ނިމިގެންދި 2019 ވަނަ އަހަރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިފައިވަނީ ޖުމްލަ 16.79 ބިލިއަން ރުފިޔާ ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ.
މިރާއިން ވިދާޅުވީ އެއި 2018 ވަނަ އަހަރާ އަޅާ ބަލާއިރު 2.7 ޕަސެންޓު އިތުރު މިންވަރެއް ކަމަށެވެ. މިއީ 2019 ވަނަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 2.9 ޕަސެންޓު އިތުރު އަދަދެއް ކަމަށް ވެސް މިރާއިން ވިދާޅުވެފައިވެއެވެ.
މިދިޔަ އަހަރު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. ޖީއެސްޓީގެ ގޮތުގައިވަނީ 7.74 ބިލިއަން ރުފިޔާ ލިބިފައެވެ. ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބި.ޕީ.ޓީއެވެ. އެއީ 2.90 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީ ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓާއި، ގްރީންޓެކްސްއާއި ޑިވެލޮޕްމަންޓް ފީ އިންނެވެ. ލޭންޑު ރެންޓުން ވަނީ 1.65 ބިލިއަން ރުފިޔާ ލިބިފައެވެ. ގްރީން ޓެކްސް އިން ވަނީ 850.27 މިލިއަން ރުފިޔާ ލިބިފައެވެ. އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި ލިބިފައިވަނީ 728.91 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރު މީރާއަށް ބަލައިގަތް ފައިސާގެ ތެރޭގައި 653.07 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
2019 ވަނަ އަހަރު ލިބިފައިވާ އާމްދަނީގެ ތެރެއިން ޑިސެންބަރު މަހު ބަލައިގަތް ޖުމުލަ އާމްދަނީއަކީ 1.56 ބިލިއަން ރުފިޔާއެވެ. މިއީ 2018 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅައިބަލާއިރު %8.9 އިތުރު އަދަދެކެވެ. މީގެ މައިގަނޑު ސަބަބަކީ ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ އަދަދު މިދިޔަ އަހަރުގެ ޑިސެންބަރު މަހަށްވުރެ އިތުރުވެފައިވުން ކަމަށް މީރާއިން ހާމަކުރެއެވެ. އެގޮތުން، ޓީ.ޖީ.އެސް.ޓީ، ވިތުހޯލްޑިންގ ޓެކްސް، އެއަރޕޯޓް ސަރވިސް ޗާޖް، ޓޫރިޒަމް ލޭންޑް ރެންޓް އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި 2019 ވަނަ އަހަރު ލިބިފައިވާ ފައިސާ، 2018 ވަނަ އަހަރާ އަޅައިބަލާއިރު އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.
ޑިސެންބަރު 2019 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 658.04 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓެވެ. އެއީ 361.95 މިލިއަން ރުފިޔާ އެވެ. ބީ.ޕީ.ޓީގެ ގޮތުގައި ވަނީ 120.96 މިލިއަން ރުފިޔާ އެވެ. އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ގްރީން ޓެކްސްގެ ގޮތުގައި 68.79 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެހެނިހެން ޓެކުހާއި ފީގެ ގޮތުގައިވަނީ 277.03 މިލިއަން ރުފިޔާ ލިބިފައެވެ.
ޑިސެންބަރު 2019 ގައި މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 74.00 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.