ފުސްބިއްލޫރި - 4

(17 ޑިސެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބައްޕަ ނިޔާވިޔަސް އުފަލެއް ނުލިބުނެވެ. ހިތްހަމަނުޖެހޭ ކަންތައް އެހާ ގިނައެވެ. ނަމަވެސް މިއީ ނެޝަނަލް ސެންޓަރ ފޯ އާޓްސް (އެންސީއޭ) އިން އޭނާ ދަސްވެނިވާ އަހަރު ކަމަށްވާތީ ދަތިހާލަތުން އަރައިގަންނާން މަސައްކަތް ފެށިއެވެ. އެ މަސައްކަތުގެ ތެރެއިން ފިރިހެނަކާ ދިމާވިއެވެ. އެމީހާ އޭނާގެ ހަޔާތް ބަދަލުކޮށްދޭނެއެވެ.

***

"ހާދަ ރީތި މީހެއް!"

އާއިޒާ ދުއްރާނީގެ އަޑުގައި ހުރީ މަލާމާތުގެ އަސަރުކަމެއް ނުވަތަ ތައުރީފުގެ އަސަރުކަމެއް އުއްމީ މަރިޔަމަށް ސާފެއްނުވިއެވެ. އެކަމަކުވެސް ފަސްއެނބުރި ބަލާކަށް އޭނާ ބޭނުމެއްނުވިއެވެ. އާއިޒާ އާއި މާރިޔާ އާއި މަރިޔަމް ތިބީ ކޮލެޖުގެ ސިޑިމަތީގައި އިށީނދެލައިގެންނެވެ. ދެތިން ފޫޓެއްހައި ދުރުގައި ނާއިލާ ހަބީބާއި ސޯފިއާ ދުއްރާނީ އާއި ވާހަކަ ދައްކަން އިސްކޮޅުން ދިގު ޒުވާން ފިރިހެނަކު ހުއްޓެވެ.

"ހާދަ ރީއްޗޭ!" މާރިޔާ އާއިޒާއާ ބައިވެރިވެލިއެވެ. މަރިޔަމްވެސް ހިތާހިތުން އެއްބަސްވެލިއެވެ. އެމީހާ ލައިގެން ހުރީ ކަނޑުނޫކުލައިގެ ގަމީހަކާއި ކަޅު ޖިންސެކެވެ.

އެންސީއޭގައި ރީތި ފިރިހެނުން މަދެއް ނޫނެވެ. ނަަމަވެސް މި މީހާގެ މިހިރަ އަޅައިގަންނަ ސިފަތައް ހުރި މީހަކު ނޫޅެއެވެ.

މަރިޔަމް ވަރަށް ހިތްވަރުކޮށްފައި މަސައްކަތަށް އެނބުރުނެވެ.

"ސޯފިއާއަކީ ހާދަ ނަސީބު ގަދަ ކުއްޖެކޭ." އާއިޒާ ފުން ނެވާއެއް ލިއެވެ.

މަސައްކަތަށް ޝައުގުވެރިކަން ދައްކަން އުޅުމުގެ ބޭނުމެއް ނެތެވެ. މަރިޔަމްގެ ހިތް ވެސް ބާރަށް ތެޅެމުން ދިޔައެވެ.

"ކުއްލިއަކަށް ކީއްވެ ސޯފިއާ ދެކެ ހަސަދަވެރިވާންވީ؟" މާރިޔާ އެހިއެވެ.

"ކިހިނެއްވީ؟ މި ކޮލެޖުގައި އުޅޭ ހުރިހާ ފިރިހެނުން އުޅެނީ ސޯފިއާ ފަހަތުން." މާރިޔާ ބުންޏެވެ. "ރީތި ވިހި ފިރިހެނުން އުޅޭނަމަ އެމީހުންގެ ތެރެއިން ނަވާރަ މީހުން އުޅެނީ އޭނައާ ހެދި. އަލަށް މީހަކު އަޔަސް އެނބުރެނީ އޭނަ ވަށައިގެން. އެސޮރަށް ބަލާބަލަ. އަދި މީ މިއަދު އަލަށް ފެނުނު މީހެއް، އަދި އެވެސް ސޯފިއާއާއެކު. މި ކޮލެޖުގައި ނުލާހިކު ރީތި ކުދީން އެބަތިބި. ސޯފިއާއަށް ފިރިހެނުން ހިތްކިޔަނީ ތާ؟ ރީތީގެ މުބާރާތެއް ބޭއްވިޔަސް ސޯފިއާ އެ މުބާރާތް ކާމިޔާބުކުރާނެކަން ކަށަވަރު."

އާއިޒާ އަނގަތަޅުވާ ވަރުން މަރިޔަމަށް އެސައިންމަންޓުގެ މަސައްކަތްކުރެވޭ ވަރެއް ނުވެއެވެ.

"ބަލާބަލަ، ސޯފިއާ ނޫން އެހެން ދިމާއަކަށް އޭނާ ބަލައިވެންނުލާ." އާއިޒާ ބުންޏެވެ.

މަރިޔަމް އެދިމާއަށް ބަލައިިލިެއވެ. އާއިޒާ ބުނީ ރަނގަޅު ވާހަކައެކެވެ. އެމީހާ އެހެރީ ސޯފިއާ ފެނި އާޝޯޚުވެފައެވެ.

އޭނާއަށް ބަލަހައްޓައިގެން ހުރެފައި ކުއްލިއަކަށް އާއިޒާ ބުންޏެވެ. "ކޮންމެވެސް ތަނަކުން ފެނުނު ހަނދާނެއްވޭ."

"އެހެންތަ؟ ހެއްވާ ކަމެއްނު، އަހަންނަށްވެސް ފެނިފައި ހުރީ." މާރިޔާ ބުނެލިއެވެ.

"މަރިޔަމް، އޭނާ ދުށިންތަ ކުރިން؟" އާއިޒާ މަރިޔަމް ވާހަކައިގައި ބައިވެރިކުރިއެވެ.

"ނޫން، ހިއެއްނުވޭ." މަރިޔަމް ބުންޏެވެ.

"އޭނާ އެއުޅެނީ ދާން." އާއިޒާ ބުންޏެވެ.

އޭނާ ސޯފިއާ އާއި ސަލާންކޮށްލާފައި އެ ތިން ކުދިން ފަސްދީ ހިނގައްޖެއެވެ. އެމީހުންނާ ދިމާއަށް ބަލައިވެސް ނުލައެވެ. ސަމާލުކަން ހުރީ އަތުގައި އޮތް ފޯނަށެވެ. އެހެންކަމުން އޭނާއާ ދިމާއަށް ރަނގަޅަށް ބަލައިލަން މަރިޔަމަށް ފުރުސަތު ލިބުނެވެ. އާއިޒާ ބުނީ ރަނގަޅު ވާހަކައެކެވެ. ދަންނަ ފާޑު ޖަހައެވެ.

"ދުރުންވެސް ރީތި. އެކަމަކު ކައިރިން އަދި މާ ރީތި." އާއިޒާ އަނެއްކާވެސް ފުން ނޭވައެއް ލިއެވެ.

"ހިނގާ ސޯފިއާ ކައިރިން އަހަން." މާރިޔާ ސޯފިއާއަށް ގޮވިއެވެ. "ސޯފިއާ!"

ސޯފިއާއާއި ނާއިލާ އެތިން ކުދީން ގާތަށް އަތުވެއްޖެއެވެ.

"ދެންމެ ވާހަކަ ދެއްކީ ކާކާ؟" މާރިޔާ އެހިއެވެ.

"އެއީ އަހަންނާ ދެބޭންގެ ދެދަރި ކުއްޖެއް، ޒަނީން އަވާބް." ސޯފިއާ ފޮނިގޮތަކަށް ޖަވާބު ދިނެވެ.

"ހަމައެކަނި ދެބޭންގެ ދެދަރިތަ ނޫނީ...؟"
"އަދި ދެބޭންގެ ދެދަރި، ފަހުން ވާނެ ގޮތެއް އެނގެނީ ކާކަށް؟" ސޯފިއާ ބުނެލިއެވެ.

"އެހެންވީމާ ފުރުސަތު އެބައޮތްދޯ؟" އާއިޒާ ބޭނުންވަނީ އޭނާގެ ހުރިހާ މައުލޫމާތެއް ހޯދާށެވެ.

"އާނ، ފުރުސަތު އޮންނާނެ އަބަދުވެސް." ސޯފިއާގެ ފަރާތުން އިތުރު އެއްޗެއް ނޭނގުނެވެ.

"މީގެ ކުރިން ކޮލެޖުން އޭނާ ފެނުނު ހަނދާނެއްނުވޭ." މާރިޔާ އަވަސްއަވަހަށް ބުންޏެވެ.

"އޭނާ މިތާކު ނޫޅޭ. ދުވަސްކޮޅަކު މިތަ އުޅެފައި ކަރާޗީގައި ހުންނަ އިންޑަސް ވެލީ ސްކޫލް އޮފް އާޓަށް ވަންނަން ކެނޑުނީ. އޭނާ ކިޔެވީ ޓެކްސްޓައިލް ޑިޒައިން. ބޮޑުބޭބެގެ ފެކްޓަރީއާ ހަވާލުވެގެން ހުންނަތާ ދޮޅު އަހަރުވަރު ވެދާނެ."

"ކޮންމެވެސް ތަނަކުން ފެނުނު ހަނދާނެއްވާތީ..." އޭނާއާ މެދު ޝައުގު އުފެދުނު ގޮތް އޮޅުންފިލުވައިދެމުން މާރިޔާ ބުންޏެވެ.

"ވެދާނެ." ސޯފިއާ ބުންޏެވެ. "މޮޑެލް ކުރަން އުޅުނު ކުރިން. ފެކްޓަރީއާ ހަވާލުވެފައި ހުއްޓާލީ. އޭގެ ފަހުން ދުވަހަކުވެސް މޮޑެލް ނުކުރޭ."

"އޯހ، އެހެންތަ؟ އެހެންވީމާ މަޖައްލާއަކުން ފެނިފައި ހެން ހީވަނީ." އާއިޒާ ހަމަޖެހިލިއެވެ.

"މިހާރު އޭނާ އުޅެނީ ފެޝަން ޝޯއެއް ބާއްވަން. އެހެން ޕްރޮޖެކްޓެއްގެ މަސައްކަތްވެސް އެބަކުރޭ. މިތަނަށް އައީ އޭނައާއެކު މަސައްކަތްކުރާނެ ކުދިންކޮޅެއް ހޯދަން. ޝައުގު ހުރިއްޔާ އޭނައަށް ތައާރަފްކޮށްދީފާނަން." ސޯފިއާ ބުންޏެވެ.

މާރިޔާ އާއި އާއިޒާ ދެކުދިން އެކަކު އަނެކަކަށް ބަލައިލިއެވެ. "ކޮންކަހަލަ ޕްރޮޖެކްޓެއް؟" އާއިޒާ އެހިއެވެ.

"ނޭނގޭ، ނާހަން. އޭނާގެ ނަންބަރު ދީފާނަން، އަހަންވީނުން." ސޯފިއާ ބުންޏެވެ.

"ޝުކުރިއްޔާ. އޭނައާއެކު މަސައްކަތްކުރަން އަހަރެމެން ވަރަށް ބޭނުން." ޑައިރީ ނަގަމުން އާއިޒާ ބުންޏެވެ.

"މިއޮތީ ނަންބަރު، މިއީ އޭނާގެ ގޭގެ ނަންބަރު. މި ނަންބަރުން ގުޅޭނީ ރޭގަނޑު ދިހައެއްގެ ފަހުން. މިއީ އޭނަގެ މޮބައިލް ނަންބަރު. ގުޅާފަ ބުނޭ އަހަރެން ބުނެގެންނޭ." މަރިޔާ އާއި އާއިޒާ ނަންބަރު ނޯޓުކުރިއެވެ. ސޯފިއާ އައި ނާއިލާ ގެއަށް ދާން ހިނގައިގަތެވެ.

"ނަންބަރު ނޯޓުކުރިންތަ؟" މަރިޔަމް ގާތު އާއިޒާ އެހިއެވެ. ހުރިހާ ވާހަކައެއް ދެކެވުނުއިރު މަރިޔަމް އިނީ އަޑުނީވޭ ކަމަށް ހެދިގެންނެވެ.

"ނޫން!"

"ކީއްވެ؟ ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރަން ޝާއުގެ ހުރެއެއްނު އަބަދުވެސް. އަނެއްކާ މަރިޔަމްގެ މޮޅުކަން އެންމެންނަށް އެނގޭ." އެ ޕްރޮޖެކްޓަށް މަރިޔަމް އެއްވެސް ވަރަކަށް ޝައުވެރިކަން ފާޅުނުކުރީތީ އާއިޒާ ހައިރާންވިއެވެ.

"ސޯފިއާ މެދުވެރިކޮށް ލިބޭ އެއްވެސް މަސައްކަތެއް އަހަރެން ބޭނުމެއް ނޫން." ހިތިގޮތަކަށް އޭނާ ބުންޏެވެ.

"ކޮބާ މައްސަލައަކީ؟ އަހަރެމެން އެންމެން އެއްކުލާހެއްނު، އަބަދުވެސް މަަސައްކަތް ލިބެނީ ކޮންމެވެސް އެކަކު މެދުވެރިވެގެން." މާރިޔާ އާއި އައޭޒާ ސިޑިބަރިމަތިން ފޮތާއި ދަބަސް ނެގިއެވެ. އެދުވަހަށް ފަހު އެ މައުޟޫއަށް އެކަކުވެސް ވާހަކައެއް ނުދައްކައެވެ.

(ހަތަރުވަނަ ބާބު)

އެދުވަހު ހަވީރު މަސައްކަތުން ނިމިގެން ބަރގަރ އަކާއި ކޮފީއެއް ގަނެގެން އޭނާ ދިޔައީ މަގުގެ އަނެއް ފަރާތުގައި އޮންނަ ޕާކަށެވެ. ކުދީން ކުޅޭތަން ބަލަން އިރުކޮޅަކު ހުރެގައި ގޮސް ޕާކުގެ ސިޑިބަރީގައި އިށީނެވެ. ބާގަރ ކާން ފުން ޚިޔާލަކަށް ގެއްްލިފައި އިންދައި މީހެއްގެ އަޑުއިވުނެވެ. "ހެލޯ، ތީ ދެކުނު އޭޝިއާ މީހެއްތަ؟" ކެތަރިން އިސް އުފުލާފައި އެމީހާއަށް ބަލައިލިއެވެ. އޭނާގެ ކުރިިމަތީގައި ހުއްޓިލައިގެން ހުރީ އިސްކޮޅުން ދިގު ޒުވާނެކެވެ. ފެންނަ ފެނުމަށް ހީވަނީ އިނގިރޭސިއެއް ހެންނެވެ. އެކަމަކު އޭނާ ވާހަކަ ދެއްކި ރާގުން އެއީ އިނގިރޭސިއެއް ނޫންކަން އެނގުނެވެ. ބަލަހައްޓައިގެން ހުރި ގޮތުން އެކަނިވެރިކަން ފިލުވާނެ ބައިވެރިއަކު ހޯދަން އުޅޭހެން ހީވެއެވެ. އެއީ ކެތަރިން އަށް އާ ސުވާލެއް ނޫނެވެ. ގައިގެ ހަމުގެ ކުލައާއި ލޮލުގެކުލައަށް ބަލާފައި ހީވަނީ ދެކުނު އޭޝިއާ މީހެއްހެންނެވެ. އިސްތަށިގަނޑުން ހުޅަނގުގެ ސިފަ ފެނެއެވެ. "ނޫން. އަހަންނަކީ ދެކުނު އޭޝިއާ މީހެއް ނޫނެ." އޭނާ ޖަވާބު ދިނެވެ. "އެހެންތަ، ވަރަށް ބޮޑަށް މާފު..." އެމީހާ ލަދުން އިސްދަށަށް ޖެހިއެވެ. އޭނާ ދަބަސް ނަގައިގެން ސިޑިބަރީގެ ކޮޅުގައި އިށީނެވެ. އެމީހާއަށް ބަލަން އިރުކޮޅަކު އިނދެފައި ކެތަރިން އޭނާއާ ދިމާއަށް ހިނގައިގަތެވެ. އޭނާގެ ހިތުގައި އޮތް އެއްޗެއް ދެނެވޮޑިގެންވާނީ ކަލާނގެއެވެ.

"ކީއްވެ އެހެން އެހީ؟"

"އަހަންނަކީ ދެކުނު އޭޝިއާ މީހެއްވީމާ." ގޮނޑިން ތެދުވެ އަދަބުވެރިކަމާއެކު އޭނާ ބުންޏެވެ. ވާހަކަ ދައްކާ ރާގުގައި އޭޝިއާގެ އަސަރު ހުއްޓަސް އޭނާ އިނގިރޭސި ބަހަށް ވަރަށް ފަރިތައެވެ.

"ދެކުނު އޭޝިއާ މީހަކާ ވައްތަރެއް ނޫން."

އެއަށް އިޖާބަ ނުދީ އޭނާ ހިނިތުންވެލިއެވެ.

"ދެކުނު އޭޝިއާގެ ކޮން ގައުމަކުން..." ކެތަރިން އެމީހާއަށް ޝައުގުވެރިވާން ފެށިއެވެ.

"ޕާކިސްތާން."

ކެތަރިން އިރުކޮޅަކަށް ގަނޑުވިއެވެ. ކޮފީ ތަށީގައި ތުން ޖަހަން އުޅެފައި ހުރިގޮތަށް ހުރީއެވެ. "އޯހ!" މަޑުމަޑުން ބުނެލިއެވެ.

"ޕާކިސްތާނު އެނގޭތަ؟" އެމީހާގެ ރާގަކަށް ބަދަލެއް ނާދެއެވެ.

"މާ ރަނގަޅަށްވެސް." އޭނާ ތިރީގައި ހުރި ހަރުފަތަށް ފޭބިއެވެ. އަދި އެ ޒުވާނާއާ ދިމާއަށް މާނަވީ ގޮތަކަށް ބަލައިލިއެވެ. ދެން ތަށީގައި ހުރި ކޮފީފޮދު އެއްފަހަރުން ދަމައިލިއެވެ. އަދި ކުރިއަށް ޖެހިލާފައި އޭނާގެ މޫނަށް އަނގައިގައި ހުރި ކޮފީ އޭނާގެ މޫނަށް ޖެހިއެވެ. އެމީހާ ހަދާނެ ގޮތް ހުސްވެފައި ހުއްޓާ އޭނާ ދުއްވައިގަތެވެ. ގޯސް ހެދުނީ އެހިސާބުންނެވެ. ދުއްވައިގަންނަން ހަދައިގެން އަނެއް ދެހަރުފަތް ދޭތެރޭ ހުރި ދުރުމިން ވިސްނައެއް ނުލެވުނެެވެ. ފައި އަރިއަޅާލައިގެން ސިޑިމަތިން ވެއްޓި އުޅަނބޮށްޓާއި ކަކުލުން ހަން މަށައިގެން ދިޔައެެވެ.

"ހާލު ރަނގަޅުތަ؟" ކެތަރިންގެ އަތުގައި ހިފަން މަސައްކަތް ކުރަމުން އޭނާ އެހިއެވެ. ކެތަރިން އަށް އަނިޔާ އުނަގަނޑު ޖެހުނީ ހަރުފަތުގެ ދާރައިގައެވެ. ކުރެވުނު ކަންތަކުން އިތުރަށް ލަދުގަތެވެ. އެއީ ހަޔާތުގައި މީހެއްގެ މޫނަށް ކުޅު ޖެހި ފުރަތަމަ ފަހަރުވެސްމެއެވެ. ރަނގަޅު މޫޑެއްގައި ހުރިނަމަ އޭނާ އެކަހަލަ މޮޔަކަމެއް ނުކުރީހެވެ. އެމީހާއާ ހަތަރުކަޅި ހަމަކުރަން އޭނާއަށް ނުކެރުނެވެ. އަވަސްއަަވަހަށް ދެއަތުން މޫނު ފޮރުވިއެވެ.

"ރަނގަޅުތަ؟" އޭނާގެ އަތުގައި ފިރުމަމުން އެމީހާ ސުވާލު ތަކުރާރުކުރިއެވެ. ތެދުވުން ނޫން ގޮތެއް އޭނާއަށް ނެތެވެ. މޫނު ފޮރުވައިގެން ބިންމަތީގައި އަބަދަކު ނޯވެވޭނެއެވެ.

"އާނ، ރަނގަޅު." އޭނާ ތެދުވެ ބިންމަތީގައި އިށީނެވެ. އޭނާގެ ބުރަކަށްޓާއި އުނަގަނޑުން ފެށިގެން ކޮނޑާ ހަމައަށް ތޫނު ތަދެއްވެއެވެ. އެމީހާ އޭނާގެ އަތުގައި މަޑުމަޑުން ފިރުމަމުން ދިޔައެވެ. ތަދު ފޮރުވަން މަސައްކަތް ކުރިއަސް މީހެއްގެ އެހީއާ ނުލައި އޭނާއަށް ހިރިވެސް ނުލެވޭނެކަން އެނގެއެވެ. އޭނާ އެއްވެސް މީހެއްގެ އެހީއެއް ބޭނުމެއް ނުވެއެވެ. އަމުދުން ކަންބޮޑުވެފައި އިނދެ އޭނާގެ އަތުގައި ފިރުމަމުންދާ ފިރިހެންމީހާގެ އެހީއެއް ބޭނުމެއް ނުވެއެވެ.

"އެހީއެއް ބޭނުންތަ؟"

"ނޫން." އަދިވެސް އޭނާއާ ހަތަރުކަޅި ހަމައެއް ނުކުރެއެވެ. އޭނާ އިނީ އެމީހާ ދުރަށްދޭތޯ ހިތާހިތުން ދުއާކޮށްކޮށެވެ. އެތަނުން ތެދުވަން މަސައްކަތްކުރެވޭނީ އޭރަށެވެ. އެމީހާ ކޮޅަށް ތެދުވުމުން އޭނާ ފުން ނޭވައެއް ލިއެވެ. އެކަމަކު ދުރަށް ދާކަށް އެމީހާ ގަސްތެއް ނުކުރިއެވެ. އޭނާ ތެދުވަންދެން ހުއްޓިލައިގެން ހުރީއެވެ.

އޭނާގެ އުނަގަނޑުގެ ރިއްސުން ބޮޑުވަމުން ދިޔައެވެ. ހަށިގަނޑު ސީދާކޮށްގެން އިންނަން އުނދަގޫ ވިއެވެ. އެމީހާ އަތް ދިއްކޮށްލިއެވެ. އޭނާގެ އަތުގައި ހިފަން ކެތަރިން ދެކޮޅުހެދިއެވެ. "އަހަންނަކަށް ކަމެއް ނުވެއޭ. ދާން އުޅޭ މިތަނުން."

އެމީހާ ތަންކޮޅަކަށް ދުރަށް ޖެހިލިއެވެ. ދުރަށް ދިއުމުގެ ވިސްނުމެއް ނެތެވެ. އޭނާ އެ ސިޑި މައްޗަށް އަރައި އިށީނެވެ. އެމީހާ ނުފެނުނަސް އެތަނުން ދުރަށް ނުގޮސް ބަލަހައްޓައިގެން ހުރިކަން ކެތަރިން އަށް އެނގެއެވެ.

ފުރަގަހުން ބިންމަތީގައި ދެެއަތް ވިއްދާފައި ތެދުވަން މަސައްކަތް ކުރިއެވެ. އުނަގަނޑާއި ކަކުލަށް ވި ތަދުން އަނެއްކާވެސް އިށީނދެވިއްޖެއެވެ. އަދި ހަޅޭކުގެ އަޑު ދުރަށް އިވިދާނެތީ ތުންފިއްތައިގެން އިނެވެ. ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. ބަލާކަށް ނުހުރެ އެމީހާ ތިރިއަށް ފޭބިއެވެ.

"ވަރަށް ބޮޑަށް އަނިޔާވެއްޖެއެއްނު." އޭނާގެ އަޑުގައި ހުރީ ހަމްދަރްދީގެ އަސަރެވެ.

"ބުރަކަށްޓަށް ވަރަށް ތަދުވޭ، ކަކުލަށް ވެސް." ކެތަރިން ބިރު ގެންފިއެވެ. މާގިނަ ދުވަސްވަންދެން ބަލިވެއެއް ނޫޅެވޭނެއެވެ. އޭނާއަކީ އަޅާލާނެ އެހެން މީހަކު ހުރި މީހެއް ނޫނެވެ. ބޭސްފަރުވާ ކުރެވޭނެ ތަނަވަސްކަމެއްވެސް ލިބިފައެއް ނުވެއެވެ.

"މަގޭ އަތުގަ ހިފައިގެން ތެދުވަން މަސައްކަތް ކޮށްލަބަލަ." އެމީހާ ވަރަށް އޯގާތެރިކަމާއެކު ބުނެލިއެވެ.

"ތެދުވެވޭނެހެން ހިއެއްނުވޭ." އަދިވެސް ކޯތާފަތްމަތިން ކަރުނަ ފައިބަނީއެވެ.

"އަޅެ މަސައްކަތް ކޮށްބަލަ، އަން، ހިފާ އަތުގަ، އަހަރެން އެހީވާނަން."

ކެތަރިން އޭނާގެ އަތުގައި ހިފާފައި ތެދުވިއެވެ. ބުރަކަށި ހީވީ ބިންދައިގެން ހިނގައިދާނެހެންނެވެ. ކޮޅަށް ތެދުވެވުނު ނަމަވެސް ކަނާތުފައި ރަނގަޅަށް ބިންމަތީގައި ނޭޅުނެވެ. ބުރަކަށި ރަނގަޅުހެން ހީވެއެވެ.

"ދެން ފައިގެ ބޮޑުވާ އިނގިލީގައި އަތް ޖެއްސޭތޯ ބަލާބަލަ." އެމީހާ އިރުޝާދު ދިނެވެ.

"ކީއްކުރަން؟" ކެތަރިން ހައިރާންވިއެވެ.

"ބުރަކަށްޓަށް ގެއްލުމެއް ލިބުނުތޯ ބަލަން."

ކެތަރިން ފައިގެ ބޮޑުވާއިނގިލީގައި އަތް ޖައްސާލާފައި ތެދުވިއެވެ. ކުޑަކޮށް ތަދުވިއެވެ.

"ވަރަށް ބޮޑަށް ތަދުވޭތަ؟"

"ނޫން." އެކަމަކު އަދިވެސް ކަނާތުފައި މައްޗަށް ބުރަވެ ހުންނަން އުޅެއުޅެ ނުހުރެވުނެވެ.

ކޮނޑުން ދަބަސް ނަގައި އަތުގައި އަޅުވަމުން އޭނާގެ ކަނާތްފަރާތުގައި އެޒުވާނާ ހުއްޓިލިއެވެ. އޭނާގެ އަތުގައި ހިފަން އިޝާރާތް ކުރަމުން ބުނެލިއެވެ. "ހިނގާ މަގަށް ނުކުންނަށް، ޓެކްސީއެއް ނަގައިގެން ހޮސްޕިޓަލަށް ދާން."

ހޮސްޕިޓަލަށް ދިިއުމުގެ ވިސްނުމެއް ކެތަރިންގެ ނެތެވެ. ޓެކްސީއަކަށް ފައިސާ ޚަރަދުކުރާން ވެސް އޭނާ ބޭނުމެއް ނުވެއެވެ. "މިހާރު ރަނގަޅޭ. ޑޮކްޓަރަށް ދާކަށް ބޭނުމެއް ނޫން. ގެއަށް ދާނީ."

އެމީހާ އަޑުއިވޭކަމަކަށް ނަހަދައެވެ. ޕާކުން އޭނާ ނެރެގެން ގޮސް މަގުމަތިން ޓެކްސީއެއް ހުއްޓުވިއެވެ. އަދި އޭނާ ޓެކްސީއަށް އަރުވާފައި އޭނާ ގާތުގައި އިށީނެވެ. އަދި އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަަކަށް ގެންގޮސްދިނުމަށް ޑްރައިވަރު ގާތު އެދުނެވެ. "މާ ބޯހަރުވެގެން ތިއުޅޭ ސަބަބެއް އަހަންނަކަށް ނުވިސްނޭ. ޑޮކްޓަރަށް ދައްކާފައި ބޮޑު އަނިޔާއެއް ނުވާކަން ޔަގީންކުރަންވާނެ."

ކެތަރިން ހިމޭނުން އިނެވެ. އޭނާއަށް ބޮޑު އަނިޔާއެއް ނުލިބެއެވެ. އިމަޖެންސީގައި ބާއްވާފައި ފުރަތަމަ އެހީދީފައި ހޮސްޕިޓަލުން ދޫކޮށްލިއެވެ.

"ދެން އެންމެ ރަނގަޅު. އަހަރެން ގެއަށް ހިނގައިދާނަން." ހޮސްޕިޓަލުން ނުކުމެފައި އަވަސްއަވަހަށް ކެތަރިން ބުންޏެވެ. ނަމަވެސް އެމީހާ އަނެއްކާވެސް ޓެކްސީއެއް ހުއްޓުވިއެވެ. ކެތަރިން ޑްރައިވަރު ގާތު ގޭގެ އެޑްރެސް ބުންޏެވެ. އެ މީހާ ޓެކްސީއަށް ލާރި ދެއްކިއެވެ. ކެތަރިން އެކަމާ މައްސަލަ ޖައްސަން ފެށުމުން އޭނާ ބުންޏެވެ. "ދެމީހުންކުރެ ކޮންމެ މީހަކު ލާރި ދެއްކިއަސް އެއީ މައްސަލައެއް ނޫނެއްނު."

"ލަދު ގެންފި..." ކެތަރިން އުޅުނީ އޭނާގެ މޫނަށް ކުޅު ޖެހުނީތީ މާފަށް އެދޭށެވެ. ނަަމަވެސް އެމީހާ އަތުގެ އިޝާރާތުން އޭނާ ހުއްޓުވިއެވެ.

"ތިވާހަކަ ދައްކާނީ ދެން ބައްދަލުވާ އިރަކުން. އެންމެ ޖުމުލައަކުން ނިންމައިލެވޭ ވަރު ކަމެއް ނޫން އެއީ. އަދި އެއް ޖުމުލައިން މާފެއްވެސް ނުކުރެވޭނެ." އެހެން ބުނެފައި ދުރަށް ޖެހިލިއެވެ."

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.