ފުސްބިއްލޫރި - 34

(1 ފެބްރުއަރީ 2020ގައި ޝާއިއުކުރި ބަޔާގުޅޭ)

"ނޫން ދަރިފުޅާ. އަންހެނެއްގެ ކަމެއްގައި މާޒީގައި ހިނގި ކަމަކަށް ވެސް މީހުން މާފެއް ނުކުރާނެ. މަންމައާ ހެދި ދަރިފުޅާއި މަރިޔަމްގެ ގުޅުމަށް އެއްވެސް ނޭދެވޭ އަސަރެއް ކުރާކަށް މަންމަ ބޭނުމެއް ނޫން. މަރިޔަމް ބޭނުމެއް ނުވޭ މަންމަ އޭނާއާއެކު އުޅޭކަށް. އަދި ދަރިފުޅު މަރިޔަމް ގާތު ތެދަށް ބުނެފިނަމަ މާ ގިނަ ދުވަހަކު މި ސިއްރު ހިފެހެއްޓިފައެއް ނޯންނާނެ. އެއީ މަރިޔަމްގެ ތަބީއަތުގައި ހުންނަ ސިފައެއް ނޫން. އޭރުން މަޒްހަރަށް މަންމަ މި ރަށުގައި އުޅޭކަން އެނގޭނެ، ދެން... މަޒްހަރް މަންމަގެ މާޒީގެ ވާހަކަ އެއްވެސް މީހެއް ގާތު ނުބުނޭ. އެއީ މަންމަގެ މާޒީގެ ސަބަބުން އާއިލާގެ ނަން ކިލަނބު ވެދާނެތީ. އެކަން ސިއްރުކުރީ ވެސް އެހެންވެ. ދަރިފުޅަށް މިއަދު ރީތި ނަން ލިބިފައި ތިހިރީ ބައްޕަ އެ ސިއްރު ހިފެހެއްޓީތީ. މީހުންނަށް މަންމަގެ ހަގީގަތް އެނގިއްޖެނަމަ ދަރިފުޅުގެ ބައްޕައަކީ ކާކުތޯ މީހުން ސުވާލު އުފައްދާނެ. އެ ސުވާލަށް ދަރިފުޅު ދޭނީ ކޮން ޖަވާބެއް؟ ދަރިފުޅަށް ހަގީގަތް ކިޔައިދެވޭނީ ކިތައް މީހުންނަށް؟ އެ ސުވާލުކުރާ އެންމެންނަށް ކިޔައިދެވޭނެތަ؟ އޭގެތެރެއިން ދަރިފުޅުގެ ވާހަކަ ގަބޫލުކުރާނީ ކިތައް މީހުން؟ މަންމަ އެހެން އުޅެން ޖެހުނީ ހާލަތު މެދުވެރިކުރި ގޮތުން ކަމަށް އެކަކުވެސް ގަބޫލުކުރާނެތަ؟ މަރިޔަމަށް ވާނީ ކިހިނެއް؟ މަރިޔަމާ ބެހޭ ގޮތުން މީހުން ބުނާނީ ކީކޭ؟ އޭރުން މަރިޔަމްގެ ކެރިއަރު ބަރުބާދުވާނެ. މަންމައާ ބެހޭ ގޮތުން ދަރިފުޅުގެ ދަރީން ސުވާލުކުރުމުން ދޭނީ ކޮން ޖަވާބެއް؟ އެ ކުދީން ބޮޑުވުމުން މީހުން ދިމާކުރަން ފަށައިފިނަމަ އެކުދީން ދަރިފުޅާ ސުވާލުކުރާނެ. އަދި އެމީހުން ބޮޑުވެގެން މީހުންނާ އިންނާން އުޅުމުން މާމަގެ މާޒީއާ ހެދި އާއިލާ ތަކުން ކާވެންޏާ ދެކޮޅު ހަދައިފިނަމަ ދަރިފުޅު ކުރާނީ ކީއް؟ އަހަންނަކީ ދަރިފުޅުގެ މަންމައޭ ބުނާ ހިސާބުން ދަރިފުޅާއި އެހެން މީހުންނާ އޮންނަ ގުޅުން ކެނޑޭނެ. ދަރިފުޅުގެ ބައްޕައާއި ކޮއްކޮމެން، އަދި މުޅި އާއިލާ... އެހެންވީމާ މަންމައަކަށް ތި ކަމަކަށް އެއްބަހެއް ނުވެވޭނެ. މަންމައަށް އެންމެ ރައްކާތެރި ތަނަކީ މިއީ. އެހެންވީމާ އެންމެ ރަނގަޅުވާނީ މަންމަ މިތާ އުޅުނިއްޔާ. މިތާ އުޅޭހައި ދުވަހަކު މަންމަގެ މާޒީއާއި ގުޅޭ ގޮތުން ސުވާލުކުރާނެ މީހަކު ނުހުންނާނެ. އަދި ކޮނެކޮނެގެން ފަސް އަރުވާކަށް ވެސް އެކަކުވެސް ނޫޅޭނެ." މަންމަގެ ލޮލުން ކަރުނަ ހިލުނެވެ.

މަންމަގެ އުނގުގައި ބޯ އަޅައިގެން އޮވެ ޒަނީން ރޯން ފެށިއެވެ. "މަންމައަށް އެނގޭތަ، ދިރިއުޅުމުގެ މާނައެއް އޮތްހެން މިހާރު އަހަންނަކަށް ހިއެއްނުވޭ. މީހެއްގެ އިޖްތިމާއީ ޒިއްމާ، އާދަކާދަ އާއި އުސޫލުތަކަކީ މާނައެއް ނެތް ހުސް ކަންކަން. އެއީ ފުސްބިއްލޫރިގަނޑެއްގެ ތެރެއިން ފެންނަ ފުސް މަންޒަރެއް. އަހަރެން ހިތަށް އަރާ އެއާއި ނުލައި އަހަންނަށް އުޅެވޭނެ ނަމައޭ. ޒަނީން އަވާބް ޚާނަށް ވުމުގެ ބަދަލުގައި އަހަންނަކީ މި ހިސާބުގައި އުޅޭ އާދައިގެ މީހެއް ނަމަ. އާއިލާގެ ނަމާއި އަބުރު ރައްކާތެރިކުރަން ޖެހޭ މީހެއް ނޫން ނަމަ. އޭރުން މީހުން ބުނާ އެއްޗަކަށް ފަރުވާލެއް ނުބަހައްޓައި މަންމައާއެކު އަހަންނަށް އުޅެވުނީސް. ދުނިޔެއަކީ ދެމިޔަލީ ކަނޑިއެއް. އޭގެ މަތީގައި ހިނގާ މީހާ ޒަޚަމް ވާނެކަން އެނގޭއިރުވެސް ހިނގަމުން ކުރިއަށް ދަނީ."

***

މަންމައަކީ އޭނާގެ އަސްލު މަންމަކަން އެނގުމުން ފިކުރު ބޮޑުވެ، މާޔޫސްވެފައި އެތައް ދުވަހެއް ވަންދެން ޒަނީން އުޅުނެވެ. ނަމަވެސް މަޑުމަޑުން އެ ޚިޔާލުތަކުން އަރައިގަނެވުނެވެ. އެ ދުވަސްވަރާ ދިމާކޮށް އޭނާގެ ދަރިފުޅު ޒައިނަބް ދުނިޔެއަށް އުފަންވުމަކީ އެ ޒަޚަމްތަކަށް ލިބުނު އަވަސް ފަރުވާއެކެވެ. މަންމައާއެކު ކޮންމެ ދުވަހަކުވެސް ޒަނީން ތިން ގަޑިއިރު ހޭދަކުރެއެވެ. އޭގެ އިތުރަށް އޭނާ މަންމައަށް މޯބައިލް ފޯނެއް ގަނެދިނެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު މަންމަގެ ފޯނަށް ގުޅައެވެ. އަދި ކޮންމެ ރެއަކު ނިދުމުގެ ކުރިންވެސް މަންމައާ ވާހަކަދައްކައެވެ.

މަރިޔަމް ހުރީ އޭނާގެ ދިރިއުޅުމާ މެދު ހިތްހަމަޖެހިފައެވެ. އޭނާއަކަށް ޒަނީނަށް އައި އެއްވެސް ބަދަލެއް ފާހަގައެއް ނުކުރެވެއެވެ. މަންމަ ދިރިއުޅޭ ހިސާބުގެ މީހުންނަށް ޒަނީނަކީ ދެކެފަރިތަ މީހަކަށްވިއެވެ. އެ ހިސާބުގައި އުޅޭ ހުރިހާ އަވަށްޓެރިން އޭނާއަށް އެނގެއެވެ. އެމީހުންނާ އޭނާ ގުޅުން ބާއްވައެވެ.

ހިސާބުކިތާބު ބެލެހެއްޓުމާއި ލިޔެކިޔުން ތައްޔާރުކުރުމުގައި އަަވަށްޓެރިންނަށް ދިމާވާ ދަތިތަކުގެ ވާހަކަ މަންމަގެ ފަރާތުން އޭނާއަށް އެނގިއްޖެނަމަ، ދަންނަ ކޮންމެވެސް މީހެއް ލައްވައި އެކަންކަން ހައްލުކޮށްދެއެވެ. ބޭސްފަރުވާގެ ކަންކަން އޮންނަ ގޮތް އަވަށްޓެރިންނަށް އޮޅުންފިލުވައިދީ، އެކަންކަމަށް މަގު ދައްކައިދެއެވެ. އަދި އެ ހިސާބުގެ މަގުތަކާއި ހަނި ގޯޅިތައް ރަނގަޅު ފެންވަރަކަށް ހަދައިދިނެވެ.

މަންމައަށް ގޮވައިލަން އަންނަ އިރު، އެއީ ޗުއްޓީ ދުވަހަކަށް ވިޔަސް އަދި އީދު ފަދަ ޚާއްސަ މުނާސަބަތަކަށް ވިޔަސް، ދުވަހަކުވެސް މަރިޔަމް ނުގެންދެއެވެ. އެކަމަކު އޭނާ އަމިއްލައަށް މަންމައަށް ޒިޔާރަތްކުރާއިރު ދަނީ ޒައިނަބް ނޫރް ގޮވައިގެންނެވެ. ދަރިފުޅަށް ޒައިނަބްގެ ނަމުން ނަން ދިނީ މަންމަގެ އެދުމުގެ މަތިންނެވެ. އެކަމަކު އެވާހަކައެއް މަރިޔަމް ގާތަކު ނުބުނެއެވެ.

"މަންމައާ މެދު އޭނާ ކަންކުރަނީ ހާދަ އިހާނެތިކޮށްނޭ. އަހަރެންގެ ހިތަށް ވަރަށް ތަދުވޭ." މަރިޔަމް ނުގެންނަނީ ކީއްވެތޯ މަންމަ އަހައިފިނަމަ ޒަނީން ދޭ ޖަވާބަކީ އެއީ އެވެ. "މަންމައަށް އެނގޭތަ؟ މަންމަ ކުރި ދުއާއެއްގެ ސަބަބުން އަހަރެން ބަނދެވިފައި މިިހިރީ ދުނިޔޭގައި ހުރި އެންމެ މޮޔަ އަންހެން މީހާއާ."

މަންމަ ހިނިގަނޑެއް ޖަހައިލިއެވެ. "މޮޔަ ވާހަކަ ނުދައްކާ ދަރިފުޅާ."

"މީ ސަމާސައެއް ނޫނޭ މަންމާ. އުއްމު މަރިޔަމަކީ އެއްވެސް އަޚުލާގެއް ލިބިފައި ނެތް ކުއްޖެއް، ޚިޔާލެއް ފިކުރެއް ނެތް އަތްނބެއް، ޚުލްގެއް ނެތް މަންމައެއް."

"ކީއްވެ ދަރިފުޅު ތިހެން ތި ބުނަނީ؟" މަންމަގެ ހިތުގައި ޖެހުނެވެ. "މަރިޔަމްގެ ކިބައިގައިވެސް ރަނގަޅު ކަންކަން އެބަހުރި."

"އާނ. އެބަހުރި. އޭނާއަކީ މޮޅު އާޓިސްޓެއް. އޭގެ ސަބަބުން އަހަންނާއި ޒައިނަބަށް ވާ ފައިދާއެއް ނެތް. އޭނާގެ ހުރިހާ ކަމަކަށް އަހަރެން މާފު ކޮށްފާނަން. އެކަމަކު އެއްވެސް ވަރަކަށް ދަރިފުޅާ އަޅައެއް ނުލާ، އެކަމަކަށް މާފެއް ނުކުރެވޭނެ. ދަރިފުޅެއް ނުބަލާނެ މަންމައަކީ މޮޅު އެކްޓްރެސްއެއްތޯ އާޓިސްޓެއްތޯ. އެކަމުން ދަރިފުޅަށް ކުރާނީ ކޮން ފައިދާއެއް؟ ދަރިއަކަށް މަންމަ ވާނީ މަންމައަށް. އާޓިސްޓަކަށް ނުވާނެ. ދަރިއަކު އެކަމެއް ނުވެސް ބަލާނެ. ޒައިނަބްގެ ހުރިހާ ކަމެއް ބަލަނީ އަހަންނާއި އާޔާ. އެކަމަކު އަހަރެމެންނަކަށް އޭނާއަށް މަންމައެއްގެ ލޯތްބެއް ނުދެވޭ. އަހަރެމެންެގެ ދީނުގައި ބުނާ ގޮތުން ނަމަ ސުވަރުގެ އޮންނަނީ މައިމީހާގެ ފައިތިލަ ދަށުގައި. މި ދުނިޔެއަކީ ވެސް ދަރީންނަށް ސުވަރުގެއަކަށް ހަދާދެވޭނެ މަންމައަށް."

"ދަރިފުޅު މަރިޔަމާ ވާހަކަ ދައްކަންވީނުން؟ ދަރިފުޅުގެ އިހުސާސްތައް އޭނާއަށް ކިޔައިދީ."

"ނޫން މަންމާ. މަރިޔަމަށް އެނގެންވާނެ ތިމަންނާއަކީ ހަމައެކަނި އާޓިސްޓެއް ނޫންކަން، ތިމަންނާ އަކީ އަތްނބެއް ކަމާއި މަންމައެއް ކަން އެނގެންވާނެ. އޭނާއަށް އޭނަގެ ޒިއްމާ ކިޔާދޭކަށް އަަހަރެން ބޭނުމެއް ނޫން. އޭނަ އަމިއްލައަށް އެކަން އެނގެންވާނެ."

"ބައެއް ފަހަރު މަންމަަައަށް ހީވޭ މަންމައަކީ އެހާ ރަނގަޅު މައެއް ނޫނޭ، ޒިއްމާ އަދާނުކުރެވުނޭ. މަރިޔަމް ގައިގައި ރަނގަޅު އެއްވެސް ސިފައެއް ހަރެއް ނުލެއްވުނު." މޮޅިވެރި ރާގަކަށް މަންމަ ބުންޏެވެ.

"ތީ ރަނގަޅު ވާހަކައެއް ނޫން. މަރިޔަމަކީ އަމިއްލަ އެދުން ބޮޑު މީހެއް. އެއީ އޭނާގެ ތަބީއަތް. ބައެއް މީހުން އުފަންވަނީ އެގޮތުގައި. ބައެއް މީހުންނަކީ ކިތަންމެ ބައިވަރެއް ލިބުނަސް ހިތް ނުފުރޭ މީހުން. މަރިޔަމަކީ އެކަހަލަ މީހެއް. މަރިޔަމްގެ މިސާލަކީ ކޯރެއްގެ އައްސޭރީގައި އިންނަ އިރު، ކޯރުގައި ހުންނަ ފެން ނުފެންނަ މީހެއްގެ މިސާލު."

ޚަދީޖާ ދެރަވެފައި ޒަނީނަށް ބަލައިލިއެވެ. "މަރިޔަމަކީ ގޯސް ކުއްޖެއް ނޫން. އަދި ރަނގަޅު ވާނެ."

"އަހަރެން ކޮންމެ ވާހަކައެއް ދެއްކިޔަސް މަރިޔަމަށްޓަކައި މަންމަގެ ހިތުގައި އޮންނަ ލޯތްބަކަށް ބަދަލެއް ނާންނާނެ. އެ ލޯބި އެހެން މީހަކަށް ނުލިބޭނެ." ޒަނީން ހިނިތުންވެލިއެވެ. ލާނެއް ފާޑަކަށް އޭނަ ވާހަކަ ކުރިއަށް ގެންދިޔައެވެ. "މަންމައަށް އެނގޭތަ ރޭގަ މަރިޔަމް ބުނި އެއްޗެއް؟ ކުރިއަށްވުރެ މިހާރު ތިމަންނަ ރީތި ކަމެއް ނޭނގޭހޭ؟ އަހަރެން ބުނިން ނޭނގެއޭ، އެކަމަކު މިހާރު ކުރިއަށްވުރެ މޮޔައޭ."

މަންމަ ހައިރާންވެފައި ޒަނީނަށް ބަލައިލިއެވެ. "ދަރިފުޅު ހަމަ ތިހެން ބުނިންތަ؟" މަންމަ އެހިއެވެ.

"ނޫން." ޒަނީން ހިނިގަނޑެއް ޖަހައިލިެއެވެ. "އެއީ އަހަރެން ހިތަށް އެރި އެއްޗެއް. ބާރަށް އެހެން ބުނި ނަމަ މަންމަގެ ދަރި އަަހަރެން ގެއިން ނެރުނީސް."

***

ހުރިހާ ކަމެއް ހަމައަކަށް އެޅުމުން ހައްޖަށް ދާން ބޭނުން ވާހަކަ މަންމަ ޒަނީން ގާތު ބުންޏެވެ. ޒަނީނަށް އިތުރަށް ވިސްނައިދޭކަށް މަންމައަކަށް ނުޖެހުނެވެ. އެއީ އޭނާ ވަރަށް ގަޔާވި ވާހަކައެކެވެ. "މަރިޔަމް ގާތު އަހަރެން ބުނާނީ ހަ ހަފްތާއަށް އިންގްލެންޑަށް ދާ ވާހަކަ. އަހަރެން ފުރައިގެން ދިޔައަސް އެކަން އޭނާއަށް މާ ބޮޑު ކަމަކަށް ނުވާނެ. އޭނާ އުޅެނީ މަސައްކަތުގައި އަވަދި ނެތި. މަންމަވެސް އަވަށްޓެރިން ގާތު ބުނޭ ދުވަސްކޮޅަކަށް ރަށުން ބޭރަށް ދާ ވާހަކަ."

ހައްޖަށް ދިއުމަށް ރާވަންޖެހޭ ހުރިހާ ކަމެއް ރާވައި ނިމުނީއެވެ. ދަތުރުގެ ރަސްމީ މަސައްކަތް އޭނާ ފެށިއެވެ.

(ސައުވީސްވަނަ ބާބު)

ޝުޖާއު އަކީ ޚަދީޖާ ނޫރްގެ ހަޔާތަށް އައި އެންމެ އާދަޔާ ޚިލާފު ފިރިހެން މީހާއެވެ. އޭނާއަކީ ހިތްހެޔޮ، ކުށަށް އިއުތިރާފުވާ، އަދި އެހެން މީހުންނަށްޓަކައި ގުރްބާން ވާ މީހެކެވެ. މީހަކަށް އޭނާއަކީ ކާކުކަން ބުނެދެވޭނެ އެންމެ ރަނގަޅު ގޮތަކީ އެއީ އެވެ. ފަތިހު ހަތަރެއް ޖަހާއިރު ތެދުވެ ނަމާދުކޮށްގެން އޭނާގެ ފިހާރައަށް ބޭނުންވާ ތާޒާ މޭވާއާއި ތަރުކާރީ ގަންނަން މާރުކޭޓަށް ދެއެވެ. އެނބުރި އައިސް ހަތެއް ޖަހާއިރު އޭނާގެ ކަސްޓަމަރުންނަށް ޚިދުމަތް ދޭން ފަށައެވެ. ގެއަށް އަންނަނީ ރޭގަނޑު ހަތެއް ނުވަތަ އަށެއް ޖަހާ ފަހުންނެވެ. އެ ކަޑައަކީ އޭނާގެ ބައްޕަގެ ފަރާތުން ޝުޖާއުއަށް ވާރުތަ ވީ ތަނެކެވެ. އޭނާގެ އުމުރުން ބާރަ އަހަރުގައި އަހަރުގައި ބައްޕަ ނިޔާވިއެވެ. އެއާއެކު އޭނާގެ ކިޔެވުން ވެސް ހުއްޓުމަކަށް އައެވެ. ސްކޫލުން ވަކިވެ އެ އުމުރުގައި ޝުޖާއު ބައްޕަގެ ވިޔަފާރިއާ ހަވާލުވެ އޭނާގެ މަންމައާއި، ހަތަރު އަންހެން ކޮއްކޮގެ ޒިއްމާއާ ހަވާލުވިއެވެ. ބައްޕަ ނިޔާވިތާ ފަސް އަހަރެއްހައި ދުވަހުގެ ތެރޭގައި މަންމަ ވެސް ނިޔާވިއެވެ. އުމުރުން ސަތާރަ އަހަރުގައި ޝުޖާއު އޭނާގެ ކޮއްކޮމެންގެ ބެލެނިވެރިކަމާ ހަވާލުވިއެވެ. އޭނާގެ ފެންވަރުން ކޮއްކޮމެންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އަދި ހުރިހާ އެންމެންގެ ކާވެނީގެ ކަންތައް ހަމަޖެއްސިއެވެ. ސާޖިދާއަކީ ހަތަރު އަންހެނުން ކުދީންގެ ތެރެއިން އެންމެ ދޮށީ ކޮއްކޮއެވެ. ޝުޖާއުގެ އުމުރުން ސާޅީސް އަހަރުގައި ކޮއްކޮމެން ވިހި އަހަރުގެ ކުއްޖަކާ އޭނާގެ ކާވެނި ކުރުވިއެވެ. އެކުއްޖާއަށް އޭނާގެ އުމުރާއި މާލީ ހާލަތު އެނގޭ ކަމަށާއި، އެކުއްޖާ އެއިން ކަމަކާ އިއުތިރާޒުނުކުރާ ކަމަށް ކޮއްކޮމެން ޝުޖާއު ގާތު ބުންޏެވެ. ޝުޖާއު ގާތު ކޮއްކޮމެން ބުނެފައި އޮތީ އެ އަންހެން ކުއްޖާއަކީ ޔަތީމު ކުއްޖެއް ކަމަށެވެ. އަދި އޭނާ ބަލަހައްޓަނީ އޭނާގެ ބޮޑު ބޭބެ ކަމަށެވެ. ކޮއްކޮމެން އަންހެން ކުއްޖާއަށް ވެސް އޮޅުވާލާފައިވާކަން ޝުޖާއުއަށް އެނގުނީ ކާވެނިކުރި ފަހުންނެވެ. އެ އަންހެން ކުއްޖާ އޭނާއަށްވުރެ އުމުރުން ދެގުނަ ބޮޑު މީހަކާ އިނދެގެން އުޅޭކަށް ބޭނުމެއް ނުވިއެވެ. ދެ ތިން މަސް ފަހުން އޭނާ ވަރިއަށް އެދުނެވެ. އެ ކުއްޖާ އެހެން މީހަކާ އިންނަން ބޭނުންވީއެވެ. ޝުޖާއު އެކަމަކާ ދެކޮޅެއް ނަހަދައެވެ. ވަރިކުރީ ޝުޖާއު އަތުގައި ހުރި ހުރިހާ ގަހަނާއަކާއި ފައިސާ ދީފައެވެ. ޝުޖާއު ކަންތައް ކުރި ގޮތް އެނގުމުން އޭނާގެ ކޮއްކޮމެން ވަރަށް ރުޅި ގަދަވިއެވެ. ޝުޖާއު ދެކެ އެންމެ ލޯބިވަނީ ހަތަރު ބޫނުންގެ ތެރެއިން އެންމެ ދޮށްޓަށް ހުންނަ ސާޖިދާ އެވެ. އޭނާ އުޅެނީ އިންގްލެންޑުގައެވެ. އޭނާ ބޭނުންވީ ޝުޖާއު ވެސް އިންގްލެންޑަށް ގެންދާށެވެ.

ޝުޖާއުގެ ކާވެނި ހަމަޖައްސަން ސާޖިދާ ޚަދީޖާއާ ވާހަކަ ދެއްކިއެވެ. ޚާދީޖާ އޭނާގެ މާޒީގެ ހުރިހާ ވާހަކައެއް ސާޖިދާއަށް ކިޔައިދިނެވެ. އެވާހަކަ އަޑުއަހާފައި ސާޖިދާ އަށް ލިބުނީ ބޮޑު ސިހުމެކެވެ. އޭނާ ވިސްނައިގެން ހުރީ ޝުޖާއު އިންގްލެންޑަށް އައިސް ހަމަޖެހިލެވުމުން ޚަދީޖާ ވަރިކުރާނެ ކަމަށެވެ. ޝުޖާއު އަކަށްވެސް ޚަދީޖާއަކަށް ވެސް ދެމީހުންގެ ހަގީގަތެއް ސާޖިދާ ކިޔައެއް ނުދެއެވެ. ޚަދީޖާއަށް އެނގިފައި އޮތީ ޝުޖާއު އަކީ ޒުވާން ވިޔަފާރިވެރިއެއް ކަމެވެ. ޝުޖާއު ގާތު ސާޖިދާ ބުނީ ޚަދީޖާ އަކީ އިސްލާމް ދީނަށް އަލަށް ވަން، އިނގިރޭސިވިލާތުގެ މީހެއް ކަމަށާއި ޕާކިސްތާނު މީހަކާ އިންނަން އޭނާ ބޭނުންވާ ވާހަކައެވެ.

ޚަދީޖާ އެނބުރި އިންގްލެންޑަށް ދާން ބޭނުުން ނުވާކަން ސާޖިދާއަށް އެނގުނީ ކާވެންޏަށް ފަހުއެވެ. އަދި ފިރިމީހާ އިންގްލެންޑަށް ގެންދަން ހަމަޖައްސަންޖެހޭ ކަންކަމާ ހަވާލުވާން ވެސް ޚަދީޖާ ބޭނުންނުވާ ކަން ސާޖިދާ އަށް އެނގުނެވެ. އެކަމާ އެނާ ވަރަށް ހިތްހަމަ ނުޖެހުނެވެ. އެހެންކަމުން ޚަދީޖާ ލައްވައި އިމިގްރޭޝަނަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުވުމަށް ޝުޖާއު އަށް ޕްރެޝަރު ކުރަން ފެށިއެވެ. އެމީހުންގެ ވާހަކަ އަޑުއަހަން ހިމޭނުން ޝުޖާއު އިނދެއެވެ. އެކަމަކު އެ ލަފަޔާ އެއްގޮތަށް އޭނާ އަމަލެއް ނުކުރެއެވެ. އެހެންކަމުން އޭނާ ޚަދީޖާއަށް ޕްރެޝަރު ކުރިއެވެ. ޝުޖާއު އެކޭ އެއްގޮތަށް ޚަދީޖާ ވެސް އެކަމަކާ އަޅައެއް ނުލިއެވެ. އެހެންކަމުން ޚަދީޖާގެ މާޒީ ޝުޖާއުއަށް ކިޔައިދޭނެ ކަމަށް ބުނެ ސާޖިދާ އޭނާއަށް ބިރު ދެއްކިއެވެ. އެކަމަކު ޚަދީޖާ ޝުޖާއު އަށް އެ ހުރިހާ ވާހަކައެއް ކިޔައިދީފައިވާ ކަން އެނގުމުން ސާޖިދާ ހައިރާންވިއެވެ. އޭގެ ބަދަލުގައި ޝުޖާއު އާއި ޚަދީޖާއަށް އޮޅުވައިލިކަން އެމީހުންނަށް އެނގުމުން އޭނާ ގަތީ ލަދެވެ. ނަމަވެސް ޚަދިޖާއަަށް ޖެއްސުން ކުރަން ފެށިއެވެ. އެގޮތުން އޭނާގެ މުސްކުޅި ނަން – ކެތަރިންގެ ނަމުން ޚަދީޖާއާ މުޚާތަބު ކުރަން ފެށީއެވެ. އަދި ކުރީގެ ދިރިއުޅުމުގެ ވާހަކަތައް އިރުއިރުކޮޅާ ގޮވަން ފެށިއެވެ. ސާޖިދާގެ ކޮއްކޮމެންވެސް އޭނާއާ ބައިވެރިވެ ޚަދީޖާއަށް ޖެއްސުންކޮށް ގަނާކުރަން ފެށިއެވެ.

ސާޖިދާ އެނބުރި އިންގްލެންޑަށް ދިއުމުންވެސް ޚަދީޖާއަށް ދިރިއުޅެން ފަސޭހައެއް ނުވިއެވެ. އަނެއް ތިން ބޫނުން އިރުއިރުކޮޅާ އައިސް އޭނާއަށް ގަނާކުރަމުން ދިޔައެވެ. އެމީހުން ޚަދީޖާ ކައްކާ އެއްވެސް އެއްޗެއް ނުކައެވެ. އޭނާ ފެން ބޯ ތަށްޓަކުން ފެނެއް ނުބޮއެވެ. ޚަދީޖާގެ އެނދަކުވެސް އަދި އޭނާ އިށީން އެހެން ތަނަކު ވެސް އެއިން މީހަކު ނީށީނދެއެވެ. އެއީ ޚަދީޖާ އަކީ ކުރިން މުސްލިމަކަށް ނުވާތީ އެވެ. "ހަގީގީ މުސްލިމުންނަކީ މުސްލިމުންގެ ގޮތުގައި ދުނިޔެއަށް އުފަންވާ މީހުން." އެމީހުން ބުނެއެވެ. "ދީން ބަދަލުކުރި ކަމަށް ބުނާ މީހުންނަކީ މަކަރުވެރިން." އެމީހުންގެ ކުދިކިޔުމަކަށް ޚަދީޖާ މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. އަޑު ނީވޭ ކަމަށް ހަދައިގެން ހުންނަނީއެވެ. އެމީހުން ކިޔާ އެއްޗެހިން އޭނާ ވަރަށް ބޮޑަށް ހިތުގައި ޖެހެއެވެ. އިންގްލެންޑުގައި އުޅުނު އިރު މިކަހަލަ ގޯނާއާ ކުރމަތިލާކަށް ނުޖެހެއެވެ. މިއީ މުޅިން އާ ތަޖުރިބާ އެކެވެ.

ޚަދީޖާ އާއި މެދު ކޮއްކޮމެން ކަންކުރާ ގޮތުން ޝުޖާއު ހުންނަނީ ވަރަށް ދެރަވެފައެވެ. އެކަމަކު އޭނާއަށް ކުރެވޭނޭ މާ ބޮޑު ކަމެއް ނެތެވެ. އެއްފަހަރަކު ޚަދީޖާ ރޯން އޮއްވައި ފެނުމުން އޭނާ މަސަލަސް ކުރެވޭތޯ ޝުޖާއު ވަރަށް މަސައްކަތް ކުރިއެވެ."އެއީ އަހަރެންގެ އަމިއްލަ ދަރިންހެން ބަލައި ބޮޑުކުރި ކުދީން. އެމީހުންނާ ދިމާއަށް އެއްޗެއް ބުނާނެ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތް. އަދި އެމީހުން މިގެއަށް އައުންވެސް އަހަންނަކަށް ނުހުއްޓުވޭނެ. އެމީހުން ދެކޭ ގޮތުގައި މި ގެއަކީ އެމީހުންގެ އަމިއްލަ ގެ. ބައްޕަގެ ގެއަށް ނާދެވޭ ގޮތް ހަދައިފިނަމަ އެކުދީންގެ ފިރިންނާއި، އާއިލާއާ އޮންނަ ގުޅުން ހީނަރުވާނެ. އަޅާނުލާ، ޚަދީޖާ. އަހަންނަށްޓަކައި އެ ކުދީންނަށް މާފުކުރޭ." ޚަދީޖާ ގާތު އޭނާ އާދޭސްކުރިއެވެ. "އެ ކުދީން ދެކެ ރުޅި އަޔަސް، ހިތްހަމަ ނުޖެހުނަސް ވެސް އެ ރުޅި އަހަންނަށް ބާލާ. އެކަމަކު އެކުދީންނަށް ބަދު ދުއާ ނުކުރާތި. އަހަރެންގެ މުޅި އުމުރު ހޭދަކުރީ އެކުދީން އުފަލުގައި ގެންގުޅުމަށް. އެމީހުން މީހުންނާ އިނދެގެން އުފަލުގައި އުޅޭތަން ފެނުމުން އަހަރެން ވަރަށް އުފާވޭ. ރުޅި އައިސްގެން ޚަދީޖާ ކުރާ ބަދު ދުއާއިން އެކުދީންނަށް ކަމެއް ވެއްޖެއްޔާ އަހަރެން މުޅި އުމުރު ކުރި މަސައްކަތް ބޭކާރުވީ."

"ޝުޖާއު ކީއްވެ ތިހެން ވާހަކަ ތި ދައްކަނީ؟" ކަރުނަ ހިލިފައިވާ ދެލޮޮލުން ޝުޖާއުއަށް ބަލަން އިނދެ ޚަދީޖާ ހީނލިއެވެ. "ޝުޖާއުގެ ކޮއްކޮމެންނަށް އަހަރެން ބަދު ދުއާކުރާނެތަ؟ އެކުދީންގެ ހިތުގައި ޖައްސާނެތަ؟ އެކުދީން ކަންތައް ކުރާ ގޮތުން އަހަރެން ވަރަށް ހިތުގައި ޖެހޭ. ކެތްކުރެވޭތޯ ވަރަށް ބަލަން. ކިތަންމެ މަސައްކަތެއް ކުރިޔަސް ބައެއްފަހަރު ކެތެއް ނުކުރެވޭ. ކަރުނަ ނުހިފެހެއްޓޭ. އަހަރެންގެ ލޮލުން ފައިބާ ކަރުނައަށް ޝުޖާއު އަޅާލާނެ ކަމެއް ނެތް. ޝުޖާއުގެ ކޮއްކޮމެންގެ ހިތުގައި ޖެހޭ އެއްވެސް ކަމެއް އަހަރެން ނުކުރާނަން."

އޭނާ، އޭނާގެ އަނބިމީހާޔާ ދިމާއަށް ބަލައިލިއެވެ. އެއީ މަޑުމައިތިރިކަމާއި ރިވެތި އަޚުލާގެ ނަމޫނާއެކެވެ. އަނބިމީހާއަށް ދަރާފައިވާ ދަރަނި ދުވަހަކުވެސް އަދާުރެވޭނެ ބާވައޭ ޝުޖާއުގެ ހިތަށް އެރިއެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

4 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.