ޅެންވެރިންގެ ދުވަސް: އާފަތިހުގެ ތަރި، އިއްޒާ އަހުމަދު ނިޒާރު

އިއްޒާ އަހުމަދު ނިޒާރު

އޭނާގެ ތަނަވަސް ސިކުނޑީގައި އުފެދިގެން އަންނަ ޚިޔާލާތު ޅެމަށް ބަދަލުކޮށް ކަރުދާހަކަށް އެގެންނަވާ ގޮތުގެ މޮޅު ކަމާއެވެ. ޅެންވެރިކަމުގެ ހުނަރުވެރިކަން ނެރެ ދައްކައިލާ ގޮތުގެ ފުރިހަމަކަމާއެވެ. ޅެންތަކުން އެހެން މީހުންނަށް ގެނުވައިދޭ އުފާވެރި ކަމުގެ ބޮޑުކަމާއެވެ.

މިއީ ކުރިއަރަމުން އަނަން ޒުވާން، ހުނަރުވެރި ޅެންވެރިޔާ އިއްޒާ އަހުމަދު ނިޒާރު (އިއްޒާ) ގެ ވާހަކައެވެ. ރާއްޖޭގެ އެއްތިރީސް ވަނަ ޅެންވެރިންގެ ދުވަހުގެ ތަހުނިޔާ އިއްޒާ އަހުމަދު ނިޒާރާއި އެހެން ޅެންވެރިންނަށް އަރިސްކުރަމެވެ.

ޅެންވެރިކަމުގެ ފާގަތި އުޑުގައި ފިޔަޖަހަމުން އަންނަ ޒުވާން ޅެންވެރިޔާ އިއްޒާ އަހުމަދު ނިޒާރު (އިއްޒާ) މިހާރުގެ ޒުވާން ޖީލަށް ނަމޫނާއެކެވެ. އޭނާ އެ އަންނަނީ  ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ޅެންވެރިންގެ ލޯތްބާއި ގަދަރާއި އިހުތިރާމް ހާސިލު ކުރަމުންނެވެ. އޭނާ ފޭސްބުކަށް ދޫކޮށްލާ ކޮންމެ ޅެމެއް އާންމު ބަލައިގަންނަނީ އޭގެ އަސަރުން ސަލާމަތް ނުވާނެ ދަރަޖައަކަށެވެ.

ހދ. މަކުނުދުއަށް އުފަން އިއްޒާއަކީ އަބަދުވެސް ޅެންވެރިކަމަށް ލޯބިކުރާ އަދި ޅެން ހެދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާ ފަންނުވެރި ޒުވާނެކެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރާއިރު އޭނާއަށް އިހުސާސްވަނީ އަމިއްލަ އުފަންދުވަސް ލައިގެން އުޅޭހެން ކަމަށް އޭނާ ވިދަޅުވިއެވެ. ޅެންވެރިކަމަށް އޭނާ ހުންނަ ޝައުގުވެރިކަން އެބަހުން އެކަނިވެސް އެނގިގެން ހިނގައްޖެއެވެ.

އޭނާއަކީ ކުރިން އާދައިގެ ޅެންވެރިއެކެވެ. އޭނާ ދަންނަނީ މަދުބައެކެވެ. އިތުރު އެއްވެސް މީހެއްގެ އެހީތެރިކަމާ ނުލައި އަމިއްލަ މަސައްކަތުން ކުރިއަރަމުން އައި މިޒުވާނާގެ ޅެންތަކަށް ކުއްލި ބަދަލެއް އައިސް އޭގެ ފޭރާން ރިވެތިވެ ފަށުއި ވެގެން ދިއްޔައީ ކުއްލިއަކަށެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ބުނީ ލަވަކިޔުންތެރިޔާ އަދި ޅެންވެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އާއި އީސާ ޝަރީފްގެ ހިތްވަރު ދެއްވުމާއި ދެއްވި ބައެއް އިރުޝާދުތައް ކަމަށެވެ.

ޅެން ހަދަން ގެންގުޅުނު މައުޟޫތަކަށް ވެސް އެ އިރުޝާދުތަކުގެ އަލީގައި އޭނާ ބަދަލު ގެނައެވެ. ބޭނުން ކުރަމުން އައި ބަސްމަގަށް ބަދަލު ގެނެސް ހިތުގެ އެންމެ ފުނަށް އަސަރުކުރުވާ ބަސްކޮށާރުގައި އޭނާ ހިފިއެވެ. މި ކުޑަކުޑަ ބަދަލާއެކު ޅެންވެރިކަމުގެ ކުޑަނަމަވެސް ވިންދެއް ޖަހާ ހިތަކަށް އަސަރު ނުކޮށްނުދާނެ ވަރު އޭނާ ކޮށްލިއެވެ. މިހާރު އޭނާއަކީ ޅެންވެރިކަމުގެ ބަގީޗާގައި ފެންނަންތިބި ޒުވާން ޅެންވެރިންގެ ތެރެއިން އެންމެ އަސަރުގަދަ ޅެންތައް ވުޖޫދުކުރާ އެއް ޝާއިރާއެވެ.

އޭނާ އަދިވެސް ދަސްކުރަނީއެވެ. އެހެން މީހުންނަށް ދަސްކޮށްދެމުންނެވެ. އޮންލައިން ޅެންކޯސްތަކުގައި އޭނާ ކިޔަވައި ދެއެވެ. ބައެއް ފަހަރު ރަށްރަށުގައި ބާއްވާ ކޯސްތަކަށް ކިޔަވައިދޭން އެރަށަކަށް ދެއެވެ.

މޮޅު ޅެންވެރިއަކަށް ވުމަށް އޭނާ ކުރަމުންއަންނަ ދަތުރު އަދިވެސް އޮތީ ކުރިއަށެވެ. ޅެމާއި ޅެންވެރިކަން ދެކެ އިންތިހާއަށް ލޯބި ކުރާ ޒުވާން މި ޅެންވެރިޔާގެ ޅެންވެރިކަމުގެ ދަތުރުގައި އޭނާ ކަންބޮޑުވާ ބައެއް ކަންކަން އެބަހުއްޓެވެ.

ދިވެހި އަދަބިއްޔާތުގެ އެންމެ މުހިންމު ބައި ކަމަށްވާ ޅެންވެރިކަން އެންމެ އެދެވޭ ވަރަށް ކުރިއަރައި ނުދާކަމުގެ އުދާސްތައް އޭނާ ސިކުނޑީގައި އެބަ ދައުރު ކުރެއެވެ. އެހެން އެވަނީ ކީއްވެ ހެއްޔެވެ؟ އެކަމަށް އޮތް ފަރުވާއަކީ ކޮބައި ހެޔެއެވެ؟

"އެހެން އެވަނީ މަދަރުސާތަކުގެ ގިނަ ދަރިވަރުންގެ ހިތުގައި އެކަމަށް (އަދަބިއްޔާތަށް) އެކަށީގެންވާ ޝައުގުވެރިކަމެއް ނެތުމުން. އެޝައުގު އުފައްދަން މަދަރުސާތަކާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރަން އެބަޖެހޭ. އަދި އަދަބީ ހަރަކާތްތައް މަދަރުސާ ތަކުގައި އިތުރުކޮށް މުބާރާތްތައް ބާއްވަން އެބަޖެހޭ. އޭރުން ޅެންވެރިކަމަށް ނުވަތަ އަދަބިއްޔާތަށް ޝައުގުވެރިކަން ހުންނަ ކުދިން އުފެދޭނެ،" އިއްޒާ ބުންޏެވެ. އޭނާގެ އަނެއް ކަންބޮޑުވުމަކީ އަދަބިއްޔާތު އިޚުތިޔާރީ މާއްދާއެއްގެ ގޮތުގައި އޮތުމެވެ. އޭގެ ބަދަލުގައި އެއީ ވެސް މަޖުބޫރު މާއްދާއެއްގެ ގޮތުގައި އޮތުމުން އަދަބީ ފަންނުވެރިން އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އޭނާ ދެކެއެވެ. އަދަބިއްޔާތަށް ޝައުގުވެރިކަން ނުހުންނަ ކުއްޖާގެ ހިތުގައި ވެސް އެއަށް ލޯބިޖެހި މޮޅު ކުއްޖަކަށް ވުމުގެ ފުރުސަތު އޭރު އޮންނާނެ ކަމަށް އޭނާ ބުންޏެވެ.

"ބައެއް ކުދިން ޅެންކިޔަން ފޯރި ހުއްޓަސް ޅެން ހަދަން ޝައުގުވެރިކަމެއް ނުހުރޭ. އެހެންވީމާ އަދަބިއްޔާތު މަޖުބޫރު މާއްދާއަކަށް ހައްދަވައި އަދަބިއްޔާތަށް ލޯބި ޖެއްސެވުމުގެ މަސައްކަތް މަދަރުސާތަކާއި ސަރުކާރުން ކުރައްވަން އެބަޖެހޭ. އެދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު ކުދިންނަށް ހޯދައިދޭން އެބަޖެހޭ. އަދަބިއްޔާތަކީ އެބައެއްގެ ދިރިއުޅުމުގައި ވެސް މުހިންމު އެއްބައި،" އިއްޒާ ބުންޏެވެ.

ޅެންވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމުގައި ދުވަހަކު ވެސް އޭނާ ނާއުންމީދެއް ނުވާނެއެވެ. މާޔޫސެއް ނުވާނެއެވެ. ހިތްވަރު ދުލެއް ނުކުރާނެއެވެ. އޭނާގެ އަބަދުވެސް ދުޢާއަކީ ތަނަވަސް ޚިޔާލު އުފައްދާނެ ސިކުނޑިއެއް ﷲ ދެއްވުމެވެ. ޅެންވެރިކަމުގެ ޚިޔާލާތާއި ފިކުރު ފުޅާކޮށް ފައިދާ ކުރަނިވި ޅެންތަކެއް މުޖުތަމައަށް ނެރުމުގެ ކުޅަދާނަކަމާއި އެ ހުނަރާއި ވައްޓަފާޅި ﷲ އޭނާއަށް މެދުވެރި ކޮށްދެއްވުމެވެ. އޭނާގެ ދުއާ ﷲ އިޖާބަ ކުރައްވާށި! ތަނަވަސް ޚިޔާލު މިންވަރު ކުރައްވާށި! މޮޅު ޅެންވެރިއެއް ކަމުގައި ލައްވާށި!

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.