ކ. ކަގި ކައިރީގައި އޮންނަ ފަރަކަށް އެރި ޓީޓީއެސް ފާންގެ ކެޕްޓަން ގެއްލުނު މައްސަލަ ތަހުގީގު ކުރަން ފަށައިފި ކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހީރު ވިދާޅުވެއްޖެއެވެ.
އެމައްސަލައިގެ ތަހުގީގު ފެށި ވާހަކަ ވިދާޅުވިޔަސް ހިނގަމުންދާ ތަހުގީގަކަށްވާތީ އެއާ ބެހޭ އިތުރު ތަފްސީލެއް އިޒުމިއާ ނުދެއްވައެވެ.
އެ ދޯނީގެ ކެޕްޓަނަކަށްހުރީ ހދ. ކުޅުދުއްފުށީ ހަވީރީނާޒު، މުޙައްމަދު ޔޫސުފެވެ. ދޯނި އިއްޔެ ފަރަށްއެރިއިރު ވެސް އޭނާ އެދޯނީގައި ހުރިތަން ފެންނަ ފޮޓޯތަކެއް މިހާރު ވަނީ ދައުރުވާން ފަށައިފައެވެ. އެހެން ކަމުން ކެޕްޓަނަށް ވީގޮތް އޭގައި ތިބި ދެ ބިދޭސީންނަށް އެނގެންވާނެ ކަމަށް ބައެއް މީހުންދަނީ ބުނަމުންނެވެ. އެހެންނަމަވެސް އެކަމާބެހޭ ގޮތުން ވެސް ފުލުހުން އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ދެ ބިދޭސީން އަދިވެސް ތިބީ ދޯނީގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ދޯނި ވެސް އަދި ފުން ކުރެވިފައެއް ނުވެއެވެ. ދޯނީގެ ވެރިފަރާތުން ގެންދަނީ އެ ފުންކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ދޯނީގެ ކެޕްޓަން ހޯދުމަށް މަސައްކަތް ކުރަމުންދަނިކޮށް އިއްޔެ ވަނީ އެސަރަހައްދުން މާސްކަކާއި ބޮކްސާއެއް ފެނިފައެވެ. އަދި އޭނާގެ ފޯނާއި ދަބަސް ވެސް ދޯނީގައި އެބަހުރި ކަމަށް އެމްއެންޑީއެފުން އިއްޔެ ވިދާޅުވިއެވެ.
އެމްއެންޑީއެފުން މިއަދު ވިދާޅުވީ ދޯނީގެ ކެޕްޓަން ހޯދުމުގެ މަސައްކަތް ކޯސްޓުގާޑުން ގެންދަނީ ކަނޑުއަޑިންނާއި މަތިން ކުރަމުން ކަމަށެވެ. އެހެންނަމަވެސް އަދި އޭނާ ފެނިފައެއް ނުވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ބ. އަތޮޅުގައި ހިނގި ލޯންޗު އެކްސިޑެންޓުގައި ގެއްލުނު މީހާ ހޯދުމުގެ އޮޕަރޭޝަން ވެސް ކުރިއަށްދާ ކަމަށެވެ. އެހެންނަމަވެސް އޭނާގެ ހިލަމެއްވެސް އަދިނުވެއެވެ.