(11 ޖެނުއަރީ 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ކީއްވެ ބަނޑުހައި ނުވަނީ؟" މަންމަ މޭޒުމަތީގައި ތަށިތައް އަތުރަން ފެށިއެވެ.
"ނޭނގޭ. ގަޑިން ގަޑިއަށް ކައެއް ނޫޅެން."
މަންމަ އަނެއްކާވެސް ކޮޓަރިން ނުކުމެގެން ދިޔައެވެ. މޭޒުމަތީގައި ދެ ތަށްޓާއި ދެ ސަމުސަލާއި އޫ ހުއްޓެވެ. ޒަނީން ބަނޑުހައެއް ނުވެއޭ ބުނީމާ މަންމަ އެ ކަމަށް ފަރުވާލެއް ނުބަހައްޓައެވެ. "އާދޭ ދަރިފުޅު." ރޮށި ތަށި ހިފައިގެން އެތެރެއަށް ވަންނަމުން މަންމަ ބުންޏެވެ.
ޒަނީން ގޮސް މޭޒުދޮށުގައި އިށީނެވެ. މޭޒުމަތީގައި މާގިނަ އެއްޗެހި ހުންނާނެކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ނަމަވެސް ހުރި އެއްޗެހި ފެނިފައި އޭނާ ހައިރާންވިއެވެ. ރޮށްޓާއި، ހިކިކޮށް ހަދާފައި ހުރި އަލުތްވާއި، ޔޯގަޓާއި ކުދީނާ ފަތް އަޅާފައި ހުރި ޔޯގަޓު ހުއްޓެވެ. ޒަނީން ކާ ހިތްވާ އެކައްޗެއްވެސް އެތާކު ނެތެވެ. އެކަހަލަ އާދައިގެ ކެއުމެއް އޭނާއަށްް ފެނުނު ހަނދާނެއް ވެސް ނެތެވެ. "ކޮންމެ މަހަކު މަރިޔަމް މަންމައަށް ފައިސާކޮޅެއް ދޭންވާނެ. އަހަރެމެން މަންމައާ އެއްވެސް ވަރަކަށް އަޅައެއްނުލަން. އެއީ ބޮޑު ގޯހެއް. މަންމަގެ ހާލަތަށް ރިއާޔަތްކޮށް މަންމައަށް އެހީވާން ވާނެ." އޭނަގެ ހިތަށް އެރިއެވެ.
"ދަރިފުޅު، ކާން ފަށާ." މަންމަ ބުންޏެވެ.
ޒަނީން އަލުވި ސަމުސަލެއް ތަށްޓަށް އަޅައިގެން ރޮށްޓާއި ޖައްސައިގެން ކާން ފެށިއެވެ. ހައިވެފައި ހުރި ވަރު ރޭކާލީ ކާން ފެށުމުންނެވެ. ތާޒާ، ހޫނު ރޮށިކޮޅެއް ކެއި ހަނދާނެއް ނެތެވެ. އަލުވި ވެސް އެހައި މީރެވެ. ކުދީނާ ފަތު ޔޯގަޓުވެސް ވަރަށް މީރެވެ. އޭނާ އެންމެ ފަހުން ރޮށި ކެއީ މީގެ ދެމަސް ކުރިންނެވެ. އެކަމަކު މިހައި މީރު ރޮށްޓެއް ދުވަހަކުވެސް ނުކެވެއެވެ. ޒަނީނަކީ އާއްމުގޮތެއްގައި މެންދުރު ރަނގަޅަށް ކައި އުޅޭ މީހެއް ނޫނެވެ. މެންދުރު ވަގުތު އާއްމުކޮށް ކައި އުޅެނީ ސަލަޑެކެވެ. އެއާއެކު ސުޕެއް ބޯލައެވެ. ބައެއްފަހަރު ސޭންޑްވިޗެއް ކާލައެވެ. ނަމަވެސް މިއަދު 3 ރޮށި ކައި ނިމުނުއިރުވެސް ބަނޑެއް ނުފުރެއެވެ.
ކައި ނިމިގެން ފެންޑާއަށް ނުކުމެ އަތް ދޮވެލިއެވެ. އެނބުރި ކޮޓަރިއަށް ވަދެ އެއްކަލަ ލަކުޑި ގޮނޑީގައި އިީނެވެ. މަންމަ ތަށިތައް ނަގައި މޭޒުމަތި ސާފުކުރަނީއެވެ. "ތަށިތައް ދޮވެލާފައި އެބައަންނަން." ކޮޓަރިން ނުކުންނަމުން މަންމަ ބުންޏެވެ.
ޒަނީން ބޫޓު ބާލާފައި އޮށޯވެއްޖެއެވެ. ކޮޓަރީގެ ފަންކާ އެނބުރެނީ ވަރަށް މަޑުމަޑުންނެވެ. ކޮޓަރިތެރެ އޮތީ އަނދިރިކޮށެވެ. އޭނާ އޮތީ ވަރަށް ވަރު ބަލިވެފައެވެ. ރަނގަޅަށް ނުނިދޭތާ ވެސް ކިތަންމެ ރެއެކެވެ. އޭނާ އަށް ނިދުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. މަންމަ ކޮޓަރިއަށް ވަންއިރު އޮތީ ނިދާފައެވެ. އޭނާ އެނދުގައި އިށީނދެ ޒަނީނަށް ބަލަން އިނެވެ. އޭނާ އިނީ ފެންކަޅިވެފައެވެ.
***
ނިދުނީ ކިހައި އިރެއް ވަންދެން ކަމެއް ޒަނީނަކަށް ނޭނގެއެވެ. ހޭލެވުނީ ގޭ ކައިރީ މިސްކިތުން ބަންގި ގޮވާ އަޑަށެވެ. ހޭލެވުނު އިރު ކޮޓަރިތެރެ އޮތީ އެކަށް އަނދިރިވެފައެވެ. ކުޑަދޮރުން ކޮންމެވެސް ވަރެއްގެ އައްޔެއް ފެނެއެވެ. އިރު އޮއްސިއްޖެކަން އެނގެއެވެ. ކުޑައިރުކޮަޅަކަށް ވާނުވާ ނޭނގިފައި އޮތެވެ. ނަމަވެސް އޭނާ އޮތީ މަންމަގެ ގޭގައިކަން ހަނދާންވިއެވެ. ޒަނީން ތެދުވެ އެނދުގައި އިށީނެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލާފައި ޒަނީން ހައިރާންވިއެވެ. އަށެއް ޖަހަން ފަނަރަ މިނިޓަށްވީއެވެ. އެހައި ގިނައިރު ވަންދެން ހަމަ ނިދުނީބާވައެވެ. "ނިދާ ބޭސްކައިގެން ވެސް މިހާ ރަނގަޅަކަށް ނުނިދޭ. އެވެސް އަދި ދުވާލު!" އޭނާއަކަށް އަދިވެސް ގަބޫލެއް ނުކުރެވެއެވެ.
ޒަނީން ތެދުވެ ބޫޓަށް އަރައިގެން ފެންޑާއަށް ނުކުތެވެ. ފެންޑާގެ ބޮކި އޮތީ ދިއްލައިފައެވެ. މަންމަ އުޅެނީ ބަދިގޭގައި ކައްކާށެވެ. އޭނާ ޒަނީނާ ދިމާއަށް ބަލައިލާފައި ހީނލިއެވެ. "ދަރިފުޅު ހޭލީ ދޯ."
"އާނ، ވަރަށް ރަނގަޅަށް ނިދާލެވިއްޖެ މިއަދު... މީގެ ކުރިއަކުން ދުވަހަކުވެސް މެންދުރު ނުނިދަން... މަންމަ އަހަންނަށް ގޮވި ނަމަ."
"އެހާ އަރާމުކޮށް ނިދާފައި އޮތީމާ ހޭލައްވަން ބޭނުންނުވީ." މަންމަ ބުންޏެވެ. "މޫނު ދޮވެލައިގެން އަންނަންވީނުން. ކާން ހަދަން މިއުޅެނީ."
"ދެން ދާންވީ."
"އެހެން ކިހިނެއް ދާނީ. ދަރިފުޅަށް ކާންދޭން މި ކެއްކީ."
"ނުކެއްކި ނަމަވެސް ރަނގަޅުވީސް. މެންދުރު ކެއިމެއްނުން. މިހާރަކު ބަނޑުހައެއް ނުވޭ." އޭނާ ބުންޏެވެ.
"އެހެންވިޔަސް ކައިގެން ދެވޭނީ. ދޭ މޫނު ދޮވެގެން އަންނަން. ބަތް ކެކެންވެސް ދެން މާ ގިނައިރެއް ނުނަގާނެ."
މަންމައާ ދެބަސްވާކަށް ޒަނީން ބޭނުމެއް ނުވިއެވެ. އޭނާ ބޭރަށް ނުކުމެ އިސްކުރުން މޫނު ދޮވެލިއެވެ. އެއީ ފިނިފިނި ރެއެކެވެ. ވައިގައި ހިފާފައި ހުރީ ހުވަނދުމާ ވަހާއި ފިނިފެންމާ ވަހެވެ. ރޭގެ ވަރުބަލިކަމާއި މެންދުރު ފަހު އިހުސާސްކުރެވުނު ލޮޑުކަން ފިލައިދިޔައެވެ. މިއިން ދުވަހަކުވެސް ސިކުނޑިއަށް މިކަހަލަ ހަމަޖެހުމެއް ނުލިބެއެވެ. މޫނާއި އަތާއި ފައި ދޮވެގެން ފެންޑާއަށް ވަދެ އޮޅިމަތީގައި އިށީނެެވެ. މަންމަ އޭރު ބުޅަލުގެ ތަށްޓަށް ކިރު އަޅަނީއެވެ.
"މަންމާ، އެއްވެސް ވަރަކަށް އެކަނިވެރިކަން އިހުސާސްކުރެވޭތަ؟" އޭނާ އެހިއެވެ.
"އެކަނިވެރިކަން؟" މަންމަ އެހިއެވެ. "ނޫން. އެކަނިވެރިކަން އިހުސާސްކުރެވެންވީ ކީއްވެ؟" މަންމަ ހީނލިއެވެ.
"އެކަނި އުޅޭތީ." ޒަނީން ބުންޏެވެ.
"ނޫން، އަހަންނަކީ އެކަނިވެރިއެއް ނޫން. އަހަރެންގެ ގެންގުޅޭ ޖަނަވާރާއި، ބަގީޗާ އާއި އަވަށްޓެރިން ތިބޭ. ހާލު ބަލައިލަން ދޭތެރެދޭތެރެއިން އެމީހުން އަންނާނެ. އަހަރެން އުޅެނީ ވަރަށް އަވަދިނެތި، އަބަދުވެސް ކޮންމެވެސް މަސައްކަތެއްގައި. އެހެންވީމާ ދުވަސް ފާއިތުވާ ގޮތެއް ވެސް ނޭނގޭ." ބުޅާ ކިރުބޯތަން ބަަލަން އިނދެ މަންމަ ވާހަކަ ދެއްކިއެވެ.
"އެކަމަކުވެސް މަރިޔަމް މަތިން ހަނދާންވާނެ އެއްނު." ޒަނީން ބުންޏެވެ.
"އާނ، މަރިޔަމް މަތިން ވަރަށް ހަނދާންވޭ." މަންމަ ޒަނީނަށް ބަލައިލިއެވެ. "ދަރިފުޅު މަތިން ވެސް ހަނދާންވޭ."
ޒަނީން މަންމައާ ހަތަރުކަޅި ހަމަކުރިއެވެ. މަންމަ އަނެއްކާވެސް ބުޅަލަށް ބަލަން ފެށިއެވެ. "އަހަރެމެންނާއެކު އުޅެން އަންނަންވީނުން." ޒަނީން ބުންޏެވެ.
މަންމަ ހައިރާންވިއެވެ. "ދަރިފުޅުމެންނާއެކު؟"
"އާނ، ހިނގާ."
"ނޫން."
"އެއީ ކީއްވެ؟"
"ދަރިފުޅުމެންނާއެކު އުޅެގެން މަންމަގެ ދިރިއުޅުމަށް އަންނާނެ ބަދަލެއް ބުނެބަލަ."
"ގައިމު އެކަނިވެރިއެއް ނުވާނެ."
"އެގެއަށް ދިޔައަސް މަންމަ އެކަނިވެރިވާނެ. ދަރިފުޅުމެން އުޅޭނީ މުޅި ދުވަހު ބޭރުގައި."
ޒަނީން އަނގައިން ނުބުނެ އިނެވެ.
***
ޒަނީނާ މަރިޔަމްގެ ޚިޔާލު ތަފާތުވިޔަސް ދުވަހަކުވެސް ޒުވާބެއް ނުކުރެއެވެ. ޒުވާބަކަށް ޒަނީން ފުރުސަތު ނުދޭތީއެވެ. އެ ދެމީހުން ފުރަތަމަ ޒުވާބުކުރީ މަރިޔަމް ބަލިވެއިންކަން އެނގުނު ދުވަހުއެވެ. އެ ދުވަސްކޮޅަކީ މަރިޔަމް ވަރަށް އަވަދި ނެތި އުޅެންޖެހޭ ދުވަސްކޮޅެކެވެ. މަސައްކަތާ ގުޅޭ ކޮންމެވެސް ކަމަކު އަބަދު އޮންނަނީ ކަރާޗީއަށް ނުވަތަ އިސްލާމްއާބާދަށް ދާން ޖެހިފައެވެ. އެހެންކަމުން އަލަށް އޭނާގެ ބޮލުގައި އެޅުނު ޒިއްމާ ނަގާކަށް ބޭނުމެއް ނުވިއެވެ.
މަރިޔަމް ބަލިވެއިން ޚަބަރު މަންމައަށް ދިނީ ޒަނީނެވެ. މަންމަ ވަރަށް އުފާވިއެވެ. އެވަރަށް ކަންބޮޑުވެސް ވިއެވެ. "މިދުވަސްކޮޅު މަރިޔަމް އަމިއްލަ ނަފްސަށް ފަރުވާތެރިވާން ވާނެ." ޒަނީން ގާތު މަންމަ ބުންޏެވެ. "މަސައްކަތް މަދުކޮށް، ގޭގައި ހޭދަކުރާ ވަގުތު ގިނަކުރަންވާނެ.."
"މަންމާ، މިއީ މަރިޔަމަށް ވަރަށް ބިޒީ ދުވަސްކޮޅެއް."
"ތިކަން އޮތީ ތިހެން ކަމަށްވެދާނެ. އެކަމަކު ދަރިއަށްވުރެ މުހިއްމު އެހެން ކަމެއް އޮވެގެން ނުވާނެ. ދަރިފުޅު އޭނައަށް ވިސްނައިދީ، އެވަރަށް ދަތުރު ނުކުރާން. ރަށުން ބޭރުގައި އުޅެނިކޮށް ކަމެއް ދިމާވެއްޖެއްޔާ އަޅާލާނީ ކާކު؟"
"ބުނާނަން، އެކަމަކު އަޑުއަހާނެހެން ހިއެއްނުވޭ."
"ލޯބިން ވިސްނައިދީ، އަޑު އަހާނެ."
އެރޭ މަރިޔަމާ ޒަނީން ވާހަކަ ދެއްކިއެވެ.
"ތިބުނަނީ ހުރިހާ މަސައްކަތެއް ދޫކޮށްލާފައި އައިސް ގޭގައި ބަންދުވެގެން އިންނާށޭތަ؟" މަރިޔަމް ރުޅި އައިސް ރަތްވިއެވެ.
"ނޫން މަރިޔަމް. އެހެނެއް ނޫން. އެހާ ބުރަކޮށް ނޫޅޭށޭ މިބުނީ. ބައެއް މަސައްކަތް މަޑުޖައްސާލާށޭ މިބުނީ." ޒަނީން ބެލީ އޭނާ ރުއްސޭތޯއެވެ.
"އަހަރެންގެ މަސައްކަތް އަހަންނަށް ވަރަށް މުހިއްމު. ޒަނީނަށް އެކަން އެނގޭތަ؟ މީހުންނަށް އަހަރެން އެނގެން ފެށީ އަދި ކިރިޔާ. އަހަރެންގެ މަސައްކަތް ވެސް ފާހަގަކުރަން ފެށީ އަދި އިހަށްދުވަހު. ތިބުނަނީ މަސައްކަތް ހުއްޓާލާފައި ގޭގައި އިންނާށޭ."
"މަރިޔަމް!" ޒަނީން ވެސް ހިތް ހަމަނުޖެހުނެވެ. "ކުރެހުން ހުއްޓައިލާކަށް އަހަރެން ވެސް ނުބުނަން. ބައެއް މަސައްކަތްތައް މަޑު ޖައްސައިލަން މިބުނީ. އޭގެ ސަަބަބުން މަރިޔަމްގެ ކުރިއެރުމަކަށް އަސަރުކުރާނެ ގޮތެއް އަހަންނަކަށް ނުވިސްނޭ. ވިހައި ގަދަވެގެން އަނެއްކާވެސް މިހާރު ތިކުރާ ވަރަށް މަސައްކަތް ކުރެވޭނެ."
"އަހަންނަށް މީހުންނާއެކު ބޭރަށް ނުދެވެންޏާ އަހަރެންގެ މަސައްކަތަށް އަސަރުނުކުރާންވީ ކީއްވެ؟ މީހުންނާ ބައްދަލުކުރުން ވަރަށް މުހިއްމު. އައު ފުރުސަތުތަކަށް މަގު ފަހިވާނީ އޭރުން. ކުރިއަށް ރޭވިފައި ހުންނަ އެކިއެކި ހަރަކާތްތައް ވެސް އެނގެނީ އެގޮތަށް."
ޒަނީން އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "ތިހުރިހާ އެއްޗެއްސަކީ މާއްދީ ތަކެތި. ފުރަތަމަ ކަމަކަށް އަމިއްލަ ނަފްސަށް ފަރުވާތެރިވެ، ދަރިފުޅަށް އަޅާލާންވީ. ވިހެއުމަށްފަހު ދަރިފުޅާއެކު ގޭގައި ވަގުތު ހޭދަކުރުން ވަރަށް މުހިއްމު." ޒަނީން މިހައި ހަރުކަށިކޮށް ދުވަހަކުވެސް މަރިޔަމާ ވާހަކައެއް ނުދައްކައެވެ.
"ދެން އަހަރެންގެ މަސައްކަތޯ؟ މަސައްކަތާ ދުރުގަ އެހާ ގިނަ ދުވަހު ހުރީމާ... އޭރުން ކިހިނެއްވާނީ، ބުނެބަލަ."
"މަރިޔަމް، އަޑު އަހާބަލަ. ކުރެހުން ހުއްޓައިލާކަށް ނުބުނަން. ކުރަހާ. ސޯލޯ އެގްޒިބިޝަންތައް ބާއްވާ. މިބުނާހައިވެސް އެއްޗަކީ މިހާރު ތިކުރާ ގޮތަށް މަސައްކަތް ނުކުރާށޭ." މިފަަހަރު ޒަނީން ވާހަކަ ދެއްކީ ލޯބިންނެވެ. އޭނާ ބެލީ އެބުނާ އެއްޗެއް މަރިޔަމަށް ވިސްނައިދެވޭތޯއެވެ.
"ތީ ކިހިނެއް އައި ބަދަލެއް ކަމެއް އަހަންނަކަށް ނުވިސްނޭ. ޒަނީން ވެސް އަބަދަކު ގެއަކު ނޫޅޭ. ނުލާހިކު ބިޒީކޮށް އުޅޭ މީހެއްތީ."
"އާނ، އަހަރެން އެކަން ބަދަލުކުރާނަން. ބޭރަށް ދިއުން މަދުކުރާނަން، މަރިޔަމާއެކު ގޭގައި ގިނަ ވަގުތު ހޭދަކުރެވޭތޯ ބަލާނަން."
"އެއްޗެއް އަހަންތަ؟" މަރިޔަމް ވާހަކަ ބަދަލުކުރިއެވެ. "ތީ ކިހިނެއް އައި ވިސްނުމެއް؟ ޒަނީނަކީ ތިހެން ވިސްނާ މީހެއް ނޫން." މަރިޔަމަށް ޝައްކުވެއްޖެއެވެ.
"ތިބުނީ ކީކޭ؟ ޒަނީން އެހިއެވެ.
"ތީ މަންމަގެ ނަސޭހަތް. ދޯ؟" މަރިޔަމް ރުޅި އައިސް ފުފުނެވެ.
ޒަނީން އަނގައިން ނުބުނެ އިނެވެ.
"ބުނެބަލަ، މީ ރަނގަޅު ވާހަކައެއްތަ؟"
"އާނ، މަންމަ ބުނި ވާހަކައެއް އެއީ. މަރިޔަމް، އެއީ ވަރަށް ރަނގަޅު ވާހަކައެއް. މަރިޔަމްގެ ސިއްހަތާ މެދު މަންމަ ހުރީ ވަރަށް ކަންބޮޑުވެފައި، އަހަރެން..."
"މަންމަގެ ކަންތައް ހާދަ ބޮޑޭ، ވަރަށް ފޫހިވޭ." މަރިޔަމް ޒަނީންގެ ވާހަކަ މެދުކަނޑައިލިއެވެ. "މަންމަ ކަންބޮޑުވާންވީ ކޮންކަމަކާ؟ ތީ ހަމަ މަންމަގެ ގޮތް، އަހަރެންގެ މުޅި ދިރިއުޅުން މިދިޔައީ އެކަަހަލަ ގޮތަކަށް. އަހަރެން ހާސިލުކުރަން އުޅޭ ކޮންމެ ކަމެއް ހުއްޓުވަން އުޅުނު. އެއީ އަބަދުވެސް އަހަރެންގެ ކުރިއެރުމަށް މެދުވެރިވި ހުރަހެއް. މިހާރު އެގެއިން ނުކުމެގެން އައިމަވެސް އަދިވެސް އަހަރެންގެ ކަންތަކާ ބެހެން އެ އުޅެނީ. އެއީ މަންމަ ބުނާ ގޮތަށް ޒަނީން ކަންތައް ކުރާނެކަން އެނގޭތީ."
"މަރިޔަމް. ހޮޅިވާހަކަ ނުދައްކާ! ކޮންމެ ކަމެއްގެ ވެސް އެންމެ އިދިކީލި ކޮޅު ދޯ މަރިޔަމަށް ފެންނަނީ." ޒަނީން ހުރީ ވަރަށް ރުޅި އައިސްފައެވެ.
"އާން، އަހަންނަކީ އިދިކީލި މީހެއް. މީހުން ބުނާ އެއްޗެހި ނުވިސްނޭ މީހަކީ އަހަރެން. ބުނަންތަ، ޒަނީންގެ ލަފައެއްވެސް މަންމަގެ ލަފައެއް ވެސް ބޭނުމެއް ނޫން. އަހަންނަށް އެންމެ ރަނގަޅު ގޮތާއި ރަނގަޅު ނޫން ގޮތް އެންމެ ރަނގަޅަށް އެނގޭނީ އަހަންނަށް. އަދި އެއްވާހަކަ ބުނަންތަ؟ އަހަރެން ޒަނީނާ އިނީ އިނދެގެން އައިސް ގޭގައި އިނދެ ދަރިން ބަލާކަށް ނޫން. އަހަރެންގެ މަސައްކަތް އަހަންނަށް ވަރަށް މުހިއްމު. އަދި މީހުންނަށް އަހަރެން އެނގެން ބޭނުންވަނީ އަހަރެންގެ މަސައްކަތުން، އާޓިސްޓެއްގެ ގޮތުގައި. އެހެންވީމާ މީގެ ފަހުން އަހަންނަށް ލަފާ ދޭން ނޫޅޭތި. މަންމަގެ ނަސޭހަތުގަިއ ހިފައިގެން ޒަނީން ހުރޭ. އޭނަގެ ލަފަޔާ ނަސޭހަތް ވާވަރަށް އަހަންނަށް ލިބިފައި ހުރީ." ބޮލާއެކު މުޅި ގައި ރަޖާއިން ނިވައިކޮށްގެން އޭނާ އޮށޯތެވެ.
ޒަނީން ފުން ނޭވާއެއް ލިއެވެ.
އެރެއަށްފަހު އޭނާ އެވާހަކައެއް ނުދައްކައެވެ.
***
ޒަނީން މަންމަގެ ގެއަށް ދާ ހިތްވެއެވެ. އެގެއަށް ދިއުމުން ބުނެދޭން ނޭނގޭކަހަލަ ހިތްހަމަޖެހުމެއް އޭނާއަށް ލިބެއެވެ. މަންމަ އާއި ވާހަކަ ދައްކައިލުމުން ހުރިހައި ކަންބޮޑުވުމެއް ފިލައިދެއެވެ. އެގެއަށް މާގިނައިން އޭނާ ދާން މަރިޔަމް ނުރުހޭކަން އެނގެއެވެ. އަދި މަންމަ ބުނާ ކޮންމެ އެއްޗަކާ އޭނާ ދެކޮޅު ހަދާކަން ވެސް އެނގެއެވެ. އެހެންކަމުން އެގެއަށް ދިޔައަސް އެވާހަކަ ނުބުނެއެވެ. މަރިޔަމް މަންމަ ދެކެ ނަފްރަތު ކުރިއަސް އޭނާއަށް މަންމައާ ދުރުގައި ހުންނާން އުނދަގޫވެއެވެ. މަންމައާ އޭނާއާ ކޮންމެވެސް ގުޅުމެއް ވާ ކަމުގެ އިހުސާސް ކުރެވެއެވެ. ނުވަަތަ މަރިޔަމަށް މިހާރު މަންމަގެ ބޭނުން ކެނޑުނީ ކަމަށްވެދާނެއެވެ.
***
"ދަރިފުޅު، ދެލޯ ހާދަ ރަތޭ، ކިހިނެއްވީ؟ ބަލިވެތަ؟" ޒަނީން ގެއަށް ވަންނައިރަށް މަންމަ އެހިއެވެ.
"ބައްޔެއް ނޫން. ރޭގަ ރަނގަޅަށް ނުނިދޭތީ..."
"އެއީ ކިއްވެ؟"
"ކަމެއްވީކީ ނޫން. މިދުވަސްކޮޅު ވިސްނަންޖެހޭ ކަންތައް މާ ގިނައީ. ކުޑަކޮށް މާޔޫސްވެގެން މިއުޅެނީ." ޒަނީން ދެ ލޯ ފޮހެލިއެވެ. މަންމަ ކަންބޮޑުވެފައި ހުރިކަން އެނގުމުން އަނެއްކާ ވާހަކަ ދައްކަން ފެށިއެވެ. "އެކަމާ ނުވިސްނާ، ހާސްކަންފިލުވާ ބޭހެއް ކާލީމާ ހަމައަކަށް އެޅޭނެ. ދޭތެރެއަކުން ވާ ގޮތެއް މީ."
"ބޭސް ނުކައި ކޮންމެ ދުވަހަކު ފަސް ވަގުތު ނަމާދު ކުރަންވީނުން. އޭރުން މާޔޫސީއާ ދުރުވެވޭނެ." މަންމަ ބުނެލިއެވެ.
ޒަނީން އަނގަޔަކުން ނުބުނެއެވެ. އެތެރެއަށް ވަދެ ގޮނޑީގަިއ އިށީނީއެވެ. މަންމަ ވެސް ބަދިގެއަށް ވަނެއެވެ. އެނބުރި އައީ ސައިތަށްޓެއް ހިފައިގެންނެވެ. "ނަމާދުކުރަން އެނގޭ ދޯ ދަރިފުޅަށް؟"
ޒަނީން އިސްދަށަށް ޖަހައިގެން އިނދެ ހިނިތުންވެލިއެވެ. "ކުޑައިރު ކާފަ ދަސްކޮށްދިން ނަމާދުކުރަން. އެކަމަކު އެފަހުން ދުވަހަކުވެސް ބޭނުމެއް ނުކުރަން."
މަންމަ ހައިރާންވެފައި އޭނާއާ ދިމާއަށް ބަލައިލިއެވެ. ދެން ހިނިގަނޑެއް ޖަހައިލިއެވެ. "ދަރިފުޅާ، އެއީ ބޭނުންކުރާ އެއްޗެއް ނޫނޭ. ނަމާދަކީ ކުރާ ކަމެއް، ނަމާދުކުރާނީ."
ޒަނީން ލަދުގަތެވެ. "އީދު ނަމާދަށް ދަން. ނަމާދުކުރާނެ ވަގުތެއް ނޯވޭ އަހަންނަކަށް. އެއީ އަހަރެން ގައިގަ އަށަގެންފައި ހުރި އާދައެއް ވެސް ނޫން. އެހެންވީމާ ނަމާދު ނުކުރަނީ." އޭނާ ބުންޏެވެ.
"ނަމާދުކުރަން ބައްޕަ ދުވަހަކުވެސް ނުބުނޭތަ؟" މަންމަ ހުރީ އުނދަގޫ ވެފައެވެ.
"ބައްޕަވެސް ނަމާދު ނުކުރޭ، ދުވަހަކުވެސް."
"ބައްޕަ ވެސް ނަމާދު ނުކުރޭ؟"
"ނުކުރޭ، ބައްޕައަކީ އެއްވެސް ވަރަކަށް ދީނީ ކަންކަމަށް ސަމާލުކަން ދޭ މީހެއް ނޫން. އަހަރެމެންގެ ގެއަކީ އެގޮތަށް ވަރަށް މިނިވަން ޚިޔާލުގެ ގެއެއް. އެކަކުވެސް ނަމާދު ނުކުރާނެ. ކޮންމެވެސް ކަމަކާ ގުޅިގެން މީހަކު ނަމާދެއް ކޮށްފާނެ. އެއީ އިސްތިސްނާ ހާލަތެއް. މަންމަވެސް ބައްޕަވެސް ދުވަހަކުވެސް ނަމާދުކުރުވަން ބާރެއްވެސް ނާޅާ. އެހެން ނޫނަސް ބައްޕައަކީ ވަރަށް ބިޒީ މީހެއް. އެކަހަލަ ވާހަކަ ދައްކާކަށް ވަގުތެއް ނޯވޭ. މަންމަވެސް އުޅޭނީ އަބަދު ބޭރުގައި. މަންމައަކަށް ވެސް ވަގުތެއް ނޯވޭ. އަހަންނަކީ އެމީހުންނާއެކު އުޅޭ މީހެއްވެސް ނޫން. ކުޑައިރު އުޅުނީ ކާފަމެން ގޭގައި، ކާފަވެސް މާމަވެސް ގަވައިދުން ނަމާދުކުރާނެ. ނަމާދު ކުރުވާނެ. އެކަމަކު ދެން އަހަރެން ބެހެއްޓީ ބޯޑިން ސްކޫލުގައި. އެތަނުން ނަމާދުކުރަން ދަސްކޮށްދިން.. އެކަމަކު ނަމާދުކުރުވާކަށް އެއްވެސް ވަރަކަށް ބާރެއް ނާޅާ." ސައި ބޮމުން ޒަނީން ވާހަކަ ދެއްކިއެވެ.
"ނަމާދުކުރަން ފަށަންވީނުން މިހާރު؟ މަންމަ ދަސްކޮށްދެންތަ؟" މަންމަ ވަރަށް ލޯތްބާއެކު އެހިއެވެ.
(ނުނިމޭ)
މަރިޔަމް އޭނާގެ މަންމައަށް ނުބެހެއްޓި ކުލުނެއް ފިރިމީހާއަށް ބަހައްޓާނެބާ؟
aslu dhari akah vaanee zaneen kanneyge
Varah furihama reethi vaahaka eh
miadhuge part dhiguvefa vv .
reethi. dharifulhah vure dhan'bi dharifulhu maarangalhu dho
dharifulhah fenvaru olhunee.
thi mariyamu ah fahun vaanee kihinehbaa?