ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ކަމަށް ކަނޑައަޅުއްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަން މިއަދު އިއުލާން ކުރައްވައިފިއެވެ.
މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ގަވައިދު ހަމަޖެހިފައިވާ ގޮތުން، މައިނޯރިޓީ ލީޑަރަކީ އިދިކޮޅު ޕާޓީތަކުގެ ތެރެއިން އެންމެގިނަ ޢަދަދަކަށް މެމްބަރުން ތިބި ޕާޓީއަށް ނިސްބަތްވާ މެމްބަރެއް ކަމަށެވެ.
އިދިކޮޅު ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދަކަށް މެމްބަރުން މިވަގުތު ތިއްބެވީ ޕީޕީއެމްގައެވެ. އެއީ 6 މެމްބަރުންނެވެ. އެ އަދަދު ހަމަވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ޕީޕީއެމަށް ސޮއިކުރެއްވުމުންނެވެ. ޖޭޕީގައި ތިއްބެވީ 5 ފަސް މެމްބަރުންނެވެ. އެމްޑީޕީގައި 65 މެމްބަރުންނެވެ.
މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިމަހު އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމަށް ސަލީމަށް ދަންނަވާފައެވެ. ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމަކީ މައިނޯރިޓީ ލީޑަރު ކުރައްވަންޖެހޭ ކަމެކެވެ.
މައިނޯރިޓީ ލީޑަރަކަށް އޭދަފުށީ ދާއިރާގެ މެމްބަރު ކަނޑައެޅިގެން ދިޔުމުން އެކި ޕާޓީތަކުގެ މެމްބަރުން ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ.