(14 ޑިސެންބަރު 2019ގައި ޝާއިއުކުރި ބަޔާގުޅޭ)
ރުތުގެ އުމުރުން އަދި އެންމެ އެކާވީސް އަހަރެވެ. އެނާގެ މުޅި ހަޔާތް ބަރުބާދުވެއްޖެއެވެ. އާއިލާ މީހުން ގާތަށް އެނބުރި ދެވޭކަށް ނެތެވެ. އާމްދަނީއެއް ލިބޭނީވެސް އަތުންފައިން މަސައްކަތެއް ކުރަން އެނގޭ ނަމައެވެ. ނަމަވެސް ތަގްދީރުގައި ރޫތަށް ވެސް ދެރަގޮތެއް ލިޔެވިފައި ނެތެވެ. އޭނާގެ އަލަތު ދަރިފުޅު އުފަންވުމުގެ ދެތިން ހަފްތާ ކުރިން ބައްޕަ ނިޔާވެއްޖެއެވެ. އޭނާ އެކަން ބަލައިގަތީ ރަހުމަތެއްގެ ގޮތުގައެވެ. ބައްޕަ ދުނިޔޭގައި ހުރިނަމަ މަންމަ ގާތަށް ދިރިއުޅުން ބަދަލުކުރުމުގެ ހުއްދައެއް ނުލިބޭނެއެވެ. ބައްޕަ މަރުވުމުން މަންމަ އޭނާއަށް ފޯނުކުރިއެވެ. އަދި އެނބުރި ގެއަށް އަންނަން ބުންޏެވެ. އެހެންކަމުން ކެތަރިން ބޮޑުވީ އޭނާގެ މުންނަގެ ގޭގައެވެ. އެގޭގައި އުޅުނީ އޭނާގެ މަންމައާއި މުންނައެވެ.
ކެތަރިންގެ އެންމެ ދުރު ހަނދާނަކަށް ހުންނަނީ މަންމައާއި މުންނަ އަބަދު ޒުވާބުކުރާ ހަނދާނެވެ. އޭނާގެ މަންމަ ދިރިއުޅުމުގެ ކެކުޅުންތަކަށް ހައްލު ހޯދުމުގެ ގޮތުން ރާ ބޯން ފެށިއެވެ. ރޭގެނޑު ބާރ އެއްގައި މަސައްކަތްކޮށްފައި ދުވާލުގެ ވަގުތު ހޭދަކުރީ މަސްތުގެ ހާލަތުގައެވެ. އެހެންކަމުން ކެތަރިންގެ ހުރިހާ ޒިއްމާއަކާ މުންނަ ހަވާލުވިއެވެ. ބައްޕަގެ ހުރިހާ މައުލޫމާތެއް އޭނާއަށް ކިޔައިދިނީ މުންނައެވެ.
މަންމައާއި ކެތަރިން އާ ދެމެދު މާބޮޑު ގުޅުމެއް ނޯވެއެވެ. ތެދަށް ބުނަންޏާ އެއްވެސް މީހަކާ އޭނާއާ ގުޅުމެއް ނޯވެއެވެ. އަލީމް އޭނާގެ މުޅި ދިރިއުޅުން ބަރުބާދުކޮށްފިއެވެ. އެ ލަކުނު އޭނާގެ ހިތަކުން ނުފިލިއެވެ. މަންމަ އޭނާ ދެކެ ވަނީ ލޯބިކަމެއް ނުވަތަ ކުރަނީ ނަފްރަތުކަމެއް ކެތަރިން އަށް ނޭނގެއެވެ. ބައެއް ފަހަރު އޭނާ ގޮވައިގެން ބޭރަށް ދެއެވެ. އެކަމަކު އޭޝިއާ މީހަކު ނުވަތަ މުސްލިމަކު ފެނިއްޖެނަމަ ހަޅޭއްލަވާ އެމީހުންގެ ގަޔަށް ކުޅު ޖަހައެވެ. އޭގެ ސަބަބުން މަންމައާއެކު ބޭރަށް ދާން އޭނާ ޖެހިލުންވިއެވެ.
އަލީމާ ކާވެނިކުރުމަށްފަހު ރޫތު އިސްލާމް ދީން ޚިޔާރުކުރިއެވެ. ނަމަވެސް އަލީމު އޭނާ ދޫކޮށްލާފައި ދިޔަފަހުން އޭނާއަކީ މުސްިމެއް އަދި ކްރިސްޓިއަނެއްވެސް ނޫނެވެ. "ކަލާނގެ ވޮޑިގެނެއް ނުވެއެވެ." އުމުރުންވީ ސޯޅަ އަހަރުގެ ތެރޭގައި މަންމަގެ ފަރާތުން ތަކުރާރުކޮށް އަޑުއިވޭ ވާހަކައަކި އެއީއެވެ. އެ ޖުމުލަވަނީ އޭނާގެ ހިތުގައި ބިންވަޅު ނެގިފައެވެ. އާދީއްތަ ދުވަހު ފައްޅިއަށް ގޮސް އަޅުކަމުގައި އިންނަ ވަގުތުވެސް ކަންފަތުގައި ގުގުމަނީ "ކަލާނގެ ވޮޑިގެނެއް ނުވެއެވެ." އެ އިބާރާތެވެ.
އޭނާގެ މުންނައާއި މަންމަގެ ފަރާތުން އިސްލާމް ދީނުގެ ގޯސް ވާހަކަ އަބަދު އަޑުއިވެއެވެ. މަސްތުވެގެން ގެއަށް އައިސް މުސްލިމުންނާ ދިމާއަށް ނުގޮވާކަށް އެއްޗެއް ނޯވެއެވެ. މުންނަ މަންމައާއި ބައިވެރިވަނީ އޭނާ ހަމައަކަށް އެޅުވުމަށެވެ. އޭނާގެ ބައްޕައާއި ދިމާއަށް ދެމައިންގެ ހިތަށް އައިހައި އެއްޗެއް ގޮވައެވެ. ކެތަރިން އޮންނަނީ އަޑުއަހާށެވެ. ބައްޕަ ދެކެ ނަފްރަތުކުރުމުގެ ބަދަލުގައި ބައްޕައާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ހޯދުމަށް އޭނާ ޝައުގުވެރިވިއެވެ. އަދި ޕާކިސްތާނާ ގުޅޭ މައުލޫމާތު ހޯދަން ފެށިއެވެ. މަންމަގެ ދިރިއުޅުން ބަރުބާދުކޮށްލި ފިރިހެނަކު ދެކެ ނަފްރަތު ނުކުރެވެނީ ކީއްވެގެން ކަމެއް ޚުދު އޭނާއަށް ވެސް ނުވިސްނެއެވެ. ފަހަރެއްގައި މަންމައާއި މުންނައާ ދޭތެރޭ ހިތުގައި ދެކޮޅުވެިރކަމެއް އުފެދުނީކަމަށް ވެދާނެއެވެ.
ކެތަރިންގެ އުމުރުން ތޭރަ އަހަރުގައި އޭނާގެ މުންނަ ނިޔާވިއެވެ. ފުރަތަމަ ފަރަހަށް ދިރިއުޅުމުގެ ހަގީގަތާ ކުރިމަތިލާން ޖެހުނެވެ. މުޅި އުމުރު ދިރިއުޅުނު ގެ ވިއްކާލަން ޖެހުނެވެ. ލިބުނު ފައިސާ ބަހަންޖެހުނީ މަންމައާއި، މަންމައާއި އެއްބަނޑު އެއްބަފާ ދަރީންގެ މެދުގައެވެ. ރޫތަށް ލިބުނު ފައިސާއިން ފަގީރު މީހުން ދިރިއުޅޭ ހިސާބަކުން ކުޑަ އެޕާޓްމަންޓެއް ކުއްޔަށް ހިފިއެވެ. އެ ހިސާބުގައި ހުރި އެހެން އިމާރާތްތަކެކޭ އެއްފަދައިން އެ އެޕާޓްމަންޓު ވެސް ހުރީ ތަޅާލަން ތައްޔާރުކޮށްފައެވެ. ކެތަރިންގެ ސްކޫލު ހުންނަނީ އެ އެޕާޓްމަންޓާ ވަރަށް ދުރުގައެވެ. ސްކޫލަށް ދާން އެހައި ދުރަށް ހިނގަންޖެހޭތީ އޭނާ ހިތް ނުތަނަވަސްވެއެވެ. ދުވަސްކޮޅަކުން އޭނާ ސްކޫލަށް ދިއުން ހުއްޓައިލިއެވެ. ދަރިފުޅާ އަޅާލައި އޭނާގެ މުސްތަގުބަލާ މެދު ރޫތު އެއްވެސް ވަރަކަށް ފަރުވާ ބެހެއްޓިނަމަ ދަރިފުޅުގެ ދިރިއުޅުމުގެ ކަންކަން ރަނގަޅުވީހެވެ. މަންމަ ނިޔާވުމުން ރޫތު މާގިނައިން ބޯން ފެށިއެވެ. މުންނަގެ ގެ ވިއްކައިގެން ލިބުނު ފައިސާވެސް ހުސްކޮށްލީ ރަލަށެވެ. ހުރިހާ ތަކުލީފެއް އުފުލަން ޖެހުނީ ކެތަރިން އަށެވެ. ހައިހޫނުކަމުގެ އިތުރުން ކުލި ނުދެއްކިގެން އެޕާޓްމަންޓުން ނުކުންނަ ހިސާބަށް ކަންތައް ދިޔައެވެ. ކެތަރިން ފެކްޓަރީއެއްގައި ހުންނަ ބޭކަރީއަކުން ވަޒީފާ ހޯދިއެވެ. ނަމަވެސް މަންމަ ބަލިވުމުން ވަޒީފާ ދޫކޮށްލަން ޖެހުނެވެ. ދުވަސްކޮޅަކުން ހުރިހާ ކަމެއް ހަމައަކަށް އެޅޭނެކަމުގެ އުއްމީދުގައި ހުރެ ހަމަސް ދުވަސްވީއިރުވެސް އަލިމަގެއް ނުފެނުނެވެ. ބަލަބަލައި ހުއްޓާ އޭނާގެ މަންމަ ކަންކާލުގެ ކަށިގަނޑަ (ސްކެލެޓަން)ކަށް ބަދަލުވިއެވެ. ވޭނަށް ކެތްނުކުރެވިގެން މުޅި ދުވަހު ހަޅޭއް ލަވައެވެ. ކެކުޅުމުގެ ތެރެއިން ވެސް އޭނާ އެއްވާހަކައެއް ތަކުރާރުކުރެއެވެ. "އޭނާ އަހަރެން ބަރުބާދުކޮށްލީ! އަހަރެންގެ ހަޔާތް ބަރުބާދުކޮށްލީ!" އެއީ ކާކުގެ ވާހަކައެއްތޯ ކެތަރިން ދުވަހަކުވެސް މަންމަ ގާތަކު ނާހައެވެ. ބައްޕަގެ ވާހަކަކަން އެނގޭތީއެވެ.
ކެތަރިން އޭނާއަށް ވީ އެންމެ ރަނގަޅަކަށް މަންމަގެ ކަންތައް ބަލަމުން ދިޔައެވެ. ހަށިގަނޑުގައި ދައުރުވަނީ ބައްޕަގެ ލޭ ކަމުގައިވީނަމަވެސް ބައްޕަ ކަންތައް ކުރިގޮތަށް ނަގައި އެއްލައިނުލާނެ ކަމުގެ ޔަގީންކަން މަންމައަށް ދިނުމަށެވެ. އޭނާގެ އޯގާތެރިކަމުން މަންމަގެ ހިތުގެ ރިހުމަށް ލުޔެއް ލިބޭކަމެއް ކެތަރިންއަކަށް ނޭނގެއެވެ. އެކަމަކު ގޭތެރޭގެ މަސައްކަތުގައި އުޅޭއިރު މާނަވީ ނަޒަރަކުން މަންމަ އޭނައަށް ބަލަން އޮންނަކަން އެނގެއެވެ.
އުމުރުން 37އަހަރުގައި ރޫތު ބްރައުން މަރުވިއެވެ. އޭރު ކެތަރިންގެ އުމުރުން އެންމެ ސޯޅަ އަހަރެވެ. މަންމަ ނިޔާވިތާ ދުވަސްކޮޅެއް ފަހުން މަންމަ މަސައްކަތް ކުރި ބާރ އިން އޭނާ ވަޒީފާ ހޯދިއެވެ. މަންމަ ބަލަހައްޓަން ގޭގައި ހުންނަން ޖެހުނު ހަމަސް ދުވަހުގެތެރޭގައި އޭނާ އިންތިހާއަށް ދަރަނިވެރިވިވއެވެ. އެޕާޓްމަންޓުގެ ކުލި ނުދެއްކުމުގެ އިތުރުން އެތައް ދަރަންޏެއް ބޮލުގައި އެޅުނެވެ. މަސައްކަތުގައި ގިނަ ވަގުތު ހޭދަކޮށްގެންވެސް ދެކޮޅުޖެހޭވަރެއް ނުވެއެވެ.
ފަގީރުކަމުން އަރައިގަންނާނެ ގޮތެއް ހޯދަން މަސައްކަތްކުރަނިކޮށް ބާރގައި މަސައްކަތްކުރާ އެހެން މީހަކު އޭނާއަށް ލަފައެއް ދިނެވެ. އޭނާގެ ލަފާގެ މަތިން ކެތަރިން މީހަކާ ބައްދަލުކުރިއެވެ. އެ ފިރިހެން މީހާއާއެކު ދެގަޑިއެއްވަރު ހޭދަކުރުމުން ލިބުނު ފައިސާއިން އޭނާގެ ކަންބޮޑުވުންތައް އެކަށް ފިލައިދާވަރެއް ނުވިއެވެ. ނަމަވެސް އެއް އަހަރު ފަހުން ބަނޑު ފުރެންދެން ކެވުނެ. އަދި ސްވެޓަރެއް ގަނެވޭ ަރުވިއެވެ.
އެރޭ ގެއަށް ގޮސް ހިތްފުރެންދެން އޭނާ ރުއެވެ. އާ ސްވެޓަރާއި ބަނޑުފުރާނަ މުއްތިކުރެވުމަކުން އެރޭ ކުރެވުނު އެކަނިވެރިކަމުގެ އިހުސާސެއް ނުފިލިއެވެ. "މާ ގިނަ ދުވަހަކު މިހެން ނޫޅޭނަން." ކޮންމެ ދުވަހަކު ހެނދުނު މަސައްކަތަށް ނުކުންނަމުން އޭނާ އަޒުމު ކަނޑައަޅައެވެ. "ދަރަނި ދައްކައި ނިމުމުން ދުވަހަކުވެސް މިކަމެއް ނުކުރާނަން. އުޅޭނެ ރަނގަޅު ތަނެއް ހޯދައި، އިންނާނެ މީހަކު ހޯދާނަން. އެވަރަށް އާމްދަނީ ލިބުމުން ދުވަހަކުވެސް މި މަސައްކަތެއް ނުކުރާނަން. އަހަރެން ބޭނުންވަނީ ރަނގަޅު ދިރިއުޅުމެއް އުޅެން. ގެއަކާއި އޯގާތެރި ފިރިއަކާއި، އަދި ދަރިން..."
ނަމަވެސް ޖެހުނީ މަޅިފައްޗެއްގައި ކަމުން އެހައި ފަސޭހައިން ސަލާމަތެއް ނުވެވުނެވެ. "މިފަހަރު އެކަނި." އާ މީހަކާއެކު ދާ ކޮންމެ ފަހަރަކު އޭނާ ހިތާހިތުން ބުނެއެވެ. "ދުވަހަކުވެސް ދެން ނުކުރާނަން، މިފަހަރު އެކަނި. މާދަމާއިން ފެށިގެން އެހެން ދިރިއުޅެމެއް ފަށާނަން. މި މަރުހަލާ ނިމޭނެ އޭރުން. ދުވަހަކުވެސް މި ދިރިއުޅުން އުޅޭން އަހަންނަކަށް ދެން ނުޖެހޭނެ." އާ އަޒުމަކާއެކު ކޮންމެ ދުވަހަކު ގެއިން ނުކުތް ނަމަވެސް އެކަމުން ސަލާމަތެއް ނުވެވުނެވެ.
އަހަރެއް ވީއިރު ދަރަނި އަދާކޮށް ނިންމައިފިއެވެ. އޭރު ވަގުތު ފާއިތުވެއްޖެއެވެ. މާޒީ އޭނާއާ ވަތްކެއް ނުކުރެވުނެވެ. އަވަށްޓެރީންގެ މެދުގައި އޭނާ މަޝްހޫރުވެފައިވަނީ ޑަސްކީ ޑެމްޒެލްގެ ނަމުންނެވެ. ބާރގެ ވަޒީފާ ދޫކުރުމަށްފަހު ކަންމަތީ ފިހާރައަކުން ސޭލްސް އެސޯސިއޭޓެއްގެ ވަޒީފާ ހޯދިއެވެ. ކުރީގެ ކްލަޔަންޓުންގެ އުނދަގުލެެއް ނުހުއްޓުނެވެ. އެންމެފަހުން އެތަނުގެ މެނޭޖަރު އޭނާ ވަޒީފާއިން ވަކިކުރިއެވެ. ކްލަޔަންޓުންގެ އުނދަގުލާ ހެދި އެއްވެސް ވަޒީފާއެއްގައި ހަރުލާ ގޮތެއް ނުވިއެވެ. ތަކުރާރުކޮށް އެގޮތަށް ދިމާވާން ފެށުމުން އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރަން ކެތަރިން ވިސްނިއެވެ. އެ ފިކުރުގައި ހުއްޓައި ތަގުދީރުން އޭނާއަށް ރަނގަޅު ގޮތެއް މެދުވެރިވިއެވެ.
(ތިންވަނަ ބާބު)
ކަނުއަނދިރީގެ ތެރެއިން ސިޑިބަރީގެ ހަރުފަތްތަކުގައި ފިޔަވަޅު އަޅަމުން މައްޗަަށް އެރިއެވެ. އެ އަނދިރިކަމުގެ ތެރެއިން އޭނާއަށް އިހުސާސްކުރެވޭ ހަމައެކަނި އެއްޗަކީ ސިޑިބަރީގެ ހަރުފަތްތަކުގެ ދިގުމިނާއި ފުޅާ މިނެވެ. ކައްސާލައިގެން ވެއްޓޭހައި ސިޑިބަރި އޮމާނެވެ. ހީވަނީ ކުރިކީލައިން ހަދާފައި ހުރި ސިޑިބަރިއެއް ހެންނެވެ. މައްޗަށް އަރަމުން ދިޔައިރު ފިނިފިނި ވައިރޯޅި އޭނާގެ ގައިގައި ބީހެމުން ދިޔައެވެ.
***
ގެއަށް އައިސް އެއްޗެހި ބަދަލުކުރަން އުޅެނިކޮށް ނޯކަރު ޕާރުސަލެއް ހިފައިގެން އައިސް ކޮޓަރިއަށް ވަނެވެ. "މީ ދައްތަ ފޮނުވި އެއްޗެއް."
"ކޯޗެއް؟" ޒަނީން ހައިރާންވެފައި އަހައިލިއެވެ.
"ނޭނގޭ. ހީވަނީ ކުރެހުމެއްހެން."
"ކުރެހުމެކޭ! އިރުކޮޅަކު ހައިރާންވެފައި ހުއްޓެވެ. އެ ކުރެހުންތެރިޔާގެ ކުރެހުމެއް ގަނެދޭން މަންމަ ގާތު އެދުނު ހަނދާންވީ ދެނެވެ. ފަރުވާތެރިކަމާއެކު ޕާރުސަލް ކަނޑާލާފައި ކުރެހުން ނެގިއެވެ. އޭނާ އާޝޯޚުވިއެވެ. ވަރުބަލިކަންވެސް ވަގުތުން ފިލިއެވެ. ޒަނީން ހިނިތުންވެލިއެވެ. ކެންވާސް ނަގައި ގޮނޑިމަތީގައި ބެހެއްޓުމަށް ފަހު އެހެން ގޮނޑިއެއްގައި އިށީނދެ އެ އާދަޔާ ޚިލާފު ކުރެހުން ބަލަން ފެށިއެވެ.
ކުރިން ގެނައި ކުރެހުމުގައި ހުރިހެން މި ކުރެހުމުގެ ފަސްމަންޒަރުންވެސް ފެންނަނީ ކަނު އަނދިރިކަމެވެ. އުޑުމައްޗެވެ. ބިންގަނޑު ވަނީ ރެނދުލައި ކަނޑައިގެން ގޮސްފައެވެ. ފްރޭމުގެ މެދުގައި މުލުން ލުހެވިފައިވާ ބިޔަ ގަހެއް ހުއްޓެވެ. ބިމާއި ދިމާއިން ގަހުގައި އެންމެ ފަތެއްވެސް ނެތެވެ. އޮފިތައް ހުރީ އެއް އޮފިގަނޑުގެ ތެރެއަށް އަނެއް އޮފިގަނޑުގެ ވަދެ އޮޅުންބޮޅުންވެފައެވެ. ގަހުގެ ކުރީގައި ވަރަށް ބައިވަރު ފަތް ހުއްޓެވެ. ތިރީގައި ހުރި ފަތްތަކުގައި ހުރީ މަޑުފެހިކުލައެވެ. ގަހުގެ އެންމެ ކުރީގައި ހުރި ފަތްތަކުގައި ހުރީ ގަދަފެހިކުލައެވެ. މަތިން އަންނަ އަލި އެޅިފައިހުރި ފަތްތައް ބޮޑެތިވެފައި ފެހިކަން ގަދައެވެ. ގަހުން ފެންނަނީ އެހެން ވެޔޮގަނޑެއްގެ ފަތެވެ. އެކި ދިމަދިމާއަށް އަލި އެޅޭ މިންވަރު ތަފާތު ވުމުން އެކި ފަތުގައި ފެހިކުލަ ހުރީ އެކިވަރަށެވެ.
އޭނާ ގޮނޑިން ތެދުވެގެން ގޮސް ކުރެހުމަަށް ދީފައިވާ ނަން ބަލައިލިއެވެ. "އަގީދާ." އެ ނަމާއި ކުރެހުމާއި އޮތް ގުޅުން ދެނެގަންނާން އޭނާ ކައިރިން ބަލަން ފެށިއެވެ.
"އެދުން އަދި އަގީދާ." އޭނާ ވިސްނައިލިއެވެ. މިއީ މުއުޖިޒާތެއްބާ؟ ނުވަތަ މެޓަފިޒިކްސް ބާ؟" ޒަނީން އެނދުމަތީގައި އޮތް ފޯނު ނަގައި މަންމައަށް ފޯނުކުރިއެވެ. "ދަރިފުޅަށް ކުރެހުން ކަމުދިޔަތަ؟" ނުޒްހަތު އެހިއެވެ.
'ޝުކުރިއްޔާ މަންމާ، ވަރަށް ކަމުދިޔަ، ބަޔާންކޮށްދޭން ވެސް ނޭނގޭ ވަރަށް. މި ކުރެހުންތެރިޔާ އާ ބެހޭ މައުލޫމާތު ހޯދަދީބަލަ މަންމާ."
"މައްސަލައެއް ނެތް، ސާމީ ގާތު އަހާލާނަން. އޭނައަށް އެނގޭނެ. ކުރެހުންތައް ވިއްކަނީ އޭނާ."
"ކިހާވަރަކަށް މި ކުރެހުން ގަތީ؟" ޒަނީން އެހިއެވެ.
"ކުރިން ކުރެހުން ވެސް ގަތް އަގުގަ. ދެ ހާސް ރުފިޔާ." މަންމަ ބުންޏެވެ.
"އެއީ ވައްކަމެއް." އިޚްތިޔާރަކާ ނުލާ ޒަނީނަށް ބުނެވުނެވެ. މިކުރެހުންތައް އެހައި އަގުހެޔޮކޮށް ވިއްކަނީ ކީއްވެބާ؟" އާދައިގެ ކުރެހުންތައް ވެސް ވިއްކަނީ މިއަށްވުރެ އަގުބޮޑުކޮށް. މިއީ އާދަޔާޚިލާފަށް މޮޅު ކުރެހުންތައް. މިއީ ވަރަށް ހިތާމަ ހުރި ކަމެއް."
"ވެދާނެ ފައިސާގެ ތާށިކަމެއް އުޅޭ މީހަކަށް. ލާރިކޮޅެއް ހޯދަން ބައެއް ކުރެހުންތައް ވިއްކާލަނީކަން ނޭނގޭ. އާޓް ގެލެރީ ހިންގާ މީހުންގެ ކަންތައް ދަރިފުޅަށް އެނގެއެއްނު. އާ މީހުންގެ މަސައްކަތް ބަލައެއް ނުގަނެއެއްނު. އަދި ކުރެހުން ވިކުނީމަ ނޫނީ އަގެއް ނުދޭނެ."
"ރަނގަޅު ވާހަކައެއް. އެކަމަކު ސާމީ ގާތު އަހާލަދެއްޗޭ މި މީހާގެ ވާހަކަ." ޒަލީދު ބުންޏެވެ.
"މާދަމާ އަހާލާނަން." ނުޒުހަތު ފޯނު ބޭއްވިއެވެ.
ނަމަވެސް ޖެހިގެން އައި ދުވަހު ޒަނީނާ ދެކެވުނު ވާހަކައިގެ މަތިން ނުޒްހަތު ހަނދާނެއް ނެތެވެ. ޒަނީންވެސް އުޅުނީ ސިންގަޕޫރަށް ފުރަން އުޅޭތީ ދަތުރަށް ތައްޔާރުވުމުގައެވެ. އޭނާ ވެސް އެވާހަކަ ހަނދާނެއް ނެތެވެ. ސިންގަޕޫރުން ޒަނީން ދިޔައީ ކޮރެއާއަށެވެ. ފެކްޓަރީއަށް ބޭނުންވާ މެޝިނަރީ ގަންނާށެވެ. އޭނާ އެނބުރި އައީ ދޮޅުމަސް ދުވަސްފަހުންނެވެ. އެނބުރި އައިސް ބައިނަލްއަގުވާމީ ދެ މައުރަޒަކަށް ތައްޔާރުވުމުގެ މަސައްކަތް ފެށިއެވެ. ކުރީން ގަތް ދެ ކުރެހުމުގެ މަތިންވެސް އޭނާ ހަނދާނެއް ނެތެވެ. ކުލަބުގައި ވެސް އާ މައުރަޒެއް ނުބާއްވާތީ ކުރެހުމުގެ މަތިން އަދި ކުރެހުންތެރިޔާގެ މަތިން ނުޒުހަތުވެސް ހަނދާން ނެތުނެވެ.
***
މިއީ މަންމައާއި އޭނާ ޒުވާބުކުރި ފުރަތަމަ ފަހަރެވެ. މުޅި ދިރިއުޅުން ވޭތިކުރީ މަންމައާ މެދު ހިތް ނުތަނަވަސްވެފައި ހުރެއެވެ. މަަންމަ ކުރާ އެއްވެސް ކަމެއް މަރިޔަމަށް ކަމަކު ނުދެއެވެ. އޭނާގެ ރުޅީގެ އަސްލަކީ އެންމެ ކަމެކެވެ. މަންމަ އެހެން ދިރިއުޅުމެއް ބޭނުންނަމަ ދެމައިންނަށް މިއަށްވުރެ ހަމަޖެހިގެން އަރާމުގައި އުޅެވޭނެ ކަމަށް ގަބޫލުކުރުމެވެ. އެކަމަކު މަންމަ...! އަހަރުތައް ފާއިތުވަމުން ދިޔަވަރަކަށް އޭނާގެ ހިތް ހަމަނުޖެހުން ބޮޑުވަމުން ދިޔައެވެ.
ހަޔާތުގެ ހުރިހާ ކަމަކާއި އެކަމަކާއި ގުޅިފައިވާ އެންމެހައި ކަންތަކަށް އޭނާ ނަފްރަތު ކުރެއެވެ. ގެއާއި ގޭގައި ގެންގުޅޭ ޖަނަވާރުތަކާއި، އަވަށްޓެރީން ދެކެއެވެ. ގެއިން ނުކުމެގެން ހިނގާން އޮންނަ މަގުތަކާ މެދު ހިތް ހަމަ ނުޖެހެއެވެ. އަދި ތަރުކާރީ އާއި މޭވާ ވިއްކަން މަގުމަތީގައި އިންނަ އޭނާގެ މުސްކުޅި ބައްޕަގެ ދެކެ އިންތިހާއަށް ނަފްރަތު ކުރެއެވެ. އޭނާ ސްކޫލަށް ގޮސް އައިސް ހަދަންޖެހެނީ އެމަގުންނެވެ. އެދެމެދު ކަޑައްތުކުރެވޭ އިރު ލަދުން އިސްއުފުލައިލަން އޭނާއަށް ނުކެރެއެވެ. ކޮންމެ ދުވަހަކު އެމަގުން ދެކޮޅަށް ހިނގާއިރު އޭނާ ބައްޕަ އިންނަ ދިމާއަށް ބަލައިވެސް ނުލައެވެ. ބައްޕައަކީ ކާކުކަން އެނގޭ ދުވަހަކުން ސްކޫލް ކުދީން ބުނާނީ ކީކޭހެއްޔެވެ؟ އެދުވަހަކުން އެކުދީން އޭނާއަށް މަލާމާތްކުރާނެއެވެ.
"އަހަންނަކީ އެ މީހުންނާ ގުޅުމެއް އޮތް މީހެއް ނޫން. އެއީ އަހަރެން ދަންނަ ބައެއް ނޫން." އޭނާ ހުންނަނީ އަބަދު އެހެން ކިޔާލަކިޔާލައެވެ. އެހެންކިޔައިގެން މިހާރު މިއުޅޭ ދިރިއުޅުން ބަދަލުވެދާނެއޭ ހީވަނީ ކަންނޭނގެއެވެ. ބައްޕަ ނިޔާވުމުން އޭނާ ވީ އުފަލެވެ. އޭނާ އުޅެންޖެހިފައިވާ ނިކަމެތި ދިރިއުޅުމުން ބައެއް އުނިވީއެވެ. އެމީހާއާ ހެދި ލަދުގަންނާކަށް ނުޖެހޭނެއެވެ. އެމަގުން ހިނގާއިރު އަނެއް ފަރާތަށް މޫނު އަނބުރައިގެން ހުންނާކަށް ދެން ނުޖެހޭނެއެވެ.
ބައްޕަ ނިޔާވިއަސް އޭނާއަށް ޖެހިފައިވާ އެހެން އެއްވެސް މުސީބާތަކުން އަރައެއް ނުގަނެވުނެވެ. އުނިވީ ހަމައެކަނި ބައްޕައެވެ. ލިބުނު ހަމައެކަނި ހިތްހަމަޖެހުމަކީ އެއީއެވެ.
(ނުނިމޭ)
މި ވާހަކަ ވަރަށް ރީތިވާނެ ކަމަށް ބެލެވޭ
ހާދަ ލަހޭ ވާހަކަތައް އަޕްވާލެއް
Haadha belijjeyey vaahaka hurithoa.dhen nubalaanan.vaahaka hunnaanekan gaimuvaahaa dhuvaskoffa dhen try kuraanee.
Fusbilloori komme dhuvah genesdheveyne vaahaka
oiy.ekamaku nuvey dhoa
dhevaahaka eba genesdhey .ehenveemaa komme dhe dhuvahakun 1 dhuvahu dhe vaahakaige baeh genesdheyvee ehnu.mugaabilaa evaahaka kiyaalan ves varah beynun.hafthaa aku ehfaharu veema haadha lahey Naeem beybey
Eki meehunge life dhoa meega mivanee.emmenge vaahaka kommeves hisaabakun gulheyne dhoa
Dhiriulhumakee vaththarehge han'guraamaeh dhoa
Kommeves massala gan'dhehge therey en'buren jehifa emmen kahala gothakah