އައިޖީއެމްއެޗުގައި ސްޓްރޯކު ސެންޓަރެއް ހުޅުވަނީ

އަވަސް މުސްތަގުބަލެއްގައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ގައި ސްޓްރޯކް ސެންޓަރަކާއި ހަކުރުބަލީގެ ޚާއްސަ ސެންޓަރެއް ހުޅުވާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ރައްޔިތުންނަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވާތާ 72 އަހަރު ފުރުން ފާހަގަ ކުރުން މިއަދު ފާހަގަ ކުރަމުންދާއިރު، އެ ހޮސްޕިޓަލުން މިއަދު ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ކިޑްނީ ޓްރާންސްޕްލާންޓުގެ ޚިދުމަތާއި އޯޕަން ހާޓު ސާޖަރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް އެ ހޮސްޕިޓަލުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެ ހޮސްޕިޓަލުގައި މިހާރުވަނީ ނަފްސާނީ ބަލިތަކަށް ޚާއްސަ ސެންޓަރެއް ވެސް ގާއިމްކޮށްފައެވެ.

ފާއިތުވި މުއްދަތުގައި އެހޮސްޕިޓަލުން ވަނީ ކުރިން ރާއްޖެއިން ލިބެނެތް ސްޕެޝަލިޓީ އެތައް ޚިދުމަތެއްދޭން ފަށައިފައެވެ. އޭގެ ތެރޭގައި ނާރުގެ ބަލިތަކުގެ އޮޕަރޭޝަން، ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ފަރުވާ، ހިތުގެ ބަލިތަކަށް ޚާއްސަފަރުވާ، ކިޑްނީގެ ބަލިތަކަށް ޚާއްސަ ފަރުވާ، ގޮހޮރުގެ ބަލިތަކަށް ޚާއްސަ ފަރުވާ ވެސް ހިމެނެއެވެ. އޭގެ އިތުރުން ކަކުލު ހުޅުގެ އޮޕަރޭޝަންތަކާއި ކެންސަރުބަލިތަކަށް ޚާއްސަ ފަރުވާއާއި، ސީޓީ ސްކޭނާއި، އެމްއާރުއައި، އެކްސްރޭއާއި މެމޯގްރާމް އަދި ތަފާތު އެތައް އޮޕަރޭޝަނެއް އެ ހޮސްޕިޓަލުން އަންނަނީ ކުރައްވަމުން ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.

އެ ހޮސްޕިޓަލަކީ 24 ގަޑިއިރު އިމަންޖެންސީ ޚިދުމަތްދޭ ހޮސްޕިޓަލެކެވެ. އެގޮތުން ކުއްލި ހާލަތުގައި އިމަޖެންސީ ފަރުވާ ދިނުމުގައި އެ ހޮސްޕިޓަލުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން "ކްރައިސިސް މެނޭޖު" ކުރުމުގެ ޚިދުމަތްވެސް ގާބިލް ކަމާއެކު އެތަނުން ގެންދަނީ ފޯރުކޮށް ދެމުންނެވެ. އެތަނުން ހަދާ ލެބް ޓެސްޓުތައް ވެސް އޮންލައިން ކޮށް ބަލިމީހާއަށް މިހާރު ލިބޭނެއެވެ.

ސަރުކަރުން ރައްޔިތުންނަށް ސިއްހީ ކީދުމަތް ދެއްވަން ފަށްޓަވައިފައިވަނީ 1948 ވަނަ އަހަރުއެވެ. އެ ޚިދުމަތް ފަށްޓަވާފައިވަނީ "ޑޮކްޓަރުގޭ" ނަމުގައެވެ. އެއަށްފަހު ސެންޓްރަލް ހޮސްޕިޓަލުގެ ނަމުގައ ހޮސްޕިޓަލެއް ހިންގެވިއެވެ. އައިޖީއެމް ހޮސްޕިޓަލް ވުޖޫދު ވުމުން ސެންޓްރަލް ހޮސްޕިޓަލުގެ ޚިދުމަތް އެތަނަށް ބަދަލުކުރިއެވެ. އެއަށްފަހު އައިޖީއެމްއެޗުން އަންނަނީ ސިއްހީދާއިރާގެ ޚިދުމަތް ފުޅާކޮށް ވަރުގަދަ ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.