އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތައް އަގުހެޔޮކޮށްފި

އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތައް މާދަމާއިން ފެށިގެން އަގުހެޔޮކޮށް ގަންނަން ލިބޭނެ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވީ މާދަމާއިން ފެށިގެން ކާޑު ގަންނަން ލިބޭނީ 2016 ވަނަ އަހަރު އަގުބޮޑުކުރި އިރު ހުރި އަގަށް ކަމަށެވެ.

ހަކުރު ކިލޯއެއް އެސްޓީއޯއިން މިހާރު ވިއްކަމުން ގެންދަނީ 6.80 ރުފިޔާއަށެވެ. އެހެންނަމަވެސް މާދަމާއިން ފެށިގެން ހަކުރު ކިލޯއެއް ވިއްކާނީ 4 ރުފިޔާއެވެ. ހަނޑޫ ކިލޯއެއްގެ މިހާރުގެ އަގަކީ 6.76 ރުފިޔާއެވެ. މާދަމާއިން ފެށިގެން ހަނޑޫ ކިލޯއެއް ވިއްކާނީ  3.98 ރުފިޔާއަށެވެ. ފުށްކިލޯއެއްގެ މިހާރުގެ އަގަކީ 5.40 ރުފިޔާއެވެ. މާދަމާއިން ފެށިގެން ފުށްކިލޯއެއް ވިއްކާނީ 2.98 ރުފިޔާއަށް ކަމަށް ޝަހީރު ވިދާޅުވިއެވެ.

އެމްޑީ ޝަހީރު ވިދާޅުވީ އެސްޓީއޯއިން މިއަދު އިއުލާން ކުރެއްވި އަގުތަކަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅުއްވި އަގުތަކެއް ކަމަށެވެ. އެސްޓީއޯ މާލޭގެ ގުދަންތަކުން މިއަގުގައި ކާޑު ގަންނަން ލިބުނަސް ރާއްޖޭގެ އެކި ޒޯންތަކުގައި ވިއްކާ އަގުތަފާތުވާނެ ކަމަށް ޝަހީރު ވިދާޅުވިއެވެ. އެއީ ރަށްރަށަށް އުފުލުމުގެ ޚަރަދު ހިމަނާނެތީއެވެ. އެހެންނަމަވެސް ކާޑުގެ އަގުތަކަކީ ކޮންޓްރޯލް ކޮށްފައިވާ އަގުތަކަށް ވުމުން ރަށްރަށުންވެސް މާބޮޑު ތަނެއް އިތުރުވެގެން ނުދާނެއެވެ.

ނާލާއި މަޖޫރީ އަދި ފައިދާ ހިމަނައިގެން އިތުރު ކުރެވޭނެ އަގުތައް އިކޮނޮމިކް މިނިސްޓްރީން މިހާރުވަނީ ކަނޑައަޅައިފައެވެ. އެގޮތުން ޒޯން އެކެއްގެ ތިން އަތޮޅު ކަމަށްވާ ހއ. އާއި، ހދ. ގެ ރަށްރަށުގައި ކާޑުގެ ބާވަތްތަކަށް އިތުރު ކުރެވޭނީ 1.02ރުފިޔާއެވެ. ޒޯން ދޭއްގައި ހިމެނޭ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ އަތޮޅު ތަކުގެ ރަށްރަށުގައި ކާޑުގެ ބާވަތްތަކަށް އިތުރު ކުރެވޭނީ 0.82 ރުފިޔާއެވެ. ޒޯން ތިނެއްގެ އަތޮޅުތައް ކަމަށްވާ ލ.، ގއ، ގދ، ޏ، ސ ގެ ރަށްރަށުގައި ކާޑުގެ ބާވަތްތަކަށް އިތުރު ކުރެވޭނީ 1.21ރުފިޔާއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.