ކޮރޯނާ ފެތުރެމުންދާތީ ޓޫރިޒަމް ދާއިރާގެ އިސްބޭފުޅުންނާ ރައީސް މަޝްވަރާ ކުރައްވައިފި

މިހާރު ފެތުރެމުންދާ ނުރައްކާތެރި ރޯގާ، ކޮރޯނާ ވައިރަސްއާ ބެހޭގޮތުން ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުންނާ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުން ބާއްވައިފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ، ޗައިނާއިން އުފަންވެ، މުޅި ދުނިޔެއަށް ފެތުރެމުންދާ ރޯގާއަށް ރައްކާތެެރިވުމަށް، ރިސޯޓުތަކާއި ސަފާރީ އުޅަނދުތަކާއި އެ ނޫން ވެސް ޓޫރިސްޓުންނަށް ހިދުމަތް ދޭ ތަންތަނުގައި އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުންވަނީ މި ވައިރަސް އިން ރައްކާތެރިވުމަށް، އެއާޕޯޓުތަކުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށް ވިދާޅުވެފައެވެ. އަދި ރޯގާއާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ޓޫރިޒަމް މިނިސްޓްރީ އާއި އެ ދާއިރާގެ ހުރިހާ ފަރާތްތަކާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވެސް އެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް، ރާއްޖޭން އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވެސް ރައީސް އެ ބޭފުޅުންނަށް މައުލޫމާތު ދެއްވި އެވެ. އެގޮތުން އެއާޕޯޓުތަކާއި ހޮސްޕިޓަލުތަކުގައި އަޅާފައިވާ ފިޔަވަޅުތަކާއި ރަށު ފެންވަރުގައި ކޮށްފައިވާ ކަންތައްތަކުގެ މައުލޫމާތު ރައީސް ދެއްވިއެވެ.

ރައީސް ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ވައިރަސްއަށް ހާއްސަކޮށްގެން ހުޅުމާލޭގައި 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ގާއިމު ކުރުމާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ހަތަރު އެނދުގެ އައިސޮލޭޝަން އައިސީޔޫއެއް ގާއިމު ކުރުން ހިމެނެ އެވެ. އަދި ކޮރޯނާ ވައިރަސްގެ ހޮޓްލައިންގެ ގޮތުގައި ކޯލް ސެންޓަރެއް ހެދުމާއި ރޯގާއަށް ޝައްކު ކުރެވޭ މީހުން އުފުލުމަށް ތިން އެމްބިއުލާންސް ހާއްސަކޮށްފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ މި ރޯގާއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާއެކު ރައީސް މި ބައްދަލު ކުރެއްވީ، ޗައިނާއިން ޓޫރިސްޓުން ގެނައުން މި ވަގުތު ހުއްޓާލަން ގޮވާލަނިކޮށެވެ.

ބައެއް ދިވެހިން އެހެން ގޮވާލަން މި ފެށީ ބައެއް ގައުމުތަކުން ޗައިނާ މީހުންނަށް ވިސާ ދިނުން ކޮންޓްރޯލްކުރުމާ އެކުގަ އެވެ. އޭގެ ތެރޭގައި ލަންކާ ވެސް ހިމެނެއެވެ. ބަލި ޖެހުނު މީހުންގެ އަދަދު ހާހުން ގުނެމުން ދާއިރު ސައިންސްވެރިން ގެންދަނީ ބައްޔަށް ވެކްސިނެއް ހޯދަން ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

މި ރޯގާއަކީ ދުނިޔޭގެ ސިއްހީ ކުއްލި ހާލަތެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިންއަދި އިއުލާނެއް ނުކުރެ އެވެ. މިހާރު ބަލަމުން އަންނަނީ ޗައިނާގެ ތެރެއިން ވައިރަސް ފެތުރުން ކޮންޓްރޯލްކުރާށެވެ. އެގޮތުން ވޫހާން އާއި އިތުރު ސިޓީތަކުން ދަތުރުފަތުރު ވަނީ ހުއްޓާލައިފަ އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.