އެއްވެސް ކުލާހަކަށް ދަރިވަރުން ނުފޮނުވުމަށް އިލްތިމާސް ކުރަން: އެޑިޔުކޭޝަން

ސްކޫލްތައް ބަންދުކޮށްފައިވާ ހާލަތުގައި ޓިޔުޝަން ކުލާސްތަކާއި، ވަކި މާއްދާ  ކިޔަވައިދޭ އެއްވެސް ކުލާހަކަށް ދަރިވަރިން ނުފޮނުވުމަށް މިނިސްޓްރީއޮފް އެޑިޔުކޭޝަނުން ބެލެނިވެރިންނަށް އިލްތިމާސް ކުރައްވައިފިއެވެ.

އެމިނިސްޓްރީން އެކަމަށް އިލްތިމާސް ކުރެއްވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށެވެ. ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ވެސް ބުނެފައިވަނީ އެބަލިން ސަލާމަތް ވުމަށްޓަކައި މީހުން އެއްވެ އުޅޭތަންތަނަށް ނުދިއުމަށެވެ.

އެޑިޔުކޭޝަނުން، ހުރިހާ ސްކޫލްތަކަށާއި، ޓިއުޝަން އަދި ޤުރުއާން ކުލާސްތަކާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށުކައުންސިލްތަކާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ޑިޕާޓުމެންޓ ތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ މިދުވަސްވަރު، މުދައްރިސުންވެސް "ފޭސްޓުފޭސްކޮށް އެފަދަ ކުލާސްތައް ނުގެންގެވުމަށް"  އިލްތިމާސް ކުރާކަމަށެވެ.

ހުރިހާ ބޭފުޅުންވެސް ޢާއްމު ސާފުތާހިރުކަމަށް ސަމާލުކަން ދެއްވުމަށާއި، ކަމާގުޅޭ އިދާރާތަކުގެ އިރުޝާދުތަކަށް އަމަލުކުރެއްވުމަށް އެޑިޔުކޭޝަނުން ވަނީ އެދިވަޑައިގެންފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މި ސާކިއުލާނެރުނީ ދިވެހިރާއްޖޭގެ އެންމެހައި ކުލާސްތަކާއި، ތައުލީމުދޭ މަރުކަޒުތަކާއި، ޓިޔުޝަން ސެންޓަރުތަކާއި ގޭގެއާއި އެހެނިގެން ގޮތްގޮތުން ހިންގާ ޓިއުޝަން ކުލާސްތަކާއި، ޤުރުއާން ކުލާސްތަކާއި، އެހެނިހެން ތަޢުލީމްދޭ ކުލާސްތަކުގައި ކިޔަވަދިނުން ހުއްޓާލުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކްއެފެއާޒް އަންގަވާފައި ވަނިކޮށްނެވެ. އެއަށް ޢަމަލުރަށް ފަށަންޖެހެނީ މިމަހު 22 އިން ފެށިން އެއްހަފްތާއަށެވެ.

ރާއްޖެއިން ކޮވިޑް-19 ފެނި މިހާތަނަށް ވަނީ 13 މީހުން ޕޮޒިޓިވް ވެފައެވެ. ސަރުކާރުން ގެންދަވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ވަރުގަދަކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.