ރައީސާ މިއަދު ބައްދަލުކޮށްފިން، ނިންމާފައިވާނީ އެމަޢުލޫމާތު ހާމަނުކުރަން: ޢަބްދުއްރަޙީމް

މިހާރު ޖަލަށްލައިފައިވާ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޕިޕީއެމް/ޕީއެންސީގެ ބައެއް ބޭފުޅުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއީ އިދިކޮޅު ފަރާތްތަކުން އެދިވަޑައިގެން ބޭއްވި ބައްދަލުވުމެކެވެ. ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ އެބޭފުޅުންގެ އެދިވަޑައިގެންނެވުމުގެ މަތީން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އެބޭފުޅުންނާ ބައްދަލު ކުރައްވައިފައެވެ.

ރައީސާ ބައްދަލު ކުރެވި މަގުސަދު ޙާސިލްވިތޯ ދެންނެވުމުން ޢަބްދުއްރަޙީމް ވިދާޅުވީ މިއަދުގެ ބައްދަލުވުމާބެހޭ އެއްވެސް މަޢުލޫމާތެއް މީޑިއާއަށް ނުދޭން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އޭގެ ސަބަބެއް އޭނާ ވިދާޅެއް ނުވެއެވެ.

ޢަބްދުރަހީމް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރެވޭނީ މަސައްކަތްތަކެއް ކުރައްވައިގެން ކަމަށެވެ. ކަމެއްގެ ނަތީޖާ ފެންނާނީ މަސައްކަތްތަކަކަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ގެންދަނީ ކޮންމެރެއަކު ކަހަލަ ގޮތަކަށް މުޒާހަރާ ކުރަމުންނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި އިދިކޮޅު ފަރާތްތަކާ މިއަދު ބޭއްވި ބައްދަލުވުމުގައި ދެއްކެވި އެއްވެސް ވާހަކައެއް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދަށް ވެސް އެނގިވަޑައެއް ނުގަނަންވައެވެ. އޭނާ ވެސް ވިދާޅުވެފައިވަނީ އެއީ އިދިކޮޅު ފަރާތްތަކުގެ އެދިވަޑައިގެންނެވުމުގެ މަތީން ރައީސް ދެއްވި ފުރުސަތެއް ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިދިކޮޅުން ބޭނުންވީ ރައީސް ޔާމީން ޖަލުން ގެއަށް ބަދަލު ކުރެއްވުމަށެވެ. އެހެންނަމަވެސް މިކަން ކަށަވަރުވެފައެއް ނުވެއެވެ.

ރައީސާ މިއަދު ބައްދަލު ކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަޙުމަދު ޝިޔާމާއި، ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ހިމެނިވަޑައިގަންނަވަ އެވެ. އަދި މުޙައްމަދު ޙުސައިންޝަރީފާއި، ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުވެސް ހިމެނެއެވެ.

ރައީސް ޔާމީން ޖަލަށް ލައްވައިފައިވަނީ މަނީލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވުމުންނެވެ. އެމަނިކުފާނުގެ މައްޗަށް އިއްވައިފައިވަނީ 5 އަހަރުގެ ޖަލު ޙުކުމެކެވެ. އަދި ފަސް މިލިއަންޑޮލަރުން ވަނީ ޖޫރިމަނާ ކުރައްވައިފައެވެ. މި ޙުކުމް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވަނީ ފާއިތުވި ނޮވެމްބަރު މަހު 28 ވަނަ ދުވަހުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.