(23 ޑިސެންބަރު 2019ގައި ޝާއިއުކުރި ބަޔާގުޅޭ)
ކެތަރިންއާ ގައިގޯޅިވެ އޭނާ ގަޔަކު މަޒްހަރް ދުވަހަކުވެސް އަތެއް ނުލައެވެ. ޖިސްމާނީ އެއްވެސް ގުޅުމެއް ނުބާއްވަން އޭނާ ހުރީ ހިތު ނިޔަތްގަނެގެންނެވެ. ބަހުގައި ވިޔަސް ސަބްވޭގައި ވިޔަސް އަބަދުވެސް ދުރުމިން ބަހައްޓައެވެ. ކެތަރިން އާ އެހެން ފިރިހެނަކު ކައިރިވިޔަސް އޭނާ ހުންނަނީ ހިތްހަމަނުޖެހިފައެވެ. ފިލްމު ބަލަން ތިއޭޓަރަށް ވަދެފައި ވެސް ކެތަރިންގެ ދެ ފަރާތުގައި ވެސް ފިރިހެނަކު އިށީނަކަ ނުދެއެވެ. ކާރުބާރު ބޮޑުތަންތާ އުޅޭ އިރުވެސް ފިރިހެނަކަށް ކެތަރިންއާ ގާތްވިޔަކަ ނުދެއެވެ. ކެތަރިންގެ ގައިގައި އޭނާ އަތް ޖައްސާލަނީ ހަމައެކަނި މަގު ހުރަސްކުރާއިރުއެވެ. އެވަގުތު އޭނާ ކެތަރިންގެ އަތުގައި ބާރަށް ހިފައެވެ. އަދި ސަލާމަތުން މަގު ހުރަސްކުރުވައެވެ. ކެތަރިން އަށް އެކަންވަނީ އާދަޔާ ޚިލާފު ކަމަކަށެވެ. އަދި ހުރިހާ ޚަރަދެއް އޭނާގެ ޖީބުން ކުރާތީވެސް ކެތަރިން ހައިރާންވެއެވެ. ފިލްމެއް ބަލަން ތިއޭޓަރަށް ވަންނަ ޓިކެޓެއް ވިޔަސް، ޓެކްސީ ލާރި ވިޔަސް، އަދި ކޮފީ ވިޔަސް ހުރިހާ ޚަރަދެއް ކުރަނީ މަޒްހަރްގެ ޖީބުންނެވެ. އޭނާއަށް އެކަން މާ ބޮޑު ކަމަކަށް ނުވެއެވެ. "އެއީ އަހަރެމެންގެ އާދަކާދަ." ކެތަރިން ފައިސާ ދައްކަން އުޅުމުން އޭނާ ބުނެއެވެ. "އަންހެނަކު ފައިސާ ދައްކަން އުޅެފިނަަ އަހަރެމެންގެ ސަގާފަތުގައި އެއީ ފިރިހެންމީހާގެ މޫނުގައި އެތިފަހަރެއް ޖެހުން ފަދަ ކަމެއް."
ހަމައެހެންމެ ކެތަރިންގެ ގައިގައި އަތް ޖައްސައިނުލަނީ ކީއްވެގެންކަން ވެސް އޭނާ އޮޅުންފިލުވައި ދިނެވެ. "އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ފިރިހެނުންގެ މައްޗަށް ލާޒިމު ކަމެއް." އެހުރިހާ ކަމަކީ ކެތަރިން އަށް އާ ކަންކަމެވެ. ހުޅަނގުގައި އެކަހަލަ އާދައެއް ނޯންނަ ކަމަށް ކެތަރިން މަޒްހަރު ގާތު ބުނެއެވެ. އެވާހަކައަށް އެއްޗެއް ބުނުމުގެ ބަދަލުގައި މަޒްހަރް ހީނލަނީއެވެ. "އަހަންނަށް އެނގޭ ކެތަރިން ނިސްބަތްވަނީ ހުޅަނގުގެ ސަގާފަތަށް ކަން. އެކަމަކު އަހަރެން އުޅޭނީ އަަހަރެމެންގެ ސަގާފަތުގައި އަންހެނުންނާ މެދު އަމަލުކުރުމަށް އޮންނަ ގޮތަށް."
މަޒްހަރްގެ އާދަތައް ހުންނަ ގޮތުން ދިރިއުޅުމާމެދު އެހެން ނަޒަރަކުން ދެކޭން ކެތަރިން ފެށިއެވެ. އެހެންގޮތަކަށް ބުނާނަމަ ދިރިއުޅުމަކީ ކޮބައިކަން ފުރަތަމަ ފަހަރަށް ވިސްނެން ފެށިއެވެ.
ކެތަރިންއާ މަޒްހަރްގެ ގުޅުން ބަދަހިވެ ދެމީހުން އެކުގައި ބޭރަށް ގޮސް އުޅޭތާ އެތައް މަހެއް ފާއިތުވީ ފަހުން އެއްދުވަހަކު މަޒްހަރު ބުންޏެވެ. "ކެތަރިންގެ ބައްޕައަކީ ވެސް މުސްލިމެއް. އެހެންވީމާ ކެތަރިންވެސް ވާނީ މުސްލިމަކަށް. އާއްމުގޮތެއްގައި ދަރީން ޚިޔާރުކުރަނީ ބައްޕަގެ ދީން. އެކަމާ ވިސްނާލިންތަ؟"
ކެތަރިން ކަޅިޖަހައިނުލައި އޭނާއާ ދިމާއަށް ބަލަން ފެށިއެވެ.
"ބައްޕައާ މެދު ދެކޭ ގޮތް އަހަންނަށް އެނގޭ. އެކަން އެގޮތަށް ބާއްވާ. އެކަމަކު އޭނަގެ ދީނާއި ސަގާފަތް ދަސްކުރަންވާނެއެއްނު. ދިރިއުޅެންޏާ ކޮންމެވެސް ދީނެއް ގަބޫލުކުރަންވާނެ." މަޒްހަރް ބުންޏެވެ. "ބޭނުމިއްޔާ އަހަރެން އިސްލާމް ދީން އޮޅުންފިލުވައިދީފާނަން. އެކަމަކު އެއްވެސް މަޖުބޫރު ކަމެއް ނެތްކަން ހަނދާންކުރާތި."
ކެތަރިން އިރުކޮޅަކު ހިމޭނުން އިނދެފައި ވާހަކަ ދެއްކިއެވެ. އޭނާ އިސްލާމް ދީން އުނގެނެން ބޭނުންކަމަށް ބުންޏެވެ. ކޮންމެ އާދީއްތަ ދުވަހަކުއިސްލާމިކް ސެންޓަރުގައި އޮންނަ ކުލާހަކަށް ދާން ފެށިއެވެ. ދެމީހުން އެކުގައި ބޭރަށް ދާ ދުވަސްދުވަހު މަޒްހަރް އިސްލާމްދީނުގެ އެކި ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކައެވެ. މަޑުމަޑުން ކެތަރިން އަށް އޭނާގެ ނުފޫޒު ފޯރަން ފެށިއެވެ. މަޒްހަރާއެކު ބޭރަށް ދާއިރު ސްކާފަކުން އިސްތަށިގަނޑު ނިވާ ކުރަން ފެށިއެވެ. ކުރު ހެދުންތައް ދޫކޮށް ދިގު ސްކާޓާއި ހަރުވާޅު ލާން ފެށިއެވެ. ނިވައިކަން ކުޑަ ބްލައުޒުތަކުގެ ބަދަލުގައި އުއި ފޮތީގެ ގަމީސް ލާން ފެށިއެވެ. ހެދުން އެޅުމުގެ ވައްޓަފާޅިއަށް ބަދަލުގެންނަ ކޮންމެ ފަހަރަކު މަޒްހަރް އެކަން ފާހަގަކުރެއެވެ. އޭގެ ނަތީޖާއަކަށް ވަނީ އެހެން ހެޔޮ ބަދަލެކެވެ.
(ހަތްވަނަ ބާބު)
އޭނާއަށް ސިޑީގެ ފަހު ހަރުފަތާ ހަމަޔަށް އެރުނެވެ. ވަށައިގެން ބަލައިލީމާ ހުރެވުނީ ވަރަށް މަތީގައި ކަން އިހުސާސް ކުރެވުނެވެ. ފުރާޅެއްގެ މަތީގައި ނުވަތަ އުސް އިމާރާތެއްގެ މަތީގައި ހުރެވޭ ކަމުގެ އިހުސާސެވެ. ހިތްގައިމު ފިނިފިނި ވައިރޯޅި އައިސް ގައިގައި ބީހިލައެވެ.
***
ޕްރޮފެސަރ ޢައްބާސްގެ އޮފީހުން މަރިޔަމާ ދިމާވުމުން ޒަނީން ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ވަރަށް ގިނައިރު ވަންދެން އޭނާ ޕްރޮފެސަރ ޢައްބާސްއާ ވާހަކަ ދެއްކިއެވެ. އޭނަގެ ތަސައްވަރާއި އުފައްދަން ބޭނުންވާ ފަރުމާތަކާއި އެކަމަށް ބޭނުންވާ ކުދީންގެ ކިބައިގައި ހުންނަންވާ ޝަރުތުގެ ވާހަކައެވެ. އޭނާގެ ވާހަަކަ އަޑުއަހާފައި ޕްރޮފެސަރު ވަގުތުން މަރިޔަމްގެ ނަން ހުށަހެޅިއެވެ. މަރިޔަމަށް ލިބިފައިވާ އާދަޔާ ޚިލާފު ހުނަރަށް އޭނާ ތައުރީފުކުރިއެވެ. އެހެންނަމަވެސް މަރިޔަމާ ބައްދަލުވުމުން ޒަނީން އޭނާގެ މަތިން މުޅިން ފޫހިވިއެވެ. ބައިގަޑިއިރު ވަންދެން މަރިޔަމާ ވާހަކަ ދެއްކިއިރު އެންމެ ފަހަރަކުވެސް މަރިޔަމް އަނގަޔަކުން ނުބުނެއެވެ. އިސް އުފުލައި ބަލައި ނުލައެވެ. ޒަނީންގެ މަސައްކަތަށް ޝައުގުވެރިކަން ހުރިކަމެއްވެސް ފާޅެއް ނުކުރެއެވެ. އެހުރިހާ އިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ދުރުން ފެންނަ ފާރުގައި ހުރި ކުރެހުމަކަށެވެ. ނުވަތަ މޭޒުމަތީގައި އިނގިލިން ކުރަހާލަކުރަހާލައި އިނީއެވެ. ސުވާލެއް ނުކުރެއެވެ. ދެއްކި ވާހަކަ އަޑުއެހި ކަމެއް ނޭނގެއެވެ. ޕްރޮފެސަރ ޢައްބާސް ޒަނީން ގާތު ދެއްކި ވާހަކަޔާ އޭނާއަށް ފެންނަ މަންޒަރާ މުޅިން ތަފާތެވެ. "މީނައަކީ މަސައްކަތަށް ފަރުވާތެރިވާނެ ކުއްޖެއްހެން ހިއެނުވޭ." ޒަނީން ހިތާހިތުން ބުނެލިއެވެ. "އަހަރެން ދައްކާ ވާހަަކައަށް ސަމާލުކަން ނުދެވޭ މީހަކު އަހަންނާއެކު އަށްގަޑިއިރު މަސައްކަތް ކުރާނީ ކިހިނެއް؟"
އޭނާގެ ޕްރޮޖެކްޓުގައި މަރިޔަމް ބައިވެރިނުކުރާން ނިންމީ އުޖޫރައިގެ ވާހަކަ އެހުމުންނެވެ. މީހަކު ހޯދަން އުޅެނީ އެމީހާ ލައްވައި ހިލޭ މަސައްކަތް ކުރުވާކަށް ނޫނެވެ. އޭނާ ހުރީ އުޖޫރައިގެ ވާހަކަ މަޝްވަރާ ނުކުރާކަށް ވެސް ނޫނެވެ. އެންސީއޭ އިން މީހަކު ނަގަންޏާ އެމީހަކަށް އުޖޫރައެއް ދޭން ޖެހޭނެކަން އޭނާއަށް އެނގެއެވެ. ގައުމުގައި ހުރި އެންމެ ވަރުގަދަ އާޓް ކޮލެޖުގެެ ދަރިވަރުންނަކީ މަސައްކަތާއި ހުނަރުގެ ގޮތުން މޮޅުވާނެ ކުދީންކަން އޭނާއަށް އެނގެއެވެ. އޭނާ ހުރީ ހުނަރުވެރި މޮޅު މަސައްކަތަށް އެކަށޭނަ އަގު ދޭން ތައްޔާރަށެވެ. ޒަނީން ބޮޑަށް ފޫހިވީ މަސައްކަތާ ގުޅޭގޮތުން ސުވާލުކުރަން ބުނުމުން އެކަމާ ގުޅޭ ސުވާލެއް ނުކޮށް އުޖޫރައިގެ ވާހަކަ އެހުމުންނެވެ. ފައިސާގެ ވާހަކަ އެހީމައެވެ. "އެއީ ކިހައި އުނދަގޫ މަސައްކަތެއް ކަމާއި އެމަސައްކަތް ކުރުމަށް ހުރި ގޮންޖެހުމުގެ ވާހަކައެއް ނާހާ. މަސައްކަތް ހަވާލުކުރާ މީހާ ހިތްހަމަޖެހޭ ވަރުގެ މަސައްކަތެއް ކުރުމުގެ ޝައުގެއް ނެތް. އޭނާގެ ހަމައެކަނި ޝައުގަކީ ފައިސާ. މިވަރު މީހަކު ތެދުވެރި ކަމާއެކު މަސައްކަތްކުރާނީ ކިހިނެއް؟ މަސައްކަތަށް ވަގުތު ދޭނީ ކިހިނެއް؟"
ޒަނީނަށް ފެނުނު ގޮތުގައި މަރިޔަމަކީ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރެވޭނޭ ކުއްޖެއް ނޫނެވެ. އޭނާއަށް މަރިޔަމް ފެނުނީ ވަރަށް ފަރުވާކުޑަ ކުއްޖެއްގެ ގޮތުގައެެވެ. އޭނާގެ މަސައްކަތުގައި މަރިޔަމް ބައިވެރިކުރާނެ އެއްވެސް ގޮތެއް ނެތެވެ. ޕްރޮފެސަރ ޢައްބާސް އޭނާއަށް އެވަރަށް ތައުރީފުކުރުމުން މަރިޔަމް ދޫކޮށްލަން އޭނާއަށް ފަސޭހައެއް ނޫނެވެ. އެހެންކަމުން އޭނާގެ ބިޒްނަސް ކާޑު މަރިޔަމަށް ދިނެވެ. އަދި ފެކްޓަރީއިން ބައްދަލުކުރާނެ ކަމަށް ބުންޏެވެ. މަރިޔަމް އޮފީހުން ނުކުތުމުން މަރިޔަމްގެ އިތުރުން ހުނަރުވެރި އެހެން ކުދިން ތިބިތޯ ޕްރޮފެސަރ ޢައްބާސް ގާތު އެހިއެވެ.
"ޒަނީން، ފުރަތަމަ މަރިޔަމްގެ މަސައްކަތް ބަލާ. އެހެން ކުދީންގެ ވާހަކަ ދައްކާނީ އޭނާގެ މަސައްކަތް ކަމު ނުގޮސްފިނަމަ." ޕްރޮފެސަރ ޢައްބާސް ބުންޏެވެ.
މަރިޔަމާ މެދު ޕްރޮފެސަރ ޢައްބާސް އެހައި ޔަގީންކަން ދޭތީ އޭނާ ހައިރާންވިއެވެ. "މަރިޔަމްގެ މަސައްކަތް ބަލާނަން. އޭނާގެ މަސައްކަތާ މެދު އަހަރެން ހިތްހަމަ ނުޖެހެންޏާ އަނެއްކާ ޖެހޭނީ މިތަނަށް އަންނަން. މިހާރު ވީހާވެސް ގިނަ ކުދީންނާ ބައްދަލުކޮށްފަ ދިޔައިމަ ފަހުން ގޮތެއް ނިންމާން ފަސޭހަވާނެ." ޒަނީން ވެސް ގޮތުގައި ހިފަހައްޓާލިއެވެ.
ޕްރޮފެސަރ ޢައްބާސް ޒަނީނަށް އިތުރު ކުދީން ތައާރަފްކުރިއެވެ. ޒަނީން ކޮލެޖުން ނުކުތީ އެހުރިހާ ކުދީންނަށް ވަކިވަކީން އެޕޮއިންޓްމެންޓު ހަމަޖައްސާފައެވެ. މަރިޔަމާ ބައްދަލުނުކުރާން ނިންމައިގެންނެވެ.
ޖެހިގެން އައިދުވަހު ދޭއް ޖެހުމުގެ ކުރިން އޭނާ އޮފީހުން ނުކުތީ މަރިޔަމަށް އެވަރު އެނގޭނެ ކަމަށް ހީކޮށެވެ. އެކަމަކު އަނެއް ދުވަހު ހެނދުނު އޭނާ ފެންވަރައިގެން ނުކުތް ތަނާ އޭނާއާ ބައްދަލުކުރަން މަރިޔަމް ގޮސް ހުރި ވާހަކަ ދޮރުވާނު ބުންޏެވެ.
"ކާކު މިގެއަށް އަންނަން އޭނާއަށް ހުއްދަދިނީ؟ ކޮންކަހަލަ އާއިލާއަކުން އައިސް ހުރި ކުއްޖެއްތަ، އިރު ނާރަނީސް ހިލޭ ފިރިހެނުންގެ ގެއަށް އަންނަން...؟" އޭނާގެ ރުޅިގަނޑު ފަޅައިގެން ދިޔައީ ކީއްވެގެން ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އެއްގޮތަކަށްވެސް މަރިޔަމާ ގަޔާނުވާ ކަން އޭނާއަށް އެނގުނެވެ. "އޮފީހުން ބައްދަލުކުރާށޭ ބުނޭ. އަހަންނަކީ ގެއިން މީހުންނާ ބައްދަލުކުރާ މީހެއް ނޫން." ވަރަށް ހަރުކަށި ރާގަކަށް އޭނާ ބުންޏެވެ.
މަރިޔަމާއެކު އެޕޮއިންޓްމެންޓެއް ހަމަޖެއްސި ވާހަކަ ޒަނީންގެ ސެކެޓްރީ ދަރަޚްޝާން ބުނުމުން އޭނާ އަނގަޔަކުން ނުބުނެއެވެ. މީގެ ކުރިން މަރިޔަމާ މެދު އިހާނެތިކޮށް ކަންތައް ކުރުމުން އޭނާ ނާންނާނެކަން ޒަނީނަށް ޔަގީންވާތީ އެވެ. އަދި އެޕޮއިންޓްމެންޓު ހަމަޖައްސާފައި އޮތް ވަގުތަށް އެހެން މީހަކަށް އޭނާ ވަގުތު ހަމަޖެއްސިއެވެ. މަރިޔަމް ގޮސް ހުރި ވާހަކަ އިންޓަރކޮމް މެދުވެރިކޮށް ދަރަޚްޝާން އޭނާއަށް އެންގުމުން ވަލީދާ ވާހަކަ ދައްކަން ފެށިއެވެ. ވަލީދަކީ އެ އޮފީހުގައި މަސައްކަތްކުރާ މީހެކެވެ. ބައްދަލުނުކުރާން ގަސްތުކޮށްގެން ހުއްޓަސް މަރިޔަމަށް އެކަމެއް ނޭނގެއެވެ. ޒަނީން އާ ޕްރޮޖެކްޓެއް ފަށަން އުޅޭ ކަމާއި އެންސީއޭގެ ދަރިވަރުންނާ ބައްދަލުކުރާކަން ވަލީދަށް އެނގެއެވެ.
"ހަފްތާއެއް ނުވަތަ ދިހަ ވަރަކަށް ދުވަސް ފަހުން އަންނާށޭ ބުނަންވީނު. އޭރުން އޮންނާނީ ޕްރޮޖެކްޓަށް ކުދީން ނަގާ ނިމިފަ." ވަލީދު ލަފާ ދިނެވެ.
ޒަނީން ކަންކުރީ ވަލީދުގެ ލަފަޔާ އެއްގޮތަށެވެ.
***
ޖެހިގެން އައި ދުވަހު އާޓް ގެލެރީގައި އޮތް މައުރަޒަކަށް ސޯފިއާ އާއެކު ޒަނީން ދިޔައެވެ. ކުރެހުންތެރީންނާއި ދާއިރާއަށް އަލަށް ތައާރަފްވާ ކުރެހުންތެރީންގެ މަސައްކަތް ދައްކާލުމަށް ބާއްވާ މައުރަޒެއް ބަލައިލުމަށެވެ. މައުރަޒުގައި އެންސީއޭގެ ގިނަ ދަރިވަރުންތަކެއްގެ ކުރެހުންތައް ވިއްކަން ބަހައްޓާފައި ހުއްޓެވެ. އޭގެތެރެގައި ސޯފިއާގެ ކުރެހުންވެސް ހިމެނެއެވެ. ގެއާއި އޮފީސް ޒީނަންތެރިކުރަން އިތުރު ކުރެހުންތައް ޒަނީން ބޭނުންވެއެވެ.
ސޯފިއާއާއި ޒަނީނަށް ވަދެވުނުއިރު ގެލެރީ އޮތީ ފުރިބާރުވެފައެވެ. ޒަނީނަކީވެސް ކުރެހުންތެރިޔަކަށް ވުމުން އޭނާ ދަންނަ މީހުންނާ އެތަނުން ބައްދަލުވިއެވެ. އެމީހުން ގާތަށް އޭނާ ދިޔައެވެ. ސޯފިއާވެސް އެންސީއޭގައި އޭނާއާ އެކު ކިޔަވާ ދަރިވަރުން ގާތަށް ދިޔައެވެ. އެކުވެރިންނާ ބައްދަލުވުމުން އެމީހުންނާއެކު ގެލެރީތެރެއަށް އޭނާ ވަނެވެ. އެތަނުގައި ހުރި ގިނަ ކުރެހުންތައް އޭނާއަށް ކަމުދިޔައެވެ. މިއަދަކީ ތިން ދުވަހަށް ބާއްވާ މައުރަޒުގެ ފުރަތަމަ ދުވަސްކަމުގައި ވީނަމަވެސް ގިނަ ކުރެހުންތައް ހުރީ ވިކިފައެވެ.
އެއް ހޯލުން އަނެއް ހޯލަށް ހިނގަމުން ދިޔައިރު އެއް ހޯލުގައި އާދަޔާ ޚިލާފަށް މީހުން ގިނަކަން އޭނާއަށް ފާހަގަ ކުރެވުނެވެ. "މިވާނީ ވަރަށް މަޝްހޫރު އާޓިސްޓަަކަށް." އޭނާ ހިތާހިތުން ބުނެލިއެވެ. ތަންކޮޅެއް މީހުން މަދުވެ ތައްކަތުވެލީމާ އެތަނަށް ވަންނަން ނިންމައި އޭނާ ގޮސް ޖެހިގެން ހުރި ހޯލަށް ވަނެވެ.
ހުރިހާ ހޯލަކަށް ވަދެ، ކުރެހުންތައް ބަލާފައި ސޯފިއާގެ ކުރެހުމަކާއެކު ތިން ކުރެހުން ގަނެގެން އޭނާ އެނބުރި އައި އިރުވެސް އެ ހޯލުން މީހުން މަދެއް ނުވެއެވެ. އޭނާ އެތަނަށް ވަނެވެ. ޒަނީންގެ ލޮލުގައި އަަޅައިގަތީ ފުރަތަމަ ކުރެހުމެވެ. "އުމް-މީ!" އޭނާއަށް ވައި އަޑުން ބުނެވުނެވެ. ނުޒްހަތު ގަނެދިން ދެ ކުރެހުމުގެ އިތުރަށް އުމް-މީގެ އެހެން ކުރެހުމެއް އޭނާއަށް ފެނިފައެއް ނެތެވެ. އެކަމަކު އެކުރެހުން ފެންނަ އިރަށް އެއީ އެކެއްގެ ކުރެހުންކަން އިހުސާސްކުރެވުނެވެ.
ކައިރިއަށް ޖެހިލާފައި އާޓިސްޓުގެ ނަން ފެނޭތޯ ބަލައިލިއެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. އެއީ އުމް-މީ ގެ ކުރެހުމެކެވެ. އެހެން އާޓީސްޓުން މައުރަޒުގައި ބައިވެރިކުރީ ދޭއް ނުވަތަ ތިން ކުރެހުމެވެ. އެތަނުގައި އުމް-މީގެ އަށް ކުރެހުން ހުއްޓެވެ. އެ އަށް ކުރެހުމުގެ ތެރެއިން ހަތަރު ކުރެހުމަކީ ސިލްސިލާ ކުރެހުންތަކެވެ. ވައި، ފެން، ބިން، އަލިފާން. އެތައް އިރެއްވަންދެން އޭނާ އެކުރެހުންތަކަށް ބަަލަން ހުއްޓެވެ. އެ ހޯލުގައި ތިބި އެހެން މީހުން ވެސް އެކުރެހުންތަކަށް ތައުރީފުކުރާ އަޑި އިވުމުން އެއީ މޮޅު ކުރެހުންތެރިއެއްގެ މަސައްކަތް ކަމާމެދު ޒަނީން ޝައްކެއް ނުކުރެއެވެ. އެންސީއޭގެ އެހެން ކުއްޖަކު އެތަނުން ފެނުމުން އޭނާ އެކުއްޖާ ގާތަށް ހިނގައްޖެއެވެ. "ޢިބާދު، އުމް-މީ އަކީ ކާކު؟ އޭނަޔާ ބައްދަލުކޮށްލާން ބޭނުން."
"އޯހ، އެއީ އަހަރެމެން ކޮލެޖުގައި އުޅޭ ކުއްޖެއް. އޭނާގެ ނަަމަކީ އުއްމު މަރިޔަމް. މިއަދު ނާދޭ މިތަނަކަށް." ޢިބާދު ބުންޏެވެ.
"އުއްމު މަރިޔަމް." ޒަނީން ފިކުރެއްގައި ހުރެ އެނަން ތަކުރާރުކުރިއެވެ. "އޭނާގެ މަސައްކަތް ހާދަ މޮޅޭ. މީގެ ކުރިން އޭނާ މައުރަޒެއް ބޭއްވިތަ؟"
"ނޫން، އެނގިފައެއް ނެތް. ކޮލެޖުގައި ކުރާ މަސައްކަތުން އެކަނިވެސް އޭނާއަށް މިހާރު ސޯލޯ އެގްޒިބިޝަނެއް ބޭއްވޭނެ. އޭނާއަކީ އެންސީއޭގައި އުޅޭ އެންމެ މޮޅު ކުއްޖާ. އޭނާއަކީ ނަންހިނގާ، މަޝްހޫރު ފަންނާނަކަށް ވާނެ ކަަމަށް ޕްރޮފެސަރުން އަބަދުވެސް ބުނޭ. އޭނާ ޑިގްރީއަށް ކިޔަވަނީ ފައިން އާޓްސް އެންޑް މިނިއޭޗަރ ޕެއިންޓިން. މަސައްކަތް އެހައި ތަފްސީލުކޮށް އެހުންނަނީ އެހެންވީމާ." ޢިބާދު ބުންޏެވެ.
ޢިބާދު އާ ޒަނީން އިރުކޮޅެއް ވަންދެން މަރިޔަމްގެ ކުރެހުމަށް ބަލަން ތިއްބެވެ. " ފެކްޓަރީ ޕްރޮޖެކްޓަށް އޭނާ ނުނަގަންތަ؟" ޢިބާދު އެހިއެވެ. "މީގެ ކުރިންވެސް ބޮޑެތި ބައެއް ޕްރޮޖެކްޓްތަކުގައި އޭނާ މަސައްކަތް ކުރި. އޭނާ މަޝްހޫރުވެފައި އޮންނަނީ މަސައްކަތަށް ފަރުވާތެރި، ވަގުތަށް ކަމޭ ހިތާ ކުއްޖެއްގެ ގޮތުގައި."
ޒަނީން ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. އޭނާ ހޯދަން އުޅޭ ކަހަލަ މޮޅު އާޓިސްޓަކު ފެނުނީތީ އެވެ. އޭނާ ބޭނުންވާ ޑިޒައިންތައް ކުރެހޭނީ މިކުއްޖާއަށެވެ. އެކުއްޖާއާ ބައްދަލުވެސް ނުވަނީސް އެކަން އޭނާއަށް ޔަގީންވިއެވެ. އެގޮތަށް ނިންމައިގެން އޭނާ އެކުއްޖާގެ ބައެއް ކުރެހުންތައް ގަންނާން ގަސްތުކުރިއެެވެ. އަށް ކުރެހުމުގެ ތެރެއިން ހަތަރު ކުރެހުން ހުރި ވިކިފައެވެ. އެކަމަކު ސިލްސިލާ ހަތަރު ކުރެހުން އަދި ނުވިކެއެވެ. ޒަނީން އެ ހަތަރު ކުރެހުން ގަނެލިއެވެ.
އެއްބަސްވެފައިވާ ގަޑިއަށް ކާރު ޕާކުން ޒަނީން ސޯފިއާއާ ބައްދަލުކުރިއެވެ. "އަހަރެންގެ ކުރެހުންތައް ކަމުދޭތަ؟" ސޯފިއާ އެހިއެވެ.
(ނުނިމޭ)
މަރިޔަމްއަކީ އެ ކުރެހުން ކުރެހި މީހާކަން އެނގުމުން ވާނީ ކިހިނެއްބާ؟
Miadhuge bai kon irakynthoa
Kobaatho miadhuge bai? 8
jeheensurre inthixaaruga mihunnany...
V. Furihama
ކެތަރިން ހާދަ ނަސީބުގަދައޭ
Thi kurehunthakuge veriyaa aa bahdhalu vaairu zaneen ah vaanee kihineh?
Varah reethi.komme dhuvahakuves genesdhehchey