ޓްރާންސްޝިޕްމަންޓް ބަނދަރުގެ ކޮންސެލްޓެންސީ މަސައްކަތް ފެބުރުއަރީ މަހުގެ ނިޔަލަށް ނިންމާލެވޭނެ: އިކޮނޮމިކް މިނިސްޓަރ

ފޮޓޯ: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

ޓްރާންސްޝިޕްމަންޓް ބަނދަރުގެ ކޮންސެލްޓެންސީ މަސައްކަތް ފެބުރުއަރީ މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ކުޅުދުއްފުށޫގައި މިއަދު ފެށި އެމްޑީޕީގެ ތިލަދުންމަތީ އިރުވައި ކޮންފަރެންސްގައި ތިލަދުންމަތީގެ އިޤްތިޞާދީ ޙަރަކާތްތަކާ ބެހޭގޮތުން ވާހަކަދައްކަވަމުންނެވެ.

ޓްރާންސްޝިޕްމަންޓް ބަނދަރުގެ ވާހަކައަކީ ވަރަށް ގިނަ ދުވަސްވީ ވާހަކަ އެއްކަން ފާހަގަ ކުރައްވާ، މިނިސްޓްރ ފައްޔާޒު ވިދާޅުވީ ކޮލަމްބޯއާއި އިންޑިއާގައި ބައިނަލްއަޤްވާމީ ބަނދަރުތަކެއް ހެދިފައިވުމުން ކުރިން ލިބެން އޮތް އެންމެ ބޮޑު ފައިދާ އެކަމުން ނުލިބިދާނެ ކަމަށެވެ. އެހެންކަމުން އެކަމުން އެންމެ ބޮޑުފައިދާއެއް ނެގޭނީ ކިހިނެއް އެކަން ކޮންގެންތޯ ބަލަންޖެހޭ ކަމަށެވެ. ނަމަވެސް ކަނޑު ބޯޓްފަހަރަށް އެންމެ ސީދާ މަގަކަށް އަދިވެސް އޮތީ ރާއްޖެ ކަމަށްވާތީ އެފަދަ ބަނދަރަކުން އަދިވެސް ރާއްޖެއަށް ބޮޑުފައިދާއެއް ލިބިގެންދާނެކަން ފާހަގަ ކުރެއްވިއެވެ.

ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްޤީ ކުރެވިއްޖެނަމަ، ދުރުރާސްތާއަށް ބަލާއިރު ފަތުރުވެރިކަމަށްވުރެ ބޮޑު ފައިދާއެއް އިޤްތިޞާދީ ގޮތުން ރާއްޖެއަށް ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިވަގުތަށް އެންމެ އިސްކަންދެއްވަނީ ފަތުރުވެރިކަމަށްކަމަށް ވިދާޅުވިއެވެ.

އުތުރުގެ ޓްރާންސްޝިޕްމަންޓް ބަނދަރަށް ޢިޝާރާތްކުރައްވައި މިނިސްޓަރ ވިދާޅުވީ އެކަމަށް އެއް ބިލިއަނާ ދެ ބިލިއަނާ ދޭތެރޭ ޢަދަދަކަށް ޑޮލަރު އިންވެސްޓް ކުރަން ޖެހޭނެކަމަށެވެ. އެކަމަށް އެކި ޤައުމުތަކުގެ އިންވެސްޓަރުނާ ވާހަކަ ދައްކަވަމުން ގެންދަވާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެ އިންވެސްޓަރުންގެ ތެރޭގައި އެމެރިކާ އާއި ސަޢޫދީޢަރަބިއްޔާ އާއި ޔޫއޭއީ އާއި އިންޑިއާގެ އިންވެސްޓަރުން ހިމެނެއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންސްޝިޕްމަންޓް ބަނދަރު ހެދުމަށް ލަފާ ހޯދަން 13.2 މިލިއަން ރުފިޔާ އަށް ބޭރު ބަޔަކާ ސަރުކާރުން ހަވާލުކުރެއްވީ މިދިޔަ ޑިސެމްބަރ 19 ގައެވެ. މިސައްކަތް ޙަވާލުކޮށްފައި ވަނީ ނެދަލެންޑުގެ އެމްޓީބީއެސް އާއި ޑެންމާކުގެ ނީރާސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކާއެވެ.

މި އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅާއި ލާމު އަތޮޅުން ހުވަދޫ ކަނޑާ ކައިރިން ބަނދަރު ހެދުމަށް އެންމެ އެކަށީގެންވާ ސަރަހައްދެއް ހޯދުމަށް ފީޒިބިލިޓީ ބަލާނެ އެވެ. އަދި ފީޒިބިލިޓީ އަށް ބެލުމަށްފަހު ޕްރޮޖެކްޓު ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ދިރާސާތައް ވެސް އެ ކުންފުނިން ކުރަން ޖެހޭނެ އެވެ. އަދި ބޯޓުފަހަރު މަރާމާތު ކުރުމަށާއި ބޯޓުފަހަރަށް ސަޕްލައި ކުރުމަށް އަމާޒުކޮށްގެން ހިތަދޫގައި ހަދާ ބައިނަލްއަގުވާމީ ބަނދަރުގެ ފީޒިބިލިޓީ ވެސް ހަދާނެ ކަމަށް އިކޮނިމިކް މިނިސްޓްރީން ކުރިން ވަނީ ހާމަކުރައްވައިފަ އެވެ.

އަހަރެއްގެ މައްޗަށް ރާއްޖޭގެ އުތުރުން ދުނިޔޭގެ އެކި ހިސާބަށް 25 މިލިއަނަށް ވުރެ ގިނަ ކޮންޓެއިނަރ ޝިޕިން ލައިންތަކުން އުފުލާއިރު ދެކުނުން ފަސް މިލިއަނަށް ވުރެ ގިނަ ކޮންޓެއިނަރ އުފުލާ ކަމަށް ވެސް އިކޮނިމިކް މިނިސްޓްރީން ވަނީ ހާމަކުރައްވައިފަވެ.

އުތުރުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމް ކުރުމުގެ ވާހަކަ އަކީ ރައީސް މަޢޫމޫނުގެ ވެރިކަމުގައިވެސް ދެކެވުނު ވާހަކައެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.