ހުޅުމާލެ ފްލެޓެއްގައި ދިރިއުޅޭ މީހަކަށް މަރުގެ އިންޒާރު ދޭކަމަށް ބުނާ މައްސަލައަކާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ފެބުރުއަރީ އެއްވަނަ ދުވަހުގެރޭ، ފުލުހުން އެފުލެޓުގެ އެޕާޓުމެންޓެއްގައި ތިއްބާ ދެ މީހަކު ދަނޑިބުރެއެއް ހިފައިގެން އައިސް މާރާމާރީ ހިންގަން އުޅެފިއެވެ.
އެމީހުން ދަނޑިބުރި ހިފައިގެން މާރާމާރީ ހިންގަންއައުމުން ފުލުހުން ވަނީ އެ ދެމީހުން އެ ގޭ ތެރެއަށް ނުވަދެވޭނެހެން ބޭރުގައި މަޑުކުރުވާފައެވެ. އަދި ވާހަކަ ދައްކައިގެން މައްސަލަ ޙައްލު ކުރެވޭތޯ މަސައްކަތް ކުރެއްވި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ދެމީހުން އެއިރު ތިބީ މަސްތުގެ ޙާލަތުގައިކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އެ ހާލަތުގައި އެމީހުން ތިއްބާ ވާހަކަ ދެއްކުމުން "ފުލުހުން އެމީހުން ގާތު ދެއްކި އެއްވެސް ވާހަކައެއް އަޑުއެހުމެއް ނެތި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކައި، އެތަނުން އެއް ފުލުހަކަށް މަރުގެ އިންޒާރުދީ އޭނާގެ ގަޔަށް ވަޅި ހަރާނެކަމަށް ބުނެ ފުލުސް މީހާގެ ގަޔަށް އަތްލާ އޭނާ އާއިމެދު މާރާމާރީ ހިންގަން އުޅުމުން" އެރޭ 03:50 އެހައިކަންހާއިރު ފުލުހުންވަނީ އެ ދެމީހުން ބަންދުކޮށްފައެވެ.
އެދެމީހުން ބަންދުކުރަން ފުލުހުން އުޅުމުން ދެމީހުންވަނީ ފުލުހުން ފޮޅުވާލައި، ގަދަ ދައްކައިފައެވެ. އެހެންކަމުން ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ބޭނުންކޮށްފައި ކަމަށް ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ. "އެ ދެމީހުން ބިޑިއަޅުވަން މަސައްކަތް ކުރި ގަޑީގައި އެތަނުން އެކަކު ވެއްޓި ބިންމަތީގައި ބޯ ޖެހުމުގެ ސަބަބުން ބޯ ދުޅަވެފައިވެއެވެ." ފުލުހުން ވިދާޅުވިއެވެ.
އެހެންނަމަވެސް އެރޭ 3:55 ގައި ފުލުހުންވަނީ އެމީހުން ޕޮލިސް ސްޓޭޝަންއަށް ގެނެސް "އާފްޓަރ ކެއަރ" ދީފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ބޮލަށް އަނިޔާވި މީހާ ވަނީ ޑޮކްޓަރަށް ދައްކައި ފަރުވާ ދީފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ދަނީ ތަހުގީގު ކުރަމުން ކަމަށާއި ފުލުހުން ބާރުގެ ބޭނުން ކުރާ ކޮންމެ ފަހަރަކު ފުލުހުންގެ "ޔޫސް އޮފް ފޯރސް ރިވިއު ކޮމިޓީ" އިން ބަލާ ފަދައިން، މި ހާދިސާ ވެސް އެ ކޮމިޓީއިން ދަނީ ބައްލަވަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.