(9 ފެބްރުއަރީގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަހަރެން އިންގްލެންޑަށް ހިޖުރަކުރަން މަންމަ ބޭނުން ނުވީ ކީއްވެގެންކަން މިހާރު އަހަންނަށް ވިސްނޭ. މަންމަ ބިރުގަތީ މަންމަގެ އަމިއްލަ މާޒީއާ އަށް... އަމިއްލަ ތަޖުރިބާއަށް… މަންމަ ބޭނުންވީ އެހާލަތަށް އަހަރެން ވެއްޓުނަ ނުދޭން. އެކަމަކު އަހަރެން ހީކުރީ... އަހަރެން ހީކުރީ މަންމަ އަހަރެން ހިފެހެއްޓީ މުސްކުޅި އުމުރު މަންމަ ބަލާނެ އަޅެއްގެ ގޮތުގައި ގެންގުޅެން ކަމަށް. އަހަންނަކީ އަމިއްލަ އެދުމާއި ހުރެ ހަގީގަތުގެ މަތީން ހަނދާން ނައްތައިލި މީހެއް. އަދި އެހެން މީހުންނަކީ ވެސް އަމިއްލަ އެދުމުން ފޯވެފައިވާ މީހުންކަމަށް ގަބޫލުކުރި މީހެއް."
ވިސްނި ވަރަކަށް މަރިޔަމްގެ ހިތަށް ތުރާވަމުން ދިޔައެވެ. "އަހަންނަކީ ކާކު؟ އަހަންނަކީ ކޯޗެއް؟" އޭނާ ވިސްނައިލިއެވެ. "އަމިއްލަ އެދުމާއިގެން އަހަންނަށް ދެވުނީ ކިހައި ހިސާބަކަށް ހެއްޔެވެ؟" ފަސް އެނބުރި ބަލައިލުމުން ވިސްނުނީ އެންމެ ކަމެކެވެ. އޭނާއަކީ އެހެން މީހުންގެ ނާޖައިޒު ފައިދާ ނަގައިގެން އަމިއްލަ އެދުން ފުއްދަމުން ދިޔަ މީހެއް ކަމެވެ.
އަހަރެން ގާތު ގަސްގަހާގެހި އެއްސެވެ.
އުޑު އެއްސެވެ.
ކަނޑުވެސް އެއްސެވެ.
ކަލޭ ތީ ކާކުހެއްޔެވެ؟ ކަލޭ ތީ ކާކުހެއްޔެވެ؟
ސްކޫލުގައި އުޅުނުއިރު ދަސްކުރި ޅެމެއްގެ ބައިތުތަކެއް އޭނާ ހަނދާނަށް އައެވެ. އޭނާ ޖަވާބު ދިނެވެ. "އަހަންނަކީ އުއްމު މަރިޔަމެވެ. ކާވެނީގެ އަގުގެ ގޮތުގައި ފިރިމީހާގެ އާއިލާއިން ބޭނުންވާ ވަރަށް ފައިސާއާއި މުދަލާއި ނުދެވިގެން ފިރިމީހާ ވަރިކުރި އަންހެނެއްގެ ދަރިޔަކީމެވެ. އަހަންނަށް ނޭނގި އެ ހަނދާންތައް އަހަރެންގެ ސިކުނޑީގައި ހަރުލާފައިވަނީ ހެއްޔެވެ؟ ދިރިއުޅުމަށް ފުދޭވަރުގެ ތަނަވަސްކަން ނެތިދާނެ ކަމުގެ ބިރު ހީވީ ހެއްޔެވެ؟ އަހަރެންގެ މައިމީހާއަކީ މުދައުވެރިކަން ނެތުމުގެ ސަބަބުން އެމީހެއްގެ އަގު އޭނާގެ ފިރިމީހާގެ ކުރިމަތީގައި ނެތް އަންހެނެކެެވެ. އަހަންނަކީ އެ މައިމީހާ އެހެން ފިރހެނަކާއެކު އާ ދިރިއުޅުމެއް ފެށުމުގެ އުއްމީދުގައި އުމުރުން އެންމެ ތިން އަހަރުގައި ނަގައި އެއްލައިލި ދަރިއަކީމެވެ. އަހަރެން ނަގައި އެއްލައިލީ ޚުދު އަހަރެންގެ މަންމައެވެ."
"އަހަރެންގެ މަންމައެއް ދޮންބައްޕައެއް އަދި މާމަ-ކާފަވެސް އަހަންނާ ހަވާލެއްނުވިއެވެ.. ހުރިހާ އެންމެން ދެއްކި ބަހަނާއަކީ އަހަރެން ބަލާނެ މާލީ ތަނަވަސްކަން ނެތުމެވެ. ފަގީރު ހާލަތެވެ. އަހަރެންގެ ހިތުގައި ތާއަބަދު އޮތި ފަގީރު ހާލުގައި އުޅެންޖެހިދާނެ ބިރު ހެއްޔެވެ؟"
"އަހަރެންގެ ބައްޕަ، އަހަންނާއި މަންމަ ނަގައި އެއްލައިލީ ފައިސާގެ ދަހިވެތިކަމުގައެވެ. އޭނާއާ އަހަރެމެންނާ އޮތް ހުރިހައި ގުޅުމެއް ކަނޑައިލީއެވެ. ފައިސާގެ ދަހިވެތިކަމުގައި އާއިލީ ހުރިހައި ގުޅުމެއް ކަނޑައިލުުން އަހަންނަށް ވާރުތަވީ ބައްޕަގެ ފަރާތުން ހެއްޔެވެ؟"
"އަހަންނަކީ އުއްމު މަރިޔަމެވެ. އަހަންނަކީ އަހަރެންގެ އުމުރުން އެންމެ ތިން އަހަރުގައި ދީލަތި އެހެނަސް، ފަގީރު ދެމަފިރިއެއްގެ ފަރާތުން ބޯ ހިޔާވަހިކަން ލިބުނު ކުއްޖަކީމެވެ. އަހަންނާ ހަވާލުވީ ފައިސާއާއި މުދާވެރިކަން ލިބިފައި ނެތަސް، ދެއްވި މިންވަރަށް ޝުކުރުކޮށްގެން ތިބި ދެމަފިރިންނެވެ. ދެމަަފިރިންގެ ތެރެއިން ފިރިހެންމީހާއަކީ ޔަތީމު ހާލުގައި އޭނާގެ ހަގަށް ތިބި ކޮއްކޮމެންގެ ކަންކަން ބެލެހެއްޓުމަށްޓަކައި މުޅި ހަޔާތް ގުރްބާން ކުރި މީހެކެވެ. އަންހެން މީހާއަކީ ދުނިޔޭގެ އަރާމާއި އުފަލުން މަހްރޫމުވެފައިވީ ނަމަވެސް، ހަމްދުކޮށްގެން އުޅުނު މީހެކެވެ. އަތުގައި ފައިސާ ނެތަތީ އެއީ މުށްބާރު މީހެކޭ އަހަންނަށް ހީވި އެވެ. އެތައް ވޭނެއް ތަހައްމަލު ކުރަންޖެހުނު ނަމަވެސް އެއްވެސް ޝަކުވާއެއް އޭނާ ދުވަހަކުވެސް ނުކުރެއެވެ."
"އެ ދެމަފރިިން ކުރެ އެކެއްގެ ފަރާތުންވެސް އަހަންނަށް އެކައްޗެއްވެސް ދަހެއްނުވިއެވެ. އެމީހުން އުޅުނީ ލިބޭ މިންވަރަށް ފުދިގެންނެވެ. އެކަމަކު އަހަންނަށް ހީވީ އެއީ ފަގީރުކަން ކަމަށެވެ. އެއީ ހިތްހެޔޮ ދެމަފިރިންނެވެ. އެކަމަކު އެމީހުންގެ ހިތްހެޔޮކަން އަހަންނަކަށް ނުފެނުނެވެ. އަހަންނަކީ ޤުރްއާނުގައި ބަޔާން އެ ކުރައްވައިފައިވާ ހިތުގައި ސިއްކަ ޖެއްސެވި ވިސްނުމާއި ހަމަބުއްދިން މަހުރޫމު ކުރެވިފައިވާ މީހުންގެ ތެރެއިން މީހަކީމެވެ."
"އަހަންނަކީ އުއްމު މަރިޔަމެވެ. މައިންބަފައިންގެ ގޮތުގައި އަހަރެން ބަލައި ބޮޑުކުރި ދެމަފިރިންނާއި ހެދި ލަދުން އުޅުނު މީހަކީމެވެ. އަހަންނަށް ހީކުރެވުނީ މި ދުނިޔޭގައި އަހަންނަށް އުޅެވޭނޭ އެއްވެސް މަގެއް އެމީހުންނަށް ފަހިކޮށް ނުދެވޭނޭ ކަމަށެވެ. އެ މީހުން އެމީހުންނަށްވީ ދުނިޔޭގެ ސަބަބަކުން ނޫނެވެ. ނަަމަވެސް ދުނިޔެ ދުނިޔެއަކަށް ވަނީ އެފަދަ މާތް މީހުންގެ ސަބަބުންނެވެ. އެއީ ދުނިޔޭގެ ގަދަރެވެ. ދުނިޔޭގެ މޭގައި ޖަހައިލެވޭ މެޑެއްޔެވެ. އަހަންނަކީ އެފަދަ އެއްވެސް ހައިސިއްޔަތެއްނެތް މީހަކީމެވެ."
"އަހަންނަކީ އުއްމު މަރިޔަމެވެ. އަހަންނަކީ ލިިބިފައި ހުރި ހުނަރުގެ ސަބަބުން ކިބުރުވެރިކަމާއި ބޯ ހަރުކަން އަށަގެންފައިވާ މީހަކީމެވެ. ބޯ ހަރުކަމުން އެހެން އަހަރެން ނޫން މީހަކު އަހަންނަކަށް ނުފެނެއެވެ. އެހެން މީހެއްގެ އަގު ވަޒަނެއް ނުކުރެވެއެވެ. އަހަރެންގެ ހަމައެކަނި މަގްސަދަކަށްވީ އަހަރެންގެ ވާހަކަތަކުން ކޮންމެ ނޫހެއްގެ ސަފްހާތައް ފުރައިލުމެވެ. އަހަރެން ބޭނުންވީ އަހަރެން އުޅެމުން އައި މުއްސަނދި ދިރިއުޅުން މީހުންނަށް އަންގައި، އެ މީހުން ހަސަދަވެރިކުރުވާށެވެ. އަހަންނަކީ މަޝްހޫރުުކަން ހޯދުމަށްޓަކައި އަހަރެންގެ ކުރެހުންތައް ދޫކޮށްލައި އޮރިޔާންކާޑު ކުރަހަން ފެށި މީހާއެެވެ. މާރުކޭޓުގައި އެންމެ ހިނގާ ކުރެހުމަކީ އެކަހަލަ ކުރެހުމަށް ވާތީއެވެ. އަހަރެންގެ ކުރެހުންތަކަކީ ރޫހާނީ ފެންވަރުން އެންމެ ދަށު ދަރަޖައަށް ވެއްޓުނު ކުރެހުންތަކެވެ. އަހަރެންގެ ކުރެހުމުގެ ބަދަލެއްގެ ގޮތުގައި އަހަރެން ބޭނުންވީ ފައިސާއާއި މަޝްހޫރު ކަމެވެ. އޭގެ ސަބަބުން އަހަންނަށް ތައުރީފާއި ޝަރަފު ލިބުނެވެ."
"އަހަންނަކީ އުއްމު މަރިޔަމެވެ. އަހަންނަކީ އަހަރެން އެމީހެއްގެ އަގު ވަޒަންނުކުރި އަންހެން މީހާގެ ދަރިފުޅުގެ އަތްނބަކަށް ވީ މީހާއެވެ. އަހަރެންގެ ފިރިމީހާއަކީ އެއްވެސް ޝަކުވާއެއް ނެތި އަހަންނަށްޓަކައި މުޅި އުމުރު ގުރްބާންކުރި އަންހެން މީހާގެ ދަރިއެވެ. އަހަރެންގެ ފިރިމީހާ އަހަންނާ ހަވާލުވެފައިވަނީ ތަގްދީރުގެ ރޭވުމަކުންނެވެ. އަހަންނަކީ އޭނާގެ ހައްގުވެރި ފަރާތާ އޭނާ ހަވާލުކުރުމަށް މެދުވެރިވި މީހާއެވެ. އެކަމަކު އަހަންނަށް ހީވި އެއީ އަހަރެންގެ އަތަށް އެރި އަލިމަހެއް ކަމަށެވެ. އަދި އެއީ އަހަރެންގެ މިލްކެއް ކަމަށެވެ. އެ ފިރިހެންމީހާގެ ހަށިގަނޑުގައި ދައުރުވަމުން ދިޔައީ ޝަކުވާއެއް ނެތި ކެތްތެރިކަމާއެކު އުޅުނު އަންހެން މީހާގެ ލެޔެވެ. އޭނާގެ ކިބައިގައިވެސް އެ އަންހެން މީހާގެ ރީތ އާދަ ހަރުލާފައިވެއެވެ."
"އަހަންނަކީ އުއްމު މަރިޔަމެވެ. އަމިއްލަ އެދުން ފުއްދުމަށްޓަކައި އަހަރެންގެ ހަޔާތަށް އައި ކޮންމެ މީހެއް އަދި ކޮންމެ އެއްޗެއްގެ ނާޖާއިޒު ފައިދާ ނެގި މީހަކީމެވެ. ބައްޕަ، މަންމަ، ފިރިމީހާ، އަދި އަހަރެންގެ އާޓު ފަދަ ހުރިހާ އެއްޗެއް ބޭނުންކުރީމެވެ." މަރިޔަމް އޭނާ އިށީނދެގެން އިން ތަނުން ތެދުވިއެވެ. ފެންނަ ފެނުމަށް ހީވަނީ ނިދި އައިސް ވަރުބަލިވެފައި ހުރިހެންނެވެ. ނަމަވެސް އެހެނެއް ނޫނެވެ. ހަޔާތުގެ ހުރިހާ ދުވަހެއް، ހުރިހާ ވަގުތެއް އޭނާ ހޭދަކުރީ މާއްދީ ފައިދާ ހޯދާނެގޮތަކާ މެދު ވިސްނުމުގައެވެ. މިއީ އެފަދަ ފިކުރެއް އޭނާގެ ސިކުނޑީގައި ނޭނބުރޭ ހަމައެކަނި ވަގުތުކޮޅެވެ. މަރިޔަމް ސްޓޫޑިއޯއަށް ވަނެވެ. އޭނާގެ ކުރީގެ ބައެއް ކުރެހުންތައް ހަނދާނަށް ގެނައެވެ. 'އެދުން' އަދި 'އަގީދާ'. އެ ކުރެހުމަށް 'އެދުން' ކިޔަން ލަފާދިނީ މަންމައެވެ. ދެވަނަ ކުރެހުމަށް 'އަގީދާ' ކީވެސް މަންމަގެ ލަފާގެ މަތިންނެވެ. ޒަނީނާ އޭނާއާ ދިމާވާން މެދުވެރިވީ މި ދެ ކުރެހުމުގެ ސަބަބުންނެވެ. އެ ދެ ކުރެހުމަކީވެސް އާދައިގެ މަސައްކަތެއް ނޫނެވެ. އެ ދެކުރެހުން ރަމްޒުކޮށްދެނީ މަންމައެވެ. މިދުނިޔެއިން މަންމަ އެދޭ ކަންކަމާއި މަންމަގެ އަގީދާއެވެ.
މަންމަގެ މުޅި އުމުރު ހޭދަކުރީ ބޭނުންވާ އެއްޗެއް ލިބޭތޯ ދުއާކުރުމުގައެވެ. މަންމަ ބޭނުންވާ ހުރިހާ އެއްޗެއް ލިބުނުއިރު މަރިޔަމަށް ހުރިހާ އެއްޗެއް ގެއްލުނެވެ. އޭނާ ރޮބަޓް ފްރޮސްޓުގެ ޅެން، 'އާފްޓަރ އެޕަލް ޕިކިންގ' (އާފަލު ބިނުމަށްފަހު..) ހަނދާނަަށް ގެނައެވެ. އެ ޅެން ކިޔުމުން އޭރު އޭނާގެ ހިތް ނުތަނަވަސްވެ ރުޅި ގަދަވެގެން އެއްފަރާތެއްގައި ބޭއްވިއެވެ. މިހާރު އެ ޅެމުގެ ބައިތުތަކާ މެދު ވިސްނައިލިއެވެ.
"އަހަރެންގެ ދިގު ހަރުގަނޑު މިހިރީ ގަހެއްގެ ތެރެއިން އުޑާ ދިމާއަށެވެ.
އެ ހަރުގަނޑާއި ޖެހިގެން ހުރި ކަންވާރު ފުރާކަށް އަހަރެން އެއްޗެއް ނާޅާާމެވެ.
އަދި އަހަންނަށް ނުބިނދެވި އޮތް ދެ ތިން އާފަލެއް ކޮންމެވެސް ދިމާއެއްގައި އޮވެދާނެއެވެ.
އެކަމަކު މިވަގުތަށް އަހަރެން އާފަލު ބިނދެ ނިންމައިލީއެވެ."
ސްޓޫޑިއޯގެ ފާރުގައި ހުރި ކުރެހުންތަކަށް މަރިޔަމް ބަލައިލިއެވެ. އެއަށްފަހު ކޮޓަރީގެ ދޮރު ތަޅުލައި ފާރުގައްޔާއި ކުރަހާ-ހަރުތަކުގައި ހުރި ކުރެހުންތައް ނަގަން ފެށިއެވެ. އެއީ އާޓުގެ ނަމުން ނަންދީފައިވާ އޮރިޔާންކާޑެވެ.
"ގަހުގެ އޮފިތައް ލެނބޭ އިރު ހަރުގަނޑު އަރިއަޅާލާހެން ހީވެއެވެ.
ބިންމަތީގައި ހުރި ކަންވާރަށް އާފަލު އެޅި ފުރޭ އަޑު އަހަންނަށް އިވެއެވެ.
އަހަންނަށް ލައްކަ އާފަލު ބިނދެވިއްޖެއެވެ.
އަހަރެން ވަރުބަލިވެއްޖެއެވެ.
ހިތްފުރޭވަރަށް އާފަލު ބިނދެބިިނދެއެވެ."
މަރިޔަމް ކުރެހުންތައް ކޮޓަރީގެ ތަޅުންމަތީގައި ފުނިޖަހައި ކުރެހުންތަކުގައި ރޯ ކޮށްލިއެވެ. ކުރެހުންތައް ރޯވެ ހުޅު ފަޅަައިގެން މައްޗަށް އެރިތަން ބަލަން އޭނާ އިނެވެ. ނަމަވެސް އޭނާގެ އެތެރެހަށީގައި ހިފާފައި ހުރި އަލިފާނަށް ވުރެ އުހަކަށް އެ ހުޅުގަނޑެއް ނޭރިއެވެ. ސްޓޫޑިއޯގެ ދޮރުގައި ބާރަށް ތަޅާ އަޑު މަރިޔަމަށް އިވެއެވެ. ގޭގައި ގެންގުޅޭ މުއައްޒަފުންނަށް ހޭލެވިގެން އައިސް ދޮރު ވައްޓާލަން މަސައްކަތް ކުރަނީއެވެ. އެކަމަކު އެމީހުންނަށް ދޮރު ހުޅުވޭއިރު ކުރެހުންތައް އަނދައި އަޅިއަށް ވާނެކަން އުއްމު މަރިޔަމަށް އެނގެއެވެ.
***
ޒަނީން މުޅި ރޭ ހޭދަކުރީ އައިސީޔޫގެ ބޭރުގައި ހުރެ، ބިއްލޫރި ފާރުން އިރުއިރުކޮޅާ މަންމަގެ ހާލު ބަލައިލަބަލައެވެ. ވަރުބަލިވުމުން އައިސީޔޫގެ ބޭރުގައި ތަޅުންމަތީގައި އޭނާ އޮށޯވެއެވެ. އެކަމަކު އެންމެ ފަހަރަކުވެސް އޭނާ އެތަނަކުން ދުރަކަށް ނުދެއެވެ.
މިދިޔަ ދޮޅުމަސް ދުވަސް އޭނާ ހޭދަކުރީ މަންމައާއެކުއެވެ. ރޭ ދެބައިވަންދެން ވާހަކައިގައި ދެމައިން ތިބެއެވެ. ދެމީހުން އެކަކު އަނެކަކާ ހިއްސާކުރަން ބޭނުންވި އެތައް ކަމެއް އޮތެވެ. މަރިޔަމަށް ހުރިހާ ވާހަކައެއް ކިޔައިދޭން ޒަނީން ބޭނުންވިއެވެ. އޭރުން މަންމަ ގެނެސް އެގޭގައި ބެހެއްޓޭނެއެވެ. ދެވަނަފަހަރަށް މަންމައާއި ވަކިވާކަށް އޭނާ ބޭނުމެއް ނުވިއެވެ. މަންމައެއްގެ އަޅާލުމާއި ލޯތްބަކީ ކޯޗެއްކަމެއް މީގެ ކުރިން އޭނާއަކަށް ނޭނގެެއެވެ. އޭގެ ބޭނުމެއް ވެސް ނުޖެހެއެވެ. ނަމަވެސް މިހާރު މަންމައާ ދިމާވުމުން މަންމައާ ވަކީން ނޫޅެވޭނެ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. އޭނާ ވިސްނައިގެން ހުރީ މަންމަ އެކަމާ ދެކޮޅު ހެދި ނަމަވެސް އަދި އޭގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް މަރިޔަމަށް ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. ކިޔައިނުދެވެނީސް މަންމަ އައިސީޔޫގައި ފުރާނައާ ހަނގުރާމަ ކުރަނީއެވެ.
ފަތިސް ނަމާދަށް ބަންގި ގޮވުމުން އޭނާ ނުކުމެގެން ހޮސްޕިޓަލުގެ މިސްކިތަށް ނަމާދަށް ދިޔައެވެ. އެނބުރި އައުމުން މަންމަ ހޭ އެރި ވާހަކަ ޝަފީގު ބުންޏެވެ. ޒަނީން އެތެރެއަށް ވަނެވެ. މަންމަގެ އެނދުގެ މަގަތުގައި ޑޮކްޓަރުން ތިއްބެވެ. ޒަނީން ވެސް އެނދު ކައިރިއަށް ދިޔައެވެ. އޮކްސިޖަން ސިލިންޑަރު ހުރީ ނަގާފައެވެ. މަންމަ ނޭވާ ލަމުން ދިޔައީ އަމިއްލައަށެވެ. މަންމަ ޒަނީނަށް ބަލާފައި ހީނލިއެވެ. ޒަނީން ބަޑި ފަޅައިގެން ދިޔައެވެ. އޭނާއަށް ގިސްލެވެން ފެށިއެވެ. ޑޮކްޓަރު އޭނާގެ ކޮނޑުގައި މަޑުމަޑުން ހިފައިލިއެވެ. އަދި ބޭރުގައި މަޑުކުރަން ބުންޏެވެ.
"ނޫން، އޭނަ ބަހައްޓާ." ވަރުބަލި އަޑަކުން މަންމަ ބުންޏެވެ.
މަންމަގެ މޮޅިވެރި އަޑު ޖެހުމާއެކު ޒަނީން ފުން ނޭވާއެއް ލާފައި ހަމަޖެހިލިއެވެ. "އަހަރެންގެ ހާލު ރަނގަޅޭ ގޯހެއް ނުހިނގާނެ." އޭނާ ޑޮކްޓަރަށް ޔަގީންކަން ދިނެވެ. "އިރުކޮޅަކު ހުރެވުނަ ދީ."
ޑޮކްޓަރުގެ އިޒުނައާއެކު ޒަނީން މަންމަ ގާތު މަޑުކުރިއެވެ. ދެއަތުން މަންމަގެ އަތުގައި ހިފަހައްޓައިގެން ހުރެ އޭނާ ބުންޏެވެ. "މަރިޔަމް މަންމަގެ ހިތުގައި ޖެއްސީތީ އަހަރެން މާފަށް އެދެން." ޒަނީން ބުނެލިއެވެ. "ދުވަހަކުވެސް އޭނާއަށް މާފެއް ނުކުރާނަން."
"ނޫން ދަރިފުޅާ، މަރިޔަމަށް މާފުކުރޭ. އެއީ މަންމަގެ އަންހެން ދަރިފުޅު."
"ނޫން، އެއީ މަންމަގެ ދަރިއެއް ނޫން، މަންމަގެ ދަރިއަކީ އަހަރެން."
"ތީ މަންމަގެ ދަރިއެއް ނަމަ ދުވަހަކުވެސް މަރިޔަމްގެ ހިތުގައި ނުޖައްސާނެ. މަރިޔަމަށް ލިބޭ ކޮންމެ ވޭނަކުން މަންމަގެ ހިތުގައި ޖެހޭނެ." މަންމަ ބުންޏެވެ. ގައިގައި އަޅާ ވޭނުގެ ސަބަބުން މަންމަގެ އަޑު ވަރަށް މަޑެވެ. "ޒަނީން، މަރިޔަމްގެ ހިތުގައި ޖެހޭނޭ އެއްވެސް ކަމެއް ނުކުރާނެ ކަމަށް މަންމައަށް ވައުދުވޭ."
"މަރިޔަމްގެ ހިތުގައި ޖެހޭނެކަމެއް ނުކުރާނަން މަންމާ." ޒަނީން ފެންކަޅިވިއެވެ.
މަންމަ ހަމަޖެހިލިއެވެ. "މަންމައަށް ފެން ފޮދެއް ދީބަލަ." ވައި އަޑުން މަންމަ ބުނެލިއެވެ.
ޒަނީން ޑޮކްޓަރަށް ބަލައިލިއެވެ. އާނއެކޭ ބުނުމުގެ ގޮތުން ޑޮކްޓަރު ބޯ ޖަހައިލިއެވެ. އެނދުއަރިމަތީ މޭޒުމަތީގައި ހުރި ފެންތަށި ނަގައި ސަމުސަލަކުން މަންމަގެ އަނގައަށް ޒަނީން ފެން ފޮދެއް އެޅިއެވެ. އެކަމަކު އަނެއްކާވެސް މަންމައަށް ނޭވާލާންއުނދަގޫވެ ހާސްވާން ފަށައިފިއެވެ. އެޔާއެކު ޝަހާދަތުގެ ދެކަލިމަ ކިޔާން ފަށައިފިއެވެ. އޮކްސިޖަން މާސްކް އަލުން އަޅަން ޑޮކްޓަރު ކުރިއަށް ޖެހިލިއެވެ. އެކަމަކު އޭރު މާ ލަސް ވެއްޖެއެވެ. މަންމަ އެންމެ ފަހު ނޭވާ ދޫކޮށްލައިފިއެވެ. އޭރުވެސް އޮތީ ޒަނީންގެ އަތުގައި ހިފަހައްޓައިގެންނެވެ.
ޑޮކްޓަރު ޒަނީނަށް ބަލައިލިއެވެ. މަންމަގެ ފުރާނަ ސަލާމަތްކުރަން އެމީހުންނަށް ކުރެވޭނެ ކަމެއް ނެތެވެ. ޒަނީން ހުރީ ހަމަޖެހިލައިގެންނެވެ. މަންމަގެ ފުރާނަ ސަލާމަތް ކުރުމަކީ އިންސާނަކަށް ކުރެވޭނެ ކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. މަންމަގެ އެންމެ ފަހު ވަގުތުކޮޅު ގާތުގައި ހުރެވުނީތީ އޭނާގެ ހިތަށް ހަަމަޖެހުން ލިބުނެވެ. ނިޔާވުމުގެ ކުރިން މަންމަ އޭނާއާ ވާހަކަ ދެއްކިއެވެ. އަދި އެންމެ ފަހު ފެންފޮދު މަންމައަށް ދިނީ އޭނާއެވެ. މަންމަ ލޯ މަރައިލިއިރު ދެން ދުވަހަކުވެސް ލޯ ނުހުޅުވާނެކަން ޒަނީނަށް އެނގެއެވެ. އޮކްސިޖަން މާސްކް އެޅިޔަސްމެއެވެ. އޭނާ ޑޮކްޓަރުންނަށް ޝުކުރު އަދާކުރިއެވެ. މަންމަގެ ނިތްކުރީގައި ބޮސްދިނެވެ. އަދި ބެޑްޝީޓު ނަގައި މަންމަގެ މޫނު ނިވައިކުރިއެވެ.
***
ޒަނީން ގެއަށް ފޯނުކޮށްފައި މަންމަ ނިޔާވި ޚަބަރު މަރިޔަމަށް ދޭން ޚާދިމަކު ގާތު ބުންޏެވެ. އަދި މަންމަގެ ގެއަށް ދާން މަރިޔަމް ގާތު ބުނެދިނުމަށް އެދުނެވެ. ޒަނީންވެސް މަންމަގެ ގެއަށް ދާނެއެވެ. މަރިޔަމާ ވާހަކަދައްކާކަށް އޭނާ ބޭނުމެއް ނުވެއެވެ. މަރިޔަމް ދެކެ އައިސްފައި ހުރި ރުޅި ކޮންޓްރޯލް ކުރެވޭތޯ ޒަނީން ވަރަށް މަސައްކަތް ކުރިއެވެ. މަރިޔަމްގެ ވެސް އޭނާގެ ވެސް ހިތުގައި ޖެހޭ ކަހަލަ އެއްޗެއް ބުނެވިދާނެތީއެވެ.
މަންމަގެ ގަބުރާއެކު ޒަނީން މަންމަގެ ގެއަށް ދިޔައެވެ. މަންމަ ނިޔާވި ޚަބަރާއެކު އަވަށްޓެރިން އެގެއަށް ޖަމާވާން ފެށިއެވެ. އިރުކޮޅެއްގެ ތެރޭގައި ގޭތެރެ ފުރިބާރުވެއްޖެއެވެ. މަރިޔަމް ވަދެގެން އައިއިރު މަންމަ ވަޅުލުމުގެ ކަންކަން ހަމައްޖައްސަން ދާން ޒަނީން ނުކުންނަނީއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލައިލިއެވެ. ވާހަކަ ދައްކަން އެކަކުވެސް މަޑެއް ނުކުރެއެވެ. އިރުކޮޅަކުން އަވަށްޓެރިން މަރިޔަމް ވަށައިލިއެވެ. މަރިޔަމްގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ނުފައިބައެވެ. މަންމަ ދުނިޔޭގައި ދުވަހަކުވެސް އޭނާ ލަދުގަންނަ ކަމެއް މަންމަ ނުކުރެއެވެ. އޭނާގެ ހުރިހާ އުނިކަމެއް ފޮރުވިއެވެ. މިއަދު ވެސް އޭނާ ކަންކުރީ އެގޮތަށެވެ.
"އުއްމު މަރިޔަމް، ދަރިފުޅު ތީ މަންމަގެ ފުރާނަ."
"އުއްމު މަރިޔަމަކީ މަންމަގެ މަރު." މަރިޔަމްގެ ކަންފަތުގައި ގުގުމާފައި ހުރީ އެ ދުވަހު އޭނާ މަންމައާ ދިމާއަށް ލެވި ހަޅޭކުގެ އަޑެވެ. ހަގީގަތުގައި ވެސް އޭނާއަކީ މަންމަގެ މަރުކަން މިއަދު އޭނާ ސާބިތުކޮށްދީފިއެވެ.
(ނުނިމޭ)
ވަރަށް އަސަރުކޮށްފި
އުއްމު މަރިޔަމަކީ ނުބައި ޑަކައިތެއް، ޒަނީން އޭނާ ވަރިކޮށް ފައްސާލާ، ކަލެއަކާ އެމަންޖެެއަކާ އަރަފޯދިގެން ނުވާހުށި....
ރޮ'ވިއްޖެކޮންފަދަ މަންމައެއް ???????????????????????
Roeroevarubalivejje maaikalakoa konfadha rangalhu mamma eh emamma ah suvaruge minvaru kuravvaashi
Varah reethi.Maryam ah ran'galhu filaavalheh libifa onnaane
Vvvvv reethi.. v asaru gadha