޔަމް މާ އަނގަ ގަދަވެގެން އުޅެނީ ހުން ގަދަ ކަމުން ކަމަށް ޑޮކްޓަރުން ހީކުރި ނަަމަވެސް އެއީ މަންމައާއި ފިރިމީހާއާ މެދު ކަންކުރެވުނު ގޮތުން ކަން ޒަނީނަށް އެނގެއެވެ. އަނގަ ގަދަވެގެން އުޅޭތާ ވެސް ތިން ދުވަސް ވެއްޖެއެވެ. ޒަނީން އެންމެ ފަހަރަކުވެސް އޭނަ ގާތުން ދުރަކަށް ނުދެެއެވެ.

"މަރިޔަމް، ނިދޭތޯ ބަލާބަލަ. އޭރުން އަވަހަށް ރަނގަޅުވާނީ." މަރިޔަމްގެ ކޮނޑުގައި ފިރުމައިލަމުން ޒަނީން ބުންޏެވެ.

މަރިޔަމް އެނބުރިފައި ޒަނީނަށް ބަލައިލިއެވެ. "އަހަރެން ދެކެ ނަފްރަތެއް ނުކުރަންތަ؟" މަރިޔަމްގެ އަނގައިގައި ވަރެއް ނެތެވެ.

"މަރިޔަމް، މިހާރު ވަރަށް ދަންވެއްޖެ. އަރާމުކުރެވޭތޯ ބަލާ." ޒަނީން އެ ސުވާލަށް ޖަވާބެއް ނުދިނެވެ.

"އަހަރެން ދެކެ ނަފްރަތު ނުކުރަންވީ ކީއްވެ؟ އަހަރެން ދެކެ ރުޅި އަންނަންޖެހޭ." މަރިޔަމް ބުންޏެވެ.

"މަރިޔަމް، މަރިޔަމް ދެކެ އަހަރެން ރުޅިއެއް ނާދޭ." ޒަނީން ވަރުބަލި ރާގަކަށް ބުންޏެވެ. "ރުޅި އަންނަން އުޅުނަސް ނާދެވޭ."

"އެއީ ކީއްވެ؟"

"އެއީ އަހަރެންގެ މަންމަ މަރިޔަމް ދެކެ ލޯބިވީތީ. އަހަރެން ދެކެ ލޯބިނުވާ ވަރަށް މަރިޔަމް ދެކެ މަންމަ ލޯބިވި. މަރިޔަމް ހިތުގައި ޖެހޭ ކަމެއް އަހަރެން ނުކުރާނަން. އެކަހަލަ ކަމެއް ކުރެވިއްޖެ ނަމަ މަންމަގެ ހިތުގައި ޖެހިދާނެތީ."

މަރިޔަމް އޭނާގެ ކޮނޑުމަތީން ޒަނީންގެ އަތް ދުރަށް ޖައްސާލާފައި ތެދުވެ އެނދުގައި އިށީނެވެ. "މަންމާ... މަންމާ..." މަރިޔަމްގެ ނޭވާ ހާސްވިއެވެ. ނޭވާ ނުލެވިގެން ދެއަތުން މަޑުމަޑުން ކަރުގައި ފިރުމަމުން ނޭވާލާން މަސައްކަތްކުރިއެވެ.

ޒަނީން އެނދުން ތެދުވެގެން ގޮސް ޑޮކްޓަރު ދީފައި ހުރި ބޭސް ނަގައިގެން ގޮސް ފެންތަށްޓެއް އެޅިއެވެ. މަރިޔަމް ބޭސްގުޅަ އަތުލިއެވެ. އެކަމަކު ޚިޔާލު ބަދަލުވިއެވެ. ހޮޑުލަވާހެން ހީވާން ފެށިއެވެ. ތެދުވެގެން ބާރަށް ހިނގާފައި ގޮސް ފާޚާނާއަށް ވަދެ މޫނު ދޮންނަ ތަށީގެ އިސްކުރު ދޫކޮށްލިއެވެ. ހޮޑުލަވާހެން ހީވިއަސް ހާބަނޑާ ހުރުމުން ހޮޑެއް ނުލެވެއެވެ. އޯކާ ދެމިދެމި އެތަނުގައި އެތައް އިރަކު ހުއްޓެވެ. ޒަނީން ފިކުރު ބޮޑުވެފައި އޭނާއަށް ބަލަން އިނެވެ. އެންމެ ފަހުން މޫނު ދޮވެގެން އޭނާ ކޮޓަރިއަށް ވަނެވެ. ޒަނީން އޭނާއަށް އެހީވާން އުޅުނެވެ. މަރިޔަމް އޭނާ ކޮއްޕައިލިއެވެ. "ޒަނީން، އަހަރެން މިވަގުތު އަދި އެހީއެއް ބޭނުމެއް ނޫން." ބަލިކަށި އަޑަކުން މަރިޔަމް ބުންޏެވެ.

މަރިޔަމް ކޮޓަރީގެ މެދުގައި ހުއްޓިލިއެވެ. ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން އުޅޭހެން ހީވެއެވެ. އެހެން ހުރެފައި ކޮޓަރި ތެރެއަށް ވަށައިގެން ނަޒަރު ހިންގައިލިއެވެ. ހުރިހާ ފާރެއްގައި ވެސް ހުރީ އޭނާގެ ކުރެހުންތަކެވެ. މަރިޔަމް ކުރަން އުޅެނީ ކީއްކަން ޒަނީނަށް ވަގުތުން އެނގުނެވެ. އޭނާއަށް މަރިޔަމް ހުއްޓުވުމުގެ ކުރިން މަރިޔަމް ފާރުން ކުރެހުމެއް ނައްޓައި، ސޯފާގެ އަތްގަނޑުގައި ތަޅަން ފެށިއެވެ. ޒަނީން އޭނާގެ އަތުން އެ ކުރެހުން ޖަހައިގަތެވެ. އެކަމަކު އޭރު އެ ކުރެހުން ހަލާކުވެއްޖެއެވެ.

"މިއީ އަހަރެންގެ ކުރެހުމެއް. އަހަރެން ބޭނުން ގޮތެއް މި ކުރެހުމަށް ހެދޭނެ." އަނެއް ފާރާ ދިމާއަށް ދާން މަރިޔަމް ހިނގައިގަތެވެ. ފާރުން ކުރެހުން ނެއްޓުމުގެ ކުރިން ޒަނީން ގޮސް އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

"ހުއްޓާލާ މަރިޔަމް. ކީއްވެ ތިހެން ތި ހަދަނީ؟ ސްޓޫޑިއޯ ވެސް އެހެރީ އަޅިއަށް ހަދާފައި. މި އެއްޗެހި ބަހައްޓާ."

"މި ކުރެހުން އެކަނި ހަލާކު ކުރިޔަދީ... މީތި އެކަނި..." ޒަނީންގެ އަތުން އަތް ދަމައިގަންނަން މަސައްކަތް ކުރަމުން މަރިޔަމް ބުނެލިއެވެ.

ޒަނީން އޭނާ އަތުލަފިކޮށްގެން ސޯފާ ކައިރިއަށް ގެންދިޔައެވެ. މަރިޔަމް އިނީ ދާހިއްލާ ފޯވެފައެވެ. "ވެގެން އުޅޭ ގޮތް ކިޔައިދީބަލަ، މަރިޔަމް." މަރިޔަމް ގާތު ބިންމަތީގައި އިށީންނަމުން ޒަނީން ބުންޏެވެ.

"އަހަންނަކަށް ހަމަޖެހުމެއް ނުލިބޭ.. ހީވަނީ އެތެރެހަށީގައި ރޯވެ، އަނދައަނދައި ހުންނަހެން..." މަރިޔަމްގެ މޫނުން އޮށްދާ ހިއްލަން ފެށިއެވެ. ލައިގެން އިން ކޮޓަން ފޮތީގެ ނިދާ ހެދުމެކެވެ. އެ ހެދުންވެސް އޮތީ ދަލުން ތެމިފޯވެފައެވެ. ޒަނީން މަރިޔަމްގެ އަތް އޭނާގެ އަތު ތެރެއަށް ލިއެވެ. އަތް ހީވަނީ ގަނޑުފެންގަނޑެއް ހެންނެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.