(5 ޖެނުއަރީ 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އިރުކޮޅަކު މަންމައަށް ބަލަން އިނދެފައި ޒަނީން ބުންޏެވެ. "މަންމާ، އެއްވެސް ސަބަބަކާ ހުރެ މަރިޔަމާ ނީނދެވެންޏާ އަހަރެން ދުވަހަކުވެސް މީހކާ ނީންނާނަން."
"ތިވާހަކަ މައިންބަފައިން ގާތު ބުނިންތަ؟" މަންމަގެ އަޑުގައި ކަންބޮޑުވުމުގެ އެއްވެސް އަސަރެއް ނެތެވެ. އޭނާ ވާހަކަ ދެއްކީ ވަރަށް ހަމަޖެހިލައިގެންނެވެ.
"އާނ، ބުނިން. އޭގެ އިތުރަށް ވެސް ކިތަންމެ ވާހަކައެއް ބުނިން. އެކަމަކު އެމީހުންނަކަށް އަޑު އިވޭހެން ހިއެއް ނުވޭ. އަހަރެންގެ އިހުސާސްތައް އެމީހުންނަކަށް ނޭނގޭ."
"އަދި އެއްފަހަރު ވާހަކަ ދައްކާލަންވީނުން."
"މަންމާ، ކިތަންމެ ގިނައިން ވާހަކަ ދެއްކިއަސް އަހަންނަކަށް ބައްޕަމެންނަށް ވިސްނައެއް ނުދެވޭނެ. ބައްޕަ ބުނީ އަހަންނަކީ މިނިވަނެކޭ. އަހަރެން ބޭނުން މީހަކާ އިންނާށޭ. އެކަމަކު ކާވެނީގެ ވަހަކަ ދައްކާން މިގެއަކަށް ބައްޕައެއް ނާންނާނެ. އަދި ކާވެނީގެ ރަސްމިއްޔާތުގައި ބައިވެރިއެއްވެސް ނުވާނެ. އަހަރެން ކޮންމެ އެއްޗެއް ބުންޏަސް ބައްޕަގެ ދެނީ އެއް ޖަވާބެއް."
"ބައްޕަ ނުގަބޫލުވަނީ ކޮންކަމަކާ؟"
އެވާހަކަ ބުނާން ޒަނީނަކަށް އެހާ ފަސޭހައެއް ނޫނެވެ. "ތީ ބައްޕަ ނުގަބޫލުވާ ހަމައެކަނި ކަމަކީ، ބައްޕަ ނުގަބޫލުވަނީ މަންމަޔާ." މަންމަގެ ހިތުގައި ޖައްސާކަށް ޒަނީން ބޭނުމެއް ނުވިއެވެ. ސީދާ ޖަވާބެއް ނުދިނީ އެހެންވީމައެވެ. "ބައްޕަ ނުގަބޫލުވެފައި ހުރެދާނެއެއްނުން.... މަންމާ، ވިސްނައިލަބަލަ. އަހަންނަކީ އެއްވެސް ވަރަކަށް ބައްޕައަށް ބަރޯސާ ވެގެން އުޅޭ މީހެއް ނޫން. އަހަރެންގެ އަމިއްލަ ގެއެއް އެބަހުރި. އަމިއްލަ ވިޔަފާރި އެބައޮތް. އަހަރެން އުޅެނީ އަމިއްލައަށް. ކާވެނީގެ ސަބަބުން އަހަރެންެގެ ދިރިއުޅުމަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ، ބަދަލެއްވެސް ނާންނާނެ. މަރިޔަމަކީ އަހަރެންގެ އަނބިމީހާގެ ގޮތުގައި އާއިލާއިން ބަލައިގަނޭތޯ ކާވެންޏަށް ފަހު ވެސް އަހަރެން މަސައްކަތް ކުރާނަން." ޒަނީން ބުނެލިއެވެ.
"ބަލައިނުގެންފިއްޔާ؟"
"ބަލައިނުގަތަސް އޭގެ ސަބަބުން މަރިޔަމަށްވެސް އަހަންނަކަށް ވެސް އަސަރެއް ނުކުރާނެ."\ މަންމާ، މަންމަގެ ކަންބޮޑުވުން އަހަންނަށް ވަރަށް ރަނގަޅަށް ވިސްނޭ. މަންމަ ކަންބޮޑުނުވޭ. މަރިޔަމަކީ އަހަރެންގެ ޒިއްމާއެއް. މާލީ ގޮތުން ވެސް މަރިޔަމަށް އެއްވެސް ދައްޗެއް ކުރިމައްޗެއް ނުވާނެ. މަންމަ ރުހެންޏާ އަހަރެންގެ ގެވެސް މަރިޔަމްގެ ނަމަށް ބަދަލުކޮށްފާނަން. ކާވެނީގެ ރަނުގެ ގޮތުގައި މަންމަ ބޭނުން ކޮންމެ އެއްޗެއް ދޭން އަހަރެން މިހިިރީ ތައްޔާރަށް. މަންމަ ބުނި އެއްޗެއް އަހަރެން މަރިޔަމަށް ދޭނަން."
"ޒަނީން، ކާވެންޏަކީ މުދަލާއި ފައިސާގެ މައްޗަަށް ބިނާވެފައި އޮންނަ އެއްޗެކޭ ދަރިފުޅަށް ހީވަނީތަ؟ ކާވެނީގައި ހިމެނޭ މީހުން އަންނަނީ މުދަލާއި ފައިސާއަށް ފަހުތަ؟ ނުވަތަ ފޭލިވާ ކާވެންޏަށް އޮތް ތަސައްލީ އަކީ ފައިސާއޭ ހިވަނީތަ؟ ގެއަކާއި ބޭންކް އެކައުންޓުގައި އުމުރަށް އުޅެވޭ ވަރަށް ފައިސާ ހުރުމުން ވަރިވެފައި އިންނަ އަންހެނަކަށް އުފަލުގައި ދިރިއުޅެވޭނެއޭ ހީވަނީތަ؟ މަރިޔަމްގެ ހަޔާތުގެ ބާކީ ބަޔަށް ގެއަކާއި ފައިސާއިން އެކަނި ފުދޭނެހެން ދަރިފުޅަށް ހީވޭތަ؟"
ޒަނީން ގޮތް ހުސްވެފައި މަންމައަށް ބަލަން އިނެވެ. "މަންމާ، އެހެނެއް ނޫން މިބުނީ. އަހަރެން މިބުނަނީ އަރާމާއި ލައްޒަތުގައި އުޅެވޭނޭ ދިރިއުޅުމެއް މަރިޔަމަށް ހޯދައިދޭނަމޭ."
"މިތަނުގައި އުޅެންޏާ މަރިޔަމް އުޅެންޖެހޭނީ އަހަރެމެންގެ ސަގާފަތާއި އެއްގޮތަށް... ދަރިފުޅުގެ އާއިލާގެ ރުހުން ނުލިބެނީސް މަންމައަށް ތި ކާވެންޏަށް އެއްބަހެއް ނުވެވޭނެ." މަންމަ ފަހު ބަސް އިއްވިއެވެ.
"މަންމަ އަހަންނަށް އިތުބާރު ނުކުރަނީތަ؟"
"ފިރިހެނުންނަކީ އިތުބާރު ކުރެވޭ ބައެއް ނޫން." ހިނިތުންވެފައި އިނދެ މަންމަ ބުނެލިއެވެ.
"ހުރިހާ ފިރިހެނުން އެއްގޮތެއް ނުވާނެ." ޒަނީން ހުރީ އެ ބަހުސް ނިންމައިލާ ގޮތަކަށް ނޫނެވެ.
"ހުރިހާ ފިރިހެނުންނަކީ އެއްކަހަލަ މީހުން. ވަކިން ޚާއްސަކޮށް ތިމަންނާ މެން އެހެން ފިރިހެނުންނާ ތަފާތުވާނެއޭ ބުނާ މީހުން."
"މަންމާ، އަހަރެން ނުބުނަން އަހަރެން އެހެން ފިރިހެނުންނާ ތަފާތު ވާހަކައެއް. އަހަރެން މިބުނަނީ އަހަރެން ބުނާ ގޮތް ނޫން ގޮތަކަށް އެއްވެސް ކަމެއް ނުކުރާ ވާހަކަ. އަހަންނަށް އިތުބާރު ކުރެވޭނެ ވަހަކަ. މަންމާ އިންސާނުން އެކަކު އަނެކަކަށް އިތުބާރު ކުރަންވާނެއެއްނުން."
"އިންސާނުންނަށް އިތުބާރު ކުރަންވާނެ. އެކަމަކު ވަގުތާއި ހާލަތަށް އިތުބާރުކުރާނީ ކިހިނެއް؟ ކޮންމެ ޖަޒުބާތަކަށް ދޮގެއް އެއްކުރާ އެއްޗަކީ ވަގުތާއި ހާލަތު. ކޮންމެ ގުޅުމަކަށް ވެސް. ދަރިފުޅު މިއަދު ތިހިރީ ލޯތްބަށްޓަކައި އާއިލާ ދޫކޮށްލަން ތައްޔާރަށް. ތިބުނަނީ ގައިގައި ހިނގާ ލެޔާއި ތާއުމުރަށް ދެމިއޮންނާނެ ހަމައެކަނި ލޯބި އެއްފަރާތް ކޮށްލާ ވާހަކަ. ކޮންމެވެސް ދުވަހަކުން މަރިޔަމް އެއްފަރާތް ކޮށްފިއްޔާ؟ އެދުވަހަކުން ދަރިފުޅާއެކީ މަންމައާއި މަރިޔަމްގެ އޮންނާނީ ކޮން ގުޅުމެއް؟"
ޒަނީން އަނގަޔަކުން ނުބުނެއެވެ.
"އޭރުން މަރިޔަމް ކިހިނެއް ހަދާނީ؟ ދަރިފުޅުގެ ގޭގައި ދިރިއުޅޭނެތަ؟ ދަރިފުޅުގެ ފައިސާއިން ކައިބޮއި ހަދާނެތަ؟ ދަރިފުޅުގެ ފައިސާއިން އަންނައުނު ގަންނާނެތަ؟ ދަރިފުޅުގެ ފައިސާ އޭނާގެ ކަރުނަ ފޮހެދޭނެތަ؟ ވަރިވެ، ބިކަވެފައިވާ ކަމުގެ އިހުސާސް އެފައިސާއިން ފިލުވައިދޭނެތަ؟ މީހުންގެ ދެބައޮޑުވުން ހުއްޓުވޭނެތަ؟ ލޯބިވީ މީހާ ތިމަންނަ ބާކީކޮށް އަނިޔާވެރިވުމުގެ ސަބަބުން ލިބޭ ހިތްދަތިކަމަށް ލުއެއް ލިބޭނެތަ؟ ދަރިފުޅާ! ފައިސާއިން މީން އެއްވެސް ކަމެއް ހައްލެއްނުކުރެވޭނެ. އާއިލާގެ ނުގަބޫލުގައި ދަރިފުޅު މަރިޔަމާ އިންނާން މަންމައަކަށް އެއްބަހެއް ނުވެވޭނެ."
"މަންމާ. މި ކާވެންޏަށް އާއިލާއިން ރުހުން ނުދޭނޭ ވާހަކަ ފުރަތަމަ ދުވަހުވެސް މަރިޔަމް ގާތު ބުނީމޭ. އެހެންވިޔަސް މަރިޔަމް ހުރީ އަހަންނާ އިންނާން އެއްބަސްވެގެން."
"މަރިޔަމް އެއްބަސްވެދާނެ. އެކަމަކު މަރިޔަމަކީ މަންމަގެ ދަރިއެއް. މަންމަގެ ނުގަބޫލުގައި މަރިޔަމަށް މީހަކާ ނީނދެވޭނެ." ވާހަކަ ދައްކާން ފެށިފަހުން ފުރަަތަމަ ފަހަރަށް މަންމަގެ އަޑުން ހަރުކަށި އަސަރު ފާޅުވިއެވެ.
"މަންމާ، މަންމައަކީ އަހަރެމެންނަށްވުރެ މާ މިނިވަން ޚިޔާލުގެ ގައުމަކަށް ނިސްބަތްވާ މީހެއްނުން. އެއީ މިކަހަލަ ކޫސަނި ކަންތައްތަކުގައި ހިފައިގެން އުޅޭ ބައެއް ނޫނެއްނު. އެހެންވީމާ މަންމަ ވިސްނާގޮތް ތަފާތުވާން ވާނެ."
"ޒަނީން، މަންމައާއި މަރިޔަމް ނިސްބަތްވަނީ މި މުޖްތަމައަށް. މަރިޔަމްވެސް އަދި ދަރިފުޅުވެސް ދިރިއުޅޭނީ ވެސް މިތާ. ދަރިފުޅު އެހެން ތަރިއެއްގަ ދިރިއުޅޭކަށް ނުދާނެ. މަންމަ ނުގަބޫލުވެގެން މިއުޅެނީ ދަރިފުޅަކާ ނޫން. މަންމަ ކަންބޮޑުވަނީ ކޮންމެ ސަބަބަކާ ހެދިވިޔަސް ދަރިފުޅާއި މަރިޔަމްގެ ކާވެނި ރޫޅިއްޖެނަމަ މަރިޔަމަށް ވާނެ ގޮތަކާ މެދު."
"އެކަމަކު މަންމާ، ބައްޕަ ނުގަބޫލުވަންޏާ އަހަރެން ދެން ކީއްކުރާނީ؟ ބައްޕަމެންނަށް ނޭނގުނަސް އަހަރެން މަރިޔަމް ދެކެ ވާ ލޯތްބާ މެދު މަންމަ ޝައްކުކޮށްގެން ނުވާނެ. އަހަރެން މަރިޔަމަށް ދެރަގޮތެއް ނަހަދާނެކަން މަންމައަށް ބުނެދޭނީ ކިހިނެއް؟ އަހަންނަކީ ކޫސަނި މައްސަލަ ޖައްސާ މީހެއްނޫން. ރުޅި ގަދަ މީހެއް ނޫން. އަދި ކިބުރުވެރިއެއްވެސް ނޫން." މަންމައަށް ވިސްނައިދެވޭތޯ ޒަނީން އިތުރަށް މަސައްކަތްކުރިއެވެ.
"ދަރިފުޅާ، ދަރިފުޅު ތި ވާހަކަ މަންމަ ގާތު އެއްފަހަރު ބުުންޏަސް ސަތޭކަ ފަހަރު ބުންޏަސް މަންމަ ދޭން އޮތީ އެއް ޖަވާބެއް. ދަރިފުޅުގެ އާއިލާއިން އައިސް ކާވެންޏަށް ނޭދެނީސް މަރިޔަމް ދަރިފުޅާ އިންނާކަށް މަންމައަށް އެއްބަހެއް ނުވެވޭނެ." މަންމަ ސައި ތަބައް ނަގައިގެން ކޮޓަރިން ނުކުތެވެ.
ޒަނީން މަންމައާއެކު ބޭރަށް ނުކުތެވެ. ތަބައް ކައުންޓަރު މަތީގައި ބަހައްޓާފައި މަންމަ އެނބުރިލިއެވެ. "ދަރިފުޅުގެ ފަޔަށް ކިހިނެއްވީ؟"
ޒަނީން އޭނާގެ ފައިތިލައަށް ބަލައިލިއެވެ. އޭނާގެ ފައިގެ ބޮޑުވާ އިނގިލީގައި ހުރީ ޕްލާސްޓަރު އަޅާފައެވެ. "ކޮންމެވެސް ތަނެއްގަ ޖެހިފަ ނިޔަފަތި ފަޅައިގެން ދިޔައީ. ޑޮކްޓަރު ބުނީ ނިޔަފަތި ނަގާށޭ ޖެހޭނީ. އަދި ވަގުތެއް ނުވެގެން އެކަމާ ނޫޅެވިފައި." މަންމައަށް އޭނާގެ ނިޔަފަތި ފާހަގަކުރެވުމުން ޒަނީނަށް އެހެންކަހަލަ އިހުސާސެއް ކުރެވުނެވެ.
"ކޮޓަރިއަށް ވަދެ އިރުކޮޅަކު މަޑުކޮށްލަންވީނުން." މަންމަ ބުނެލިއެވެ. ޒަނީން އަނެއްކާ ވެސް ގޮސް ކޮޓަރިއަށް ވަނެވެ. އިރުކޮޅަކުން މަންމަވެސް ކޮޓަރިއަށް ދިޔައެވެ. އެއް އަތުގައި ހުރީ ކުޑަކުޑަ ބޯތަށްޓެކެވެ. އަނެއް އަތުގައި ކަފަކޮޅަކާއި ބެންޑޭޖެވެ.
"ފައިވާން ބާލާފަ، ޕްލާސްޓަރު ނަގާބަލަ."
"ކިހިނެއްވީ މަންމާ؟"
"މަންމަ މިއައީ ޒައިތޫނި ތެލުގައި ރީނދޫކޮޅެއް ހޫނުކޮށްގެން، ދަރިފުޅުގެ ފައިގައި އުނގުޅާން."
ޒަނީން ހައިރާންވެފައި މަންމައަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ.
"އެންމެ ރަނގަޅު، މަންމަ ނަގާފާނަން."ކުނާ މަތީގައި އިށީނދެ އޭނާ ޒަނީންގެ ފައިވާނުގެ ނާޑުވާ މޮހެން ފެށިއެވެ. ޒަނީން ލަދުން ފައި ދަމައިގަތެވެ. "މަންމާ އަހަރެން އަމިއްލައަށް ވެސް ތިކަން ކޮށްފާނަން." ނާޑުވާ މޮހެލާފައި ބެންޑޭޖު ނިއުޅަމުން އޭނާ ބުންޏެވެ.
މަންމަ އޭނާ ފާރުގަނޑު ސާފުކޮށް ރީނދޫ ބާމު ވަށަން ފެށީމާ އޭނާ އިނީ އަދިވެސް ލަދުންވެ.
"މަންމަ، އަހަރެން އަމިއްލައަށް ތިވެސް ވަށާފާނަން." ޒަނީން ބުންޏެވެ.
"އެއީ މައްސަލައެއް ނޫން، މަންމައަށް ވެސް ވާނެ." ޒަނީންގެ ފައިގައި ބާމު ވަށަމުން މަންމަ ބުނެލިއެވެ. "ގޭގައި ގެންގުޅޭ މީހެއްގެ ގާތު ބުނޭ ކޮންމެ ދުވަހަކު މިގޮތަށް ތެޔޮފޮދެއްގެ ތެރެއަށް ރީނދޫ ހޫނުކޮށްގެން އެއް ހަފްތާ ނުވަަތަ ދެ ހަފްތަ ވަންދެން ފައިގައި ވަށައިދޭށޭ. އެހެންނޫނީ މިގެއަށް އާދޭ. ދެހަފްތާއެއް ތެރޭގައި ނިޔަފަތި ރަނގަޅުވާނެ. ނަގާނެ ކަމެއް ނެތް. ފެން ނުޖައްސާތި. ނިޔަފަތި ރަނގަޅުވަންދެން އިނގިލީގައި ފެން ނުޖައްސާތި."
"އާނ."
ގެއަށް ދިޔަ މަގުމަތީގައި ޒަނީން ދިޔައީ މަންމަގެ ހިޔްހެޔޮ ކަމާމެދު ވިސްނަމުންނެވެ. އިނގިލި ރަނގަޅުވަންދެން މަންމަ ބުނިގޮތަށް އިނގިއްޔަށް ގެވެށި ފަރުވާ ދިނެވެ.
***
"މަންމާ، ޒަނީން ހިތުގައި ޖެއްސީ ކީއްވެ؟" ކޮލެޖުން އައި އިރު މަރިޔަމް ހުރީ ރުޅި އައިސް ރަތްވެފައެވެ.
"އެއްޗެހި ބަދަލުކޮށްގެން ކާން އާދޭ." އާދައިގެ މަތިން މަންމަ ބުންޏެވެ.
"ނުކާނަން. ބޭނުންވަނީ އަހަރެން ކުރި ސުވާލުގެ ޖަވާބު. އަހަންނަަށް ޒަނީނާ ކާވެނި ނުކުރެވޭނެއޭ ބުނީ ކީއްވެ؟" މަރިޔަމް ހުރީ ރުޅި އައިސް ފުފިފައެވެ.
"ދަރިފުޅަށް ޒަނީނާ ކާވެނި ނުކުރެވޭނެއެކޭ ނުބުނަން. ކާވެންޏަށް ޒަނީންގެ މައިންބަފައިން އެއްބަސްކުރުވާން ބުނިން."
މަރިޔަމް އޭނަގެ ދަބަސް ކޮޓަރިތެރެއަށް ހޫރައިލިއެވެ. ދަބަހުގައި ހުރި ހުރިހާ ފޯލްޑަރުތަކާއި ކުލަފިހިތައް ކޮޓަރިތެރެއަށް ބުރައިގެން ދިޔައެވެ. މަންމަ އަނގައިން ނުބުނެ ހުރެ ދަބަހާއި ފޯލްޑަރުތައް ނެގިއެވެ.
"ޒަނީން ބުނި އެއްޗެއް އެނގޭތަ؟ މައިންބަފައިން ރުއްސަން މަސައްކަތް ކުރާނަމޭ. އެކަމަކު އެމީހުން އެއްބަސްވާނެހެން ހިއެެއްނުވެއޭ. ދެން ބުނި އެއްޗެއް އެނގޭތަ؟ މަންމަގެ ނުގަބޫލުގައި އަހަންނާ ނީންނާނަމޭ. މަންމަ ރުހުން ނުދީފިއްޔާ ހަދާނީ ކިހިނެއްހޭ އެހީމާ އަނގަޔަކުން ނުބުނި. އަހަރެންގެ އަތުން ޒަނީން ބީވެގެންދާނީ މަންމައާ ހެދި. ހަމައެކަނި މަންމައާ ހެދި. އަހަންނާ ދޭތެރޭ އެއްވެސް ވަރަކަށް ނުވިސްނަނީތަ؟"
"އޭނާ ލިބޭތޯ އަހަރެން ކިހާވަަރަކަށް ދުއާކުރިކަން މަންމައަށް އެނގޭތަ؟ އަހަރެން މިދުނިޔެއިން ބޭނުންވާ ހަމައެކަނި މީހަކީ އެއީ... ތީ އަހަރެންގެ މަންމައެއް ނޫން. މައިން އެމީހުންގެ ދަރީންގެ ހިތަކު ނުޖައްސާނެ."
ރުޅި އައިސްފައި ހުރެ ނުކައި އޭނާ ގޮސް އެނދު މައްޗަށް ވެއްޓި ރޯން ފެށިއެވެ. އެ މަންޒަރު ބަލަން މަންމަގެ ހިތަކަށް ކެތެއް ނުކުރެވުނެވެ. އިރުއޮއްސެންވާއިރަށް މަންމަ މަރިޔަމްގެ ކޮޅަށް ދީލާލިއެވެ. ގޮތުގައި ހިފަހައްޓާން ކުރި މަސައްކަތް ފުނޑުފުނޑުވެ ފައިބާން ފެށީ ދޮންވެލީގެ ފާރެއް ހެންނެވެ. މެންދުރުއްސުރެ އޭނާ އިނީ މަރިޔަމްގެ އެނދުގައި މަގަތުގައި އިށީނދެލައިގެންނެވެ.
"އަދި އެއްފަހަރު ޒަނީނަށް މައިންބަފައިންނާ ވާހަކަ ދެއްކިޔަދީ. އެވަރުންވެސް އެއްބަސްނުވެއްޖެއްޔާ ދަރިފުޅުގެ ކާވެންޏަށް މަންމަ އިއުތިރާޒެއް ނުކުރާނަން."
(ސާދަވަނަ ބާބު)
ކަންމަތީ ފިހާރައަށް މަޒްހަރް ވަން އިރު އޭނާ އުޅުނީ ކަސްޓަމަރަކަށް ވޮލެޓެއް ވިއްކުމުގައި އަވަދިނެތިއެވެ. އައިގޮތަށް އައިސް މަޒްހަރު ކައުންޓަރު ކުރިމަތީގައި ހުއްޓުނެވެ. އެއީ ކާކުކަމެއް ނޭނގި އޭނާ އެނބުރިފައި ހީނލިއެވެ. ކައުންޓަރު ކުރިމަތީގައި ހުރީ ކާކުކަން އެނގުމުން އޭނާ ހުއްޓުން އެރިއެވެ. "މިވާނީ ހުވަފެނަކަށް." އޭނާ ހިތާހިތުން ބުނެލިއެވެ. "އަހަރެން މިއައީ ވޮލެޓެއް ބަލައިލަން." މަޒްހަރް ބުންޏެވެ. އޭނާއަކަށް ވެސް އެއީ ކޮން އަންހެން ކުއްޖެއް ކަމެއް ނޭނގުނެވެ. މޫނުމަތިން ހިނިތުންވުމެއްގެ އަސަރުހައި ހިސާބުވެސް ނުފެނެއެވެ. ޚަދީޖާއަކަށް ގަބޫލެއް ނުކުރެވެއެވެ. މަޒްހަރަށް އޭނާ އަކީ ކާކުކަން ނޭނގުނީ ބާވައެވެ؟ މަޒްހަރަށް ވަކިކުރަން ނޭނގޭ ވަރަށް، މިދިޔަ ހަތަރު އަހަރުތެރޭ އޭނާ ބަދަލުވީ ހެއްޔެވެ؟
ޚަދީޖާއަށް ބަލައިވެސް ނުލައި އޭނާ ބަލާން ބޭނުންވި ވޮލެޓަށް އިޝާރާތްކުރިއެވެ. ޚަދީޖާ އަނގައިން ނުބުނެ ވޮލެޓު ނަގައި ކައުންޓަރު މަތީގައި ބޭއްވިއެވެ. އަދި އެތަނަށް އައި އެހެން ކަސްޓަމަަރަކާ ދިމާއަށް އެނބުރުނެވެ. އެމީހާއަށް ޚިދުމަތް ދީފައި އެނބުރުނު އިރު ކޭޝިއަަރަށް ފައިސާ ދައްކާފައި މަޒްހަރް ކައުންޓަރު މަތިން ބިލާއި ބާކީ ފައިސާ ނަަގަނީއެވެ. ބާކީ ފައިސާ އާއި ބިލް ޖީބަށް ލަމުން އޭނާ ނުކުމެގެން ދިޔަތަން ބަލަން މަރިޔަމް އިނެވެ.
"އެއްވެސް ސުވާލެއް ނުކޮށް، ޖަވާބެއް ނުހޯދައި، ރުޅި ނާރައި، ޝަކުވާއެއް ނުކޮށް... އަހަރެން ހަމައެހާ ބޮޑަށް ބަދަލުވެެއްޖެތަ؟" ލޮލުން ކަރުނަ ހިލެން ފެށުމުން އޭނާ ކަސްޓަމަރަކާ ވާހަކަދައްކަން ފެށިއެވެ.
"އެހެން ހެދީ ކިއްވެބާ؟ އަހަރެންގެ ހަގީގަތް އެނގުނީބާ؟ ޕާކިސްތާނުން އެނބުރި އައިސް އަހަރެން ހޯދަން މަޒްހަރް އުޅޭނެ. މީހުން ގާތު އަހާނެ. ކޮންމެވެސް މީހަކު މަޒްހަރަށް އަހަރެންގެ މާޒީ ކިޔައިދިނީބާ؟ އެހެންވިޔަސް... ކޮންމެވެެސް އެއްޗެއް ބުނިނަމަ... އަހަންނާ ވާހަކަ ދެއްކިނަމަ. ނުވަތަ އަހަރެން މާ ޖަޒުބާތީ ވަނީތަ؟ ވެދިޔަކަމެއް ވެދިޔައީ މީގެ ހަތަރު އަހަރުކުރިން. ހަތަރު އަހަރަކީ ކުރު މުއްދަތެއް ނޫން. ވީނުވީ ތަނެއް އަންގާނުލައި ދިޔަ މީހަކީ އަހަރެން. އެހެންވީމާ މަޒްހަރުގެ ފަރާތުން އަހަަންނަށް އުއްމީދުކުރެވޭނޭ ކަމެއް އެބައޮތްތަ؟ މިހާރު އޭނާ އުޅޭނީ މީހަކާ އިނދެގެން. ނުވަތަ އޭނާގެ ހަޔާތުގައި އެހެން އަންހެނަކު އުޅޭނެ... އެހެންވިޔަސް އަހަންނާ... މިއަށްވުރެ މޮޔަ ކަމެއް އޮންނާނެތަ... އެ ހަތަރު އަހަރު އަހަރެން އުޅުނީ ކޮންކަހަލަ ދިރިއުޅުމެއް؟ އެކަމަކު އަދިވެސް މަޒްހަރާ އިންނާން ބޭނުންވޭ. އަހަންނަކީ ހާދަ އަމިއްލަ އެދުން ބޮޑު މީހެކޭ. އެއްވެސް މުއްދަތެއް ނެތްގޮތަށް އަހަންނަށްޓަކައި މަޒްހަރް އިންތިޒާރު ކުރަންވީ ކީއްކުރަން؟" އޭނާ އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ ބެލިއެވެ.
(ނުނިމޭ)
miadhuge part kiyaaln libeyne kamah......
ވަރަށް ރީތި އަސަރުގަދަ ވާހަކައެއް. ކޮންމެ ދުވަހަކު މަތިއަރުވާލަދެއްވާތި!
mnmge kehtheri reethi akhulaaq mariyamge nuhurey dhoo vv salhi higgaimu