ފަރުތަކާބެހޭ ބައިނަލްއަގުވާމީ ބައްދަލުވުމެއް ރާއްޖޭގައި ފަށައިފި

ފަރުތަކާ ބެހޭ ބައިނަލްއަގުވާމީ ބައްދަލުވުމެއް ރާއްޖޭގައި މިއަދު ފަށައިފިއެވެ.

މިއީ އިންޓަރނޭޝަނަލް ކޮރަލްރީފް އިނީޝިއެޓިވް (އިކްރީ) އާއި މޮނާކޯ ސަރުކާރުގެ އެހީގައި ރާއްޖޭގައި ބާއްވާ ބައްދަލުވުމެކެވެ. އަދި މިއީ ގްލޯބަލް ކޮރަލް ރީފް މޮނިޓަރިންގ ނެޓްވާރކްގެ ދެކުނު އޭޝިއާގެ ގައުމަތަކުގެ ފަރުތަކާއި ގުޅޭ މައުލޫމާތު ދިގުމުއްދަތަކަށް ނަގަމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ބައްދަލުވުމެއް ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ. މި ބައްދަލުވުން މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި ވޯރކްޝޮޕް ކުރިއަށްގެންދަނީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް އަދި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މި ވަރކްޝޮޕް އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުއެވެ. މިވޯރކްޝޮޕް ކުރިއަށްދަނީ މޯލްޑިވްސް ކަސްޓަމްސް ބިލްޑިންގް ގެ ކޮންފަރެންސް ހޯލްގައެވެ.

މިބައްދަލުވުމުގައި ޖުމްލަ 25 ފަރާތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި އިންޑިއާ، ޝްރީލަންކާ، ޖަޕާންގެ އިތުރުން ސައުތު އޭޝިއަން ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަސެޕް) އިން ޖުމްލަ 7 މަންދޫބުންނާއި ގްލޯބަލް ކޮރަލް ރީފް މޮނިޓަރިންގް ނެޓްވޯރކްގެ ފެސިލިޓޭޓަރެއް ހިމެނިވަޑައިގަންނަވައެވެ.  އަދި ރާއްޖޭގެ ކަމާގުޅޭ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ޖުމްލަ 17 މީހުން ބައިވެރިވެއެވެ.

މިއީ އިކްރީގެ ފަރާތުން ދުނިޔޭގެ ފަރުތައް ނިސްބަތްވާ ސަރަހައްދުތަކުގެ މެދުގައި ސަރަހައްދީ ފެންވަރެއްގައި ފަރުތަކުގެ ހާލަތާއި ގުޅޭ މައުލޫމާތު އެކުލަވައިލުމަށް ބާއްވާ 7 ވަނަ މަސައްކަތު ބައްދަލުވުމެވެ. މި މަސައްކަތުބައްދަލުވުމުގައި އެއްކުރެވޭ ދެކުނު އޭޝިއާގެ ފަރުތަކުގެ މައުލޫމާތުތަކަކީ، "2020 ޖީ.ސީ.އާރ.އެމް.އެން ގްލޯބަލް ކޮރަލް ރީފް ސްޓޭޓަސް އެންޑް ޓްރެންޑްސް" ރިޕޯޓު އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މި ރިޕޯރޓް އިފްތިތާހު ކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 2020 ގައި ޕަލާއޯގައި ބޭއްވޭ "އޯޝަންސް ކޮންފަރަންސް" ގައެވެ. ދުނިޔޭގެ ފަރުތަކުގެ ހާލަތަށް އަލިއަޅުވާލާ ރިޕޯޓެއް އެންމެ ފަރުން ޝާއިޢުކުރެވިފައި ވަނީ 2008 ގައެވެ.

ދުނިޔޭގެ ފަރުތަކުގެ ހާލަތާއި ގުޅޭ މައުލޫމާތު އާންމުވުން ވެގެން ދާނީ، ސައިންޓިފިކް މައުލޫމާތުގެ އަލީގައި، ކަނޑުތަކާއި ފަރުތަކާއި ގުޅޭ ސިޔާސަތުތައް އެކަށައެޅުމަށް ލިބޭ ބޮޑު އެހީއަކަށް ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ. އަދި މިފަދަ ރިޕޯރޓްތަކަށް ރިއާޔަތްކޮށް، ފަރުތައް އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓުމަށް ކުރާ މަސައްކަތް ކުރުން ވެގެން ދާނީ ރާއްޖެފަދަ، ފަރުތަކުގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ގައުމުތަކަށް ނޫ އިޤްތިޞާދަކަށް ވާސިލުވުމަށް އެޅޭ ބާރަކަށް ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ސަރައްހަދުގެ ގައުމުތަކުގެ ފަރުތަކަށް ދިމާވެފައިވާ މައްސަލަތަކާއި ގާހުދުވުމާބެހޭ ގޮތުން ވެސް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.