މީރާގައި އޮޑިޓަރުން ރަޖިސްޓްރީ ކުރުން ހުއްޓާލައިފި

ޓެކުސްގެ ބޭނުމަށް މީރާގައި އޮޑިޓަރުން ރަޖިސްޓްރީ ކުރުން އެތަނުން ހުއްޓާލައިފިއެވެ.

މީރާއިން ވިދާޅުވެފައިވަނީ އެގޮތަށް ނިންމެވީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން، 2020 ވަނަ އަހަރުގެ ޖެނުއަރީމަހު 1 އިން ފެށިގެން ޓެކުސްނަގަން ފެށުމުން ވިޔާފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު އުވިގެންދާނެތީ އެވެ. އެހެންކަމުން  ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބޭނުނަށް އޮޑިޓަރުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން ދެން އިތުރަށް ކުރިއަށް ނުގެންދާނެ ކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.

އެގޮތަށް ނިންމެވިޔަސް މީރާގެ އޮޑިޓަރުންގެ ދަފްތަރުގައި މިވަގުތު ތިބި ފަރާތްތަކަށް އަންނައަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ހުށަހަޅާ ބީ.ޕީ.ޓީ ބަޔާންތަކާއެކު ހުށަހަޅާ އޮޑިޓަރުގެ ރިޕޯޓުގައި ސޮއިކުރެވޭނެ ކަމަށް މީރާއިން ވިދާޅުވިއެވެ. އެހެންނަމަވެސް އޮޑިޓް ރިޕޯޓުތަކުގައި އެގޮތަށް ސޮއި ކުރެވޭނީ އެ އޮޑިޓަރު ރަޖިސްޓްރީ ކުރެވިފައިވާ ކެޓަގަރީއާ ތައާރަޒު ނުވާގޮތަށް ކަމަށް މީރާއިން ވިދާޅުވިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ދަށުން ހުށަހަޅާ ބަޔާނާއެކު އޮޑިޓުކޮށްފައިވާ މާލީ ހިސާބުތައް  ހުށަހަޅަންޖެހޭ ފަރާތްތަކުން ބާޔަން ހުށަހަޅަންޖެހޭނީ އެމާއްދާގެ (ނ) ގައި ވާގޮތުގެ މަތީން ކަމާބެހޭ އިދާރާތަކުން ހުއްދަ ދީފައިވާ ފާރާތްތަކުން އޮޑިޓުކޮށްފައިވާ މާލީ ހިސާބުތަކާއެކުގައި ކަމަށް ވެސް މީރާއިން  ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.