ބޮޑުކަންނެލީގެ މަސްވެރިކަމަށް 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް ހަމަޖައްސައިފި

ކޮވިޑް-19 ގެ ސަބަބުން ބޮޑުކަންނެލީގެ މަސްވެރިކަމަށް ކުރިމަތިވެފައިވާ ދަތިއުދަގޫ ކަމަށް  ލުޔެއް ހޯދައިދީ އެ މަސްވެރިކަން ހުއްޓުނަ ނުދިނުމަށްޓަކައި 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް ފިޝަރީޒް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

މި ލޯން ފެސިލީޓީ މިނިސްޓްރީން ހަމަޖައްސަވައި ދެއްވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން އެސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއިއެކު ގިނަ މަސައްކަތްތަކެއް ކުރެއްވުމަށްފަހުއެވެ.

މިނިސްޓްރީން ވަނީ ފާއިތުވެދިޔަ 5 ދުވަހު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަނާއި، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އަދި ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ފަރާތްތަކާއިއެކު ސިލްސިލާ މަޝްވަރާތަކެއް ވެސް ކުރައްވައިފައެވެ.  އެ މަޝްވަރާތަކަށްފަހު، މަސްވެރިންނާއި މަސް ގަންނަ ފަރާތްތަކުގެ ވިޔަފާރި ދެމެހެއްޓުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ނިންނެވިއެވެ.

މި މަޝްވަރާއިން އެންގުނު ގޮތުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވަނީ، ދިވެހިރާއްޖޭގެ ބޮޑުކަންނެލީގެ މަސްވެރިކަމަށް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.  ދުނިޔޭގެ ބާޒާރުގައި ފިނިކުރި ތާޒާމަހަށް އޮތް ޑިމާންޑް އެތައް ގުނައެއް ދަށްވެގެން ގޮސްފައިވާ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންގެ އާމްދަނީއަށާއި މަސްވެރިން އަތުން މަސްގަނެ ޕްރޮސެސްކުރާ ފަރާތްތަކުގެ ވިޔަފާރިއަށް ހީނަރުކަން އަންނަ ކަމަށް އެފަރާތްތަކުން ފާހަގަކޮށްފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިކަން ކަމަށް ލުއި ދިނުމުގެ ގޮތުން ސަތޭކަ މިލިން ރުފިޔާގެ ލޯން ފެސިލިޓީ ހަމަޖެއްސުމުގެ އިތުރުން އެ ލޯނު ފެސިލިޓީގެ ބޭނުން ހިފާ ކުންފުނިތަކުން -/25 ރުފިޔާއަށްވުރެ ކުޑަ ނޫން އަގެއްގައި މަސް ގަތުމާއި، ބޮޑުކަންނެލީގެ މަސްވެރިކަމުގައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކުގެ ތެރެއިން، އިންޖީނު ލޯނު ނުވަތަ އޮޑިބަނުމަށާއި މަރާމާތަށް ލޯނެއް ނަގައި ދައްކަމުންދާ ފަރާތްތަކުގެ ލޯނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ވަކި މުއްދަތެއްގެ ލުޔެއް ހޯދައިދިނުން ހިމެނެއެވެ.

މިފިޔަވަޅުތަކުގެ ސަބަބުން، މިހާރު ބޮޑުކަންނެލީގެ މަސްވެރިން ބާނާ މަސް ގަތުމުގައި ކުރިމަތިވެފައިވާ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެކަމުގައި މިނިސްޓްރީއިން ޤަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި، ކޮވިޑް-19ގެ ނުރައްކަލުން އަރައިގަނެވެންދެން މަސްވެރިންނާއި މަސް ގަންނަ ކުންފުނިތައް ހުއްޓުމަކަށް ނައިސް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.