ކޮވިޑް-19 އާއި ގުޅިގެން ކުރާ މަސައްކަތްތަކުގައި އެހީތެރިވުމުގެ ގޮތުން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ހޯދުމަށްޓަކައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) ގެ ފަރާތުން އިމަޖެންސީ ފައިނޭންސިންގ ގެގޮތުގައި 15 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އެސްޓީއޯ އަށް ހަމަޖައްސައިދީފިއެވެ.
ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއެކު، ނޮވެލް ކޮރޯނާ ވައިރަސް އާދެކޮޅަށް ކުރާ މަސައްކަތުގައި، ކުރީ ސަފުގައި މަސައްކަތްކުރާ މީހުން ބޭނުންކުރާ އާލާތްތައް ކަމުގައިވާ 'އިމީޑިއަޓް ލައިފް-ސޭވިންގ ފްރަންޓް ލައިން ޕަރސަނަލް ޕްރޮޓެކްޓިވް މެޑިކަލް އިކުވިޕްމަންޓް' ހޯދުމަށްޓަކައި މާލީ އެހީތެރިކަން (ގްރާންޓް) ވެސް އައި.ޓީ.އެފް.ސީ އިން ފޯރުކޮށްދޭނެއެވެ.
ކޮވިޑް-19 އާއިގުޅިގެން ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ދުވަސްވަރުގައި ދިވެހިރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި، ބޭހާއި، ސިއްހީ ކަންކަމަށް ބޭނުންކުރާ އާލާތްތައް ހޯދުމަށްޓަކައި، އައި.ޓީ.އެފް.ސީ ގެ ފަރާތުން އެސްޓީއޯ އަށް ހަމަޖައްސައިދީފައިވާ 15 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނުގެ އިތުރުން، ކޮރޯނާވައިރަސް އާދެކޮޅަށް ކުރާ މަސައްކަތުގައި ބޭނުންކުރާ އިމަޖަންސީ މެޑިކަލް އިކުވިޕްމަންޓް ހޯދުމުގައި އެހީތެރިވުމަށްޓަކައި، އައި.ޓީ.އެފް.ސީ އިން ވަނީ ދިވެހިރާއްޖެ އަށް ހިލޭ އެހީ (ގްރާންޓް) ފޯރުކޮށްދިނުމަށްވެސް ނިންމާފައެވެ. އައި.ޓީ.އެފް.ސީ އިން މިދެވޭ ލޯނާއި ހިލޭ އެހީ އަކީ، އެކުންފުނިން ކޮވިޑް-19 އާއިދެކޮޅަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެކުންފުނީގެ މެމްބަރު ޤައުމުތަކަށް އެހީވުމުގެ ގޮތުން ކުރުމަށް ރާވާފައިވާ ކަމެކެވެ.
އައި.ޓީ.އެފް.ސީ ގެ ކޮވިޑް-19 ރެޕިޑް ރެސްޕޮންސް ފެސިލިޓީގެ 300 މިލިއަން އެމެރިކާ ޑޮލަރަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގެ 3Rs (Respond, Restore, and Restart) ރެސްޕޮންސް ޕެކެޖްގެ ގޮތުގައި ކަނޑައަޅާފައިވާ 2.3 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން ބައެކެވެ. އައި.ޓީ.އެފް.ސީ ގެ ފައިނޭންސް އަދި ގްރާންޓް ގެ އެހީއާއެކު އެސްޓީއޯ އިން ކާޑާ، ބޭހާ، އަދި ސިއްހީ މަސައްކަތްތެރިންނަށް ބޭނުންވާ އެންޓި-ފޮގް ފޭސް ޝީލްޑް، ސޭފްޓީ ގޮގްލް، އަދި ޕްރޮޓެކްޓިވް ޔުނިފޯމް ސޫޓް ފަދަ މުހިއްމު ޕަރސަނަލް ޕްރޮޓެކްޓިވް އިކުވިޕްމަންޓް ތައް ފޯރުކޮށްދޭނެއެވެ.
އައި.ޓީ.އެފް.ސީ ގެ ޕެކޭޖް އާބެހޭގޮތުން އައި.ޓީ.އެފް.ސީ ގެ ސީއީއޯ އެންޖިނިއަރ ހާނީ ސަލެމް ސޮންބޮލް، ވިދާޅުވީ މިފަދަ ދަތި ވަގުތެއްގައި މިކުންފުނީގެ މެމްބަރު ޤައުމުތަކަށް ބޭނުންވާ މުހިއްމު ކަންތައްތަކުގައި އެހީވުމަށް އެފަރާތްތަކާއެކު ތިބުމަކީ ކުންފުނީގެ މެންޑޭޓެއް ކަމަށެވެ. އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގެ 3Rs ޕެކެޖާ ގުޅިގެން، އައި.ޓީ.އެފް.ސީ އިން ދަނީ ނޮވެލް ކޮރޯނާވައިރަސް އާދެކޮޅަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތުގައި އެޤައުމަށް ލުއިކޮށްދިނުމަށްޓަކައި، މުހިއްމު ދެ ދާއިރާ ކަމުގައިވާ ކާބޯތަކެއްޗާއި ސިއްހީ ކަންތައްތަކަށް ބޭނުންވާ އެހީ ފޯރުކޮށްދެމުންނެވެ.
އެސްޓީއޯ ގެ ފަރާތުން އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު މުޙައްމަދު ރަޝާދު ވިދާޅުވީ، ކޮވިޑް-19 ގެ އައުޓްބްރޭކް އަކަށް ދިވެހިރާއްޖެ އައީ ވަރަށް ކުރިން ތައްޔާރުވަމުން ކަމަށާ، މިކަމަށްޓަކައި ރިސްކް އެސެސްމަންޓްތައް ހެދި، ނޭޝަނަލް ރެސްޕޯންސް ގައިޑްލައިން އާއިއެކު ހެލްތް އިމަޖަންސީ ކޯޑިނޭޝަން ކޮމިޓީ އެއް ޤާއިމްކުރެވި، ރާއްޖޭގައި ވައިރަސް އަށް ޓެސްޓް ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށްޓަކައި ޓެސްޓް ކިޓްތައް ހޯދުމުގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްގެންދެވިފައިވާ ކަމަށެވެ. އަދި އައި.ޓީ.އެފް.ސީ އިން އެސްޓީއޯ އަށް ފޯރުކޮށްދީފައިވާ ގްރާންޓްގެ ސަބަބުން، ރިސްކްތައް ދެނެގަތުމަށާ، ސްކްރީން ކުރުމާ، ކޮންޓެކްޓް ޓްރޭސިންގ ހެދުމާ، ބައްޔަށް ޝައްކު ކުރެވޭ އަދި ބަލިޖެހިފައިވާ ފަރާތްތައް ޓެސްޓް ކުރުމަށްޓަކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވެ، ހަރުދަނާ ވާނެ ކަމަށްވެސް އަމްރު ވިދާޅުވިއެވެ. މީގެ އިތުރުން، މިފަންޑިންގ ގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައްވެސް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މި ލޯނުގެ މަގްސަދުތަކުގެ ތެރޭގައި، ބައްޔާ ދެކޮޅަށް ކުރީސަފުގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިންގެ ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުން ހިމެނެއެވެ. އަދި އައި.ޓީ.އެފް.ސީ އިން ދޭ ގްރާންޓްގެ ސަބަބުން، އޯ.އައި.ސީ މެމްބަރު ޤައުމުތަކުގެ ސިއްހީ، އިޖްތިމާއީ، އަދި އިގްތިސާދީ ދުޅަހެޔޮކަމާއެކު، ދިގުމުއްދަތުގައި އެޤައުމުތައް ކުރިއެރުވުމަށް އައި.ޓީ.އެފް.ސީ އިން ދޭ އަހައްމިޔަތުކަން ހާމަވެގެންދެއެވެ.