ދިޔަވަމުންދާ ބޯޓަކަށް އެމްއެންޑީއެފުން އެހީވާން ފަށައިފި

ވ. ވައްޓަރު ބޭރުން ދަތުރު ކުރަމުންދާ ބޯޓެއް ދިޔަވަމުންދާތީ އެމްއެންޑީއެފް ކޯސްޓު ގާޑުން އެހީތެރިވާން ފަށައިފިއެވެ.

ނީލްވިލާ ނަމަކަށްކިޔާ މި ބޯޓު ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 1:52 އެހައިކަންހާއިރު ކަމަށް އެތަނުން ވިދާޅުވިއެވެ.

މި ބީޓުގައި 14 މީހުން އެބަތިބި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ ބޯޓަކީ މާލެއިން ފުރައިގެން ލ. އަތޮޅަށް ދަތުރު ކުރަމުންދިޔަ ބޯޓެކެވެ. ކޯސްޓްގާޑު ސިފައިން މިހާރު ގެންދަނީ ޕަމްޕް ބޭނުންކޮށްގެން ދިޔަ ހިއްކަމުންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ބޯޓު މިހާރު އޮތީ މ. ދިއްގަރާ 5 މޭލު ބޭރުގައެވެ. މި ބޯޓު ދިޔަވާން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެހުރިހާ ކަމެއް މިހާރު ބަލަމުންދާ ކަމަށެވެ. ކޯސްޓުގާޑުގެ އެހީތެރިކަމާއެކު އެ ބޯޓު މިހާރުވަނީ ދިއްގަރު ފަޅަށް ވައްދައިފައި ކަމަށް އެމްއެންޑީއެފުން ދެންމެ ވިދާޅުވެއްޖެއެވެ.

މީގެ އިތުރަށް ތ. ވަންދޫއިން ފުރައިގެން ދ. ކުޑަހުވަދުއަށް ދަތުރުކުރަމުންދިޔަ 22 ފޫޓުގެ ޑިންގީއެއް ދިޔަވަމުންދާތީ އެ ޑިންގީއަށް ވެސް ސިފައިން ގެންދަނީ އެހީތެރިވަމުންނެވެ. އެ ޑިންގީ ދިޔަވާން ފެށީ ކަނޑު ގަދަވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ ޑިންގީގައި 5 މީހުން ދަތުރުކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި މަޢުލުމާތު އެމްއެންޑީއަށް ލިބިފައިވަނީ މިއަދު 2:52 ގައި ކަމަށް އެތަނުން ވިދާޅުވިއެވެ. އެމްއެންޑީއެފްގެ ކޯސްޓުގާޑުގެ އެހީގައި އެ ޑިންގީ ކުޑަހުވަދުއަށް ގެންދިއުމަށް މިހާރުދަނީ ދަތުރު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.