އަށާވީސް މީހުން ގޮވައިގެން ދަތުރުކުރި ލޯންޗެއް މާޔާފުށި ރިސޯޓު ނެރުމައްޗަށް އަރައިފިއެވެ.
ނެރުމައްޗަށް ލޯންޗު އެރީ އއ. މާޔާފުށީ ރިސޯޓުން ފުރައިގެން ހުޅުލެއަށް ދަތުރު ކުރަނިކޮށް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ނެރުމައްޗަށް އެރި ލޯންޗަކީ "ސުވެނިއަރ 19" އެވެ. އެމްއެންޑީއެފުން ވިދާޅުވީ މި މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7:43 އެހައިކަންހާއިރު ކަމަށެވެ. ފަރަށް އެރި ލޯންޗުގައި ތިބި 28 މީހުންގެ ެތެރެއިން 25 މީހުންނަކީ ޓޫރިސްޓުންނެވެ. ދެންތިބި ތިން މީހުންނަކީ އޭގެ ފަޅުވެރީންނެވެ. އެއީ ދިވެއްސަކާއި ދެ ބިދޭސީއެކެވެ.
އެމްއެންޑީއެފުން ވިދާޅުވީ ހާދިސާ ހިނގިއިރު ލޯންޗުގައި ތިބި މީހުން މިހާރުވަނީ އެރިސޯޓުގެ އެހެން ލޯންޗެއްގައި ރިސޯޓަށް ގެންގޮސްފައި ކަމަށެވެ.
އެމްއެންޑީއެފުން ދެންމެ ވިދާޅުވީ ލޯންޗުފުން ކުރެއްވިއްޖެ ކަމަށެވެ. ފުކޮށްފައިވަނީ އޭގެ ވެރިފަރާތުން ގެނައި އެހެން އުޅަނދެއްގެ އެހީގައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.