ކިތަންމެ ނިކަމެއްޗަސް، ކިތަންމެ ކުޑަކުޑަޔަސް ދިއްގަރަކީ ގޮތްހުރި ބަޔަކު އުޅޭ ރަށެއްކަމަށް އެރަށަށް އުފަން، ދިވެހި އަދަބިއްޔާތުގައި ފުންނާބު އުސް، ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުޞައިން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، އެޅެންވެރިޔާއަށް ތަޚްސީސްކުރައްވާ މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމުމަށް އެރަށުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
"ރާއްޖޭގެ އެތަން މިތަނުން ރާއްޖޭގައި ތިއްބެވި އެންމެ މޮޅު އަދީބުން ޝާއިރުން ވަޑައިގެން ތިޔަ ތިއްބެވީ. މިކުޑަކުޑަ ނިކަމެތި ރަށުގެ މީހުންގެ އަޚްލާޤާއި ސްލޫކާއި ކަންތައްކުރާގޮތް ތިބޭފުޅުންނަށް މިހާރު ފެނިވަޑައިގަންނަވާނެ. ކިތަންމެ ނިކަމެއްޗަސް ކިތަންމެ ކުޑަކުޑަ ރަށަކަސް މީ ރަށެއް. ގޮތް ހުރި އެކަކު އަނެކަކާ އަޅާލާ، މީހުންނާއިގެން މީހުން އުޅޭ ރަށެއް" ޢަބްދުއްރަޝީދު އޭނާގެ ލޯބުވެތި އުފަންރަށާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
ދިއްގަރާ ބެހޭގޮތުން ފަޚުރުވެރިކަމާއެކު ވާހަކަ ދައްކަވަމުން ޢަބްދުއްރަޝީދު ވިދާޅުވީ ރާއްޖޭގެ އެހެން ހިސާބުތަކުން އަޑުއަހާފަދަ ފާޑްފާޑްގެ ސްލޫކީ މައްސަލަތައްހުރި އެއްވެސް ދަރިއަކު އެރަށުން ނުފެންނާނެކަމަށެވެ. ބިއްޖެހި ގޮތްގޮތް ވެފައިތިބި އެއްވެސް ޒުވާނަކު އެރަށުން ނުފެންނާނެކަން ފާހަގަ ކުރައްވާ އެއީ އެއްވެސް ރަށަކާ ބެހޭގޮތުން މިހާރު ބުނަން ފެސޭހަ އެއްޗެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ދިއްގަރަކީ ގޮތްހުރި ތޫނުފިލި ބަޔަކު އުޅޭ ރަށެއްކަން ފަޚުރާއެކު ފާހަގަ ކުރެއްވިއެވެ. ފުރުޞަތު ލިބިއްޖިއްޔާ ދުނިޔޭގެ ކޮންމެ ތަނެއްގައި ތިއްބަސް އެމީހުން ކުރާ ކަންކަމުގައި ކާމިޔާބު ހޯދަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.
މީގެ 66 އަހަރު ކުރިން ޢުމުރުން އެންމެ ހަ އަހަރުގައި އުފަން ރަށް ދޫކޮށް ފެލިދޫ މަދަރުސާއަށް އޭނާ ކިޔަވަން ގެންދެވި ދުވަހުގެ ހަދާންތައް ޢަބްދުއްރަޝީދު ޙުޞައިން ވަނީ ރޭގެ ޖަލްސާގައި ޙިއްސާކުރައްވާފައެވެ.
ރަށާމާބޮޑު ގުޅުމެއް ނުބޭއްވޭކަން ފާހަގަ ކުރައްވާ ޢަބްދުއްރަޝީދު ވިދާޅުވީ ރަށަށް އަރާލަން ވަޑައިގެންނެވެނީ މަސްދަތުރެއްފަދަ ކަމެއްގައިކަމަށެވެ. ނަމަވެސް ރަށުގެ ރައްޔިތުންގެ ގާތްކަމާއި ލޯތްބަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ރަޝީދުބެ ނޫން ގޮތަކަށް އޭނާއަށް މުޚާތަބު ނުކުރާނެކަމަށެވެ.
ގެސްޓް ހައުސްތައް އާންމު ރަށަކަށް ނުވާތީ އަމިއްލަ ގެއިން ނުކުމެ މެހެމާނުންނަށް އެމީހުންގެ ދިރިއުޅޭގެތައް ވެސް ޚާއްޞަކޮށްފައިވާކަން ޢަބްދުއްރަޝީދު ފާހަގަކުރެއްވިއެވެ. އެއީ ހަމައެކަނި އެ ރަސްމިއްޔާތަށް އެކަނި އުޅޭ ގޮތްނޫންކަމަށާއި ދިއްގަރުގައި އަބަދުވެސް އޮންނަ އާދަކަން ފާހަގަ ކުރެއްވިއެވެ. ޅެންވެރިންގެ ދުވަހުގެ ތައްޔާރީތަކުގައި އެކަކުވެސް ތަފާތެއް ނެތި އެންމެން އެކީގައި މަސައްކަތްތައް ކޮށްފައިވާކަން ފާހަގަކުރައްވާ އެއީ އަބަދުވެސް އެރަށުގެ ރައްޔިތުންގެ ގޮތްކަމަށް ވިދާޅުވިއެވެ. އަދި އެއްވެސް ބިދޭސީއަކު އެއިން އެއްވެސް މަސައްކަތެއްގައި އުޅެފައި ނުވާކަން ވެސް ފާހަގަކުރެއްވިއެވެ.
"މިއަދު ތިޔަބޭފުޅުންނަށް ފެނިވަޑައިގެންނެވީ މިރަށުގެ މީހުންގެ އުޅުންހުރިގޮތް. އެއީ މިރަށުގެ މީހުންގެ ސްލޫކު ،މިމީހުންގެ އަޚްލާޤް މިއީ އަޅުގަނޑު އެންމެ އުފާވާކަން. އަޅުގަނޑު މިރަށަށް އުފަންވީތީ، މިރަށުގެ ރައްޔިތަކަށްވީތީ، އަޅުގަނޑުގެ މަންމައާއި ބައްޕަ މިރަށަށް އުފަންވީތީ، އަޅުގަނޑުމީ ދިއްގަރު މީހެއްކަން ފާހަގަ ކުރައްވާ މި ފުރުޞަތު އަޅުގަނޑަށް ދެއްވީތީ." ޢަބްދުއްރަޝިދު އޭނާގެ އުފަން ރަށާބެހޭގުން ވިދާޅުވިއެވެ.
ޅެންވެރިންގެ ދުވަސް ދިއްގަރުގައި ފާހަގަކުރުން އެއީ ވަރަށް ބޮޑު ކަމެއްކަން ފާހަގަ ކުރައްވާ އިތުރު ކަންތައްތަކެއް ކޮށްދެއްވައިފިނަމަ ދިއްގަރު އިތުރު ހަރުފަތަކަށް އުފުލި އިތުރު ދިރުންތަކެއް ލިބިގެން ދާނެކަން އަބްދުއް ރަޝީދު ފާހަގަ ކުރެއްވިއެވެ. ޅެންވެރިންގެ ދުވަހާ ގުޅިގެން ދިވެހި ބަހުގެ އެކަޑަމީން އެރަށުގައި ހިންގެވި އަދަބީ ޙަރަކާތްތައް ފާހަގަ ކުރައްވާ އަދިވެސް އެފަދަ ކަންކަން ތަކުރާރު ކޮށްދެއްވުމަށް އެދި ވަޑައިގެންނެވިއެވެ.
"ރަށުގެ ކުޑަކަމަކަށް ރަށުގެ މީހުންކޮޅު މަދުކަމަކަށް އަޅުގަނޑުމެންގެ ފިކުރެއް ނެތް. އިރާދަކުރެއްވިއްޔާ ދިއްގަރު ވެގެންދާނީ މީހުން ސިއްސައިގެންދާ ފަދަ ރާއްޖޭގެ މިސާލެއްފަދަ ނަމޫނާރަށަކަށް." މަޝްހޫރު ޅެންވެރިޔާ ޢަބްދުއްރަޝީދު އޭނާގެ އުފަންރަށާ މެދު ކުރައްވާ އުއްމީދުތައް ހާމަކުރައްވަމުން ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ޅެންވެރިންގެ ދުވަސް ތަޙްސީސް ކުރެވުނު ކަމުގެ ހަދާނާއި ޝަރަފުގެ ހެކި ޢަބްދުއްރަޝީދު ޙުޞައިންނަށް އެރުވިއެވެ.
ޢަބްދުއްރަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ޅެންވެރިންގެ ދުވަސް އޭނާއަށް ތަޙްސީސްކުރެއްވި ނަމަވެސް އެދާއިރާގައި އޭނާއަށްވުރެ މާޤާބިލް، އޭނާގެ އުސްތާޒުންނާއި އެނޫންވެސް ބޭފުޅުން އެބަތިއްބެވިއެވެ. ދިވެހި ބަހުގެ އެކަޑަމީގެ އެނިންމުން ޤަބޫލުކުރެއްވީ ހިތްޕުޅުގެ ނުތަނަވަސް ކަމާއެކުގައިކަމަށް ވިދާޅުވިއެވެ. ޅެންވެރިކަމުގެ ފުންނާބު އުސް ބޭބޭފުޅުންގެ އަގުވަޒަން ކުރެވިގެންދާނެ ދުވަހެއް ފެނިވަޑައިތުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.