އަހަރެއްހާ ދުވަހުގެ ތެރޭގައި 600 އެނދު އައްޑޫގައި ތަރައްޤީ ކުރެވިދާނެ

ފޮޓޯ: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

އައްޑޫ ސިޓީގައި ލޯކަލް ޓްވަރިޒަމް ތަރައްޤީ ކުރުމަށް 80 މިލިއަން އެސް.އެމް.އީ ބޭންކުން އެލޮކޭޓް ވެފައިވާ ކަމުގައި އެކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާލު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލް އާއި އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ މި މަޝްރޫޢު ރަގަޅަށް ކުރިއަށް ގެންދެވިއްޖެނަމަ އަހަރެއްހާ ދުވަހުގެ ތެރޭގައި 600 އެނދު ގެ ކެޕަސިޓީ އެއް އައްޑޫ ސިޓީގައި ތަރައްޤީ ކުރެވިދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އައްޑޫ ސިޓީގައި އިންޓަރ ނޭޝަނަލް އެއަރ ޕޯޓެއްވެސް އޮތުމާއި އެކު ޓޫރިޒަމްގެ ސިނާއަތު އިތުރަށް ފުޅާކުރުމަށް ބޭނުންވާކަން މިނިސްޓަރ މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ " އިންޓަރނޭޝަނަލް އެއަރޕޯޓެއް އައްޑޫ ސިޓީގައި އޮތުމާއި އެކު އައްޑޫގައި އެނދުގެ އަދަދު އިތުރުކުރަން އަޅުގަޑުމެން ބޭނުންވޭ، އޭގެ ތެރޭގައި ރިސޯޓް އިތުރުކުރުމާއި ގެސްޓްހައުސް އަށް ވަރަށް ބޮޑު އަހައްމީއްޔަތުކަމެ ދޭނަން"

 އައްޑޫ ސިޓީ ކައުންސިލް އާއި ބައްދަލުކޮށް މިނިސްޓަރ ފައްޔާޒު މި ޝުޢޫރު ފައުޅުކުރެއްވީ ރަށުފަތުރުވެރިކަން ތަރައްޤީކޮށް ފުޅާކުރުމަށް ރާއްޖޭގެ 11 ރަށަކުން ބިން ދޫކުރުމަށް ސަރުކާރުން ނިންމައި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާމަކުރައްވާފައި ވަނިކޮށެވެ.

"ޖަޒީރާ ރާއްޖެ – މަގޭ ރާއްޖެ" ގެ ރަސްމީއްޔާތުގައި މިކަން އިޢްލާން ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ 11 ރަށަކުން ބިންދޫކުރުމަށް މިވަގުތު ނިންމެވި ނަމަވެސް ފަސްވަނަ މާސްޓަރ ޕްލޭން އެކަށައެޅޭ އިރު ހުރިހާ އަތޮޅަކަށް ބެހިފައިވާ ދެމެހެއްޓެނިވި ފަތުރުވެރިކަމަށް މިސިނާޢަތު ބަދަލުވެގެންދާނެ ކަމަށެވެ.

އިބްރާހީމް ޠާހިރު
އިބްރާހީމް ޠާހިރަކީ ނޫސްވެރިކަމުގައި ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ކުޅަދާނަ، ހީވާގި ނޫސްވެރިއެކެވެ. މީގެ އިތުރަށް ރާއްޖޭގެ ސިޔާސީ ދާއިރާގެ ތަޖުރިބާކާރެކެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.