އެމްޑީޕީގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: ރައީސް ޔާމީން

އެމްޑީޕީގެ ކުރިމަތީގައި އެއްގޮތަކަށް ވެސް ކުޑަކަކޫ ނުޖައްސަވާނެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އިން ރޭ ބޭއްވި "ހިބަރު ވަދު" ރިލޭގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި މިޖަލްސާގައި ރައީސް ޔާމީން ވަނީ މިސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. އެއްއަހަރު ވެގެންދިޔައިރު ރައްޔިތުންނަށްޓަކައި ކޮށްދެވުނު ކަމެއްނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސަރުކާރުގައި ހިނގާފައިވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައާ ބެހޭގޮތުންވެސް އެމަނިކުފާނު ވާހަކަދެއްކެވެ. ޔާމީން ވިދާޅުވީ އެމައްސަލަ ބަލައި ތަހުގީގު ކުރުމުގެ ގާބިލްކަމާއި ކެރުންތެރިކަމެއް ފުލުހުންގެ ކިބައިގައިވެސް މިހާރުނެތްކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ އެފައިސާ ބޭނުން ކުރިކަމަށް ތުހުމަތުކުރެވޭ އެތައް ބައެއް މިސަރުކާރުގެ ވަޒީފާތަކުގައި ތިބުމުން ކަމަށް ވިދާޅުވިއެވެ. އެފައިސާ އެންމެ ގިނައިން ނެގީ ކޮންބައެއްކަން ފުލުހުންނާއި މިސަރުކާރަށްވެސް އެނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެފައިސާ އެންމެގިނައިން ނެގި މީހުން ތިބީ މިސަރުކާރުގައި ކަމަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޙުމަދު ނަސީރު ވިދާޅުވެފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެމައްސަލަ ތަހުގީގު ކުރަމުންނުދާ ކަމަށްވެސް ނަސީރުވަނީ ވިދާޅުވެފައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުން ވެސް އެފައިސާގައި ހިފައިފައިވާ ކަމުގެ ތުހުމަތު ވެސް ރައީސް ޔާމީން ކުރެއްވިއެވެ. އެ މައްސަލާގައި ހިމެނޭ ބައެއް މީހުންގެ މައްސަލަތައް ވަރަށްފޯރީގައި ތަހުގީގު ކުރެވިދާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ތިޔަ ދައްކަނީ ވައްކަން ނުކުރާވާހަކަތޯ؟ ކީއްކުރަން އެމްޑީޕީ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ވާހަކަ ވާހަކަ ތިޔަދައްކަނީ. ކާކުތަ ޔާމީނު ކުޑަކަކޫ ނުޖަހައިގެން އުޅެނީ؟ ދިވެހިތާރީޚުގައި އެންމެބޮޑުވައްކަމަށް ތުހުމަތުކުރެވުނު ވެރިޔާ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.